އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (އަށްވަނަ ބައި)

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (އަށްވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 11 ސިކުންތު

ފުލުހުންގެ ބެލުމުގެ ދަށަށް ބޭބެ ގެންދިޔުމުން ދެން ކަންތައް ކުރަންވީ ގޮތަކާއި މެދު އަހަރެން ފިކުރު ބޮޑުވިއެވެ. އެއްކޮޅުން ބައްޕަގެ ބަލި ޙާލަތެވެ. އަނެއްކޮޅުން ބޭބެ ހައްޔަރު ކޮށްފައި ވުމެވެ. ދައްތަ ސަލާމަތް ކުރަން ދެން ކަންތައް ކުރާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ. ތައްޚާންބެ ދިރިއުޅޭ ތަނެއް ވެސް ހަމައެކަނި އެނގެނީ ބޭބެއަށެވެ.

ފިކުރުތައް އަހަރެންގެ ބޮލު ތެރޭގައި އެނބުރެމުން ދިޔަ ނަަމަވެސް އަހަރެން ބެލީ ފުރަތަމަ މަންމަ މަސަލަސް ކުރެވޭތޯއެވެ. ކޮންމެ ގޮތެއް ވިޔަސް، އެނުބައި ޖިންނި ކުއްޖާ ކިބައިން ސަލާމަތްވެ ރައްކާތެރިކަން ހޯދަން އަހަރެން ގަސްދު ކުރީމެވެ. އެކަމުގައި އެކަނިމާއެކަނި މަސައްކަތް ކުރަން ޖެހުން ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ.

އަހަރެންގެ މަސައްކަތަށް ފެށީމެވެ. ފުރަތަމަ އަހަރެން ނިންމީ، ބޭބެ ސަލާމަތް ކުރެވޭނެ ގޮތެއް ވޭތޯ ބެލުމެވެ. މަންމަ އާއި އެރޭ އެދަތުރު ދިޔަ އެންމެންގެ އިތުރުން އަހަރެން ވެސް ބަޔާން ނަަގަން އެދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އެންގިއެވެ. ކޮންމެ މީހަކުވެސް ބަޔާން ދިނީ ތެދުތެދަށެވެ. އެރޭ ކުއްލިއަކަށް ބައްޕަ ގެއްލުނު ކަމާއި، ފަހުން ބައްޕަ ފެނުނީ އަހަންނަށާއި ބޭބެއަށް ކަމަށެވެ. އަދި ފެނުން އިރުވެސް ބައްޕަގެ ވާއަތް ބުރިކޮށްލާފައިވާ ކަމަށާއި ނަމަވެސް ބޭބެ އެކަހަލަ ކަމެއް ނުކުރާނެކަން އެންމެންނަށް ވެސް ޔަޤީންވާ ކަމަށް ބުންޏެވެ.

އެންމެންގެ ބަޔާން ނެގުމަށްފަހު ދެން އޮތީ އަހަރެންގެ ބަޔާން ނެގުމެވެ. އަހަރެން ހުރީ ވަރަށް ހާސް ވެފައެވެ. ނަމަވެސް އަހަރެން ނިންމީ، އެރޭ ކަންތައްވީ ގޮތް ތެދުތެދަށް ކިޔާދޭށެވެ. ބައްޕަ އެރޭ އެކަނިމާ އެކަނި ވަލުތެރެއަށް ވަންނަން ދިޔަތަން އަހަންނަށާއި ބޭބެއަށް ފެނިގެން ބައްޕަ ހޯދަން އެހެން މީހުންނާއި އެކު ދިޔަވާހަކަ އަހަރެން ބުނީމެވެ. ނަމަވެސް ފަހުން ބައްޕަ އަހަރުމެންނަށް ގެއްލުމުން، ބައިބަޔަށް ބަހާލައިގެން ބައްޕަ ހޯދަން ދިޔައީ ކަމަށް ވެސް އަހަރެން ބުނީމެވެ. އަހަރުމެންނަށް ބައްޕަ ފެނުންއިރު ކަނާތުގައި ކަތިވަޅި އޮތް ކަމަށާއި، އަހަރުމެންނަށް ބައްޕައާއި ހަމަޔަށް ދެވުމުގެ ކުރިން ވާއަތުގައި ޖަހާ އަމިއްލައަށް އަތް ބުރިކޮށްލި މަންޒަރު އަހަންނަށް ފެނުން ކަމަށް އަހަރެން ބުނީމެވެ. އަދި ކަތިވަޅީގައި ބޭބެ އަތްލިތަން އަހަންނަށް ފެނިފައިނުވާ ކަމަށާއި އެކަތިވަޅީގައި ބޭބެގެ އިނގިލީގެ ނިޝާން ޖެހުނަސް ޖެހޭނީ ބައްޕަ އަތުން އޭތި އަތުލާފައި އެއްލާލަން އުޅުމުގެ ތެރޭގައި ކަމަށް ވެސް އަހަރެން ބުނީމެވެ. ދެން ފުލުހުން އަހަންނާއި ސުވާލު ކުރަން ފެށިއެވެ. ވަރަށް ހަރުކަށިކޮށެވެ. ބޭބެ އާއި އެއްކޮށް ހުރިއިރު ކަތިވަޅީގައި ބޭބެ އަތްލިކަން ނުލާކަން އަހަންނަށް ޔަޤީން ނުވަނީ ކީއްވެތޯ އެހިއެވެ. އެއީ ބައްޕަ އެގޮތަށް ކަންތައް ކުރި މަންޒަރު އަހަންނަށް ފެނުމުން ލިބުނު ޝޮކެއްގެ ސަބަބުން ކަމަށް އަހަަަރެން ބުނީމެވެ. ބައްޕަ އަމިއްލައަށް އެފަދަ ކަމެއް ކުރަންވީ ކީއްވެތޯ އެހުމުން އަހަންނަށް ބުނެވުނީ، އެއީ އެވަގުތު ބައްޕަގެ ސިކުނޑި ހަމަނުޖެހޭތީ ކަމަށެވެ.

އަހަރެން ބަޔާން ދިން ގޮތުން މަންމަމެން ހިތްހަމަ ނުޖެހޭނެކަން ވެސް އެނގުނެވެ. ނަމަވެސް ބޭބެ ސަލާމަތް ކުރުމަށް އެނޫން އިތުރު ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. ގެއަށް އައުމަށްފަހު، އަހަރެން ބަޔާން ދިނީ ކިހިނެއްތޯ މަންމަ ސުވާލު ކުރުމުން ތެދަށް ކިޔާ ދިނީމެވެ. ކަންތައްވީ ވެސް ހަމަ އަހަރެން ހިތައްއެރި ގޮތަށެވެ. ބައްޕަގެ ސިކުނޑި ހަމައެއް ނުޖެހެއޭ ބުނުމުން މަންމަ ހިތްހަމަ ނުޖެހުނެވެ. އަދި ބަޔާން ބަދަލު ކުރަން ވެސް ބުންޏެވެ. ނަމަވެސް، ދެން ބުނެވޭނެ އެހެން އެއްޗެއް ނެތެއް ނޫންހޭ، ބައްޕަގެ އެއަމަލު ކިޔާދޭނެ އެހެން ގޮތެއް އަހަންނަށް ނޭނގޭ ކަމަށާއި، އެހެން ނުބުނެ ބޭބެ ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް އަަހަރެން ބުނީމެވެ.

ބޭބެގެ މައްސަލައިގެ ތަހުޤީޤު ކުރިއަށް ގެންދިޔުމަށްޓަކައި އެރަށުގައި ހުރި ފުލުހުންގެ ޖަލުގައި ބަންދު ކޮށްފައި ބެހެއްޓިއެވެ. ބޭބެއަށް ވަކީލަކު ހަމަޖެއްސުމަށް ވެސް އުނދަގޫތަކަކާއި ކުރިމަތިވިއެވެ. ފުލުހުން ނިންމީ ބައްޕަގެ ބަޔާން ވެސް ނެގުމަށެވެ. އެހެންކަމުން އޭގެ އަނެއް ދުވަހު މެންދުރެއް ހާއިރު، ބައްޕައާއި ބައްދަލުކޮށް ބަޔާން ނެގިއެވެ. ބައްޕަ ބުނީ އެރޭ ކަންތައްވީ ގޮތް ބައްޕައަށް ރަނގަޅަށް ނޭނގޭ ކަމަށެވެ.

ބައްޕަ ހަމައެކަނި ހަނދާން ވަނީ ފުރާ ގަޑި ޖެހެންދެން މަންމަ ކައިރީގައި މަޑުކޮށްލައިގެން އޮތްކަން ކަމަށާއި، އެވަގުތު ކުޑަކޮށް ނިދުން ކަމަށެވެ. އަދި ނިދިން ހެލެވުން އިރު އޮތީ ހޮސްޕިޓަލުގައި ކަމަށާއި އެއިރު އެއް އަތް ނެތް ކަމަށް ވެސް ބައްޕަ ބުންޏެވެ.

އެހިސާބުން އެމައްސަލަ އިތުރަށް ތަޙުޤީޤުކުރަން ފުލުހުންނަށް ވެސް އުނދަގޫވި ކަހަލައެވެ. އެއީ ބައްޕަ އެރޭ ތެދުވެގެން ވަލަށް ވަތްތަން ފެނުން ކަމަށް އެންމެންވެސް ބުނެފައިވާތީއެވެ. ނަމަވެސް އެކަން ބައްޕަ ހަނދާނެއް ނެތެވެ. އަދި ކިތަންމެ ގިނަ ބަޔާނެއް ނެގި ކަމުގައި ވިޔަސް، ކޮންމެ މީހަކުވެސް ބުނަމުން ދިޔައީ ބޭބެ އެކަހަލަ ކަމެއް ނުކުރާނެ ކަމަށެވެ. މާގިނަ އެއްޗެއް ނުބުނެ ފުލުހުން އެދުވަހު އެތަނުން ދިޔައެވެ.

ނަމަވެސް އެދުވަހު އައި ތިން ފުލުހުންގެ ތެރެއިން އެކަކު އަހަންނާއި ދިމާލަށް ވަރަށް ގޮތަކަށް ބަލާލިކަން އަހަންނަށް ފާހަގަ ވިއެވެ.

ހޮސްޕިޓަލުން ގެއަށް އައިސް ވަތްއިރު އަހަންނަށް ފެނުނީ އެގޭގައި، އަހަރެންގެ އިންތިޒާރުގައި ތައްޚާންބެ އިންތަނެވެ. ތައްޚާންބެ ފެނުމުން އަހަރެން ވީ އުފަލެއް ބުނެދޭން ވެސް ނޭނގެއެވެ. އަނެއްކާވެސް ހިތުގައި އުއްމީދެއް އާލާވި ކަހަލައެވެ.

ތައްޚާންބެ ބުނީ ބޭބެ ހައްޔަރުކުރި ޚަބަރު ލިބިގެން، ޚަބަރުދަބަރު ބަލާލަން އައީ ކަމަށެވެ. އަހަރެން ތައްޚާންބެ އަށް ހުރިހާ ވާހަކައެއް ވެސް ކިޔާދިނީމެވެ. ބޭބެއަށް އެހެންވީ ކީއްވެގެންކަން ނޭނގޭ ކަމަށާއި ސަލާމަތް ކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށް އަހަރެން ބުނީމެވެ.

އަހަރެން ދެއްކި ހުރިހާ ވާހަކަައެއް ކަނުލާ އަޑުއެހުމަށްފަހު، ތައްޚާންބެ ބުނީ، ބޭބެ އެކަމުގައި ބައްދާލީ ދައްތައާއި އަވަލައިގެން އުޅޭ ކުޑަ ޖިންނި ކުއްޖާ ކަމަށާއި، އެކުއްޖާގެ ނިޔަތް ހުރީ އޭނާގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކުގެވެސް ދުވަސް ދުއްވާލުން ކަމަށެވެ. އެހެން ބުނުމުން އަހަރެން ވަރަށް ބިރގަތެވެ. އަދި އެކުއްޖާ އެކަން ކުރުމުގެ މަޤްސަދަކީ ކޮބާތޯ އަހަރެން ތައްޚާންބެ ގާތު އެހީމެވެ.

ތައްޚާންބެ ބުނީ އޭގެ މަޤްސަދާއި ދައްތައާއި އަވަލީ ކީއްވެކަން ބުނެދޭން އެނގޭނީ އެއެއްޗަށް ކަމަށާއި، އޭތި ލައްވާ އެސުވާލު ތަކުގެ ޖަވާބު ހޯދާނެ ކަމަށެވެ. ރުޤްޔާ ކުރަނީ ކިހިނެއްތޯ އެހުމުން ތައްޚާންބެ ބުނީ،ޖިންނި އަވަލާފައިވާ ނުވަތަ ސިހުރު ފަދަ ކަމެއް ޖެހިފައިވާ މީހާ ކައިރީ ކީރިތި ޤުރްޢާން ގެ އާޔަތްތަކާއި ދުޢާތައް ކިޔަވާނީ ކަމަށެވެ. އެގޮތަށް ކިޔަވާއިރު އިންސާނާގެ ހަށިގަނޑަށް ޖިންނި ހާޒިރުވެ އިންސާނާގެ ދުލުން ޖިންނި ވާހަކަ ދައްކާނެ ކަމަށާއި އަދި ޖިންނި އިންސާނާގެ ހަށިގަނޑުގެ އެތެރެއަށް ވަނުމުން މީހާ ތެޅިފޮޅި ގަދަ ދައްކާ ހަދާނެ ކަމަށާއި އެހެންކަމުން ވަރަށް ހިތްވަރުގަދަ ކުރަން ޖެހޭނެ ކަމަށް ތައްޚާންބެ ބުންޏެވެ. އަހަރެން ހުރީ އެހުރިހާ ކަމަކަށް ވެސް ތައްޔާރަށެވެ.

އޭގެ އަނެއް ރޭ މަސައްކަތް ފަށާނެ ކަމަށް ބުނެ ތައްޚާންބެ ގެއަށް ދިޔައެވެ. އަހަރެން ވެސް ފެންވަރައިގެން ނަމާދު ކުރުމަށްފަހު ކުޑަކޮށް އަރާމު ކޮށްލާފައި، އެރޭ އަށެއް ޖަހާކަންހާއިރު އަނެއްކާވެސް ދިޔައީ ހޮސްޕިޓަލަށް ދާށެވެ. އަހަރުމެން ތިބި ގެއާއި ހޮސްޕިޓަލު އެހާ ދުރު ނޫނތީވެ އަހަރެން ނިންމީ އެދުވަހު ހޮސްޕިޓަލަށް ހިނގާފައި ދާށެވެ. ހޮސްޕިޓަލާއި އަރާ ހަމަވިއިރު ޕޮލިސް ޖިޕު ހޮސްޕިޓަލު ކުރިމަތީގައި އޮތްތަން ފެނުނެވެ. އަހަންނަށް ހީވީ މޭގަނޑު އަތަށް އައިހެންނެވެ. އަނެއްކާ ކޮން ކަންތައް ގަނޑެއް ޖެހުނީބާއޭ ހިތަށް އަރާފައި ދުވެފައި ކަހަލަ ގޮތަކަށް ބައްޕަ އެދުމަތި ކޮށްފައި އޮތް ކޮޓަރިއާއި ދިމާލަށް ދިޔައީމެވެ.

ވަރަސް ހާސްވެހުރެ އެކޮތަރިއަށް ގޮސް ވަދެ އެތެރެ ބަލާލުމުން އަހަންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ބައްޕަ އާއި މަންމަ ގާތު، އެދެމީހުންގެ ގައިގާ ބައްދާލައިގެން ހުރީ އަހަރެންގެ ބޭބެ އެވެ. އަތުގައި ބިޑި އަޅުވާފައެއް ނެތެވެ. އަހަރެން ފެނުމުން ވަރަށް އުފަލުން ބޭބެ އައިސް އަހަރެން ގައިގާ ބައްދާލިއެވެ. އަދި އަހަރެންވެސް އުފަލުން ގޮސް ބައްދާލީމެވެ.

"ބޭބެ....؟ ކިހިނެއް..؟" އުފާވި ކަމުގައި ވިޔަސް، ބޭބެ ސަލާމަތްވި ގޮތް އެނގެން އަހަރެން ބޭނުންވިއެވެ.

"ފަހުން ހުރިހާ އެއްޗެއް ތެދަށް ކިޔާދޭނަން. މިވަގުތު އެމީހުން ދައްކާ ވާހަކަ އަޑިއަހާލާ" ސިއްރުސިއްރުން ބޭބެ އަހަރެންގެ ކަންފަތް ކައިރީގައި ބުންޏެވެ.

ކޮޓަރީގައި ދެންތިބި އެހެން މީހުންނަށް ނަޒަރު ހިންގާލަން އަހަރެން ހަނދާންވީ އެވަގުތުއެވެ. ބައްޕަގެ ބުރިވި އަތް ފެހި ޑޮކްޓަރާއި އަދި އެހެން ޑޮކްޓަރެއްވެސް އެތަނުގައި ހުއްޓެވެ. ބޭބެ ގޮވައިގެން އައި ފުލުހުންނަށް ބަލާލިއިރު، އިތުރު ފުލުހަކާއިއެކު އެދުވަހުގެ ހެނދުނު ހޮސްޕިޓަލަށް އައި ފުލުސް މީހާ ވެސް ހުއްޓެވެ. އޭނާވެސް ހުރީ ފާޑެއްގެ ގޮތަކަށް ހިނިއައިސްފައެވެ.

"ބޭބެއާއި ދެކޮޅަށް އެކަށީގެންވާ ހެއްކެއް ނުލިބުމުގެ ސަބަބުން ވަގުތީ ގޮތުން ބޭބެ ދޫކޮށްލީ. ފުލުހުން ކުރި ތަޙުޤީޤުންނާއި ޑޮކްޓަރުންގެ އިރުޝާދުންވެސް ހާމަވީ ދަރިފުޅު ބުނިހެން ބައްޕަގެ ބަލިހާލަތު އެވަގުތު ރަނގަޅު ނޫން ކަމަށް." ހެވިފައި އިނދެ މަންމަ އަހަންނަށް އުފާވެރި ޚަބަރު ދިނެވެ.

ބޭބެ ދޫކޮށްލީ ވަގުތީ ގޮތުން ކަމަށާއި މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭތޯ ތިން މަސް ދުވަސް ވަންދެން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ތިން މަސް ފަހުން އެއްވެސް އިތުރު ހެއްކެއް ނުލިބިއްޖެނަމަ، ބޭބެގެ މައްސަލަ އެހިސާބުން ބަންދުވެ ދާއިމީކޮށް މިނިވަން ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އެކަމުގެ ފަހަތުގައި ކޮންމެވެސް އެހެން ޙަޤީޤަތެއް ވާކަން އަހަންނަށް ޔަޤީންވިއެވެ. ނަމަވެސް އަހަރެން ނިންމީ ބޭބެ ބުނި ފަދައިން ހުރިހާ ކަމެއް އެނގެންދެން އިންތިޒާރު ކުރާށެވެ.

(ނުވަވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)


Advertisement

ކޮމެންޓް ކުރެއްވުމަށް







raanee 2017-08-10 20:37:47

FINELY

Puleez 2017-08-10 22:04:25

Mihaathanah kiyun vaahaka thakuge thereyn emme reethi eh vaahaka mee. Ekam please heyo nuvaane, thankolheh avas avahah genesdhybala. Varah keiy madhuvey komme faharaku


މަރިޔަމް ވަހީދާ