އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ކަންބޮޑުވާ، ހިތްދަތިވާޙާލު، ވިސްނައި ނުލާ ބުނެވޭ ޝަކުވާގެ ބަސްތަކުގެ ސަބަބުން ހަލާކުވެގެންދާ މީހުން މަދެއްނޫނެވެ. ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް އެއީ ތިބާގެ ވެރި ރައްބު މިންވަރުކުރެއްވެވި ނިޢްމަތެއްކަމަށް ޤަބޫލުކޮށް ޝުކުރުގެ ބަހެއް ނޫނީ ނުބުނާށެވެ!
ބުނެވޭ ބަހެއްގެ ސަބަބުން މުޅިން އެހެން ދުނިޔެއަކަށްވެސް ދެވިދާނެއެވެ. މީހާގެ ޙާލަތުވެސް ބަދަލުވެގެންހިނގައިދާނެއެވެ. އަދި އެބަހަކީ ތައުބާވާންޖެހޭ ކުފުރުގެ ބަހަކަށްވެސް ވިދާނެއެވެ. ވީމާ ކޮންމެ ބަހެއްވެސް ބުނަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ.
ހަމައެކަނި މައްސަލަތަކާއިމެދު ވިސްނާ ކޮންމެ މީހަކަށްވެސް އަބަދުވެސް އުޅެން ޖެހޭނީ އެކަންކަމުން ސަލާމަތްނުވެވިގެންނެވެ. އުފަލުގައި ދިރިއުޅެވޭނީ މައްސަލަތަކަކީ ދިރިއުޅުމުގެ ބައެއް ކަމަށް ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރާ މީހަކަށެވެ.
ޔަޤީންކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. "ތިއަބައިމީހުން އިމްތިޙާން ނުކުރައްވަވައި ދޫކޮށްލައްވަވާނެކަމަށް ހީކުރަނީހެއްޔެވެ؟" އޮތް ބަސްފުޅަށެވެ. ޤަބޫލުކޮށްގެން ހުންނަންވީ ކޮންމެ ވަގުތަކު ކޮންމެ ސިފައެއްގައި ވެސް އިމްތިޙާން ކުރައްވަވައިފާނެ ކަމެވެ. އަދި އެ އިމްތީޙާނަކީ ލުއިފަސޭހަކަމާއި ހިތްހަމަޖެހުންކަމަށް ނުދާނެކަމެވެ.
އެންމެ ގިނަބައަކަށް ނިޢްމަތްތައް ގެއްލިގެންދަނީ ޝުކުރުވެރިނުވެވުމުންނެވެ. އެއިގެ ތެރޭގައި އުފާވެރިކަމާއި ތަނަވަސްކަން މިންވަރުކުރެއްވެވުމުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނިޢްމަތްތަކުގެ ބޭނުން ނުހިފުންވެސް ހިމެނެއެވެ. ނިކަމެތިކަން ލިބި ކެތްތެރިވާންޖެހޭ ޙާލަތުގައި ކެތްތެރި ނުވެވުންވެސް ހިމެނެއެވެ.
މިދެ ކަމަކީވެސް ހަމަ ޝުކުރުވެރިނުވެވުމެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވާނެކަން އެއީ ވަޙީ ބަސްފުޅުން އެނގި ޔަޤީންވާން އޮތް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
16 ސެޕްޓެމްބަރ 2020