ޅ. ހިންނަވަރު އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ ސެމީ ފައިނަލު މެޗުތައް މިރޭ ކުޅޭނެއެވެ.
މިރޭގެ ފުރަތަމަ މެޗުގައި މިރޭ 21:30ގައި ބައްދަލުކުރާނީ ލަންޑަން އެފްސީ އާއި އެފްސީ ފްރެންޑްސް އެވެ. ސެމީގެ ދެވަނަ މެޗުގައި މިރޭ 22:30ގައި ބައްދަލުކުރާނީ ސްކޯޕިއަން ރިޓަރންސް އާއި އެފްސީ ބޮމްބާރޑްއެވެ.
މުބާރާތުގެ ޤަވާޢިދު ބުނާ ގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުމުން ކުޅުންތެރިން ގަތުމަށް ޓްރާންސްފަރ ޕީރިއަޑެއްދޭން ޖެހޭ އިރު، ރޭ 23:00 އާއި ހަމައަށް އެ ވަގުތު ވަނީ ހަމަވެފައެވެ. ޓްރާންސްފަރއަށް ހުޅުވާލި ވަގުތުގައި 3 ކުޅުންތެރިއަކު ވަނީ އެހެން ޓީމުތަކަށް ބަދަލުވެފައެވެ.
އެގޮތުން ރިވަރސައިޑުގައި މޮޅު ކުޅުމެއް ދައްކާފައިވާ 2 ކުޅުންތެރިން ކަމަށްވާ މުޙައްމަދު މަޢުރޫފާއި އަޙްމަދު އަނީޒް ވަނީ އެފްސީ ފްރެންޑްސްއަށް ބަދަލުވެފައެވެ. އަދި ސްކޯޕިއަން ރިޓަރންސްއަށް ގެނެސްފައިވަނީ މި މުބާރާތުގައި އަދިމިހާތަނަށް ފެނުފައިނުވާ އެހެންނަމަވެސް ހިންނަވަރުގެ ޒުވާން ހުނަރުވެރި ކުޅުންތެރިއެއް ކަމަށްވާ އަމާނީ ޢަބްދުﷲ ޙަސަންއެވެ.