އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައި ކޮންމެ ކަމަކަށް ހިފާ ދެވި ތިބާ ކޮއްޕާ ނަރަކައަށް ވައްދާނެ!: މުފްތީ މެންކް

ނުބައި ކޮންމެ ކަމަކަށް ހިފާ ދެވި ތިބާ ކޮއްޕާ ނަރަކައަށް ވައްދާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

އިންސާނުންނަކީ ތަފާތު ގިނަ ކަންތައްތަކަކަށް ދެވިހިފާ ބައެކެވެ. ދެވިހިފުން ކަމަށް ބުނެފިނަމަ ގިނަބައަކަށް އެންމެ ފަސޭހައިން މާންކުރެވޭނީ ބަނގުރާ ބުއިން، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކޮންމެވެސް ކަމަކަށް ދެވިހިފުން ކަމުގައެވެ. ނަމަވެސް އެނޫންވެސް ވަރަށް ގިނަ ކަންތައްތަކަށް ދެވިހިފައެވެ. 

ބައެއް ކުޅިވަރު ކުޅުމަށްވެސް ދެވިހިފައެވެ. ފާފަކުރުމަށްވެސް ދެވިހިފައެވެ. ޒިނޭކުރުމަށްވެސް ދެވިހިފައެވެ. އަދި ކީއްހެއްޔެވެ؟ ވައްކަންކުރުމާއި ދޮގުބުނުމާއި މިނޫންވެސް ތަފާތު އެތައް ފާފަތަކެއް ކުރުމަށް ދެވިހިފައެވެ. އަދިވެސް ބުނަން ހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުމަކީވެސް ހަމަ ދެވިހިފާ ކަމެކެވެ. 

މިހާރުގެ ޙާލަތަށް ބަލައިފިނަމަ އެންމެ ގިނަބައަކު ދެވިހިފާފައިވަނީ ސޯޝަލް މީޑިއާގެ ކަންކަމަށެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން ގުޅުން އުފެއްދުމަށެވެ. އިސްލާމް ދީން ހުއްދަ ނުކުރާ ވާހަކަތައް ދެއްކުމާއި ފޯޓޯ އާއި ވީޑިއޯ ބަދަލުކުރުމާއި ގޭމްކުޅުމާއި މިނޫންވެސް އެފަދަ އެތައް ކަމެއްގައެވެ. 

ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކޮންމެ ކަމަކަށް ދެވިހިފިނަމަވެސް އެއީ އެމީހަކު މަގުން ކައްސާލައިގެން ދިއުމެވެ. އަދި ކީއްހެއްޔެވެ؟ ގޭމެއް ކުޅެލުމަކީ ޙަރާމްކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެކަމަށްވެސް ދެވިހިފައި ތިމާއަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނަމަ އެއޮތީ އިމުން ބޭރުވެފައެވެ. ނަމާދުކުރުމާއި އެނޫންވެސް އަޅުކަން ނުކުރެވޭ ޙާލަތަށް ހިނގައްޖެ ނަމަ އެވެވެނީ ފާފަވެރިއެވެ. ހަމައެފަދައިން ދިރިއުޅެން ކުރަންޖެހޭ މަސައްކަތް ނުކުރެވި ޢާއިލާއަށް ވަގުތު ނުދެވުމަކީވެސް ހަމަ ފާފަވެރިވާ ޢަމަލުތަކެވެ.

މިފަދަ ކަންކަމަށް ދެވިހިފާފައިވާ މީހާ އެދަނީ ކޮންމެ ދުވަހަކު އެތައް ބައިވަރު ފާފަތަކެއް ކުރަމުންނެވެ. މިފަދަ ގޮތަކަށް ދުވަސްތައް ހޭދަކުރަމުން ގެންދާ މީހުންގެ ފަތް މަހްޝަރު ދުވަހު ހުޅުވައިލެވޭއިރު އެމީހާގެ ޙާލަތު އޮންނާނެ ގޮތާއިމެދު ވިސްނައިލާށެވެ!

ސަލާމަތްވެވޭނެ މަގު:

ފޯނުން، ލެޕްޓޮޕުން އަދި އެނޫންވެސް ވަސް މިފަދަ ވަސީލަތެއް ބޭނުންކޮށްގެން މިފަދަ ކަންކަންކުރުމަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތްވާން އޮތް އެންމެ ފަސޭހަމަގަކީ އެކަނި ހުރެ އެއްވެސް ވަސީލަތެއްގެ ބޭނުންނުކުރުމެވެ. ތިމާކުރާ ކަންކަން ގޭގެ މީހުންނަށް ފެންނަ ގޮތަށް ނޫނީ ބޭނުން ނުކުރާށެވެ! އެކަނި ކޮޓަރިއެއްގައި އުޅޭނަމަ އެފަދަ ވަސީލަތް ހިފައިގެން ކޮޓަރިއަށް ނުވަންނާށެވެ! ޝައިޠޯނާ ހުންނާނީ ތިބާ އެކަނިވާ ވަގުތައް ފާރަލައިގެންކަން ޔަޤީންކުރާށެވެ!

ހަމައެއާއިއެކު ހެޔޮ އަމަލުކުރުން ގިނަކުރާށެވެ! ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް އެކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

ބިރުވެތިވާށެވެ! ނުބައި ކޮންމެ ކަމެއް ކުރުމަށް ހިފާ ދެވި ތިބާ ކޮއްޕާ ނަރަކައަށް ވައްދާނެއެވެ! ދެވިހިފުން މިކިޔަނީ ނުބައި ޢަމަލުތައް ކުރާހތްވެ އެކަންކަން ނުކޮށް ނުހުރެވޭ ހިސާބަށް މީހާގެ ޙާލަތު ދިއުމަށެވެ. އެކަން މެދުވެރިވަނީ ޝައިޠޯނާގެ ކިބައިންނެވެ. ވީމާ ތިބާގެ ބުރަކަށީގައި އަތްއަޅާ ކޮއްޕައި ނަރަކައަށް އެވައްދަނީ ހަމަ ޝައިޠޯނާއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް