ޖުމްހޫރީ ޕާޓީގެ އާ ދިދައާއި ލޯގޯ އިފްތިތާހު ކޮށްފި
ޖުމްހޫރީ ޕާޓީގެ އާ ދިދައާއި ލޯގޯ އިފްތިތާހު ކޮށްފި
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ދިދައާއި ލޯގޯ އިފްތިތާހު ކޮށްފިއެވެ.
ޖޭޕީގެ އާ ދިދައާއި ލޯގޯ އިފްތިތާހު ކޮށްފައިވަނީ މިއަދު މެންދުރުފަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވުނު އެޕާޓީގެ ތިންވަނަ ޤައުމީ ޖަލްސާގައެވެ.
މިއަދު ބޭއްވުނު މިޖަލްސާގައި 400 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، އެޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިހު (އިބޫ) ގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންފައިވާއިރު، އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ކޮމިޓީގެ ވެރިޔާ ސިދާތާ ޝަރީފާއި ޕީޕީއެމްގެ ކުރީގެ ރައީސް އައިމިނަތު ނާދިރާގެ އިތުރން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖޭޕީގެ ކޮންގްރެސް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ، ފާއިތުވީ ފަސް އަހަރުގެ ރިޕޯޓު އިއްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަމީރު ވިދާޅުވެފައިވަނީ ޖެޕީގެ ޙަޔާތުގައި ނިމިގެން ދިޔަ އަހަރެއްހާ ދުވަހަކީ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ ދުވަސްތަކެއް ކަމަށާއި އެޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރުން އިލެކްޝަންސް ކޮމިޝަނުން ހުއްޓުވުމަކީ ޖުމްހޫރީ ޕާޓީގެ ކުރިއެރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
މީގެއިތުރުން ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުން ބަދަހި ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން އެދޭފަދަ ކެންޑިޑޭޓަކު ޕާޓީތަކުން ނެރޭނެ ކަމަށެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
މަރިޔަމް ވަހީދާ
22 ޖޫން 2018