އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް ޞޢވ, އެންމެ ގިނައިން މި 2 ދުޢާ ކުރެއްވެވީ ކީއްވެ؟

ރަސޫލް ޞޢވ, އެންމެ ގިނައިން މި 2 ދުޢާ ކުރެއްވެވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 28 ސިކުންތު

އެއްވެސް ކަމެއް ރަސޫލް ﷺ ކުރައްވަވައިފިނަމަ އެކަމުގައި މީސްތަކުންނަށް ފައިދާކުރާނެ ސަބަބުތަކެއް ހުންނާނެއެވެ. މީސްތަކުންގެ ފައިދާއަށް މެނުވީ ހަމައެންމެ ކަމެއްވެސް ކުރައްވާފައެއް ނުވެއެވެ. އެންމެ ކުޑަމިން އެބަސްފުޅަކުން މީސްތަކުން ފައިދާކުރާނެ ބަސްފުޅެއް ނޫނީ ޙަދީޘްކުރައްވަވާފައެއް ނުވެއެވެ. 

ރަސޫލް ﷺ ޙަދީޘްކުރެއްވެވި ކޮންމެ ބަސްފުޅަކީ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކު މީސްތަކުންނަށް އެއިން ފައިދާކުރާނެ ބަސްފުޅެއްކަން ސާބިތުވުން މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އެކަމުގެ އިތުރު ހެކިތައް ފެންނަމުންނެވެ. އެންމެ ބޮޑަށް ޙައިރާންވާންޖެހޭ އެއްކަމަކީ ގިނަ ހެކިތައް ފެނި އެކަމުގެ ވާހަކަ ފަތުރަަނީވެސް މުސްލިމުން ނޫން މީހުންކަމެވެ. ސައިންސްވެރިން ނުވަތަ ޑޯކްޓަރުން ކިޔައިގެން އުޅޭ ބައަކު ކަމެވެ. 

ކޮންމެއަކަސް މުސްލިމުންގެ އިތުރަށް މުޅި ދުނިޔެއަށް ފެތުރިފައިވާ އެންމެ ބޮޑު އެއްވަބާއަކީ މީސްތަކުންގެ ކިބައިގައި ސާބިތުކަންކުޑަވުމެވެ. ނުވަތަ ނެތުމެވެ. ދުވާލަކު ގޮތަކަށް ކަންކަމުގައިވިސްނާކަމެވެ. ގަޑިއަކު ގޮތަކަށް ފިކުރުބަދަލުކުރަމުން ގެންދާ ކަމެވެ. މުސްލިމުންގެ ދީނީ ފިކުރު އެއީ ަބދަލުކުރެވޭނެ އެއްޗެއް ނޫނެވެ. މަރުވެ ދުނިޔެ ދޫކުރަންޖެހެންދެން ވެސް ތިބެން ޖެހޭނީ ﷲ ތަޢާލާޢަށް ފުރިހަމަގޮތުގައި އީމާންވެގެންނެވެ. ކީރިތި ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރުންމަތީގައެވެ. ހަމައެންމެ ކަމަކަށްވެސް ބަދަލެއްވެސް އަދި އުނ8 އިތުރެއްވެސް ނުގެނެވޭނެއެވެ! ފަރުވާކުޑައެއްވެސް ނުކުރެވޭނެއެވެ. 

ވީމާ މި ދެދުޢާ ރަސޫލް ﷺ އެހައިގިނައިން ކުރެއްވެވި ސަބަބު އެއޮތީ ފެންނާށެވެ! ދުނިޔޭގެ ދަޅަތަކަށް ނުހެއްލި ﷲ ތައާލާގެ މަގުގައި ސާބިތުވެވުނު އަޅަކަށް މެނުވީ ސުވަރުގެ ނުލިބޭނެތީއެވެ! 

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. މިބާވަތުގެ ދުޢާ ފަދަ ކަންކަން ފާހަގަކުރުމުން "ތިއީ ކުރިންވެސް ދަންނަ ދުޢާއެއް" ކަމަށ އެބަ ބުނެއެވެ. ޙަދީޘް ފޮތްތަކުގައި ނެތް ދުޢާއެއް ނުވަތަ ޙަދީޘްފުޅެއް އަހަރެމެންނަކަށް ރަސޫލް ﷺ އާއި ގުޅޫވައިގެން ނުގެނެވޭނެއެވެ. އަހަރެމެންނަށް މިކުރެވޭ މަސައްކަތަކީ މީސްތަކުންނަށް ހަނދުމަކޮށްދޭން މަސައްކަތްކުރުމެވެ. "ދީނަކީ ނަޞޭޙަތެވެ! ނަބޭޙަތަކީ ހަނދުމަކޮށްދިނުމެވެ!"

އިމާމް ޢުމަރު ސުލައިމާން ވިދާޅުވެފައިވެއެވެ. 

އިންސާނާގެ ހިތަކީ އަބަދުވެސް ތެޅިތެޅި އޮންނައެއްޗެކެވެ. އަދި އަބަދުވެސް ގިނަ ކަންތައްތަކެއް ހިތަށް އަރައި ފައިބަމުންދާނެއެވެ. އެއީ މީހައި ދިރިހުރިހައި ހިނދަކު ނިމޭނެ ކަމެއް ނޫނެވެ. އެހެންކަމުން އިންސާނާއަށް އެންމެ މުހިންމު އެއް ކަމަކީ އެމީހެއްގެ ހިތް އީމާނުން ފުރާފައި ބޭއްވުމެވެ. އީމާންތެރިކަމުން ފުރާލާފައި ބޭއްވުމެވެ. ރަސޫލް (ﷺ) އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވެވި އެއްކަމަކީ އެއީއެވެ. 

އީމާންކަމުން ހިތް ފުރާލަން މަސައްކަތްކުރާ ވަރަކަށް ޝައިޠާނާ މަސައްކަތްކުރާނީ ހިތުން އީމާންކަން މަދުކުރުމަށެވެ. ކުޑަކުރުވުމަށެވެ. ވީމާ އެކުގައި ސާބިތުކަން ދެއްވެވުން އެދި ﷲ ތަޢާލާ އަސް ގިނަގިނައިން ދުޢާކުރަން ޖެހޭނެއެވެ. ރަސޫލް (ﷺ) އެންމެ ގިނައިން ދުޢާކުރެއްވެވީ އެކަމަށް އެދިވަޑައިގެނެވެ. 

يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

"ހިތްތައް ފުރޮޅުއްވަވައި ބަދަލުކުރައްވަވާ އިލާހް އެވެ! މިއަޅާގެ ހިތް އިނބަ ﷲ ގެ މަގުގައި ސާބިތުކޮށްދެއްވަވާނދޭވެ!" މިއީ އެކަމަށް އެދި ވަޑައިގެން ރަސޫލް (ޞޢވ) ކުރެއްވެވި ދުޢާއެވެ. އެއީ ކީއްވެގެން ކަމާއިމެދު ވިސްނައިލާށެވެ! ފެން އެއްޗެކެވެ. އަބަދު ކެކެނީއެވެ. ކެކޭ ވަރަކަށް ފެން ދާނީ މަދުވަމުންނެވެ. ހިނދެމުންނެވެ. ހިތުގައި އީމާންކަން ހަރުލައްވައި އިތުރުކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ. 

ވިސްނައިލަން ޖެހޭ ކަމަކީ އިސްލާމް ދީނުގައި އެންމެ ފުރިހަމައަށް ސާބިތުވެވަޑައިގެން ހުންނެވި ރަސޫލް (ﷺ) މިދުޢާ އެންމެ ގިނައިން ކުރެއްވެވުމުން އަހަރެމެންގެ އީމާންކަން މިހައި ބަލިކަށިއިރު މިދުޢާ ކުރުން ގިނަކުރަން ޖެހޭނެ މިންވަރެވެ. 

މިދުޢާ ކުރެއްވުމާއިއެކުވެސް ހަމަ މިފަދަ މޭރުމަކުން އިތުރު ދުޢާއެއް އެހައިމެ ގިނައިން ކުރެއްވެވިއެވެ. 

"‏اللهم مصرف القلوب صرف قلوبنا على طاعتك‏"‏ 

"ހިތްތަކަށް މަގުދައްކަވާ އިލާހްއެވެ. ޠާޢަތުގެ މަގަށް މިއަޅާގެ ހިތް ފަހިކޮށްދެއްވަވާނދޭވެ! (ހެޔޮ އަމަލުތައް ކުރުމަށް މިއަޅާއަށް މަގުދައްކަވައިދެއްވަވާނދޭވެ!" މިދުޢާގައި އެދިވަޑައިގަންނަވަނީ ހެޔޮ އަމަލުތައް ކުރެއްވެވުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. ޠާޢަތުގެ މާނައިގައި ނަމާދުކުރުމާއި ޛިކުރުކުރުމާއި އެންމެހައި ހެޔޮ އަމަލުތައް ކުރުން ހިމެނެއެވެ. 

މީސްތަކުންނޭވެ! ރަސޫލް (ﷺ) އީ އެންމެ މަތިވެރިޞާޙިބާއެވެ! އެންމެހައި އުނިސަފަތަކުން ސަލާމަތްވެވަޑައިގެން ހުންނެވި އިންސާނާއެވެ! ނަމަވެސް މި ދެ ދުޢާއަކީ އެންމެ ގިނައިން ކުރެއްވެވި ދެ ދުޢާކަމުގައި ވުމުން އުނިސިފަތަކުން ފުރިގެން ތިބި އަހަރެމެން މި ދެ ދުޢާ ކުރުނަ ގިނަކުރަން ޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ. 

- ޢުމަރު ސުލައިމާންގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް