އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޔާތް ބަދަލުވީ އެންމެ ހިނދުކޮޅެއްގެ ތެރޭގަ! އެންމެ އާޔަތެއްގެ ސަބަބުން!

ޙަޔާތް ބަދަލުވީ އެންމެ ހިނދުކޮޅެއްގެ ތެރޭގަ! އެންމެ އާޔަތެއްގެ ސަބަބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އަލްފުދައިލް ބިން އިޔާދަކީ ހަމައެކަނި ޝަހާދަތް އެކަނި ކިޔައިގެން، ތިމާއަކީ މުސްލިމެއް ކަމުގައި ބުނެ އުޅުނު މީހެކެވެ. 

އޭނާ ނަމާދެއް ނުކުރެއެވެ. ހެޔޮ ޢަމަލެއް ނުކުރާތާ، އޭނާގެ ދިރިއުޅުމުގެ ދުވަސްތައް ބޭކާރު ކުރަމުންދިޔައީ ނުބައި ޢަމަލުތައް ކުރުމުގައެވެ. އެންމެ ގިނައިން އޭނާ ކުރަމުން ދިޔަ އެއްކަމަކީ މީހުންގެ މުދާތައް ފޭރިގަތުމެވެ.

އޭނާގެ އެނުބައި ޢަމަލުތަކާއި އަޚުލާޤުގެ ސަބަބުން މީހުން އޭނާއާއި ދުރުހެލިވެއެވެ. އެކަކުވެސް އޭނާއާއި ވާހަކަ ދައްކާ ހިތެއް ނުވެއެވެ. އެންމެންވެސް އޭނާ ބެހެއްޓީ ދުރުކޮށްފައެވެ. 

އެހެން މީހުން ފަދައިން އޭނާވެސް ކައިވެންޏެއްކޮށް، ދިރިއުޅުމެއް ފަށަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް އަންހެން ކުއްޖަކު އޭނާއާއި އަނގަޔަކުން ނުބުންޏެވެ.

އަލްފުދައިލްއަށް މިކަން ބޮޑުވެ އެހެން ގޮތެއް ނެތިގެނ، އެއަވަށް ދޫކޮށް އެހެން އަވަށަކަށް ދިޔައެވެ. އެތަނުގައި އޭނާއަކީ ކާކުކަން ނޭނގޭގޮތަށް އަންހެންކުއްޖަކާއި ގުޅުން ބަދަހިކުރިއެވެ.

އެއަންހެން ކުއްޖާ އާއި ބައްދަލުކުރަން އެއްރޭ އެގެއަށް ވަނުމަށްޓަކައި ވަރަށް ސިއްރުން ފާރުމަތިން އަރަނިކޮށް އޭނާއަށް އިވުނީ ކީރިތި ޤްރްއާނުގެ އާޔަތެކެވެ. އަލްޙަދީދް ސޫރަތުގެ 16 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައިވެއެވެ.

"ﷲ ހަނދުމަކުރުމަށާއި ހައްޤުބަސްފުޅުގެތެރެއިން ބާވައިލެއްވި ފޮތްތައް އެއުރެންގެ ހިތްތައް މަޑުމައިތިރި ވުމަށާއި މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް އީމާންވީ މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ އެއުރެންނަށް ޒަމާން ދިގުވެގެން ދިއައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންގެ ގިނަ މީހުންނީ ފާސިޤުންނެވެ."

އެއާޔަތުގެ އަޑުއިވުމާއިއެކު އަވަސްއަވަހަށް ފާރުމަތިން ފުންމައިލިއެވެ. އަދި ބުންޏެވެ. "ޔާﷲ! ވަގުތު ޖެހިއްޖެކަން ޔަޤީނެވެ."

އަލްފުދައިލް މައިމަގަށް ނުކުތްއިރު ދަތުރުވެރިންގެ ބައަކު އެތުގައި ތިއްބެވެ. އެމީހުން ދައްކަމުންދިއަ ވާހަކައިގެ އަޑުވެސް އޭނާއަށް އިވުނެވެ.

"ކޮބާ ދަތުރު ފަށަންވީނު" އޭގެ ތެރެއިން އެކަކު ބުނި އަޑުއިވުނެވެ. 

އޭގެ ޖަވާބުގައި ދެން ހުރި މީހާ ބުނީ "ނޫން! ދަތުރަށް ފަށާނީ ހެނދުނު! އަލްފުދައިލް މިހިސާބުގަ އެބަ އުޅޭ. ފެނިއްޖިއްޔާ އަހަރެމެންގެ ދުވަސް ދުއްވާލައި މުދާކޮޅު ފޭރިގަންނާނެ." މިހެންނެވެ.

އަލްފުދައިލްއަށް މިއަޑުތައް އިވުމުން އޭނާ ބުންޏެވެ.

"ޔާ ﷲ. ރޭގަނޑުވުމުން އަހުރެން މަގުތައްމަތީގައި އުޅެނީ ފާފަ ކުރުމުގައެވެ. މިބައިމީހުން އެމީހުންގެ ނިދި މަޙްރޫމް ކޮށްލައިގެން އެތިބީ އަހުރެންދެކެ ބިރުންނެވެ. އަހުރެން އިބަ ރަސްކަލާނގެ ޙަޟްރަތަށް ތަޢުބާވަމެވެ."

އެރެއަށްފަހު އަލްފުދައިލް އޭނާ އުޅެމުންދިޔަ ފާޙިޝް އުޅުން ބަދަލުކޮށްލިއެވެ. އަދި ޤަވާއިދުން ޖަމާޢަތުގައި ނަމާދު ވެސް ކުރެއެވެ.

އަލްފުދައިލް، އޭނާ އިޞްލާޙްވި ސަބަބު މީހުންނަށް ކިޔައިދެމުން ބުނަނީ ކީރިތި ޤްރްއާނުގެ އަޑު ކުރިންވެސް އަހާ ކަމަށާއި ނަމަވެސް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ އާޔަތުގެ އަޑުއިވުމުން އިޙްޞާޞްކުރެވުނީ އެ އާޔަތް އަމާޒުވަނީ ހަމަ ސީދާ އޭނާއަށް ކަމަށެވެ. މާތްﷲ ހަމަ ސީދާ އޭނާއަށް އިއްވެވި އިންޒާރުގެ އަޑެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ