އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (އަށްވަނަ ބައި)

ކަމަނަ (އަށްވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 45 ސިކުންތު

(އަށް ވަނަ ބައި ގެނެސްދިނުމުގައި ވަރަށް ގިނަ ދުވަސް ވުމުން، ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އިން-ޝާ ﷲ ކުރިއަށް އޮތް ތަނުގައި އެކަން ރަނގަޅުކޮށް، ތަންކޮޅެއް އަވަސް މުއްދަތެއްގައި ވާހަކައިގެ ދެން ޖެހިގެން އިންނަ ބައި ގެނެސް ދެވޭތޯ މަސައްކަތް ކުރާނަމެވެ.)

"ކިހިނެއްވީ؟ އަސްލަމް ފެނުނީ ދޯ؟" ކަމަނަގެ އެ ސުވާލުން ޔޫސުފް އިތުރަށް ސިހުނެވެ. ހީވީ ޔޫސުފް އަށް ހުވަފެނުން ފެނުން އެއްޗެއް ކަމަނަ އަށް އެނގިގެން އެހެން ބުނިހެންނެވެ.

"ނޫން. ކީއްވެ ތިހެން ތިބުނީ؟" ނިތްކުރިން އޮހޮރިފައި ހުރި ދާތައް ފުހެލަމުން ޔޫސުފް އެއްސެވެ.

"މީހަކު މަރުވުމުން، އެމީހާގެ ޖަނާޒާއަށްފަހު އައިސް ނިދާފަ، ބިރުން ފުންމައިގެން ތެދުވާނީ އާންމުގޮތެއްގަ އެމީހާ ހުވަފެނުން ފެނިގެންނޭ ހީވެގެން" ކަމަނަގެ އެބަސްތައް އަޑު އަހާފައި ޔޫސުފް ހީލިއެވެ. އައިދަން ކޮބާތޯ އެހުމަށްފަހު، ގަޑި ބަލާލިއެވެ. އެއިރު މެންދުރުފަހު ދޭއް ޖެހީއެވެ. ޔޫސުފް ނިންމީ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އޮފީހަށް ދިޔުމަށެވެ. އެދުވަހު އޮފީހަށް ނުދިޔަޔަސް ހެޔޮ ވާނެ ނޫންހޭ ކަމަނަ ބުނުމުން ވެސް، ވަރަށް ގިނަ މަސައްކަތްތައް ނުކުރެވި ފުނިޖެހިފައި ހުރިކަމަށް ބުނެ، އިރުއޮއްސުމުގެ ކުރިން ގެއަށް ދިޔުމަށް ވައުދުވެފައި ޔޫސުފް ދިޔައީ އޮފީހަށް ދާށެވެ.

އެދުވަހު އޮފީހަށް ގޮސްފައިހުރީ ވަރަށް މަދު ބައެކެވެ. އަސްލަމް މަރުވި ބިރުވެރި ހާދިސާއާއިއެކު މުޅި އޮފީސްތެރެ ވެސް މަރުވެފައިވާފަދަ އެވެ. އޮފީހުގައި ތިބި މަދު ބަޔަކު ވެސް ތިބީ ޝޮކެއްގައެވެ. އެންމެންވެސް މަޑުމައިތިރި ވެފައެވެ.

ޔޫސުފްގެ މޭޒުކައިރިއަށް ދިޔައިރު، އޮފީސްގެ ކާމޭޒު ކައިރީ އުސްމާން އިންތަން ފެނުނެވެ. ދެއަތް ތިރިއަށް ވައްޓާލައިގެން އޭނާ އިނީ ކޮންމެވެސް ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާއަށް އިން ގޮތް ފެނިފައި، ވީކީއްތޯ އަހާނުލާ ދާކަށް ޔޫސުފް އަކަށް ނުކެރުނެވެ. އެހެންކަމުން އުސްމާން ކައިރީގައި އިން ގޮނޑިއެއްގައި އިށީންނަމުން، ކޮން ޚިޔާލެއްގައިތޯ ޔޫސުފް އެއްސެވެ.

"އަހަންނަށް މިއަދު ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނިގެން، އެހުވަފެނާއިމެދު މިވިސްނެނީ" ހުވަފެނެއްގެ ވާހަކަ ބުނުމުން އެވާހަކަ އަޑުއަހަން އިތުރަށް ޔޫސުފް ޝައުގުވެރިވިއެވެ. ހުވަފެން ކިޔާ ދިނުމަށް އެދުމުން އުސްމާން ބުންޏެވެ.

"އަހަންނަށް ފެންނަނީ ވަލު ތެރޭގަ ހުރި ކޮންމެވެސް ވީރާނާވެފަ ހުރި ގެއަކަށް އަހަރެން ވަދެގެން އުޅެނިކޮށް. އެއީ މިރަށުން ކުރިން ފެނުން ގެއެއް ނޫން. ވަރަށް އަނދިރިކޮށް އެގޭތެރެ ހުރީވެސް. އެހެންވެ ފޯނުން އަލިކޮށްގެން އަހަރެން ދިޔައީ. އަހަންނަށް ކޮންމެވެސް މީހަކު ގޮވާތީ އެއަޑާއި ދިމާލަށް ދިޔައީ. ދެން އެގޭތެރޭގެ ކޮޓަރިއަކަށް ދިޔައިރު ފެނުނީ..... އަސްލަމް..." އެހިސާބަށް ބުނެފައި ބިރުގެންފައި އިނދެ ހިންދިރުވާލަމުން އުސްމާން އިތުރަށް ކިޔާދިނެވެ. "އަސްލަމް އަހަންނަށް ގޮވީ. އޭނަ އިނީ ހިލިހިލާ ޖަހާފަ. އެކަމަކު... އޭނަ އިނީ ހާދަ ބިރުވެރި ގޮތަކަށޭ. ލޮލުގެ ކަޅިއެއް ވެސް ނެތް. އަހަރެން ކައިރީގަ ބުނަނީ އަވަހަށް ސަލާމަތް ވާށޯ ތިމަންނައަކަށް ނުވެވުނޯ. ދެން... ދެން... އަހަރެން ބިރުން ހުރީ.. އެކަމަކު އޭނަ ސަލާމަތް ކުރެވޭތޯ އުޅުނިން... އެހިލިހިލާގަނޑަށް ދަމަނިކޮށް ފަހަތުން ކޮންމެވެސް މީހަކު މަގޭ ގައިގާ ހިފާފާ، މަ އެއްލާލަނީ އެތަނުން... އެއީ ކާކު ކަމެއް ނޭނގޭ އެކަމަކު ފަހަތުން ހިފިއިރު އެއީ އަންހެނެއްގެ ދެއަތްކަން އެނގުނު.. ދެން ހޭލެވުނީ" އޭނާއަށް ފެނުން ހުވަފެން ކިޔާދީ ނިމުން އިރު އުސްމާނު ވެސް އަދި ޔޫސުފް ވެސް އިނީ ހައިރާންވެ ބަސް ހުއްޓިފައެވެ.

ޔޫސުފް އެންމެ ބޮޑަށް ހައިރާންވީ އެހުވަފެން ޔޫސުފް އަށް ވެސް ހަމަ އެދުވަހު އެގޮތަށް ފެނިފައިވާތީއެވެ. ނަމަވެސް ޔޫސުފްއަށް އަސްލަމް ފެނުން ހިސާބުން ހޭލެވުނީ އެވެ. ދެމީހުންނަށް އެއް ހުވަފެނެއް ފެނުނީ ކީއްވެބާއޭ ޔޫސުފްގެ ހިތައް އަރައަރާ އިންދާ އުސްމާނު ބުންޏެވެ.

"އަހަންނަށް ހީވަނީ، އަސްލަމްއަށް ހަމަލާދިނީ ރޫހާނީ ކޮންމެވެސް އެއްޗެއްހެން. އަހަރެން ވަރަށް އެކަން ބަލާހިތްވޭ އެބަ... މިކަމުގަ އަހަންނާއި އެކު އުޅެދެންވީނު" އުންމީދާއިއެކު އުސްމާން ޔޫސުފް އަށް ބަލާލިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން ޔޫސުފް ވެސް ބޯޖަހާލިއެވެ. ނަމަވެސް އެހުވަފެން ޔޫސުފް އަށް ވެސް ފެނުން ވާހަކައެއް ނުބުނެއެވެ.

ދެމީހުންވެސް ނިންމީ އުސްމާނަށް ފެނުނު ހުވަފެން ތައުބީރު ކުރުމަށް، އޮފީސް މަސައްކަތްތައް ނިންމާލާފައި މުދިންބެ ކައިރިއަށް ދިޔުމަށެވެ. މުދިންބެއަކީ ރުޤްޔާ ކުރުމުގެ ކަންތަކާއި މީހުންގެ މޫނަށް ބަލާފައި ކަންތައްތަކެއް ކިޔާދޭން އެނގުމުގެ ޢިލްމު ކޮންމެވެސް ވަރަކަށް ލިބިފައިވާ މީހެކެވެ. އެހެންކަމުން، އެވަގުތަށް އެވާހަކަތައް ދެއްކުން ހުއްޓާލާފައި ދެމީހުން ވެސް މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ގަޑިން ފަސް ގަޑި ބައި ވެއްޖެއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވުމުގެ ކުރިން މުދިންބެ އާއި ބައްދަލު ކުރަން ދިޔުމަށް ޔޫސުފް އާއި އުސްމާން އަވަސްވެގަތެވެ. ސައިކަލަށް އަރައިގެން އެގެއާއި ދިމާލަށް ދަނިކޮށް ޔޫސުފް އަށް ފެނުނީ، އޭގެ ކުރީ ރޭ ނަމާދަށް ދަނިކޮށް އޭނާއާއި ދިމާވި މޮޔަ އަންހެން ކުއްޖާއެވެ. އެކުއްޖާ ފެނުމުން ސައިކަލު މަޑުކޮށްލާފައި، އެއީ ކާކުތޯ އެއްސެވެ.

"އެއީ އޭ އަސްލަމް ރައްޓެހިވެގެން އުޅުން ކުއްޖާއަކީ. މަބުނީމެއްނު އެކުއްޖާ މިހާރު ހުންނަނީ ދުނިޔެއިން މޮޔަވެފައޭ. އެހެންވީމަ ވެސް އެބަ އިނގޭނު ބޮޑު ކަންތައްގަނޑެއް ވެގެންކަން މިއުޅެނީ" އުސްމާން އެހެން ބުނި ވަގުތު އެކުއްޖާ ބަލާލިއެވެ. އަދި މަރާލާނަމޭ ގޮވަމުން ޔޫސުފްމެންނާ ދިމާލަށް ދުއްވައިގަތެވެ. ބިރުން އަވަސް އަވަހަށް ސައިކަލު ސްޓާޓް ކޮށްފައި ޔޫސުފްމެން އެތަނުން ދިޔައެވެ. ފަހަތުން އެއިރުވެސް އެކުއްޖާ ކޮންމެވެސް އެއްޗެހިތަކެއްކީ އަޑު އިވުނެވެ.

މުދިންބެގެ ގެއާއި ހަމައަށް ދެވުންއިރު، މިސްކިތައް ދާން މުދިންބެ ވެސް ނިކުންނަނީ އެވެ. ވަގުތުކޮޅެއް ދެވި ދާނެތޯ އުސްމާން އެހުމުން އޭނާ ބުނީ، ޢިޝާ ނަމާދު ވަގުތު ނިމުމުން އަށެއް ޖަހާކަންހާއިރު އަލުން އައުމަށެވެ. އެހެން ބުނެފައި ޔޫސުފް އާއި ދިމާލަށް މުދިންބެ ބަލާލިއެވެ. އިރުކޮޅެއް ވަންދެން އެހެން ބަލަން ހުރެފައި ޔޫސުފް ކައިރިއަށް ގޮސް މުދިންބެ ބުންޏެވެ.

"ޔޫސުފް. އުސްމާން ގޮވައިގެން މިރޭ މިގެއަކަށް ނޫން އަންނާނީ އިނގޭ. މުދިންބެ ދާނަން ތިގެއަށް. އެގޮތް ރަނގަޅުވާނީ، އެކަމަކު އެއީ ކީއްވެތޯ އަދި ނާހާތި. އެންމެ ރަނގަޅުތަ ތިގެއަށް ދިޔަޔަސް؟" މުދިންބެގެ އެއެދުމުގެ ސަބަބުން ޔޫސުފް ވަރަށް ހައިރާން ވިއެވެ. އެހެން ނަމަވެސް އެކަމަށް އެއްބަސްވެސް ވިއެވެ.

މުދިންބެ ދިޔުމުން އުސްމާން ބުންޏެވެ. "މިރޭ ދެން އަލުން ދިމާވަންޏާ އަހަރެން މިވަގުތު ގެއަށް ނުދިއުން ކަންނޭނގެ ރަނގަޅު ވާނީ ދޯ. ހިނގާދާން އަހަރުމެން ވެސް މިސްކިތައް"

އެއީ ރަނގަޅު ޚިޔާލެއް ނަމަވެސް، ޔޫސުފް މިސްކިތައް ދާހިތެއް ނުވިއެވެ. ކީއްވެކަމެއް އޭނާއަކަށް ވެސް ނުވިސްނުނެވެ. އެހެންކަމުން އުސްމާން ގެންގޮސް މިސްކިތައްލާފަ، ފެން ވަރައިގެން އެބަ އަންނަމޭ ބުނެ ޔޫސުފް ދިޔައީ ގެއަށެވެ.

ގެއަށް ދެވުނުއިރު ކަމަނަ ގެއަކު ނެތެވެ. ޔޫސުފްގެ މަންމަ އާއި އައިދަން ޤުރްއާން ކިޔަވާ އަޑު ޔޫސުފް އަށް އިވުނެވެ. ކަމަނަ ދިޔައީ ކޮންތާކަށްބާއޭ، ނަމަވެސް ކަމަނަ އާއި އެސުވާލު ނުވެސް ކުރެވޭނެއޭ ހިތައް އަރާފައި ޔޫސުފް ވިސްނަން އޮތެވެ. އެހެން އޮއްވާ އަނެއްކާވެސް ޔޫސުފްއަށް ނިދިޖެހުނެވެ. ހުވަފެނުން މިފަހަރު ފެނުނީ އެރަށުގެ ސަހަރާއެވެ.

ސަހަރާގައި ވަރަށް ފަހުން މަރުވި މީހަކު ވަޅުލާފައި ބަޔަކު ދާތަން ފެނެއެވެ. އެންމެން އެތަނުން ދިޔުމުން، ކަޅުކުލައިގެ ބޮޑު ހެދުމެއް ލާފާ ހުރި ކޮންމެވެސް އެއްޗެއް ކުއްލިއަކަށް އެތަނަށް ދާތަން ވެސް ޔޫސުފް އަށް ފެނުނެވެ.

އެއެތީގެ ދެއަތް ބިންގަނޑު ތެރެއަށް ކޮށްޕާލާފައި، ވަޅުލި މައްޔިތާ ނެގިއެވެ. އަދި މައްޔިތާގެ ކަރުގައި ދަތްއަޅާ، ލޭބޯން ފެށިއެވެ. އެއީ ހުވަފެނެއް ނަމަވެސް ޔޫސުފް ބިރުގަންނަން ފެށިއެވެ. ލޭބޯން އިން އެއްޗަކީ އަންހެން އެއްޗެއްކަން ޔޫސުފްއަށް އެނގެން ފެށިއެވެ. މައްޔިތާގެ ގައިން ލޭބުއިމަށްފަހު އަލުން ވަޅުގަނޑު ތެރެއަށް ވައްޓާލުމުން، އެއެތީގެ ސޫރަ ޔޫސުފް އަށް ފެނުނެވެ.

ޔޫސުފް އަށް ފެނުނީ... އޭނާގެ އަންހެނުން ކަމަނައެވެ.

(ނުވަ ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ