އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ކުދީންނަކީވެސް ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ރައީސްގެ އަނބިކަނބަލުން ގޮވައިލައްވައިފި

ހުރިހާ ކުދީންނަކީވެސް ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ރައީސްގެ އަނބިކަނބަލުން ގޮވައިލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ހުރިހާ ކުދީންނަކީ ވެސް، ކިޔުންތެރިކަމަށް ލޯބިކުރާ އަދި ލިޔުންތެރީންނާއި އަދީބުންގެ ލިޔުންތަކުން ދޭހަކޮށްދޭން ބޭނުންވާ މާނައާއިމެދު ފުންކޮށް ވިސްނާ ފިކުރުކުރާ ކުދިބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ. އެކަމަނާ، މިކަމަށް ގޮވައިލައްވާ ވާހަކަފުޅު ދައްކަވާފައިވަނީ އޭޝިއާ ފައުންޑޭޝަންގެ "ލެޓްސް ރީޑް" ޕްރޮގްރާމްގެ ދަށުން ހިންގާ ތަރުޖަމާކުރުމާއިބެހޭ މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާޙް ކުރުމަށް މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި ގޮތުގައި، މުޞައްނިފުންނާއި ލިޔުންތެރީންގެ ފޮތްތަކާއި ލިޔުންތަކުން އެމީހުން ދޭހަކޮށްދޭން މަސައްކަތްކުރާ މާނަ އެންމެ ފުރިހަމައަށް މޭރުންވާނީ، އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި ލިޔެފައިވާ އެއްޗަކާއިމެދު ފުންކޮށް ވިސްނާ ފިކުރުކޮށްގެން ކަމަށެވެ. އަދި، ކަމަކާއިމެދު ދެބަސްވުމުގެ ކުރީން އެކި މީހުންގެ ޚިޔާލާއި ވިސްނުން ތަފާތުވާނެކަން ދެނެހުރެ، އެފަދަ ޚިޔާލުތަކަށް މަރުޙަބާ ކިޔައި ފުރުޞަތު ދޭންވާނެކަން ވެސް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ހުރިހާ ކުދީންނަށް މިފަދަ ސިފަތައް ދަސްކޮށްދީ، އަށަގެންނެވުމަށް މުދައްރިސުންނާއި ބެލެނިވެރީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިނގިރޭސި ބަހާއި، އެހެނިހެން ބަސްތަކުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޒަރީޢާއިން ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މީހުންނާއި ކުދީންނަށް، އަދި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށްވެސް، ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަމަށެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ހުރިހާ ކުދީންނަކީވެސް ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް މުދައްރިސުންނާއި ބެލެނިވެރީންގެ ކިބައިން އެދިވަޑައިގެން، ކިޔުންތެރިކަމަށް ލޯބިޖައްސާ، އެކަން އަށަގެންނެވުމުގެ މުހިއްމުކަމާއި އެކަމުގައިވާ އުފާވެރިކަން ފާހަގަ ކުރައްވަމުންނެވެ. އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއް މެދުވެރިކޮށް ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ މި ޕްރޮގްރާމަކީ އޭޝިއާ ފައުންޑޭޝަނާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި، ދިވެހި ބަހުގެ އެކެޑަމީ އަދި ޤައުމީ ކުތުބުޚާނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު