އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނީ އެޖެންޓް އުތެމަ އާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައިފި!

ޝައިޠޯނީ އެޖެންޓް އުތެމަ އާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

އެތެމަ ކިޔާ ޝައިޠޯނީ ޖަމިއްޔާގެ މެންބަރުންގެ ނަމުގައި ތިބި ޝައިޠޯނީ އެޖެންޓުން ރާއްޖެއިން އިސްލާމް ދީން ފުހެލަން ކުރަމުން ގެންދާ ޝައިޠޯނީ މަސައްކަތްތްކާއި ދެކޮޅަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ!

- ޢިލްމުވެރިންގެ ޖަމިއްޔާ އިން ނެރުނު ބަޔާން؛ 

ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި، ކައު އިތުރު ނަބިއްޔާ މުޙައްމަދު ﷺ މެދުވެރިކުރައްވައި ބާވައިލެއްވި އިސްލާމީ ޝަރީޢަތުގައި އަޅުތަކުންގެ މައްޗަށް އެއްވެސް އަނިޔާވެރިކަމެއް ނުވެއެވެ. މިއީ ހެޔޮ ނިޔަތެއްގައި ޢަދުލުވެރި ބަހެއް ބުނި ކޮންމެ ޣައިރު މުސްލިމަކުވެސް އިޤުރާރުވާ ކަމެކެވެ. އަދި އިސްލާމް ދީނުގެ ޢަދުއްވުންގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީ އެކަމަށް ހެކިވެއެވެ. ޙައްޤެއް ބާޠިލެއް ބެލުމެއްނެތި މާއްދިއްޔަތަށް ލެނބި، ޢަދުލުވެރިކަމުން އެއްކިބާވެ ބޮޑާކަމާއި އަނިޔާވެރިކަމުގައި ޙައްދު ފަހަނައަޅާފައިވާ ޙަސަދަވެރިޔަކު ފިޔަވައި އެނޫން ގޮތަކަށް މިހާތަނަށް ބުނެފައި ނެތެވެ.

އިސްލާމީ ޝަރީޢަތުގެ މަތިވެރި އަލިކަން ދިވެހިންނަށް ލިބުނީއްސުރެ، މިޖީލާ ހަމައަށް ރައްކާތެރިކަމާއެކު އިސްލާމީ ދަންމަރު ފޯރުކޮށްދެއްވުމަށް އިސްލާމްދީނުގެ ޙައްޤުގައި ދިވެހި ކާބަފައިން ވަނީ އަގުހުރި އެތައް ޤުރުބާނީތަކެއް ވެވަޑައިގެން އެމަގުގައި އެތައްބޭފުޅުންނެއް ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންފައެވެ. ﷲގެ އިރާދަފުޅާ މިންވަރުފުޅުން އަޅުގަނޑުމެންނާ ހަމައަށް މަތިވެރި އިސްލާމީ ހިދާޔަތު ފޯރާފައިވަނީ ކާބަފައިންގެ އެ މަތިވެރި ޤުރުބާނީތަކާވެސް އެކުގައެވެ. 

ނަމަވެސް، އަބަދުވެސް ދީނުގެ މަތިވެރި އުޞޫލުތައް ދިވެހިބިމުން ފުހެލުމަށް މަސައްކަތްކުރާ ބަޔަކު، ބޭރުންނާއި އެތެރެއިން ތަފާތު ޙަމަލާތައް މެދުނުކެނޑި ދެމުން ދާކަންވެސް ފެންނަން އެބައޮތެވެ. 

އެގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމް.ޑީ.އެން) ގެ ނަމުގައި ބަޔަކު ހިންގާފައިވާ ދީނަށް ފުރައްސާރަކުރުމުގެ ޖަރީމާތަކާ ދެކޮޅަށް، މާތް ﷲ ގެ ވާގިފުޅާއެކު ދިވެހި ލޮބުވެތި ރައްޔިތުންގެ ބުރަ މަސައްކަތާއި ކެނޑިނޭޅި ކުރި އިހުތިޖާޖުތަކުގެ ސަބަބުން ދިވެހި ސަރުކާރުން އެމް.ޑީ.އެން އުވާލަން ނިންމި ނިންމުމަކީ މުހިއްމު އިބްތިދާއީ ފިޔަވަޅެކެވެ. އަދި އެއީ ދިވެހި ރައްޔިތުން އިސްލާމްދީނުގެ ދިފާޢުގައި ކުރެއްވި ބުރަ މަސައްކަތުގެ މޭވާއެއްގެ ގޮތުން މާތްﷲ މިންވަރު ކޮށްދެއްވި މަތިވެރި ކާމިޔާބީއެއްވެސް މެއެވެ. 

ނަމަވެސް، ޤާނޫނީ ޝަޚްޞެއްގެ ނަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ބަޔަކަށް ހިންގޭނޭ އެންމެ ބޮޑު ޖަރީމާ ހިންގި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ކުރަންޖެހޭ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމާއި، ކަމާބެހޭ އެއްވެސް އަދާހަމަކުރުމެއް ރައްޔިތުންނާ ހަމަޔަށް ފޯރާދީފައި ނެތުމަކީ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ކަމާ ބެހޭ މުއައްސަސާތައް ބަލިކަށިވެ ނިކަމެތިވެފައިވާ ކަމުގެ ތުހުމަތުކުރުމަށް ދެވޭ ފުރުސަތެކެވެ. އަދި އެފަދަ ކަންކަން އެހެން ހިނގަމުން ދިއުމުގެ ސަބަބުން، އެފަދަ ނޭއްގާނީ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރު ލިބި، ތަކުރާރުކޮށް އެފަދަ އިތުރު ޖަރީމާތަކަށް އަރައިގަންނަމުންދާ މަންޒަރު ފެންނަމުންދާއިރު އެކަން އެގޮތަށް ދޫކޮށްލެވިފައި އޮތުމަކީ އިސްލާމީ ވިންދެއްޖަހާ ހިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެގޮތުން، 'އުތެމަ' ޖަމްޢިއްޔާ ނިވާފަތްގަނޑެއްކަމުގައި ހަދައިގެން ތިބެ، އެމް.ޑީ.އެން އިން ނެރެފައިވާ ރިޕޯޓަށް ތާޢީދުކުރާކަން ހާމަކުރުމުގެ އިތުރުން، އެމް.ޑީ.އެންގެ އެ ރިޕޯޓުގައިވެސް ހިމަނާފައިވާ ފަދަ، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނާވެސް ޚިލާފު އެތައް ކަމެއް ހިމަނައިގެން، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ ޢަމަލުތަކަށް ޤާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަންހުރި ބަޔާނެއް ނެރެފައިވާތީ، އުތެމައާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތަކުގެ އެ ޢަމަލުތަކަށް އިންކާރުކޮށް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

އަދި މިފަދަ ޢަމަލުތަކަކީ ނުރަނގަޅު ކަންތައްތަކެއް ކުރުވައިގެން، ދިވެހި ރައްޔިތުންގެ ފުށުން ނުރަނގަޅު ނަތީޖާއެއް ޙާޞިލުކުރުމަށް އެފަދަ ފަރާތްތަކުން ހިންގާ މަކަރުވެރި ޖަރީމާތަކަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މިފަދަ ވަގުތު ތަކުގައި ހުރިހައި ޢިލްމުވެރިންނާއި ދިވެހި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ކުރިންވެސް ޘާބިތުކަން ދެއްކެވި އުޞޫލުން، އެންމެހާ ޢިލްމުވެރިންނާއި ތިޔަ ލޮބުވެތި ރައްޔިތުން ޘާބިތުކަން މަތީ ތިއްބެވުމަށާއި ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައި، ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެއިން ހަރުދަނާ ފިޔަވަޅެއްނޫނީ ނޭޅުއްވުމަށާއި، ލާދީނީ ޢަމަލުތަކާ ދެކޮޅަށް ވިސްނުންތެރިކަމާއެކު ތިޔަ ބޭފުޅުންނަށް ވެސް އެޅުއްވެން ހުރި ހުރިހައި ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް، އިލްތިމާސް ކުރަމެވެ.

އަދި މިފަދަ ކަންކަމާ ގުޅިގެން މިހާތަނަށް ޢިލްމުވެރިންގެ ފަރާތުން ކޮށްފައިވާ ކަންކަމާއި އަދި ކުރަމުން ގެންދާ ކަންކަމުގެ އިތުރުންވެސް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އިތުރަށް ދެން ކުރެވެންހުރި އަދި ކުރަންޖެހޭ ކަންކަން ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަޤީންކަމާއި، މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެފަރާތްތަކަށް ބާރު އެޅުމުގެ ގޮތުން ކުރެވެން ހުރި ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ. 

އަދި މިފަދަ ދަނޑިވަޅެއްގައި ކައުންސިލުގެ އިދާރާތައް ފަދަ ދައުލަތުގެ ބައެއް މުއައްސަސާތަކުން އަމިއްލައަށް އިސް ނަންގަވައި ލާދީނީ ޢަމަލުތައް ކުށްވެރި ކުރައްވައި ބަޔާން ނެރުއްވަމުން ގެންދެވުމަކީ، އިސްލާމްދީނުގެ ދިފާޢުގައި ދިވެހިރާއްޖޭގެ ރައްޔިތުން ސާބިތުކަމާއެކު ތިބިކަން، މިފަދަ ޖަރީމާތައް ހިންގުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހާމަވެ، އެފަރާތްތަކަށް މާޔޫސްކަން ލިބިގެންދާނެކަމެއްކަމަށް ވާތީ، ދީނަށް ނަޞްރު ދިނުމުގައި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުންނާއި އެމުއައްސަސާތަކުގެ ވެރިންވެސް އެކަމުން ހިތްވަރާއި ނަމޫނާ ލިބިވަޑައިގެން އެކަންކަން ކުރިޔަށް ގެންދެވުމަށް އިލްތިމާސްކުރަމެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ އިސްލާމީ ހަރުދަނާ ޢަޤީދާއާއި ހިދާޔަތުގެ ހިޔަލާއި އަމާންކަމުގައި އަބަދުގެ އަބަދަށް މި ލޮބުވެތި ވަޠަން ލަހައްޓަވައި ދެދުނިޔޭގެ ބާއްޖަވެރިކަން ދިވެހި އުންމަތުގެ ކޮންމެ ފަރުދަކަށްވެސް މިންވަރު ކުރެއްވުމެވެ. ނުރަނގަޅު މަގުތައް އިޚްތިޔާރު ކުރެވި ޝައިޠާނާގެ ފިޔަވަޅު ތަކަށް ތަބާވެވިފައިވާ ފަރާތްތަކަށް ހިދާޔަތު ދައްކަވައި ހެޔޮމަގަށް ތައުފީޤު ދެއްވުމެވެ. އާމީން!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް