އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު
ތަހައްޖުދު ނަމާދުކުރަން ފަށަން ޤަޞްދުކުރާ މީހާއަށް މަގުފަހިވާނެ ބައެއް ކަންކަން ބުނެލާނަމެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަކުރާނީ ދަމުނަމާދަށް ހޭލަން އާދަކުރަން އެންމެ ފަސޭހަވާނެ ބައެއް ގޮތެވެ.
ވީމާ ފުރަތަމަ ކަމަކަށް ދަމު ނަމާދުކުރުމަށް ޝައުޤުވެރިވާށެވެ! އެކަމަށް ބޭނުންވާށެވެ! އެހިސާބުން ދަމުނަމާދަށް ހޭލަން ނިޔަތްގަނެ ގަޑިވެސް ސޯނާކުރާށެވެ! ގޭގައި ދަމުނަމާދަށް ހޭލާ މީހަކު އުޅޭ ނަމަ އެމީހެއްގެ ގާތު ތިމާ ހޭލައްވަންވެސް ބުނާށެވެ! އަދި ދަމުނަމާދަށް ހޭލާ ގާތް މީހަކު އެހެން ގެއެއްގައި ދިރިއުޅޭނަމަ އެ ވަގުތު ފޯނުކޮށްލައިދޭން ވެސް ބުނާށެވެ!
އެކަމުގެ ސަބަބުން މެދުވެރިވާ ކަމަކީ އިތުރު މީހަކު ނުވަތަ ބައިވެރިކުރެވުމެވެ. އެގޮތަށް އެކަން ކުރުމަކީ ހޭލަން ހިތްވަރު އިތުރުވާ ކަމެކެވެ. ހަމަ އެއާއިއެކު ދަމުނަމާދަށް ހޭލަން އިޚްލާޞްތެރިކަމާއިއެކި ނިޔަތް ގަނެގެން ނިދައިފިނަމަ އެކަމުގެ ހެޔޮކަން އެމީހަކަށްޓަކައި ލިޔުއްވަވާނެތެވެ. ހޭނުލެވުނު ނަމަވެސް އެކަމުގެ ރަޙްމަތް އެމީހަކަށް ދެއްވަވާނތެވެ! ހަނދާންކުރާށެވެ! ނިޔަތްގަތްކަމަށްވާނީ އިޚްލާޞްތެރިކަމާއިއެކު އެކަމަށް ޤަޞްދުކޮށް ނިޔަތް ގަތުމުންނެވެ. ހމައެކަނި ނިޔަތްގަތްކަމުގެ ސަވާބު ހޯދަން ނިޔަތްގަތުމުން އިޚްލާޞްތެރިކަމެއް ނެތެވެ.
ހަމަ އެއާއިއެކު އެންމެ ފުރަތަމަ ފަށައިގަންނައިރު ފަތިސް ނަމާދުގެ ގަޑި ދެގަދިއިއރުކުރިން ހޭލަން ވިސްނުމުގެ ބަދަލުގައި އުނދަގުލަކަށްނުވެ ފަތިސް ނަމާދާއި ވީހައި ގާތްކޮށް ހޭލައި ދަމުނަމާދުކުރަން ފަށަން މަސައްކަތްކުރާށެވެ! ނިދިވަރުބަލިކަން މައްސަލައަކަށް ނުވެ ދަމުނަމާދާއި ފަތިސްނަމާދުކުރެވޭނީ އެއިރުންނެވެ. ހޭނެން ފެށުމުން ތެދުވާ ގަޑި އަވަސްކުރަމުން ގެންދާށެވެ! ނިދިބުރަކަން ފިލުވައިގެން ހުރެ ނަމާދުކުރެވޭނީ އެއިރުންނެވެ.
އެގޮތަށް އެކަން ނުކުރުމުން ބައެއް މީހުންނަށް ދަމުނަމާދުކޮށްގެން ނިދެއެވެ. އަދި ފަތިސް ނަމާދަކަށް ނުހޭލެވެއެވެ. އެއިރުން މާދެރައެވެ. ދަމުނަމާދަކީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. ފަތިސް ނަމާދަކީ ކޮންމެހެން އަދާކުރަންޖެހޭ ފަރުޟު ނަމާދެކެވެ. ޚާއްޞަކޮށް ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި އަގުބޮޑު އެއްޗެކެވެ. ވީމާ ފަތިސް ނަމާދުގެ އިހު ސުންނަތްވެސް އަދި ފަތިސް ނަމާދުވެސް ދޫކޮށްލެވޭނެ އެއްވެސް ގޮތެއް ނެތެވެ.
ހަމައެއާއިއެކު ނިދުން އަވަސްކުރަންވާނެއެވެ! އަދި ނިދަންވާނީ ދަމު ނަމާދަށް ނިދިން ހޭލެވޭނެ ގޮތް މެދުވެރިކޮށްދެއްވެވުން އެދި ދުޢާކުރަމުންނެވެ. އަދި ނިދަންވާނީ ޠަހާރަތުގެ މަތީގައެވެ. އެއިރުން ހޭލެވޭ ވަގުތު ލަސްވި ނަމަވެސް ހިނައިގަންނާކަށް ނުޖެހޭނެއެވެ! ހަމަ އެއާއިއެކު ބަނޑުފުރައި ކައިގެން ނިދުމަކީ ވެސް ނިދީން ހޭލަން އުނދަގޫވާ ސަބަބެއްކަން ދަންނަންވާނެއެވެ! އަދި މާ އަރާމު ތަންމައްޗެއްގައި ނުނިދުމަކީވެސް މުހިންމު ކަމެކެވެ. ރަސޫލް (ޞޢވ) އަރާމު ތަންމެއްޗެއްގައި އަވަހާރަފުޅު ނުލެއްޕެވީ އެ ސަބަބަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
30 ޖޫން 2020