އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 27 ކުދިން ގްރެޖްއޭޓްވެ، އިތުރު 17 ކުދިންނަށް ފުރުޞަތު ލިބިއްޖެ!

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 27 ކުދިން ގްރެޖްއޭޓްވެ، އިތުރު 17 ކުދިންނަށް ފުރުޞަތު ލިބިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަޤްސަދުގައި ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 11 ވަނަ ބުރުގައި ހޮވުނު 17 ކުދިންނަށް ރަސްމީކޮށް މަރުހަބާ ކިޔުމުގެ އިތުރުން ވޭތުވެދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިމުނު 27 ކުދިންގެ ދަނެވެނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު މިއަދު ހޮޓެލް ޖެންގައި ބާއްވައިފިއެވެ. މި ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. 

2009 ގައި އަލަށް ތައާރަފްކުރި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ މިއީ 11 ވަނަ އަހަރެވެ. މަސައްކަތުގެ އެކިކަންކަމާއި ފަންނީ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހޮވޭ ކުދިންނަށް ހުޅުޥާލައެވެ.

މި ޕްރޮގްރާމްގައި މިހާތަނަށް ޖުމްލަ 214ކުދިން ބައިވެރިވެފައި ވާއިރު، މި ޕްރޮގްރާމް ނިންމާ ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުންނެވެ. މިއީ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ކާމިޔާބު ރަމްޒުކޮށްދޭ އެއްހެއްކެވެ. 

މި ޕްރޮގްރާމް މެދުވެރިކޮށް، ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމަށް ޚާއްޞަ ޓްރެއިނިން ޕްރޮގްރާމް ތައް ކުރިއަށް ގެންދެވެއެވެ. މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ނިންމާފައިވާ ދަރިވަރުންނަށް، މި ޕްރޮގްރާމް މެދުވެރިކޮށް ޓްރެއިނިން ލިބި،  ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުޞަތު ނުހަނު ފުރިހަމަ ގޮތުގައި ލިބިގެންދެއެވެ. 

މި ޕްރޮގްރާމްތެރޭގައި ހިމެނޭ ރަސްމީ ކޯސްތަކާއި ޓްރެއިނިން ތަކުގެ ތެރޭގައި  ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް ވެސް ހިމެނެއެވެ.  މީގެ ތެރޭގައި: އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަންސް ސްކިލސް، އަދި ވަޒީފާ ތަކަށް ކުރިމަތިލާން  ފަސޭހަވާނޭ ގޮތަށް، ރަނގަޅު ސީވީއެއް ތައްޔާރުކުރުން، ޖޮބް އިންޓަވިއު ސްކިލްސް ފަދަ ޓްރެއިނިން ހިމެނެއެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ހަމައެކަނި މާލޭގައި ތިބި ޒުވާނުންނަކަށް ނޫނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމް ކުރިއަށް ދެއެވެ. މިހެންކަމުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި އެ ޒުވާނުންނަށް ހިފޭނެއެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ސޭލްސް، މާކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިރުމަން ރިސޯސަސް،ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯ އެއް ކަނޑައެޅިފައިވާނެއެވެ.

ދިރާގުގެ ޝިއާރަކީ ޑިޖިޓަލް ހިދުމަތާއި މުވާސާލާތުގެ ހިދުމަތްތައް ބޭނުންކޮށްގެން ދިވެހި މުޖްތަމައަށް ފަހި މުސްތަޤްބަލެއް ކަށަވަރުކުރުމެވެ. މި މޭރުމުން އެކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށް ދިނުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު