އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އެ ކުދީންގެ މުސްތަޤުބަލު ކަށަވަރުކޮށްދިނުން: ފަޒްނާ އަޙްމަދު

އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ އެ ކުދީންގެ މުސްތަޤުބަލު ކަށަވަރުކޮށްދިނުން: ފަޒްނާ އަޙްމަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، އެ ކުދީންގެ މާދަމާގެ މުސްތަޤުބަލު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގަރލް ޗައިލްޑް 2020" ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގުޅިގެން ނެރޭ ޚާއްޞަ ފޮތެއް އިފްތިތާޙުކުރުމަށް އޮންލައިންކޮށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ބޭއްވި މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އަންހެނުންނާމެދު ކުރެވޭ ހުރިހާ ބާވަތެއްގެ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމާބެހޭ އ.ދ.ގެ މުޢާހަދާކަމުގައިވާ ސީޑޯއަކީ އަންހެނުންނާއި އަންހެން ކުދިންނަށް އޮތް ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބާރުއަޅާ ވަސީލަތެއްކަމުގައެވެ. ހަމަ އެއާއެކު، މި މުޢާހަދާއިން ބާރުއަޅަނީ އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތާއި ވަސީލަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ މުޢާހަދާގެ ޒަރިއްޔާއިން ކުޑަކުދިން ބާރުވެރިކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ބައިނަލްއަޤްވާމީ މުޢާހަދާކަމުގައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ)" އަށް އަހުލުވެރިކުރުން ފަދަ މުހިންމުކަމެއްކަމުގައެވެ.

މީގެއިތުރުން ހަމަހަމަކަމާއި، އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރި، އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ފިރިހެން ކުދިން ހޭލުންތެރިކުރުވުމަކީ ވެސް އަންހެނުންނާ މެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމަށް އެޅޭ ބިންގަލެއްކަމުގައެވެ.

ހަމަ އެއާއެކު، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް ޢާއިލާތަކުން ޖެހިލުންވާކަން ވެސް އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ އެއް ސަބަބުކަމުގައި ބެލެވެނީ، ޙައްޤުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެ ކުދިންގެ އަޚްލާޤަށް ނޭދޭވޭ އަސަރު ކުރުވާނެ ކަމެއްކަމުގައި ދެކޭތީކަމަށާއި، މިކަމަށް އޮތް ޙައްލަކީ ލިބިފައިވާ ކޮންމެ ޙައްޤަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް ޢަމަލާއި ބަހުން ދެއްކުންކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ސީޑޯ މުޢާހަދާގެ މައްޗަށް އަންހެން ކުދިންނާއި ފިރިހެން ކުދިން އަހުލުވެރިކުރުވުމަކީ އެ ކުދިންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް އެކި އުމުރުގެ ހުރިހާ ކުދިންނަށް ދެވޭ ހިތްވަރެއްކަމުގައެވެ. އަދި ކޮންމެ އަންހެން އަދި ފިރިހެން ކުއްޖަކަށް އެ ކުއްޖެއްގެ ޙައްޤު މަޤާމު ޢާއިލާއާއި މުޖުތަމަޢުގައި ހޯދުމަށް ދެވޭ ވަސީލަތެއްކަމަށާއި، ހަމަހަމަކަމާއި، އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރި ބާރުވެރި އަންހެން ދަރިން ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެ ކަމަނާ ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވައިލައްވަމުން އެ ކަމަނާ ވަނީ މިއަދު އިފްތިތާޙުކުރި” ދަ ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮން އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން” ފޮތަކީ ޢާއިލާތައް ބާރުވެރިކުރުމަށާއި ކުޑަކުދިން ބާރުވެރިވެރިކުރުމަށް އެހީތެރިވެދޭނެ މުހިންމު އަދި ބޭނުންތެރި ވަސީލަތެއްކަމުގައި ވިދާޅުވެފައެވެ. އަދި މިފަދަ ފޮތެއް ނެރުމުގައި އާރކްއާއި ޔުނިސެފް، އަދި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު