އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ޝާއިރާ" ފާޅުވުމަށްފަހު، ދެން "އެހެނަސް" އަށް ވާނީ ކިހިނެއް؟

"ޝާއިރާ" ފާޅުވުމަށްފަހު، ދެން "އެހެނަސް" އަށް ވާނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 29 ސިކުންތު

ބައިސްކޯފުން ދެއްކި ކާމިޔާބު އެއް ވެބް ސީރީޒް ކަމަށްވާ "އެހެނަސް" ގެ ސީޒަން 1 ވަރަށް ވެސް ފުރިހަމަކަމާއެކީ މިވަނީ ނިންމާލާފައެވެ. ފުރަތަމަ އެޕިސޯޑުން ފެށިގެން އެންމެ ފަހު އެޕިސޯޑާއި ހަމައަށް ވެސް ބެލުންތެރިން މިސީރީޒް ބަލާފައިވަނީ ނުހަނު ޝައުޤުވެރިކަމާއި އުފަލާއެކުއެވެ. ކޮންމެ އެޕިސޯޑަކު ވެސް އައު ކަންތައްތަކެއް ވަމުން އައި "އެހެނަސް" ގެ ސީޒަން 1 ފިނާލޭ ވެސް ނިމުނީ ނުހަނު ގިނަ އައު ކަންތައްތަކެއް ވުމަށްފަހުއެވެ. ބެލުންތެރިންގެ ހިތް ވަރަށް ބޮޑަށް ތަޅުވާލާފައެވެ.

އެގޮތުން ބެލުންތެރިންނަށް ރޭގައި ލިބުނު އެއް ސަޕްރައިޒަކީ، އެޕިސޯޑް ނިމުމަކާއި ގާތްވިއިރު، ސީރީޒްގެ ލީޑް ރޯލް "ނިޔާ" (މުޙައްމަދު ވިޝާލް) ގެ "އަންހެނުން" އެންމެންނަށް ތަޢާރަފްވުމުންނެވެ. ކައިވެންޏެއް ކުރަން އުޅޭ ކަމުގެ ނުވަތަ ކޮށްފާނެ ކަމުގެ ވެސް އެއްވެސް އިޝާރާތެއް ނުވެ ކުއްލިއަކަށް ފެނުނީ ސީރީޒްގެ އަނެއް ލީޑް ރޯލް "ޝަޒޫ" (ފާތިމަތު ޝަރާ އާދަމް) އާއި ބެލުންތެރިންގެ ކުރިމައްޗަށް "ޝާއިރާ"، ނިޔާގެ އަންހެނުން އެރިތަނެވެ.

"އެހެނަސް" އަކީ ލިޔުންތެރިޔާ އަދި ސީރީޒްގެ ޕްރޮޑިއުސަރ އަހުމަދު އިގްބާލް ލިޔެފައިވާ "އެހެނަސް ހަމަ ލޯބެވެޔޭ" ވާހަކައިގެ މައްޗަށް ބިނާކޮށްފައިވާ ސީރީޒެއްކަމުން، ސީރީޒްގެ ވަކި ހިސާބަކުން ނިޔާގެ އަންހެނުން އަންނާނެކަން، އެވާހަކަ ކިޔާފައިވާ މީހުންނަށް ވާނީ އެނގިފައެވެ. ނަމަވެސް އެމީހުންނަށް ވެސް ނޭނގޭ އެއް ކަމަކީ، އެރޯލު ކުޅޭނީ ކާކު ކަމެވެ.

"ޝާއިރާ" ރޭގައި ފާޅުވެފައިވާއިރު، އެފުރިހަމަ ރޯލު ކުޅެނީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެފަދަ ދެވަނައެއް ނުވާ، ނުހަނު ކުޅަދާނަ އެއް އެކްޓްރެސް އެވެ. ގިނަ މީހުން އޭނާ ސިފާކުރާ ގޮތުންނަމަ، އޭނާއަކީ ދިވެހި ފިލްމީ ދާއިރާގެ "އެކްސްޕްރެޝަން ކުއީން" އެވެ. މޮޅު ނެށުންތެރިއެކެވެ. އަދި އެހާމެ މޮޅު ޑައިރެކްޓަރ/ ޕްރޮޑިއުސަރ އެއް ވެސް މެއެވެ. އޭނާއަކީ ފިލްމީދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އައިޝަތު ރިޝްމީ އެވެ.

ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް އެންމެ ފުރަތަމަ ކުޅެ، ރާއްޖޭގެ ފިލްމީ ދާއިރާއަށް މުޅިން އައު ރަހަތަކެއް ގެނެސްދިން ރިޝްމީގެ އެންމެ ފުރަތަމަ ފީޗާ ފިލްމަކީ "ހުކުރު ވިލޭރޭ" އެވެ. އެއަށްފަހު "ފަނާ"، "ކުށްވެރިއަކީ ކާކުހޭ"، "14 ވިލޭރޭ"، "ހިތް ޔާރާ ދީފާ"، "އިންސާނާ" ފަދަ ފިލްމުތަކުގައި އޭނާގެ ހުނަރު ފެނިފައިވެއެވެ. މީގެ އިތުރުން ރިޝްމީގެ ފިރިމީހާ ރަވީ ފާރޫޤް ޑައިރެކްޓު ކުރި ފިލްމު "މިކޮއެ ބައްޕަ ބައޭ ބައޭ" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު، ފާތުމަތު ނަހުލާގެ "ވަކިވުމުގެ ކުރިން" ޑްރާމާ ސިލްސިލާގައި ވެސް އޭނާ ދައްކުވާދިން މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.

ނަމަވެސް ރިޝްމީ އެންމެ ފަހުން ކެމެރާ ކުރިމަތިން މިފަދަ ބޮޑު ޕްރޮޖެކްޓަކުން ފެނިފައިވަނީ އޭނާ ޕްރޮޑިއުސްކޮށް، ރަވީ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ވިޝްކާ" އިންނެވެ. އެއީ 2017 ވަނަ އަހަރުއެވެ.

ކްރައިމް ތްރިލާ އެއްކަމަށްވާ "ވިޝްކާ" ގައި ރިޝްމީ ދައްކުވައިދިން މޮޅު އެކްޓިން އަށް އެއަހަރުގެ "ސާކް ފިލްމް ފެސްޓިވަލް" ގައި އޭނާއަށް ވަނީ އެންމެ މޮޅު އެކްޓްރެސް ކަމުގެ ޝަރަފުވެރި އެވޯޑު ލިބިފައެވެ. އެއެވޯޑާއެކު ރިޝްމީ ވެގެންދިޔައީ ބައިނަލްއަގްވާމީ އެފަދަ އެވޯޑެއް ހާސިލްކުރި ފުރަތަމަ ދިވެހި އެކްޓްރެސް އަށެވެ.

ނަމަވެސް އެއަށްފަހު، ރިޝްމީ ކޮންމެވެސް ވަރަކަށް ސްކްރީން ކުރިމަތިން ގެއްލުނެވެ. ފިލްމީ ދާއިރާއާއި ދުރަށް ނުދިޔަ ނަމަވެސް، އެއްވެސް ފިލްމަކުން ނުވަތަ ޑްރާމާ ސީރީޒަކުން ވެސް އޭނާ ފެނިފައެއް ނުވެއެވެ. ޝަރަފުވެރި އެވޯޑަކަށްފަހު، އެފަދަ ބްރޭކެއް އެކްޓިންގެ ދާއިރާއަށް އައީ ކީއްވެތޯ "މިއަދުނޫހުގެ" ފަރާތުން ރިޝްމީ އާއި ސުވާލު ކުރުމުން އޭނާ ބުނީ "ވިޝްކާ" ރިލީޒްވިތަނާހެން، ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރި ފިލްމު "ބޮސް" ޑައިރެކްޓް ކުރުމުގެ މަސައްކަތް ލިބުން ކަމަށާއި 2017 ގައި ފަހުން އުޅެން ޖެހުނީ އެފިލްމުގެ މަސައްކަތުގައި ވަރަށް ބިޒީކޮށް ކަމަށެވެ.

"ވިޝްކާ ރިލީޒްވި ތަނާހެން 'ބޮސް' ގެ މަސައްކަތް ލިބުނީ. އެހެންވެ ދެން އެއަހަރު އުޅުނީ އެފިލްމުގެ މަސައްކަތުގަ ބުރަކޮށް. އެއަށްފަހު 2018 ގައި ދެން ޕާރސަނަލީކޮށް ދިމާވި ކަންތައްތަކެއްގެ ސަބަބުން ވަގުތީ ގޮތުން ބްރޭކެއް ނަގަން ޖެހުނީ. އެއްވެސް ހާލެއްގަ ބްރޭކެއް ނަގަން ވެގެން ނެގި ބްރޭކެއް ނޫން އެއީ. އެއިރުުވެސް އެކަމަކު ކުދިކުދި އޮފާރސްތައް ލިބުން" ރިޝްމީ ބުންޏެވެ.

"އެހެނަސް" ގައި ޝާއިރާގެ ރޯލުން ފެނިގެންދާއިރު އެއީ ކޮންކަހަލަ ރޯލެއްތޯ ސުވާލު ކުރުމުން ރިޝްމީ ބުނީ، ޝާއިރާއަކީ އަސްލު ކޮންކަހަލަ މީހެއްކަން، ކާކުކަން އެވާހަކަ ކިޔާފައިވާ މީހުންނަށް މިހާރުވެސް ކޮންމެވެސް ވަރަކަށް އިނގޭނެ ކަމަށެވެ. ނަމަވެސް ވާހަކަ ކިޔާފައިވާ މީހުންނަށާއި ނުކިޔާ މީހުންނަށް ވެސް ޝާއިރާ ސިފަކޮށްދެމުން ރިޝްމީ ބުނީ ޝާއިރާއަކީ ވަރަށް ތަފާތު ކެރެކްޓާ އަކަށްވާނެ ކަމަށެވެ.

"ތަފާތު ވާނެ. މިވަތުގު އެކެރެކްޓާ ސިފަކޮށްދެންޏާ ހަމައެކަނި ބުނެވޭނީ އެއީ ނިޔާގެ އަންހެނުންނޭ. ދެން ހުންނާނެ ނިޔާއާއި ކޮންމެވެސް ވަރަކަށް އޭޖް ޑިފަރެންސް ވެސް ޝާއިރާގެ" ޝާއިރާ ކެރެކްޓާ ސްޕޮއިލާއަކާއިނުލާ ރިޝްމީ ކިޔައިދިނެވެ.

ބްރޭކަކަށްފަހު އަލުން ސީރީޒަކުން ކެމެރާ ކުރިމަތިން ރިޝްމީ ފެނިގެންދާއިރު، ދެން އޭނާގެ ކުރިއަށްހުރި ޕްރޮޖެކްޓްތަކާއިމެދު ވެސް އަހާލީމެވެ.

"އަންނަ އަހަރުވެސް ކޮންމެވެސް ވަރަކަށް ދެން ފެންނާނެ. ވަރަށް ގިނައިންނޭ ފެންނާނީ އެހެން ބުނާކަށް ނޭނގެ. އެކަމަކު އިރާދަކުރެއްވިއްޔާ ކޮންމެވެސް ވަރަކަށް ފެންނާނެ" އިންޓަވިއު ނިންމާލަމުން ރިޝްމީ ބުންޏެވެ.

ކޮންމެހެނަކަސް، ރިޝްމީ ފަދަ މޮޅު އެކްޓްރެސް އެއް "އެހެނަސް" ފަދަ ގިނަ ބަޔަކަށް ކަމުދިޔަ ސީރީޒަކުން ފެނިގެން ދިޔުމަކީ، ހަމަޔަގީނުންވެސް އެސީރީޒަށް ލިބޭނެ އިތުރު ފުރިހަމަ ކަމަކަށްވާނެއެވެ.

"އެހެނަސް" ގެ ފުރަތަމަ ސީޒަން 10 އެޕިސޯޑާއެކު މިހާރު ނިމިފައިވާއިރު، ދެވަނަ ސީޒަންގެ މަސައްކަތް މިހާރުވެސް ފެށިފައިވާ ކަމަށާއި މިއަހަރު ތެރޭގައި ދެވަނަ ސީޒަން ފެންނާނެ ކަމަށް އުންމީދު ކުރެވޭކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ