އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނުގެ ޙައްޤު މަގު ބަޔާންކުރަން ބިރުދައްކައި ހުރަސް އެޅުން ހުއްޓައިލާ! އެއީ ޤައުމުތައް ހަލާކުކުރައްވާ ކަމެއް!: ދީނީ ޢިލްމުވެރިން

ދީނުގެ ޙައްޤު މަގު ބަޔާންކުރަން ބިރުދައްކައި ހުރަސް އެޅުން ހުއްޓައިލާ! އެއީ ޤައުމުތައް ހަލާކުކުރައްވާ ކަމެއް!: ދީނީ ޢިލްމުވެރިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 5 ސިކުންތު

الحمد لله رب العالمين. والصلاة والسلام على من أرسل رحمة للعالمين. ومن تبعهم بـإحسان إلى يوم الدين

 

ﷲތަޢާލާގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވައި، ދީނުގެ ހަމަތައް ޢާންމުންނަށް ބަޔާންކޮށްދެއްވުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރައްވާ ދީނީ ޢިލްމުވެރިންނަށް ތަފާތު އެކިގޮތްގޮތުން ދަތިކުރުމާއި އެބޭފުޅުންގެ އަނގަ ބަންދު ކުރުމުގެ ސިޔާސަތު، މެދުނުކެނޑި އެކި ދުވަސްވަރު އެކި ސިފަސިފާގައި ދެމިއޮންނަކަމީ ހިތާމައާއެކު ގަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. 

ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކޮށް ދީނީ ޢިލްމު ފޯރުކޮށްދީ އުޅޭނެބަޔަކު މުޖުތަމަޢުގައި ތިބުމަކީ، އިސްލާމްދީނުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ އަސާސެވެ. އަދި އެއީ ﷲތަޢާލާގެ ކޯފާ މުޖުތަމަޢުގެ މައްޗަށް ޢާންމުވެގެން ނުގޮސް އޮތުމަށް މެދުވެރިކުރައްވާ ސަބަބެއްވެސް މެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

﴿وَمَا كَانَ رَبُّكَ لِيُهْلِكَ الْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ﴾ ]سورة هود:١١٧[

މާނައީ: "ރަށްތަކުގެ أهل ވެރިންނަކީ ކަންކަން އިޞްލާޙުކުރާ ބަޔަކު ކަމުގައިވަނިކޮށް، އަނިޔާވެރިގޮތުގައި އެރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ"

އެހެންކަމުން އެ ފަރުޟު އަދާކުރުން ދޫކޮށް، އެކަމުން އެންމެން އެއްފަރާތްވެއްޖެނަމަ، ޢާންމުވެގެންވާ ކޯފާ އެ މުޖުތަމަޢެއްގެ މައްޗަށް އައުމަށް ދޮރުހުޅުވިގެން ދިއުމަކީ ދުރުކަމެއްނޫނެވެ.

ދީނީ ޢިލްމު މީސްތަކުންނަށް ފޯރުކޮށްދިނުމާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމަކީ، ދައުލަތުގެ ފަރާތުން އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭނެ ކަމެއްކަމަށް ވީހިނދު، ދީނީ ޢިލްމުވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސްތައް ކުރިމަތިނުވާނެ ގޮތުގެމަތިން ކަންކަން ކުރައްވަމުން ގެންދެވުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އިލްތިމާސްކުރަމެވެ.

ދިވެހި މުޖުތަމަޢުގައި ކަންކަން ހިނގަމުންދާގޮތަށް ބަލާއިރު، މީސްމީޑިއާ އާއި އެނޫން ތަންތަނުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއްނެތި އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ހުރަހެއް އެބަޔަކަށް ކުރިމަތި ކުރުމެއްނެތި، މާތްވެގެންވާ އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގަމުންދާކަން، ފެންނަން އެބައޮތެވެ. އަދި އެފަދަ ބޮޑެތި ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ އިސް މަޤާމުތަކުގައި ތިބެގެން ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފަށް ޖަރީމާތައް ހިންގަމުންދާ ފަރާތްތަކުގެ މައްޗަށް ޤާނޫނު ތަންފީޛުކުރަން ހެދިފައިވާ އިދާރާތަކުންނާއި އެމީހުން ނިސްބަތްވާ މުއައްސަސާތަކުން ފިޔަވަޅެއް އެޅުމެއްނެތި ﷲތަޢާލާއާއި ކީރިތިރަސޫލާ ﷺ އާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަށް ދޫކޮށްލެވިފައި ތިބޭކަމީ އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގާ އެފަދަ ޖަރީމާތައް ހުއްޓުވުމުގައި ދައުލަތުގެ މައްޗަށް ޒިންމާއޮތް މިންވަރާ ގާތަށްވެސް ފިޔަވަޅެއް އަދި ހުރަހެއްވެސް އެޅިފައި ނުވާއިރު، ދީނީ ގޮތުން އިޖުތިހާދީ މައްސަލައެއްގައި ދައުލަތުން ކަނޑައަޅާގޮތާ ޚިލާފަށް، ޝަރުޢީ ދަލީލުތަކުގެ އަލީގައި އެކަމުގައި އޮތް ދީނީ ރައުޔެއް ހާމަކުރެއްވުމާ، ގުޅުވައިގެން ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުންނާއި މުއައްސަސާތަކުން އިސްވެ ޢިލްމުގެ އަހުލުވެރިން އަދާކުރައްވާ ވަޒީފާއާ މެދު ފިޔަވަޅުތައް އަޅައި ވަޒީފާއިން ވަކިކުރެވިދާނެކަމުގެ ބިރާއި، ހައްޔަރުކޮށް ބަންދުކުރާނެކަމުގެ އިންޒާރު ކުރިމަތި ކުރުވުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ. އެފަދަ ކަންކަމަކީ އިސްލާމް ދީނާއި މުސްލިމުންނާ ޢަދާވާތްތެރި ޤައުމުތަކުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭފަދަ ޢަމަލެއްކަމީ، ޢަދުލުވެރި ނަޒަރަކުން ބެލި ކޮންމެ މީހަކަށް ފެންނާނެ ޙަޤީޤަތެކެވެ. އަދި އެއީ ދުލުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދީނީ ޢިލްމު ފޯރުކޮށްދިނުމުގެ ވާޖިބުތަކާ ވެސް ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމުގައި ނޫނީ ނުވާނެއެވެ.

އެހެންކަމުން ދީނީ ޢިލްމު އުނގެނިވަޑައިގެން، ވަޢުޡުބުނުމާއި ދީނީ ނަޞޭޙަތްދިނުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބަވާ ފަރާތްތަކުން، ދީނީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޢީ ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައިގެން ހާމަކުރައްވާ ޢިލްމީ ރައުޔަކާ ގުޅިގެން، ފިޔަވަޅު އެޅުއްވުމާއި އެފަރާތްތަކުން ވިދާޅުވާ ވާހަކަފުޅުތައް އޭގެ މަޙައްލުން ބޭރުގައި ނުބައި މާނަ ދޭހަވާނޭހެން މުޖުތަމަޢުގައި ފިތުނައާއި ނަފުރަތު އުފެދޭނޭހެން ފަތުރައި، އެބޭފުޅުންނަށް އިހާނެތި ބަސްތައް ރައްދުކުރުން ފަދަ ކަންކަން ހުއްޓުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

އަދި ﷲ ތަޢާލާގެ ރިސާލަތު ޙިކުމަތްތެރިކަމާއެކު ހެޔޮގޮތުގައި މީސްތަކުންނަށް ފޯރުކޮށްދެއްވުމާއި އިސްލާމްދީނާ ދެކޮޅަށް އަންނަ ކޮންމެ ފިކުރީ އަދި އެނޫންވެސް ބާވަތްތަކުގެ ޙަމަލާތަކާ ދެކޮޅަށް ގަދަފަދަ ކަމާއެކު އެންމެހައި ޢިލްމުވެރިންނާއި ޢާއްމު ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިއްބެވުމަށް އިލްތިމާސްކުރަމެވެ. އަދި އެކަމުގައި ބިރުދައްކާފަރާތެއްގެ ބިރަކަށް އަދި މަލާމާތްކުރާ ފަރާތެއްގެ ފުރައްސާރައަކަށް ބެއްލެވުމެއްނެތި، އިޚްލާޞްތެރިކަމާއެކު އެމަގުގައި ޘާބިތުވެ ތިއްބެވުމަށް ވަޞިއްޔަތްކުރަމެވެ. 

ހަމައެއާއެކު، ދީނީ ޢިލްމު ފެތުރުމާއި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ނުވާ އެއްވެސް ކަމެއްގައި ދީނީ ޢިލްމުވެރިންނަށް ފިޔަވަޅު އެޅުމާއި، ފުރައްސާރަކޮށް މަލާމާތް ކުރުމާއި ބިރުދެއްކުމުގެ އިންޒާރުތައް ދިނުން ހުއްޓާލުމަށް އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ގޮވާލައި ނަޞޭޙަތްތެރިވަމެވެ.

ﷲތަޢާލާ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދިވެހި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކަށް ޘާބިތުކަން ދެއްވާށިއެވެ. އާމީން!

23 ރަޖަބު   1442

07 މާރިޗު  2021

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް