އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (10ވަނަ ބައި)

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (10ވަނަ ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 10 ސިކުންތު

ބޭބެގެ ރަޙްމަތްތެރިޔާއަށް ހަދާފައި ހުރި ގޮތް ފެނުމުންވެސް، އެއީ ރޫހާނީ ބާރަކުން ކޮށްފައިހުރި ކަމެއްކަން އަހަންނަށް އެނގުނެވެ. އަދި އެއީ ކާކު ކުރިކަމެއްކަން ވެސް އަހަންނަށް އެނގުނެވެ.

އަހަރެންގެ ނަޒަރު ހުއްޓުނީ ބޭބެއަށެވެ. އެއިރުވެސް ބޭބެ ހުރީ ހުއްޓުން އަރާފައެވެ. ދެލޯބޮޑުވެފައެވެ. މާގިނަ އިރެއް ނުވެ އެތަނަށް ތަންގަނޑު އެންމެން އެއްވިއެވެ. އަދި އެތަނުން މީހަކު ފުލުހުންނަށް ވެސް ގުޅިއެވެ. ފުލުހުން އައިސް އަނެއްކާވެސް ބޭބެ ގެންގޮސްފާނެތީ އަހަރެން ވަރަށް ބިރުގަތެވެ. ނަމަވެސް އެފަދަ ކަމެއް ވުމުން ފުލުހުންނަށް ކޮންމެހެން އަންގަން ޖެހޭނެކަން ވެސް އަހަންނަށް އެނގުނެވެ.

މާލަސްތަކެއް ނުވެ ފުލުހުންނާއި ފޮރެންސިކް ޓީމުން އެސަރަޙައްދަށް ދިޔައެވެ. އެތަނުން މީހުން ދުރުކުރުމަށްފަހު، ބޭބެގެ ރަޙުމަތްތެރިޔާގެ ހަށިގަނޑު އެމްބިއުލޭންސްގައި ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި "ހުރަސް ކުރުން މަނާ" ޓޭޕް ދަމާ، ފުލުހުން އެސަރަޙައްދު ބަލާ ފާސް ކުރަން ފެށިއެވެ. އެތަނުން ބައެއް ފުލުހުން މާމަ އާއި ދެންވެސް އެމަންޒަރު އެންމެ ފުރަތަމަ ފުށް މީހުންގެ ބަޔާން ނެގިއެވެ. ބޭބެ ވެސް އެތާ ހުރުމުން ބޭބެގެ ބަޔާން ނަގަން ފުލުހަކު ބޭބެއާއި ދިމާލަށް ދާން އުޅެނިކޮށް އެހެން ފުލުހެއް ގޮވިއަޑު އިވިގެން އެވަގުތު އެފުލުސްމީހާ އެތަނުން ދިޔައެވެ.

ލިބުނު ފުރުސަތުގެ ބޭނުން ހިފާފައި، އަހަރެން ބޭބެއާއި މަޑުމަޑުން ވާހަކަ ދައްކަން ފެށީމެެވެ. ބޭބެގާތު ހިތްވަރު ކުރަން ބުނެ، އެގޮތަށް ބިރުގެންފައި ހުންނަނަމަ ޝައްކު ކޮށްފާނެ ކަމަށް ވެސް ބުނީމެވެ. އަދި ރަޙްމަތްތެރިޔާއަށް ކަންތައްވީ ގޮތާއި މެދު ދެރަވެ ބޯގޮވިޔަސް، އެހެން އެއްޗެއް ނުބުނެ ގަބުވެފައި ހުރުން ރަނގަޅު ނުވާނެ ކަމަށް ބުނީމެވެ. ބޭބެ އަހަރެން ދެއްކި ވާހަކަ ޤަބޫލު ކުރިއެވެ. އަދި ބޭބެއާއި ކުރާ ސުވާލުތަކަށް ހަމަޖެހިގެން ޖަވާބު ދޭނެ ކަމަށް ވެސް ބުންޏެވެ.

އެފުލުސް މީހާ އެނބުރި ބޭބެ ކައިރިއަށް ދިޔައެވެ. އަދި އެވަގުތު ބޭބެ ހުރީ ކޮންތާކުތޯ އާއި ފެނުނީ ކޮންކަންތައްތަކެއްތޯ އެއްސެވެ. ބޭބެ ބުނީ ބޭބެއަށް އޮތީ ނިދިފައި ކަމަށާއި އެތަނަށް ދިޔައީ މާމަ ހަޅޭލެވި އަޑަށް ކަމަށެވެ.

ފުލުހުންގެ ތަޙުޤީޤު ނިމެންދެން އެދުވަހު ސުވާލު ކުރި އެއްވެސް ފަރާތަކުން، ފުލުހުންނަށް އެންގުމަކާއި ނުލާ ރަށުން ދިޔުމަކީ މަނާކަމެއް ކަމަށް ބުނެ ފުލުހުން އެވަގުތު އެތަނުން ދިޔައެވެ.

މުޅި ގޭތެރެ ވަނީ ހިމޭން ވެފައެވެ. ވެނިމުނު ކަންތައްގަނޑާއި މެދު ވާހަކަ ދައްކަން ބޭނުންވި ކަމުގައިވިޔަސް، ކިޔާނެ އެއްވެސް އެއްޗެއް އެކަކަށް ވެސް ނޭނގުނެވެ. ގަޑި ދިޔަ ގޮތެއް ވެސް ނޭނގި ހުއްޓާ، އިވުނީ ޢަސްރު ނަމާދަށް ބަންގި ގޮވިއަޑެވެ. ޢަސްރު ނަމާދު ކޮށްލައިގެން ސިޓިންގ ރޫމްގައި އިންދާ އެތަނަށް ތައްޚާންބެ އައެވެ. ކަންތައްގަނޑެއް ވެގެން އުޅޭކަން ތައްޚާންބެއަށް އެނގޭނެކަން އަހަންނަށް އެނގުނެވެ. އެދުވަހަކީ ބައްޕަވެސް ހޮސްޕިޓަލުން ގެއަށް ގެންނަން ހަމަޖެހިފައިވާ ދުވަސް ކަމުގައިވުމުން، އަހަރެން ބޭނުންވީ އެރޭ ކުރަން ނިންމާފައިވާ ކަންތައް ބައްޕައަށް ކިޔާ ދިނުމަށެވެ.

ބޭބެގެ ރަޙްމަތްތެރިޔާގެ މަރާއި ބެހޭގޮތުން ތައްޚާންބެ ވާހަކަ ދެއްކިއެވެ. ބޭބެ ވެސް އެވަގުތު އެތަނަށް އައުމުން، ކޮންމެ ގޮތެއް ވިޔަސް އެރޭގެ މަސައްކަތަށް ހުއްޓުމެއް އައުން ރަނގަޅެއް ނުވާނެއޭ އެހެންކަމުން އެރޭ ޢިޝާ ނަމާދު ވަގުތަށްފަހު ގާތްގަނޑަކަށް އަށެއް ޖަހާކަން ހާއިރު، ތައްޚާންބެ ގެ ގެއަށް ދިޔުމަށާއި އެރޭ ތައްޚާނުބެ ގެ ގާތް މީހަކު ވެސް އެމަސައްކަތުގައި ބައިވެރިވާނެ ކަމަށް ބުނެ ތައްޚާންބެ ދިޔައެވެ.

ބައްޕަ މެން ހޮސްޕިޓަލުން އަންނަން ވާއިރަށް ގޭތެރެ ސާފު ކޮށްލުމަށްފަހު އަހަރެން ކުޑަކޮށް ކަންތައްތަކާއި ވިސްނާލީމެވެ. އަހަރުމެންނަކީ އެރަށަށް ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަ ކޮށްލަން ދިޔަބައެކެވެ. އެރަށަށް ދިޔަ ފަހުން ދިމާވި އެކަންތައްގަނޑުގެ ސަބަބުން އެރަށުގައި ދިރިއުޅޭތާ 10 ދުވަސް ވަރު ވަނީއެވެ. ފުލުހުންގެ އެންގުމަށް އިޖާބަ ދިނުމުގެ ގޮތުން ދެންވެސް އަވަހަށް އެރަށުން އަހަރުމެންގެ އަމިއްލަ ގެއަށް އަވަހަށް ނުދެވޭނެކަން ވެސް އަހަންނަށް އެނގުނެވެ. އެވަގުތު އަހަރެން ވަރަށް ބޮޑަށް ހިތް ނުތަނަވަސްވިއެވެ. ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެނުބައި ހުވަފެނަށް ނިމުމެއް އަންނާށެވެ.

ބައްޕަ މެންނަށް ގެއަށް އާދެވުނީ މަޤްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެނަމާދު ދޭތެރޭ ވަގުތުގައެވެ. މޫނުމަތިން އަދިވެސް މާޔޫސްކަން ފެންނަން ހުރި ކަމުގައިވިޔަސް، ކުރިއަށްވުރެ ބައްޕަގެ ހާލު ތަންކޮޅެއް ރަނގަޅުކަން ފާހަގަވިއެވެ. މަންމައާއި ބައްޕައަށް އެދުވަހުގެ ހެނދުނު އެވީ ކަންތައްތައް ކިޔާދިނުމުން، މަންމަމެން ތިބީ ވަރަށް ހައިރާން ވެފައެވެ. ބިރުގެންފައެވެ. އިންސާނެއް އެފަދަ ރަހުމު ކުޑަ ގޮތަކަށް މަރާލާނީ ކާކުބާއޭ އެމީހުން ހައިރާންކަމާއި އެކީ ސުވާލު ކުރިއެވެ. އަހަންނާއި ބޭބެ ނިންމީ މަންމަ މެންނަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. މިފަހަރު މަންމަ މެންނަށް އެވާހަކަ ކިޔާދިނީ ބޭބެއެވެ. ބޭބެ ބުނީ، ދައްތައާއި ކުޑަ، އެހެންނަމަވެސް ނުލަފާ ޖިންނިއެއް އަވަލާފައި ހުރި ކަމަށެވެ. އަދި އޭތި ގިނައިން އުޅެނީ ދައްތަގެ ގައިތެރެއަށް ވަދެގެން ކަމަށާއި ރޯމަސް ކެއުމާއި މާގަދައަށް ރުޅިއައުން ފަދަ ކަންކަމަކީ އެޖިންނީގެ ސަބަބުން ދައްތައަށް ކުރެވޭ ކަންތައް ކަމަށް ވެސް ބޭބެ ބުންޏެވެ. އަދި ބަައްޕަ އަމިއްލައަށް އަތް ބުރިކޮށްލީވެސް އެޖިންނީގެ ބާރުން ކަމަށާއި އޭތި އެރޭ ރުޅިއައީ އޭތި ކާން އިންދާ ބައްޕަ އެކަމަށް ހުރަސް އެޅުމުން ކަމަށްވެސް ބޭބެ ބުންޏެވެ.

ކުރިން އަހަރެން ދެއްކި ވާހަކަތައް މަންމަމެން ޤަބޫލު ނުކުރި ކަމުގައި ވިޔަސް ބޭބެ ދެއްކި އެހުރިހާ ވާހަކަތަށް ކަނުލާ އަޑުއަހަން މަންމަމެން އިނެވެ. ހައިރާންކަމާއިއެކު އެވެ. ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ބައްޕަ ބުނީ، ދައްތައަށް ކޮންމެވެސް ބަދަލުތަކެއް އައިސްފައިވާކަން ބައްޕަމެންނަށް ވެސް ފާހަގަ ކުރެވިގެން އެވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެއީ އެފަދަ ކަމެއްކަމަކަށް ދުވަހަކުވެސް ހީނުކުރާ ކަމަށާއި، އެކަމުން ދައްތަ ސަލާމަތް ކުރާނީ ކިހިނެއްތޯ ވެސް އެއްސެވެ. އެރޭ ތައްޚާނުބެ އެމަސައްކަތް ފަށާނެ ކަމަށާއި، ރުޤްޔާ ހަދައިގެން ކިޔެވުން އެރޭ ފެށޭނެ ކަމަށް ވެސް ބުންޏެވެ.

ބައްޕަމެން އެކަމަށް އެއްބަސްވިއެވެ. ނަމަވެސް ދައްތައަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ކަންތައް ކުރުމަށް ވެސް ބުންޏެެވެ.

އެރޭ ޢިޝާ ނަމާދަށްފަހު އަށެއް ޖަހާއިރަށް އަހަންނާއި ބޭބެ ތައްޚާނުބެގެ ގެއަށް ދިޔައީމެވެ. އެއިރު ތައްޚާނުބެ މިސްކިތުން ފައިބައިގެން ނާންނާތީ، އަހަރުމެން ބޭރުގައި މަޑުކޮށްލީމެވެ. ކުއްލިއަކަށް އިވުނީ ކޮވެލިތަކެއް ވަރަށް ކައިރިން ވަރަށް ބާރަށް ގޮވަން ފެށި އަޑެވެ. އަހަންނާއި ބޭބެ ދިޔައީ ސިއްސައިގެންނެވެ. އެގެއާއި ކައިރީ ގަސްތަކު ތެރޭގައި ހިޔަންޏެއް ހުރިހެން ހީވެގެން ބޭބެ އެދިމާލަށް ދިޔައެވެ. ބޭބެ ގާތު ނޫނެކޭ ނުދާށޭ ބުނެ އަހަރެން ގޮވަން ފެށީމެވެ. ނަމަވެސް ބޭބެއަށް އަހަރެންގެ އަޑު ނުއިވޭ ފަދައެވެ. ނޫންނަމަ ކޮންމެވެސް އެހެން ބާރަކުން ބޭބެ އެދިމާލަށް ގެންދަނީއެވެ.

އަހަރެން ވަރަށް ހާސްވިއެވެ. ބޭބެ ހުއްޓުވަން އަހަރެން ވެސް ބޭބެ ފަހަތުން ދިޔައީމެވެ. ނަމަވެސް ގަސްތަކު ތެރެއަށް އަހަރެން ވަންނަން އުޅެނިކޮށް އަހަރެންގެ އަތުގައި މީހަކު ހިފެހެއްޓިއެވެ. ފަހަތް އެނބުރި ބަލާލިއިރު ކުޑަކުއްޖެއް ހުރީ އަހަރެންގެ ކަނާއަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އެކުއްޖާ ފެނުމުން ވެސް އެއީ އިންސާނެއް ނޫންކަން އަހަންނަށް އެނގުނެވެ. ކަޅުފޮއެ ރެއަކަށްވުރެ އޭނާގެ ހަންގަނޑުގެ ކުލަ އަނދިރިއެވެ. ބޮލުގެ އިސްތަށިގަނޑު ވެސް އެހާމެ ކަޅު ވެފައި ދިގު އިރު، އެއިސްތަށިގަނޑު ހުރީ ހާވާލާފައެވެ. އޭނާގެ ދެލޮލުގެ ކަޅި ހުރީ ރަތް ކުލައިން ދިއްލިފައެވެ. އަދި ހެވިފައި ހުރި އިރު އެހުދުހުދު ދަތްޕިލަ ފެންނަން ހުއްޓެވެ.

އަހަންނަށް ބިރުން ހަޅޭލަވައިގަނެވުނެވެ. އަދި އޭނާގެ އަތުން އަތް ނައްޓާ ފޮޅާލާފައި، ގަސްތަކު ތެރެއަށް ދުއްވައިގަތީމެވެ. ގަސްތަކު ތެރޭގައި ދެވޭ ނުދެވޭ ތަނެއް ނޭނގިގެން ދުވަނިކޮށް އަހަރެން ހުއްޓުން އެރީ ކުރިމަތިން ހިމަ މަގެއް ފެނުމުންނެވެ. އެހިމަ މަގުގެ އެކިތަންކޮޅު ކޮޅުގައި ކަޅުބުޅާތަކެއް ހުއްޓެވެ. ގާތްގަނޑަކަށް 10 ވަރަކަށް ބުޅާ ހުރިއިރު އެހުރިހާ އެއްޗެއްގެ ނަޒަރުވެސް ހުއްޓިފައި ހުރީ އަހަންނާއި ދިމާލަށެވެ. ބިރުން ގޮސް އެންމެ ފިޔަވަޅެއް ވެސް އަހަންނަކަށް ކުރިއަށް އަޅާކަށް ނުކެރުނެވެ. އަނބުރާލާފައި އައިކޮޅަށް ދުއްވައިގަތީމެވެ. އެތަނުން ސަލާމަތް ވެވޭނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އަނެއްކާވެސް އަހަންނަށް ހުއްޓެވުނީ ކަޅުބުޅާތަކެއް ހުއްޓިގެން އަހަންނާއި ދިމާލަށް ބަލަން ހުރި މަގަކަށެވެ. މިފަހަރު އެބުޅާތަށް މާގިނަހެން ވެސް ހީވިއެވެ. އަދި މަޑުމަޑުން އެއެއްޗެހި ތިބި ތަނުން އަހަންނާއި ދިމާލަށް އަންނަން ފެށިވަގުތު އޭގެ ސިފަ ބަދަލުވަމުން ގޮސް، ކުރިން ފެނުނު ޖިންނި ކުއްޖާ ފަދައިން ބައިވަރު ކުދިންތަކެއްގެ ސިފައަށް ބަދަލުވިއެވެ. އެހިސާބުން އަހަރެންގެ ޚަބަރު ހުސްވެގެން އެތަނަށް އަހަރެން ވެއްޓުނެވެ.

(އަދި ނުނިމޭ.. 11 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ