އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިހުރާއި ޝައިޠާނާގެ ކިބައިން ސަލާމަތްވާން ބޭނުން ކުރެވޭނެ ހަތިޔާރުތަކަކީ ކޮބާ؟

ސިހުރާއި ޝައިޠާނާގެ ކިބައިން ސަލާމަތްވާން ބޭނުން ކުރެވޭނެ ހަތިޔާރުތަކަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 41 ސިކުންތު

"ޝައިޠާނާގެ ނުބައި ވަސްވާހާއި ބައެއް މީސްތަކުންގެ ދުލުގެ ނުބައި ކަމުން ނުވަތަ އެސްފިނާއެއް ޖެހުމުންނާއި، ސިހުރު ހެދުމުން ސަލާމަތްވެ ރައްކާތެރިވެ ތިބެވޭނީ ކިހިނެއް ހެއްޔެވެ؟

އެންމެ ފުރަތަމަ ކަމަކީ ޤަވާއިދުން ނަމާދު ގާއިމް ކުރުމެވެ. އަދި ޤުރްއާން ކިޔެވުމެވެ. މާތް ﷲ ގެ ކަލާމްފުޅު ކަމުގައިވާ ކީރިތި ޤުރްއާން އަކީ އެހުރިހާކަމަކުން ސަލާމަތް ވެވޭނެ މާތް ހަތިޔާރެވެ.

ޖިންނި އަވަލުމާއި ތަފާތު އެކިއެކި ބަލިތައް ޖެހުމާއި އެފަދަ ހުރިހާ ކަމަކުން ވެސް ސަލާމަތްކޮށްދީ، ފަރުވާއެއް ނުވަތަ ޝިފާއެއް ނުލިބި ހުރި އެންމެހާ ކަންތައްތަކަށް ވެސް ފަރުވާ ދެވިފައިވަނީ ކީރިތި ޤުރްއާނުންނެވެ. ނަމާދު ކުރުމާއި ކީރިތި ޤުރްއާން ކިޔެވުމަކީ ޝައިޠާނާއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުން ކުރެވޭނެ އެންމެ ބޮޑު ހަތިޔާރެވެ.

ނަމާދާއި ކީރިތި ޤުރްއާނަށްފަހު ދެން އެންމެ ބޮޑު ހަތިޔާރަކީ ކޮބާ ހެއްޔެވެ؟ އެއީ ދުޢާ އެވެ. މާތް ﷲ ގެ ޙަޟްރަތަށް ދުޢާ ކުރުމުން، މީސްތަކުންނަށް ހަނދުމަވެގެންދަނީ އެމީހަކަށް ޖެހިފައިވާ މުސީބާތަކުން އެމީހަކު ސަލާމަތް ކުރެވޭނެ ހަމައެކަނި ފަރާތަކީ އަޅަމެންގެ އިލާހު ކަމެވެ.

ޝައިޠާނާއާއި ދެކޮޅަށް ހަނގުރާމަ ކުރެވޭނެ އެހެން ހަތިޔާރަކީ ފެނެވެ. މާތް ﷲ އުނޑުން ވާރޭ ފެން ވެއްސެވިއެވެ. އަދި އެންމެ މާތް ފެން ކަމުގައި ޒަމްޒަމް ފެން ވެސް ހެއްދެވިއެވެ.

ބައްޔެއް ޖެހުމުން ނުވަތަ ސިހުރެއް ޖެހިފައިވާ މީހަކަށް ފެން ކިޔަވާފައި ބޯން ދިނުމުން، އެމީހަކު އެހުރިހާ ސިހުރެއް ހޮޑަށްލާ ބޭރުކުރެއެވެ. ޖިންނި އަވަލާފައި ހުންނަ މީހަކު އެފަދަ ފެން ނުބޯން އުޅޭނެއެވެ. ނޫންނަމަ އެފެން ބުއިމަށް އުނދަގޫތަކަކާއި ކުރިމަތިވެގެން އުޅޭނެއެވެ.

މީގެ އިތުރުން، ޝައިޠާނާގެ ނުބައި ވަސްވާހުން ސަލާމަތްވާން ކަދުރު ބޭނުން ކުރެވޭކަން ވެސް އެނގޭހެއްޔެވެ؟ މާތް ނަބިއްޔާ (ޞޢޥ) ޙާދީޘްފުޅު ކުރައްވާފައިވަނީ 'ކޮންމެ ދުވަހަކު ހަތް ކަދުރު ކައިފި މީހަކަށް މުޅި އެދުވަހު އެއްކޮށް އެއްވެސް ވަސްވާހެއް ނުވަތަ ސިހުރެއްގެ އަސަރެއް ވެސް ނުކުރާ ހުއްޓެވެ.'

އަހަރުމެންގެ ނަފްސުތައް ހަލާކަށް ވެއްޓުނަނުދީ ސަލާމަތް ކުރުމަށް ބޭނުން ކުރެވިދާނެ އެހެން އެއްޗަކީ މާމުއި އެވެ. މާތް ﷲ ވަޙީ ކުރައްވަވާފައިވާ ގޮތުގައި މާމުއި އަކީ ނުހަނު ގިނަ ކަންކަމަށްހުރި ޝިފާ އެކެވެ.

މީގެއިތުރުން ހުރި އެހެން ހަތިޔާރަކީ ހިޖާމާ ޖެހުމެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ. 'ތިމަންކަލޭގެފާނާއި ބައްދަލުވި ހުރިހާ މަލާއިކަތް ބޭކަލުންވެސް ވިދާޅުވެފައިވެއެވެ. އޭ މުޙައްމަދު އެވެ! ކަލޭގެފާނު ހިޖާމާ ޖަހާށެވެ.' އިބްން މަޖާހް ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގާ ވެއެވެ. 'ހިޖާމާ ޖެހުމަކީ ހުރިހާ ބަލިތަކަށް ވެސް ހުރި ޝިފާއެކެވެ. އެގޮތުން އެއީ ބަލިތަކަށް ހުރި ޝިފާތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ޝިފާއެވެ' (އަލްބުޚާރީ ރަޙިމަﷲ އަންހު)

ސިހުރުވެރިން ގެންގުޅޭފަދަ ތަވީދެއް ފެނިއްޖެނަމަ ނުވަތަ ލެއިން ކީރިތި ޤުރްއާންގެ އާޔަތެއް ކަރުދާސްގަނޑެއްގައި ލިޔެފައި ހުއްޓާ ފެނިއްޖެނަމަ ނުވަތަ އެނޫންވެސް ޝައިޠާނީ ލިޔުންތަކެއް ފެނިއްޖެނަމަ، އެންމެ ފުރަތަމަ ތިމާއަށް ފާފަ ފުއްސެވުމަށް އެދި އެކަލާނގެ ޙަޟްރަތައް ދުޢާ ދަންނަވާށެވެ. އޭގެފަހުން ކީރިތި ޤުރްއާންގެ ބައެއް ސޫރަތްތައް ކިޔަވާ، ތިމާއަށް ފެނުނު އެއްޗެހި އެއްކޮށް އަންދާލާށެވެ. އޭގެ ކުޑަ ޒައްރެއްގެ މިންވަރުވެސް ނުހުންނަ ވަރަށް އަންދާލާށެވެ. އެފަދަ ލިޔުންތަކާއި އެއްޗެހި ކުނި ޑަސްބިނަށް އެއްލާނުލާ އަންދާލަނީ އޭގައި މާތް ﷲ ގެ އިސްމުފުޅު ލިޔެވިފައިވާތީއެވެ. އެތަކެތި އަންދާލުމަށްފަހު އަޅިތައް ވަޅުލުމަށް ނުވަތަ ކިޔަވާފައި ހުރި ފެންތެރެއަށް އެޅުމަށް ދީނީ ޢިލްމުވެރިން ގޮވާލައްވާފައިވެއެވެ.

ނަމަވެސް މިބުނި ތަވީދުތަކުގައި ގޮށްޖަހާފައިވާނަމަ އެންމެ ފުރަތަމަ އެގޮށްތައް މުހާލުމަށް ނުވަތަ ކަނޑާލުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ތަވީދު އަންދާލާއިރު އެއްވެސް ގޮށެއް ހުރެގެން ނުވާނެއެވެ. އެގޮށްތަކަކީ ސިހުރުވެރީން ސިހުރު ހެދުމަށްފަހު ފުމެފައިވާނެ ގޮށްތަކެކެވެ. އެހެންކަމުން އެންމެ ފުރަތަމަ އެހުރިހާ ގޮށެއް މުހާލަންވާނެއެވެ.

މިހުރިހާކަމަކަށްވުރެ ވެސް ބޮޑަށް ތިމާގެ ނަފްސު ޝާއިޠާނާގެ ވަސްވާހުންނާއި ސިހުރުގެ ނުބައިކަމުން ސަލާމަތް ކުރެވޭނެ ހަތިޔާރަކީ ތިމާ ދިރިއުޅޭ މާހައުލެވެ. ތިމާ ދިރިއުޅޭ ގެއަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް ގާއިމްކޮށްފައިވާ އިސްލާމީ ހަމަތަކުގެ މައްޗަށް އުޅޭ ތަނެއް ކަމުގައި ހަދަން ވާނެއެވެ. ޝައިޠާނީ ކަންކަން ދަމަހައްޓައިގެން ނަމާދެއް ނުކޮށް އުޅޭ ބަޔަކާއިއެކު އުޅޭނަމަ، އެގެއަކަށް ޝައިޠާނުން އުފަލާއެކީ ވަންނާނެއެވެ. އަދި އެފަދަ މީހުންނަށް ފަންޑިތައާއި ސިހުރުވެސް ވަރަށް ފަސޭހައިން ޖެހެއެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ