އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތަކެތީގެ އަގު ބޮޑުވެފައިވަނީ ދަތުރުފަތުރުގެ ދަތިކަމުން

ރޯދައަށް ތަކެތީގެ އަގު ބޮޑުވެފައިވަނީ ދަތުރުފަތުރުގެ ދަތިކަމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 42 ސިކުންތު

ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ފުރަތަމަ ދިހައެއް ނިމިފައިވާއިރު، ގިނަ މީހުން ކަންބޮޑުވުން ފާޅު ކުރި އެއް ކަމަކީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެފައިވާ ކަމެވެ.

ރަމަޟާން މަސް ފެށުމުގެ ކުރިން 35 ރުފިޔާ އަށް 100ގ. ގިތެޔޮ މިރުސް ލިބިފައިވާއިރު، ރަމަޟާން މަހު އެމިރުސްތައް ވިއްކަނީ 40 އަށް ނުވަތަ 60 އަށެވެ. ގިތެޔޮ މިރުހަކީ އާއްމުކޮށް ރަމަޟާން މަހު ގަންނަ ގިނަ އެއްޗެހީގެ ތެރެއިން ހިމެނޭ އެކައްޗެވެ. އަދި ރާއްޖެއިން ބޭރުން ގެނެސްފައި ހުންނަ އަނބުތަކުގެ ތެރެއިން އެއް އަނބު މިހާރު 60 ރުފިޔާއަށް ދޭއިރު، ހަމަ އެއަނބުތައް ރަމަޟާން މަސް ފެށުމުގެ ކުރިން 30 ރުފިޔާއަށް ވިއްކި ކަމަށް މާރުކޭޓުގެ ގޮޅިތައް ހިންގާ ބައެއް މީހުން ބުނެފައިވެއެވެ.



މިފަދަ ބޮޑު ބަދަލެއް ކާބޯތަކެތީގެ އަގަށް މިއަހަރު އައި އިރު، މިއީ ކީއްވެ އައި ބަދަލެއްތޯ ވެސް ބަލާލުން މުހިންމެވެ. އެގޮތުން މާރުކޭޓު ގޮޅިއެއް ހިންގާ މީހަކު މިކަމާއި ބެހޭ ގޮތުން މަޢުލޫމާތު ދެމުން ބުނީ ތަކެތީގެ އަގަށް މިހާ ބޮޑު ބަދަލެއް މިފަހަރު މިއައީ ދަތުރުފަތުރު ކުރުމުގެ ދަތިކަމުން ކަމަށެވެ.

"ޓްރާންސްޕޯޓަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ. ކަނޑޫދޫ މިރުސް ހަމައެކަނި ގިތެޔޮ މިރުހުގެ މިރުހަކަށް މިހައްދަނީ، ދެން ވާގޮތަކީ ކަނޑޫދޫ މިރުސް ކަނޑޫދޫއިން ތާޒާކޮށް މިކޮޅަށް (މާލޭ މާރުކޭޓަށް) ގެންނަންޏާ އެބަ ޖެހޭ ސީދާ ޑައިރެކްޓްކޮށް މާލެ އަށް ދަތުރުކުރާ އެއްޗަކުން ގެންނަން. ސީދާ ޑައިރެކްޓްކޮށް މާލެއަށް ދަތުރުކުރާ އުޅަނދެއް ނޯވޭ ކަނޑޫދޫއިން. ދެން އެހެންވީމަ ތާޒާކޮށް ގެންނަން ވެއްޖިއްޔާ މިޖެހެނީ 4000 ރުފިޔާއަށް ލޯންޗެއް ކުއްޔަށް ހިފައިގެން މާލެ ތިމަރަފުށީ އެއާޕޯޓަށް ގެންނަން. ދެން ތިމަރަފުށި އެއާޕޯޓުން ކާގޯއިން ބޭރުކޮށްގެން މާލެއަށް މިގެންނަނީ. އެހެންވެ މިހާ އަގުބޮޑު ވެގެން މިއުޅެނީ.''



އޭނާ މަޢުލޫމާތު ދިން ގޮތުގައި ކޮންމެ ރޯދަ މަހެއްގައި ތަކެތީގެ އަގު ބޮޑެއް ނުވެއެވެ. އަދި މިއަހަރުވެސް ބައެއް ތަކެތީގެ އަގު ބޮޑު ނޫންކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ދިވެހި ބަށިފަދަ އަދި ކިއުކަންބާ ފަދަ ތަކެތި ކުރިން ވެސް ހުރީ 40 ރުފިޔާ އަށް 35 ރުފިޔާއަށް ކިލޯއެއް ކަމަށާއި މިހާރުވެސް ހުރީ ހަމައެއަގަށްކަން އޭނާ ފާހަގަ ކޮށްފައިވެއެވެ.

ރަމަޟާންމަހު ރޯދަ ވީއްލަން އާއްމުކޮށް ގިނަ ގޭގޭގައި ހުންނަނީ ކަރާގެ އިތުރުން އަނބެވެ. ދިވެހި އަނބު މާރުކޭޓުން މިދުވަސްކޮޅު އެހާ ފެންނަން ނެތް ކަމުގައި ވިޔަސް، ބޭރު އަނބު ހުއްޓެވެ. އަގަށް ބަލާލާއިރު، އެއްގޮޅިން ބުނީ އަނބު ފޮއްޓެއް 75 ރުފިޔާ އަށް ކަމަށެވެ. އޭގައި އިނީ ހަތަރު އަނބެވެ.

ދެން އެހެން ގޮޅިއެއްގައި ތަކެތީގެ އަގުތަކަކަށް ބަލާލާއިރު ކަރާ ކިލޯއެއް ހުރީ 20 ރުފިޔާއަށް، އަނބު ކިލޯއެއް 55 ރުފިޔާއަށް، އަދި އަލަނާސި ކިލޯއެއް ވެސް 55 ރުފިޔާއަށެވެ. އެގޮޅިން ބުނި ގޮތުގައި ރޯދައަށް އެގޮޅީގެ ތަކެތީގެ އަގު ބޮޑެއް ނުވެއެވެ.



ލޯކަލް މާރުކޭޓުގައި، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ރަމަޟާން މަހުވެސް މީހުން ތިބީ ތޮއްޖެހިފައެވެ. ކަރައެއް ގަންނަން ދިޔަ މީހަކަށް ކުޑަ ކަރައެއް 15 ރުފިޔާއަށް ވިއްކުމުން، އެމީހާގެ ގޮޅީގައި ތަކެތީގެ އަގު ހުރި ނެތް ގޮތް ބަލާލީމެވެ. އެގޮތުން އޭނާ ބުނީ ރޯދައަށް އަގު ބަދަލުވެފައި ހުރީ ފަތާއި، ކިއުކަންބާ އާއި މިރުހުގެ ކަމަށެވެ.

"އަގުތަކަށް ބަދަލު ގެނެސް ބޮޑު ކުރަން ޖެހުނީ މޫސުމަށް އައި ބަދަލާއި ގުޅިގެން، އެއެއްޗެހި މިކޮޅަށް ގެންނަން ކުރި ދަތުރުގެ ދަތިކަމުން. ކުރިން ކިއުކަންބާ ވިއްކީ 20 އަށް 25 އަށް. އެކަމަކު މިހާރު 30 އަށް ވުރެ ދަށަކަށް ނުދާނެ. ހުންނާނީ 35 އަކަށް ނުވަތަ 40 އަށް" އޭނާ ބުންޏެވެ.

ލޯކަލް މާރުކޭޓުގައި ފޭރުކިލޯއެއް 55 ރުފިޔާއަށް އަދި އަނބު ކިލޯއެއް 65 ރުފިޔާއަށް ވެސް ވިއްކާފައިވެއެވެ. ރޯދައިގެ ކުރިން އެތަކެތީގެ އަގު ހުރީ ފޭރު ކިލޯއެއް 40 ރުފިޔާއެއް އަދި އަނބު ކިލޯއެއް 55 ރުފިޔާއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މޫސުމަށް އައި ބަދަލުގެ ސަބަބުން އަގަށް ބަދަލެއް އައީ ހަމައެކަނި މޭވާއާއި ތަރުކާރީ އެކަންޏެއް ނޫނެވެ. މަސް މާރުކޭޓުގައި މިރަމަޟާން މަސް ފެށުމުގެ ކުރިން ގޮދާ ކިލޯއެއް 80 ރުފިޔާއަށް ވިއްކާފައިވާ އިރު މިހާރު ގޮދާ ކިލޯއެއް ހުރީ 40 ރުފިޔާއަށް 50 ރުފިޔާ އަށެވެ. ނަމަވެސް މަހުގެ އަގު ހެޔޮވީ ރަމަޟާން މަހަކަށް ނޫނެވެ. ރަމަޟާން މަސް ފެށިގެން ފުރަތަމަ ނުވަ ދުވަހުވެސް ގޮދާ ކިލޯއެއްގެ އަގު ހުރީ 80 ރުފިޔާ އަށެވެ. އަގު ހެޔޮ ކޮށްފައިވަނީ ރަމަޟާން މަހުގެ 10 ވަނަ ދުވަހުއެވެ. ކަނޑުމަސް ކިލޯއެއް ވެސް ވިއްކަނީ 40 ރުފިޔާއަށް 50 ރުފިޔާ އަށެވެ.

މާނިޔަ މަސް ކިލޯއެއް މާރުކޭޓުގައި ހުރީ 150 އަށް 160 އަށް ކިލޯ އެކެވެ. ރިންމަހުގެ އަގަށް ބަލާއިރު 20 ރުފިޔާ އަށް ހަ މަސް ވިއްކާފައިވެއެވެ. އަދި ޅިޔަ ޖަހާފައި ހުރި ރިންމަސް 15 ރުފިޔާއަށް ދެމަސް ވެސް ވިއްކާފައިވެއެވެ. މުށިމަހުގެ އަގަށް ބަލާއިރު 20 ރުފިޔާ އަށް ހަތަރުމަސް ނުވަތަ ތިން މަސް ވިއްކާފައިވެއެވެ. އަދި ރެހި ދަޅެއް 25 ރުފިޔާއަށް ވިއްކާފައިވެއެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ