އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުދިން ޝަޢުޤުވެރިވާ ދާއިރާތަކުން ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނައިބު ރައިސް އިލްތިމާސް ކުރައްވައިފި

ކުދިން ޝަޢުޤުވެރިވާ ދާއިރާތަކުން ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ނައިބު ރައިސް އިލްތިމާސް ކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ކޮންމެ ކުއްޖަކަށްވެސް، ވަޒީފާގެ މައިދާނުގައި އެ ކުއްޖަކު ޝަޢުޤުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ކުދިންނަށް ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވައި، އުނގޫފާރު ސްކޫލްގައި މިއަދު ހަވީރު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުއްޖަކު ނިސްބަތްވާ ޢާއިލާއެއް އަދި މުޅި ޤައުމުވެސް ކުރިއަރާނީ ކޮންމެ ކުއްޖަކީވެސް ޤައުމަށް ބޭނުންތެރި އަދި އުފެއްދުންތެރި ފަރުދަކަށް ހެދުމުން ކަމަށެވެ. އަދި، ކުރިއަރާފައިވާ ބައެއް ޤައުމުތަކުން މިސާލު ނަންގަވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ ޤައުމުތައްވެސް ކުރިއަރައިދިއުމުގެ ސިއްރަކީ ހުނަރުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެ ޤައުމުތަކުގެ ސަރުކާރުތަކުން ދީފައިވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ކަމަށެވެ.

މީގެ އިތުރުން، ރާއްޖެ ފަދަ ވަޞީލަތްތައް މަދު ޤައުމަކަށް އިންސާނީ ވަޞީލަތް ތަރައްޤީ ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަޢުލީމީ ދާއިރާއަށް އެހާ ބޮޑު އިސްކަމެއް ދެއްވަނީ، އަދި އެހާ ބޮޑު ޚަރަދެއް ކުރައްވަނީ ހުނަރުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުނގޫފާރަށް ކުރައްވަމުން ގެންދަވާ އެއް ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޢާއިޝަތު ޢަލީ ބައިވެރިވެ ވަޑައިގަންނަވައެވެ. "ހޭވައްލާ" ޕްރޮގްރާމަކީ ޘާނަވީ ތަޢުލީމު ނިންމައި މަތީ ޘާނަވީ ތަޢުލީމު ފެށުމާއި ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރޭގައި އިންޓަރންޝިޕް ފުރުޞަތުތަކާއި، އެހެނިހެން މަސައްކަތްތައް ދަސްކޮށްދިނުންވެސް ހިމެނެއެވެ. މިގޮތުން މިއަދު އުނގޫފާރުގައި ފަށާފައިވަނީ ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ވަޑާމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ.

 

މި ރަސްމިއްޔާތުގައި އުނގޫފާރު ސްކޫލްގެ ވަޑާން ކްލާހުން ތައްޔާރުކޮށްފައިވާ ވަޑާން ފޮށްޓެއް ސްކޫލުގެ ޕްރިންސިޕަލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަދިޔާކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު