އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަމަނަ (ނުވަ ވަނަ ބައި)

ކަމަނަ (ނުވަ ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 49 ސިކުންތު

މައްޔިތާގެ ގައިން ލޭބުއިމަށްފަހު އަލުން ވަޅުގަނޑު ތެރެއަށް ވައްޓާލުމުން، އެއެތީގެ ސޫރަ ޔޫސުފް އަށް ފެނުނެވެ.

ޔޫސުފް އަށް ފެނުނީ.... އޭނާގެ އަންހެނުން ކަމަނަ އެވެ.

ސިއްސައިގެން ގޮސް ޔޫސުފް އަށް ހޭލެވުނެވެ. ހޭލެވުނުއިރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. ފަހަކަށް އައިސް ޔޫސުފް އަށް ފެންނަ ހުވަފެންތަކުން އޭނާ ކަންބޮޑުވެއެވެ. އިންތިހާއަށް ބިރުވެސް ގަންނަން ފެށިއެވެ.

ޔޫސުފް ގެ ބޮލުތެރޭގައި އެއިރުވެސް ހިނގަމުން ދިޔައީ ހުވަފެނުން ފެނުނު އެތީގެ ސޫރަ އެވެ. ކަމަނަ ގެ ސޫރައެވެ. އެ ރަތްވެފައިވާ ދެލޮލާއި، ދިގުވެފައިވާ ދެ ދަތް ޔޫސުފްގެ ބޮލުތެރެއިން ފިލައިގެނެއް ނުދިޔައެވެ. ޔޫސުފް ބޭނުންވީ ކަމަނަ ހޯދާށެވެ. ހުވަފެނަކީ ހަގީގަތެއް ނޫން ކަމަށް ޤަބޫލުކޮށް، ކަމަނަ އަކީ އޭނަގެ ލޯބިވާ އަންހެނުންކަން ވެސްޤަބޫލުކޮށް އެއީ އިންސާނެއްކަމަށް ޔަގީން ކުރާށެވެ.

ގޭތެރޭގެ އެކި ތަންތަން ޔޫސުފް ހޯދަމުން ދިޔައެވެ. އެންމެފަހުން އޭނާގެ މަންމަ ގެ ކޮޓަރި ދޮރުމައްޗަށް އަރާފައި، ކަމަނަ ކޮބާތޯ މަންމަ ކައިރިން އެއްސެވެ. ޔޫސުފް ގެ މަންމަ އާއި އައިދަން އެއިރު ތިބީ އިޝާ ނަމާދު ކޮށް ނިމިގެން މުސައްލަތައް ފަތް ޖަހާށެވެ.

"ނޭނގެ މަންމަ އަކަށް. މަޣްރިބު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ކަމަނަ ބޭރަށް ގޮއްސި" ޔޫސުފް އާއި ދިމާލަށް ބަލާވެސް ނުލާ މަންމަ ޖަވާބު ދިނެވެ. މަންމަގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުތަނަސްކަން ފާޅުވާން ހުރިކަން ޔޫސުފް އަށް ފާހަގަ ކުރެވުނެވެ.

"ކިހިނެއްވީ މަންމާ؟" ހާސްވެފައި ކޮޓަރި ތެރެއަށް ވަންނަމުން ޔޫސުފް އެއްސެވެ.

"ކަމެއް ނުވޭ" ޔޫސުފް އާއި ދިމާލަށް ނުބަލާ އޭނާގެ މަންމަ ޖަވާބު ދިނެވެ. އެއިރު އައިދަން ހުރީ އޭނާގެ ބައްޕަ އާއި މާމަ އާއި ދެމީހުންގެ މޫނަށް ބަލާށެވެ.

"ބައްޕަ ނެތް އިރު ދައްތަ މާމަ އާއި ދިމާލަށް އެއްޗެހިކީ" ދަރިފުޅުގެ އަނގައިން އެއިވުނު ބަސްތަކުން ޔޫސުފް ވަރަށް ބޮޑަށް ހައިރާންވިއެވެ.

"މާމަ ބުނީމެއްނު އެހެން ނުބުނާނޭ" އައިދަން ހުއްޓުވަން ޔޫސުފް ގެ މަންމަ އެހެން ބުނި ނަމަވެސް ޔޫސުފް ބޭނުންވީ އެކަން އިތުރަށް އޮޅުން ފިލުވާށެވެ. ކަމަނަ އެހެން ހަދާފާނެ ކަމަށް ޤަބޫލު ނުކުރެވުން ނަމަވެސް އައިދަން އާއި ޚުދު އޭނާގެ މަންމަ ވެސް ދޮގެއް ނުހަދާނެކަން ޔޫސުފް އަށް އެނގުނެވެ.

"ނޫން މަންމާ. މަށަށް ކިޔައިދީ ވެގެން އުޅޭ ހުރިހާ ކަމެއް. އެއިރުން ކަމެއް ރަނގަޅު ކުރެވޭނީ ވެސް" ޔޫސުފް އޭނާގެ މަންމަ ކައިރީގައި އިށީންނަމުން އެހެން ބުނިއިރު، އެދެމައިންނަށް ނޭނގުނު ނަމަވެސް ކަމަނަ ހުރީ އެމީހުން ދައްކާ ވާހަކަ ކަނުލާ އަޑުއަހާށެވެ.

"ވަރަށް ތަފާތު ކުއްޖެއް އެއީ ދަރިފުޅާ. ބައެއް ފަހަރު ހީވޭ މަންމަ ދެކެ ކަމަނަ ވަރަށް ރުޅި އަންނަހެން ވެސް. ކޮންމެ ދުވަހަކުވެސް އިރުއޮއްސޭ ވަގުތު އާއި ދަންވަރު ގަޑީގައި އޭނަ ބޭރަށް ދާތަން ފެނޭ. ކުރީ ރޭ ދަންވަރު ކޮޓަރިން ނިކުތް އިރު މަންމައަށް ފެނިގެން ކޮންތާކަށް ދަނީތޯ އެހީމަ ބުނީ ނުބެހޭ ކަންތަކާއި ނުބެހި ހުންނާށޯ. މަންމަ އާއި ދިމާލަށް އެހެން ބުނީމަ ވަރަށް ހައިރާންވި. ދެން ދުވާލު ގަޑީގަ ވެސް މަންމަ އަށް އެއްވެސް ކަމެއް ނުކޮށްދޭ. އައިދަންއަށް ރަނގަޅު. މަންމަ އަށް ސައިތައްޓެއް ހަދާ ދީފާނަންތޯ އެހީމަ ވެސް ބުނީ އަމިއްލަ ދެއަތުން ސައި ހަދައިގެން ބުއީމަވީ ނޫންހޭ" އެހިސާބަށް ބުނިއިރު ޔޫސުފް ގެ މަންމަ އިނީ ފެންކަޅިވެފައެވެ. މަންމަ ދެއްކި ހުރިހާ ވާހަަކައެއް އަޑު އަހަން ހައިރާން ކަމާއިއެކީ ޔޫސުފް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އޭނާގެ މައިމީހާއާއި މެދު އެފަދައިން ކަންތައް ކުރުމުން ޔޫސުފް ރުޅިވެސް އައެވެ.

"ދެން މިއަދު... މިއަދުވެސް އިރުއޮއްސެން ކައިރިވީއިރު ބޭރަށް ދާން އުޅުނީމަ މަންމަ ބުނީ އައިދަން އާއި މަންމަ އާއިއެކު ނަމާދަށް އަންނަންވީ ނޫންހޭ. ތިހެން ކޮންމެ ރެއާއި ދުވާލު ބޭރަށް ދިޔުން ރަނގަޅެއް ނުވާނެއޭ. ބުނީމަވެސް މަންމައާއި ދިމާލަށް ބުނީ ތިމަންނަ މިގެއަށް އައީ ތިމަންނަ ދާތަނެއް ނޭހުމަށާއި ނުހުއްޓުވުމަށް ޔޫސުފް ކައިރީ ޝަރުތު ކޮށްފަޔޯ. އެހެންވީމަ ތިމަންނަގެ ފިރިމީހާ ނުބެހޭ ކަންތަކާ މަންމަ ވެސް ނުބެހޭށޯ. އެހެން ބުނިތަނުން ނަފާ ގެ ފޯނެއް އައީ އައިދަން އަށް. އައިދަން އަތަށް ފޯނު ދޭން އުޅުނީމަ ފޯނު އަތުލާފަ ނަފާއާއި ދިމާލަށް ބުނި ތިމަންނައޭ މިހާރު އައިދަން ގެ މަންމަ އަކީ ދެން ނުގުޅައްޗޭ. ކިޔާފަ މަންމަ ގެ ފޯނުވެސް ބިމަށް ޖަހާ ހަލާކު ކޮށްލީ. އެމަންޒަރު އައިދަން އަށް ފެނުން. ކަމަނަ ނިކުމެގެން ދިޔައީ އެވަގުތު" އެވަރަށް ބުނެވުނު އިރު ޔޫސުފް ގެ މަންމައަށް ހަމަ ރަނގަޅަށް ވެސް ރޮވުނެވެ.

"ނަފާ ގުޅިއްޔޭ؟ މިއަދު؟" އެހުރިހާ ވާހަކައަކުން ވެސް ޔޫސުފް އެންމެ އަޅައިގަތީ ނަފާ ގުޅި ވާހަކަ ބުނުމުންނެވެ. އައިދަން އާއި ޔޫސުފް ދޫކޮށްލާފައި ނަފާ ދިޔަފަހުން ފަސް އަހަރު ވީއިރު، އެންމެ ފަހަރަކު ވެސް އައިދަން ގެ ހާލު ބަލާލަން އޭނާގެ މަންމަ ގުޅާފައެއް ނުވެއެވެ. އެއީ ކުރިން ޔޫސުފް ވަރަށް ހިތާމަކުރި ކަމެކެވެ.

"އާނ ކަލޭގެ ކުރީގެ އަނބިމީހާ މިއަދު ގުޅީ. ކަލޭގެ މަންމަ އުޅުނީ އައިދަން އަތަށް ފޯނުދީ ކަލޭގެ މާޒީ އާއި އަނެއްކާވެސް ގުޅުވަން" ކެތްތެރިކަން ކޮޅުން ލައިގެން، ވަރަށް ރުޅިގަދަ ވެގެން ހުރެ ކަމަނަ އެކޮޓަރީ ތެރެއަށް ވަނެވެ. ޔޫސުފް ކުރި ސުވާލަށް ފުރިހަމަ ޖަވާބެއް ވެސް ނުލިބެނީހެންނެވެ.

"ކަމަނަ ކިހިނެއް ވެގެންތަ ތިއުޅެނީ؟ ކޮންފާޑަކަށް ތިވާހަކަ ދައްކަނީ؟" ކަމަނަގެ އެއުޅުން ފެނިފައި ވަރަށް ބޮޑަށް ރުޅިއައިސްގެން ޔޫސުފް އިންތަނުން ތެދުވެ ކަމަނަ ކައިރިއަށް ދިޔައެވެ. އެއިރު ޔޫސުފްގެ މަންމަ ވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ބޮޑު އަރާރުމެއް އެވަގުތު ހިނގަން އުޅޭކަން އެނގޭތީ، އެތަނުން ދިޔުމަށް އައިދަން ގާތު ބުނުމަށްފަހު ޔޫސުފްގެ މަންމަ ބުންޏެވެ.

"ބުނަން ވާހަކައެއް ކަމަނަ. އަހަރެން ނޫޅެން ޔޫސުފް އާއި އޭނަގެ މާޒީ ގުޅުވާކަށް. ފޯނު ކުރީ ޔޫސުފްގެ ދަރިފުޅުގެ މަންމަ. ފަސް އަހަރު ފަހުން އެގުޅީ. ޔޫސުފް ހޯދާކަށް ނޫން ގުޅީ، އޭނަގެ ދަރިފުޅާ ވާހަކަ ދައްކަން ގުޅީ. ކޮންމެ ގޮތަކަށް ކަންތައް ކޮށްފަ ހުރިކަމުގައި ވިޔަސް، އައިދަން އާއި ބައްދަލުކުރުމާއި ވާހަކަ ދެއްކުމަކީ އޭނަގެ ޙައްޤެއް. އެކަކަށް ވެސް އެއަތެއް ނުލެވޭނެ. ނަފާ ގުޅާފަ ޔޫސުފް ކޮބާހޭ ޔޫސުފް އާ ވާހަކަ ދައްކުވާ ދޭށޭ ބުނިނަމަ އަހަރެން ބުނާނަން ޔޫސުފް އާއި ވާހަކަ ދައްކަން ނުއުޅޭށޭ" ވަރަށް ތަފްސީލުކޮށް ޔޫސުފްގެ މަންމަ ކިޔާދިނެވެ.

"ކޮޓަރިއަށް ހިނގާ ކަމަނަ. އެބަ ޖެހޭ ވާހަކައެއް ދައްކަން" މަންމާއާއި މެދު ކަންތައް ކުރަމުން ދިޔަ ގޮތްތަކުން ޔޫސުފް ވަރަށް ހިތްހަމަ ނުޖެހިގެން ހުރެ ކަމަނަގެ އަތުގައި ހިފާ އެކޮޓަރިން ނިކުތެވެ.

އެކަމަކު ޔޫސުފް އާއި ކަމަނަ އަށް ނިކުމެވުނީ މުދިންބެ އާއި އުސްމާނުގެ ކުރިމައްޗަށެވެ. އެރޭ އަށެއް ޖަހާއިރު އެމީހުން އެގެއަށް ދާން ބުނެފައިވާކަން ޔޫސުފް ހަނދާންވީ އެވަގުތުއެވެ.

އެމީހުން ފެނިފައި ކަމަނަ ގެ މޫނު މައްޗަށްވީ ގޮތް ޔޫސުފް އަށް ފެނުނެވެ. ފާޑަކަށް ބިރުގަނެ، ރުޅިވެސް އައިސްފައި ހުރި ގޮތަކަށް އަވަސް އަވަހަށް ގޭތެރެއަށް ވެދެގެން ކޮޓަރިއަށް ދިޔައެވެ. އެމަންޒަރު ފެނިފައިވާ ޔޫސުފް ވަރަށް ހައިރާންވިއެވެ. އެހުރިހާ ކަމެއް ބަލަން މުދިންބެ ހުއްޓެވެ.

"އެއީ ކާކުތަ؟" އުސްމާން އަހާލިއެވެ.

ޔޫސުފް ކައިވެންޏެއް ކޮށްގެން އުޅޭ ޚަބަރު އެއިރު ހުރީ އެކަކު ކައިރީވެސް ނުބުނެވިއެވެ. ރަނގަޅު ވަގުތެއް ނުލިބިގެންނެވެ.

"އެއީ އަހަރެންގެ އަންހެނުން.. ކަމަނަ"

"އަންހެނުންނޭ؟ ކޮން އިރަކު ޔޫސުފް މީހަކާ އިނީ؟" ބޭރު ޖޯލީގައި އިށީންނަމުން ވަރަށް ހައިރާންވެ ހުރެ އުސްމާން އެެއްސެވެ.

"އަނެއްހެން އަދި ނުވޭ މާގިނަ ދުވަހެއް" ވަމުން ދިޔަ ކަންތައްގަނޑުން ޔޫސުފް އިނީ ބޮލުގައި ވެސް ރިއްސާފައެވެ.

"ކުއްލިއަކަށް ކުރެވުނު ކައިވެންޏެއްދޯ؟" މުދިންބެ އެހެން އަހާލުމުން ޔޫސުފް ހައިރާންވިއެވެ. މުދިންބެއަށް އެކަން އެނގުނީ ކިހިނެއްބާއޭ ހިތައް އެރިއެވެ. ނަމަވެސް އާނ އެކޭ ބުނުމުގެ ގޮތުން ޔޫސުފް ބޯޖަހާލިއެވެ.

"ޔޫސުފް އަށް އޭނަ ރަނގަޅަށް އެނގޭތަ؟ އެއީ ކޮން ރަށެއްގެ ކާކު ކަމާ، މައިންބަފައިންނަކީ ކޮބާކަން؟" އަސްލަމް މަރުވި ގޮތުގެ ވަހަަކަ މަޝްވަރާ ކުރަން އައިސް، ޔޫސުފްގެ އަންހެނުންގެ ވާހަކަ ފެށުމުން ޔޫސުފް އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

"އެންމެ ރަނގަޅު. ތިކައިވެނި ކުރީ ކިހިނެއް؟ ގާޒީއެއް މެދުވެރި ނުކުރަންތަ؟ ކައިވެނި ރެޖިސްޓްރީ ނުކުރަންތަ؟"

"ކުއްލިގޮތަކަށް ކައިވެނި ކުރީ. ހުރިހާ ކަމެއް ހަމަ ޖައްސާދިނީ ކަމަނަ ގެ ބޮޑުބޭބެ. ގާޒީއެއް ވެސް ހެކިވެރިން ވެސްގެންގޮއްސަ ހުރީ ބޮޑުބޭބެ. ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި ނުލިބޭ. ހޯދަން ވެސް ނުއުޅެވޭ އަދި ކަންތައްތައް ޖެހޭތީ" ބޯހާސްވެފައި އިނދެ ޔޫސުފް ބުންޏެވެ.

"ތި ލިޔެ ކިޔުންތަކެއް ނުވެސް ލިބޭނެ ޔޫސުފް. ލިޔެކިޔުމެއް ލިބޭނީ އެއްވެސް ކަމެއް ހަގީގަތާއި އެއްގޮތަށް ދިޔަނަމަތާ."

"ކީއްވެ ތިހެން ތިބުނީ؟"

"ވެގެން މިއުޅޭ ކަންތައްގަނޑާއި ޔޫސުފް އާއި ހުރީ ވަރަށް ގުޅިފަ. އެކަން އަހަންނަށް ޝައްކުވި ޔޫސުފް ފެނުމުން ވެސް. އެހެންވެ މިގެއަށް މިއައީ. އަންހެނުން ފެނުނީމަ ޔަގީންވެސް ވެއްޖެ. އެއީ ކާކުކަން ވެސް ހާމަ ވެއްޖެ"

މުދިންބެއަށް އެހެން ބުނެވުނު ތަނާހެން ކުއްލިއަކަށް ވަރަށް ބާރަށް އައިދަން ހަޅޭލަވާގަތް އަޑު އިވުނެވެ. ޔޫސުފް އާއި އުސްމާން އަދި މުދިންބެ އަވަސް އަވަހަށް އަޑު އަންނަ ދިމާލަށް ދުއްވައިގަތެވެ. ފަހަތުން ޔޫސުފްގެ މަންމަ ވެސް ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަޑު އައީ ޔޫސުފް ގެ ކޮޓަރިއާއި ދިމާލުންނެވެ. ވަތް އިރު އައިދަން އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. ނިތްކުރި ފަޅައިގެން ގޮސްގެން ލޭ ފޭބިއިރު އައިދަން ވަނީ ހަބަރު ހުސްވެފައެވެ. ލަސްނުކޮށް ޔޫސުފް، އައިދަން ނަގައިގެން ސައިކަލުގަ ހޮސްޕިޓަލާއި ދިމާލަށް ދުއްވާލިއެވެ. ކަމަނަ ހުރިތޯ ނެތްތޯ ބަލާކަށްވެސް ޔޫސުފް ހަނދާނެއް ނުވިއެވެ. ޔޫސުފްގެ ފަހަތުން ކާރަކަށް އަރައިގެން އޭނާގެ މަންމަ އާއި އުސްމާން އަދި މުދިންބެ ވެސް ހޮސްޕިޓަލަށް ދިޔައެވެ.

ހޮސްޕިޓަލަށް ގޮސް އައިދަން އަށް ފަރުވާ ދޭން ފެށިއެވެ. ބޭސް އަޅާ ކޮޓަރިއަށް އައިދަން އާއިއެކު ވަނީ ޔޫސުފް އެކަންޏެވެ. އައިދަންގެ ނިތްކުރިން ފަޅައިގެން ގޮސްފައި ހުރިތަން ފެހި މަންޒަރު ޔޫސުފް ބަލަން ހުރީ ނުހަނު ފުން އަސަރާއި ހާސްކަމާއިއެކުއެވެ. ހަދަން ޖެހޭ ހުރިހާ ޓެސްޓުތަކެއް ހެދުމަށްފަހު ނިތްކުރީގައި ބޭސް އަޅާ، އައިވީ އެއް ގުޅުމަށްފަހު ޑޮކްޓަރު ދެންނެވީ އައިދަންގެ ހާލު ސްޓޭބަލް ކަމަށާއި އިރުކޮޅަކުން ހޭއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އައިދަން ވޯޑަށް ބަދަލު ކުރުމަށް ވެސް ނަރުހުން ގާތު ބުންޏެވެ.

ޚަބަރު ހުސްވެފައި އޮންނަތާ ތިން ގަޑިއިރު ފަހުން މަޑުމަޑުން އައިދަން ދެލޯ ހުޅުވިއެވެ. އަދި ބައްޕާ އޭ ބުނެ ޔޫސުފް އަށް ގޮވާލިއެވެ.

އެއީ މުޅި އެދުވަހުވެސް ޔޫސުފް އަށް އުފާވެރިކަމެއް ލިބުނު ހަމައެކަނި ވަގުތު ކޮޅެވެ. އުފަލުން ގޮސް އައިދަން ގައިގާ ބައްދާލުމުން، ޔޫސުފް ގެ ކަންފަތް ދަށުގައި އޭނާގެ ދަރިފުޅު ބުންޏެވެ.

"ބައްޕާ. ދައްތަ ހުރީ ޑްރެކިއުލާ އަކަށް ވެފަ، ދެ ލޯ ވެސް ރަތް ވެފަ.އަލަމާރި މަތިން ދައްތަ އައިދަން ކޮއްޕާ ވައްޓާލީ!"

(ދެން އޮތީ 10 ވަނަ ބައި)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ