އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެދުންލައި ފޮރުވާބައިގަ ޠޯހިރުކަމެއް ނެތްނަމަ ތިއަލާ ރީތި އަގުބޮޑު ފޭރާމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް!

ހެދުންލައި ފޮރުވާބައިގަ ޠޯހިރުކަމެއް ނެތްނަމަ ތިއަލާ ރީތި އަގުބޮޑު ފޭރާމުން ކުރާނެ އެއްވެސް ފައިދާއެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ރީތި، އަގުބޮޑު ފޭރާންލުމެވެ. އެކަމުގައި ވާދަކުރަމުންގޮސް މީސްތަކުން މިއަދު މިވަނީ އިސްރާފުކުރުމުގެ ބޮޑު ފާފަކުރުމުގެތެރެއަށް ވެއްޓިފައެވެ. 

ސުވާލަކީ ރީތި، އަގުބޮޑުފޭރާންލުމުން ތިބާއަށް ޤިޔާމަތްދުވަހު ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ސާފުތާހިރުކަމަކީ އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަންތައް ކަމަށާއި ސާފުތާހިރުކަންމަތީގައި ހުރުމުން ޘަވާބު ދެއްވަވާނެ ކަމަށް ބުނެފާނެއެވެ. އެޖަވާބަށް ބަހެއް ބުނާކަށް ނެތީމެވެ. 

ބުނަން ބޭނުންވަނީ ތިމާގެ ކިބައިގައި ރިވެކި އަޚްލާޤީ ސިފަތައް ނެތްނަމަ، ތިމާއަކީ ޚުލްޤް ރަނގަޅު މީހަކު ކަމުގައި ނުވާނަމަ ތިބާ ހެދުންލައި ފޮރުވާބައިގައި ޠޯހިރުކަމެއް ނެތްނަމަ ތިއަލާ ރީތި އަގުބޮޑު ފޭރާމުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. 

ވީމާ ރީތި، އަގުބޮޑު ފޭރާންލައި ހަށިގަނޑުގެ ބޭރުފުށް ތިއަ ރީތިކުރާވަރަށްވުރެ ބޮޑަށް ތިމާ ހެދުންލައި ފޮރުވާބައި ރީތިކުރާށެވެ! ތިމާގެ ހިތް ޠޯހިރުކުރާށެވެ! ތިމާ ބުނާ ބަސްތަކާއި ކުރާ ޢަމަލުތައް ރީތިކުރާށެވެ! 

ވަރަށް ރީތި، އެހައިމެ އަގުބޮޑު ފޭރާންލައިގެން ތިބެ ހެދުންލައި ފޮރުވި ގުނަވަންތަކުން ފާހިޝް ޢަމަލުތައް ކުރާނަމަ ލައިގެންހުރި ހެދުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ހެދުމުގައި އޮތީ ކޮން ރީތިކަމެއް ހެއްޔެވެ؟ ކިތަންމެ ބައު ފޭރާންލީނަމަވެސް ޢިއްފަތްތެރިކަން ޙިމާޔަތްކޮށްފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެތެވެ! އެމީހާވާނީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ 7 މީހުންގެ ތެރެއިންނެވެ. އަދި ޤިޔާމަތް ދުވަހު ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައި ރަސޫލް އާއި އެންމެ އަރިއަހުގައި ތިބޭނީ އެންމެ ޚުލްޤް ރަނގަޅު މީހުންނެވެ. 

ވީމާ މުހިންމު ކަމަކީ ތިމާގެ އެތެރެ ޒީނަތްތެރިކުރުމެވެ. ހެދުންލުމުން ފޮރުވޭބައި ޒީނަތްތެރިކުރުމެވެ. ހިތާއި ދުލާއި އަމަލުތައް ޒީނަތްތެރިކުރުމެވެ. ނޫންނަމަ އެމީހަކު ލާ ރީތި، އަގުބޮޑު ފޭރާމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް