އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (އެންމެ ފަހު ބައި)

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ކުއްޖާ (އެންމެ ފަހު ބައި)


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 28 ސިކުންތު

އެދުވަހުގެ ހަވީރުގެ ވަގުތުން ފެށިގެން އެންމެން ވެސް ތައްޔާރު ވަމުން ދިޔައީ، އެރެއަށެވެ. ހުރިހާ ކަމެއްގެ ނިމުމަމަށެވެ. އެންމެންގެ ވެސް އުންމީދަކަށްވީ، އެއްވެސް ގެއްލުމެއް ނުލިބި ދައްތަ އެކަންތައްގަނޑުން ސަލާމަތް ވުމެވެ.

ކިޔެވެލި ކިޔަވާނެ މީހުން ވެސް އަހަރުމެން ތިބި ގެއަށް ގޮސް، ވާންޖެހޭ ތައްޔާރީތައް ވާން ފެށިއެވެ. އެމަންޒަރު ބަލަން އިން އިރު އަހަރެންގެ ހަނދާނަށް އައީ އެހުރިހާ ކަމެއް ފެށުނު ގޮތެވެ. އެރަށަށް އަހަރުމެން ދިޔައީ އެންމެ ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލާށެވެ. ނަމަވެސް ދަތުރު ނާމާންވެ، މަހެއްހާ ދުވަސް ހޭދަވެގެން ދިޔައީ ވަރަށް ބޮޑެތި ހާދިސާތައް ވެސް ކުރިމަތިވުމަށް ފަހުއެވެ.

ހުރިހާ ކަމެއްވެސް ފެށުނީ އެރަށަށް ދިޔަ ދުވަހުގެ އިރު އޮއްސުނު ވަގުތު، އަހަރެންގެ ދައްތަ ތުނޑިއަށް ގޮސް، އެތަނުގައި އުޅޭ ޖިންނި ކުޑަ ކުއްޖާއަށް ގެއަށް އަންނަން ބުނެ ދައުވަތު ދިނުމުންނެވެ. އެރޭ އޭތި އައި ވަގުތު ދައްތަގެ ފައިން އެއަށް އަނިޔާ ވުމުން، އެކަމާ ރުޅިއައިސްގެން އޭތި ދައްތަގެ ގައިތެރެއަށް ވަދެ ދައްތައާއި އަވަލިއެވެ. ދައްތަލައްވާ ރޯމަސް ކައި، އެކަން ހުއްޓުުވަން ބައްޕަ މަސައްކަތް ކުރުމުން، ބާރުގެ ބޭނުން ކޮށްގެން ބައްޕަލައްވާ ބައްޕަގެ އަމިއްލަ އަތް ކަތިވަޅިއަކުން ޖަހާ ބުރިކޮށްލިއެވެ.

އެއަށްފަހު ބައްޕައަށް އެހަމަލާ ދިނީ އަހަރެންގެ ބޭބެ ކަމަށް ހަދާ، ބޭބެ ހައްޔަރު ކުރުވިއެވެ. ފުލުހުގައި އުޅޭ ބޭބެގެ ރަޙްމަތްތެރިއެއް، އެކަމުން ބޭބެ ސަލާމަތް ކޮށްދިނުމުން، އެރޭ އެމީހާއަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ އޭނާ މަރާލިއެވެ.

އެކަމުގެ ސަބަބުން އެރޭ އޭތީގެ ކިބައިން ސަލާމަތްވާން އުޅުމުން، އަނެއްކާވެސް ބާރުގެ ބޭނުންކޮށްގެން ބޭބެ ވާވެއްދިއެވެ. ބޭބެ ސަލާމަތް ކުރުމަށް އަހަރެން ދިޔުމުން، އަހަރެން މަގުމަތި އަޅުވާ، ހަމަ ބުއްދި ގެއްލުވާލުމަށްފަހު، އަހަރެން ރަހީނު ކޮށްގެން ގެންގޮސް ފަޅުރަށެއްގެ ނިކަގަހެއްގައި އެކޮޅުކޮޅުން އެލުވާފައި ބޭއްވިއެވެ. އަހަރެން ސަލާމަތް ކޮށްފާނެތީ ދުނިޔެއަށް އަހަރެން ގެއްލުވާލާ ނުފެންނަ ގޮތް ހަދާ، އަހަރުމެންނަށް އެހީތެރިވެދޭން އުޅުނު ތައްޚާނުބެގެ ދަރިފުޅު ބަލިކޮށްލިކޮށްލީނުން މަރާލިއެވެ. އެރަށުން އަހަރެން ސަލާމަތް ކޮށްގެން ގެެނެސް، މިހާރު އަހަރެންގެ އާއިލާއާއި ތައްޚާނުބެ އެމަސައްކަތް ކުރަމުން ދަނީ އަހަރެންގެ ދައްތަ އެޖިންނިގެ ކިބައިން ސަލާމަތް ކުރުމަށެވެ.

ހުރިހާ މަންޒަރެއް ސިފަވެ، ޚިޔާލުތަކަށް ގެއްލިފައި އިންދާ އަހަރެން ކައިރީގައި ބޭބެ އިށީނެވެ. ބޭބެ ބުނީ، ފުލުހުން ގުޅިކަމަށާއި، އޭގެ އަނެއް ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އެންގި ކަމަށެވެ. ހާސްކަމުން އަނެއްކާވެސް އަހަރެންގެ ހިތް ތެޅެން ފެށިއެވެ. ބޭބެ ބުނީ ހާސް ނުވުމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ ކަމަށެވެ.

އިޝާ ނަމާދަށް ފަހެވެ. އެންމެންވެސް އެރޭ އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނީއެވެ.

ތައްޚާނުބެގެ އެދުމުގެ މަތިން ފެންޑާގައި ހުރި ސޯފާ ނަގާ، އެތަނުގެ މެދުގައި ހުސް އެނދެއް ބެހެއްޓިއެވެ. އެނދު ކައިރީގައި ތައްޚާނުބެ ކިޔެވެލި ކިޔަވަން އިން އިރު، ވަށައިގެން ގާތްގަނޑަކަށް 50 އެއްހާ މީހުން ކިޔަވަން ތިއްބެވެ. އިވިފައިވާ ގޮތުގައި އެއީ އެރަށުގައި ތިބި، އެންމެ ފަރިތަކޮށް ކީރިތި ޤުޜްޢާން ކިޔަވާ މީހުންގެ ތެރެއިން 50 މީހުންނެވެ. އަހަރެން ރަހީނު ކުރި ރޭވެސް ތައްޚާނުބެއާއި އެކީ އެމީހުންވެސް ކިޔަވާ، އަހަރެން ސަލާމަތް ކުރުމަށް އެހީތެރިވެދިނެވެ.

ގަނޑިން އަށެއް ޖެހައިފިއެވެ. ތައްޚާނުބެ ގެ އިޝާރާތައް އެތަނުގައި ތިބި އެންމެން ވެސް ކިޔަވަން ފެށިއެވެ. އެންމެ ފުރަތަމަ ޖެހޭނީ ކިޔަވައިގެން ދައްތަ ހުރިތާކުން ގެންނަން ކަމަށް ތައްޚާނުބެ ވަނީ ކުރިން ބުނެފައެވެ. އަދި އެކަމަށް ވަގުތު ކޮޅެއް ނަގާފާނެ ކަމަށާއި ދައްތަ އަންނަ އިރު ބިރުވެރި ގޮތަކަށް ހުރެދާނެ ކަމަށް ވެސް ތައްޚާނުބެ ބުންޏެވެ. އެހެންކަމުން ސަމާލުވެ ތިބެން ތައްޚާނުބެ އިރުޝާދު ދިނެވެ.

ކިޔެވެލި ކިޔަވަން ފެށިތާ 45 ވަރަކަށް މިނެޓު ތެރޭ، ބާރުގަދަ ވައިރޯޅިއެއް ޖެހުންހެން ކުއްލިއަކަށް ދައްތަ އައިސް ދޮރުމަތީގައި ހުއްޓުނެވެ. ދައްތަ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައިކަން މޫނު މައްޗަށް ބަލާލާފައި ވެސް އެނގުނެވެ. މައި ނޭވާ ލެވިފައި ހުރި އިރު، ދެލޯ ބޮޑުކޮށްގެން ރުޅިވެރިކަމާއި އެކީ ދައްތަގެ ނަޒަރު ހުއްޓިފައި ހުރީ ތައްޚާނުބެ އަށެވެ. ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައި ހުރުމުންނާއި ހެދުމުގައި ގަހު ކުނޑިތަކެއް ހުރުމުން، ދައްތަ އައީ ވަލުތެެއިން ކަމާއި އެތަނަށް އެގެނެވުނީ ގަދަބާރުންކަން ވެސް އެނގުނެވެ.

އިރުކޮޅަކު ބަލަން ހުރެފައި، ކުއްލިއަކަށް ވަރަށް ބާރަށް ތައްޚާނުބެއާއި ދިމާލަށް ދުވެފައި ކަހަލަ ގޮތަކަށް ދައްތަ ދިޔައެވެ. އެއިރުވެސް ހުއްޓުމެއް ނެތި ތައްޚާނުބެއާއި އެހެން މީހުންވެސް ކިޔަވަމުން ގެންދިޔައެވެ. ތައްޚާނުބެއާއި ކައިރިވުމުން ކުރިއަށްވުރެ ބާރަށް ކިޔަވަން ފެށިއެވެ. ކިޔެވެލީގެ ސަބަބުން ތައްޚާނުބެއާއި އަރާ ހަމަވެފައި ދައްތަ ހުއްޓުނެވެ. ހީވީ ގަދަ ބާރެއް ދައްތަ ހިފެހެއްޓިހެންނެވެ. ދައްތައަށް ތައްޚާނުބެ އަމުރު ކުރީ އެނދުގައި މަޑުމަޑުން އޮށޯތުމަށެވެ. އަދި ބުނާ ބަސް އަހައިގެން ކުރާހާ ސުވާލަކަށް ތެދަށް ޖަވާބުދީ ބުނާ ގޮތް ހެދުމަށެވެ.

"ހާކި ޑުބޮ ތައްނެޕާއްރޮހޮނު؟ ނާންމެލޭކަ ދިހެ މަހަ ންގެހިޖެ ސްވެށްކަވޭރެހު ނުއްތެނެ!" ރުޅިއައިސްގެން ދަތްކުނޑި ވިކާފާ އިނދެ ދައްތަ ބުންޏެވެ. ދައްތަ ކީއެއްޗެއް އަހަންނަކަށް ނޭނގުނެވެ. ނަމަވެސް އެވާހަކަ ދައްކަނީ ދައްތައާއި އަވަލައިގެން އުޅޭ ޖިންނި ކުއްޖާކަން އަހަންނަށް އެނގުނެވެ.

"އަހަރެން މިބުނީނު ހަމަ މިހާރު ކަލޭ މިތާނގަ އޮށޯންނާށޭ. އަހަރެން ބުނާ ގޮތް ނުހަދައިފިއްޔާ ކަލޭ ނައްތާލާނަން" ތައްޚާނުބެ އިންޒާރު ދިނެވެ. ރުޅިއައިސްގެން އަތް ހޫރުވާފަވެސް ތައްޚާނުބެ ބުނިގޮތަށް، ދައްތަ އެއެނދުގައި އޮށޯތެވެ. ދައްތަ އޮށޯތުމުން ބޭބެއާއި އަދިވެސް ހަތަރު ވަރަކަށް މީހުން އެނދުގައި ދައްތަގެ ހަތަރެސްފައި ބަނެވެ. އެވާތަކުން ސަލާމަތްވާން ދައްތަ ވަރަށް މަސައްކަތް ކުރިއެވެ.ނަމަވެސް ދައްތައަށް އެކަން ކާމިޔާބެއް ނުވިއެވެ. ދައްތައަށް ވަމުން ދިޔަ ގޮތް ފެނިފައި އަހަރެންގެ ހިތައް ވަރަށް އަސަރު ކުރިއެވެ.

"ކަލޭތީ ކާކު؟ މިކުއްޖާއަށް ކީއްވެ ތި އުނދަގޫ ކުރަނީ؟" ތައްޚާނުބެ ސުވާލު ކުރިއެވެ.

"އޭޖާއްކު؟ ހެހެހެހެ ލޭކަ ޔާނައޭ ތަތީގައިޅައަ ވީށްކަޖައްކު؟" ޖިންނި ބަހުރުވައިން އަނެއްކާވެސް ދައްތަ ވާހަކަ ދެއްކިއެވެ.

"ތިކިޔާ އެއްޗެއް އަހަރުމެންނަށް އިނގޭނެހެން ކިޔާ. މިތާ ތިބި އެންމެންނަކީ ކަލޭ ތިކިޔާ އެއްޗެއް އެނގޭނެ ބައެއް ނޫން. އަހަރެން މިއަހަނީ ކަލޭތީ ކާކުހޭ މިކުއްޖާއަށް ކީއްވެހޭ ތިއުނދަގޫ ކުރަނީ؟" ރުޅިއައިސްގެން ތައްޚާނުބެ އެހިއެވެ.

"އަހަންނަށް ކިޔަނީ 'ޚައިޠޫރާ' އަހަރެން އަހަންނަކީ އަހަރެންގެ މައިންބަފައިންގެ 150 ވަނަ ދަރި. ކަލޭ ހީވެސް ނުކުރާ ވަރަށް އަހަރުމެން ބާރު ގަދަ ވާނެ! އަހަންނަކީ ނަޞޯރާ ޖިންނިއެއް. ތަބާވަނީ އީސާގެފާނަށް.މީނައަށް އުނދަގޫ ކުރަނީ ކީއްވެހޭ؟ އޭނަ އަހަންނަށް ގޯނާ ކުރީތީ އަހަރެން ވެސް އޭނައަށް ގޯނާ ކުރަނީ. އޭނަ ކައިރިއަށް ދާން އަހަންނަށް ދައުވަތު ދިނީ ވެސް ހަމަ އޭނަ" ރުޅިވެރިކަމާއިއެކު ދައްތަގެ ގައިތެރެއަށް ވަދެގެން އުޅޭ ޖިންނި ކުއްޖާ ކިޔާދިނެވެ.

އެހިނދު ކުއްލިއަކަށް އެތަނުން ކަރަންޓު ގޮސް، މުޅި ކޮޓަރި ކަނު އަނދިރީގެ ތެރެއަށް ވެއްޓުނެވެ. ކިޔަވަން ގެނައި މީހުންނަކީ ވެސް ފަރިތަކޮށް ކިޔަވަން އިނގޭ މީހުން ކަމަށްވާތީ، އަނދިރި ގަނޑުގައިވެސް އެމީހުން ކިޔެވިއެވެ. އަދި ވީއެންމެ އަވަހަކަށް ފޯނުތަކުން އަލިކުރިއެވެ. ބޭބެ ދިޔައީ ކަރަންޓު ދިޔައީ ކީއްވެތޯ ބަލަން އެތެރޭ ގޯތީގައި ހުރި ކަރަންޓު ބޯޑު ޗެކު ކުރާށެވެ.

"ހެހެހެހެހެ" ވަރަށް ބާރަށް ދައްތަ ހޭން ފެށިއެވެ. "ކަލެއަށް އިނގޭތަ، އަހަރެން ގެނެސް ތިހެން ހައްޔަރު ކުރީމަ، ބޮޑު ދެރައަކާއި ވެސް ކުރިމަތިލާން ޖެހިދާނެކަން؟ އެކަމަށް ތައްޔާރުތަ؟" އޭނާ އެއްސެވެ.

"ބޭކާރު ވާހަކަ ނުދައްކާ! އަހަރެންގެ ބާރު ކަލެއަށްވުރެ ގަދަ ވާނެ. އަހަރެން ބޭނުންނަމަ ކަލޭ ނައްތާވެސް ލެވިދާނެ. އެކަމަކު އަހަރެން ކަލެއަށް މިނަސޭޙަތް ދެނީ، ތިކަން ދޫކޮށްލާ މާތް ﷲ އަށް އީމާންވާން. އަދި މިކުއްޖާއަށް އުދަނގޫ ނުކޮށް، ސުލްޙަވެރިކަމާއި އެކު ކަލޭ މިމީހުން ދޫކޮށްލަން" ތައްޚާނުބެ ބުންޏެވެ.

"ނުވާނެ ތިކަމެއް" ވަރަށް ބާރަށް ދައްތަ ހަޅޭލަވައިގަތެވެ. ހަމަ އެއާއިއެކު ކުއްލިއަކަށް އެގޭ ފާރުގައި ހަރުކޮށްފައި ހުރި ފްރޭމެއް ވިއްސައިގެން ގޮސް އެގޭ ބޭބެގެ ބޮލުގައި ޖެހުނެވެ. ލޭތައް އޮހޮރެން ފެށުމުން ކިޔަވަން އިން މީހުންގެ ތެރެއިން އެކަކު ކިޔެވުން ހުއްޓާލާފައި އެބޭބެއަށް އެހީތެރިވާން ދިމާލަށް ދިޔައެވެ.

"ނޫން ނުތެދުވޭ! ކިޔެވުން ހުއްޓާނުލާ! ކޮންމެ ކަމެއް ވިޔަސް ހުއްޓާނުލާ!" ތައްޚާނުބެ ވަރަށް ހާސްވެފައި އަވަހަށް އެމީހާއަށް އިންޒާރު ދިނެވެ. ނަމަވެސް މާލަސްވީއެވެ. ތައްޚާނުބެގެ އިންޒާރު އަޑުއަހާފައި އެމީހާ އަލުން ކިޔަވަން އިށީންނަށް އުޅެނިކޮށް، ކުއްލިއަކަށް ފެނުނީ އޭނާ ބިމުން މައްޗަށް އުފުލުނު ތަނެވެ. ސަލާމަތް ކުރާށޭ ބުނެ އެމީހާ ތެޅި ފޮޅެން ފެށިއެވެ. ކިޔަވަމުން ކިޔަވަމުން ތައްޚާނުބެ އަވަހަށް އެމީހާ ސަލާމަތް ކުރަން ދިޔައެވެ.

ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާގެ ފިޔަތަކުގައި އެމީހާގެ ބޯނުޖެހި ހުއްޓާ، ތައްޚާނުބެއަށް އޭނާ ސަލާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ.

އެއީ ކިހާ ވަރެއްގެ ބިރުވެރި ހަނގުރާމައެއްކަން އަހަންނަށް އިޙުސާސް ކުރެވުނީ އެވަގުތުއެވެ. އަހަރުމެންނަށް ނުފެންނަ ކިތަންމެ އެއްޗެއް އެތަނުގައި އެވަގުތު ތިބިކަމާއި، އެއެއްޗެހި ބޭނުންވަނީ ކިޔަވަން ތިބި މީހުންގެ ދުވަސް ދުއްވާލަންކަން އަހަންނަށް ވިސްނުނެވެ. ކިޔަވަން ތިބުމުގެ ސަބަބުން އެކަމަކު އެއެއްޗެއްސަށް އެކަން ނުވީއެވެ.

ބޭބެ އެނބުރި ނައިސް ލަސްވުމުން އަހަރެން ހާސްވިއެވެ. އެވާހަކަ ބައްޕަ ގާތު ބުނުމުން، ބޭބެއަށްވީ ގޮތެއް ބަލަން އެތެރޭ ގޯއްޗަށް ބައްޕަ ދިޔައެވެ. އެއިރު ގަޑިން 00:00 އެވެ.

"ކަލޭ ބޭނުންވަނީ އަހަރުމެންނާއި ހަނގުރާމަ ކުރަންދޯ. މައްސަލައެއްނެތް. ދެން އެހެންވީމަ އަހަރުމެންވެސް ހަނގުރާމަ ކުރާނީ" މިހެން ބުނެފައި، ކިޔަވަން ތިބި ކުދިން ގާތު ތައްޚާނުބެ ބުނީ ކިޔަވުން ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމަށެވެ. އެހެންބުނެފައި ތައްޚާނުބެ ބޭރަށް ނިކުމެ މީހަކަށް ފޯނު ކޮށްފައި އަނެއްކާވެސް ދައްތަ ކައިރީ އިށީނެވެ. އެވަގުތު ދައްތަ އިނީ ވަރަށް ބިރުންނެވެ.

"އޭކަލޭ މައިތިރިވޭ. ކަލޭ ކީއްކުރަން އޭނައަށް ގުޅީ. ބުނޭ ނާންނާށޭ. ހަމަ މިހާރު ބުނޭ" މިހެން ބުނެ ހަޅޭ ލަވާފައި، ދައްތަ ތެޅި ފޮޅެން ފެށިއެވެ. އަހަރެން ހައިރާންވިއެވެ. ތައްޚާނުބެ ގުޅީ ކާކަށް ބާއެވެ. ދައްތަގެ ގައިތެރެއަށް ވަދެގެން އުޅޭ ޖިންނި މިވަރުގެ ބިރެއް މިގަންނަނީ ކާކު ދެކެބާއެވެ.

ކުޑައިރުކޮޅެއް ނުވެ ސައިކަލެއް މަޑު ކުރި އަޑު އިވުނެވެ. މަޑުމަޑު ފިޔަވަޅެއްގައި ގޭގެތެރެއަށް ވަނީ އުމުރުން ގާތްގަނޑަކަށް 35 އަހަރުގެ ޒުވާން ފިރިހެނެކެވެ. ރީތި ވަރަކަށް ތުބުނޅި ހަދާފައި ހުރި އިރު، އައިނެއް ވެސް އަޅައިގެން ހުރި އެމީހާ ލައިގެން ހުރީ ހުދު ކުލައިގެ ގަމީހަކާ ގަދަ ނޫ ކުލައިގެ ޖިންސެކެވެ.

"ނޫން....... ދޭ މިތަނުން.. މިތަނުން ދާށޭ.. ނާންނާތި މަގޭ ކައިރިއަށް" ދައްތަ ބިރުން ވަރަށް ބާރަށް ހަޅޭލަވާ ތެޅިފޮޅެން ފެށިއެވެ. އެމީހާ ހުރީ ފާޑަކަށް ހިނިއައިސްފައެވެ.

"ހާދަ ބިރެއް. ހެހެ.. ހަމަޖެހިބަލަ. އަދި ތިވަރު ވާކަށް ނުވޭނު" އެމީހާ ބުންޏެވެ. އޭނާގެ މަޑު ފިޔަވަޅު މަތިން ހިނގާލާފައި ގޮސް ދައްތަގެ އެނދުގައި އިށީނެވެ. "ތަންކޮޅެއް ލަހުން އާދެވުނީމަ ސޮރީ. ކީއްކުރާނީ ދޯ. ދިގު ދަތުރަކުން މިއައީ. އެކަމަކު ދެން މިތަނުން ދާނީ މިކަންތައްގަނޑު ރަނގަޅު ކޮށްފަ" ތައްޚާނުބެ ގާތު އެމީހާ ބުންޏެވެ.

އެވަގުތު ހީވީ މުޅި ގެ ގުޑައިގެން ދިޔަހެންނެވެ. އެއްޗެހިތައް ބިންމައްޗަށް ވެއްޓެން ފެށިއެވެ. އެމީހާއާއި ތައްޚާނުބެއާއި ދިމާލަށް ވެސް އެއްޗެހިތައް ވިއްސައިގެން ގޮސް އަންނަން ފެސިއެވެ. އެހިނދު މޭޒުމަތީގައި ބަހައްޓާފައި ހުރި ފެންފުޅިއަކުން ތައްޓަކަސް ފެން އަޅާ، އެމީހާ ކިޔަވަން ފެށިއެވެ. އަދި އެކި ތަންތަނަށް އޭގެން ފެންފޮދު އުކަން ފެށުމުން، އެފެންފޮދު އުކާ ކޮންމެ ތާކުން އަލިފާންގަނޑެއް އަރައިގެން ދިޔައެވެ. އެގޮތުން 10 ވަރަކަށް އަލިފާންގަނޑު އަރައިގެން ދިޔުމުން ދައްތަ ވަރަށް ބާރަށް ރޯން ފަށާ ހުއްޓާލުމަށް އެދި އާދޭސް ކުރިއެވެ.

"އަހަރެންގެ ބާރު ކަލެއަށް ހަމަ ރަނގަޅަށް އިނގޭނެ. އަދިވެސް ހަމަ ހަނގުރާމަތަ ކުރަން ބޭނުމީ؟" ހިނިއައިސްފައި އިނދެ އަނެއްކާވެސް އެމީހާ އެއްސެވެ.

"ނޫން. ހެޔޮ ނުވާނެ ދެން ހުއްޓާލާ. އަހަރެންގެ އާއިލާއާއި އަހަރެން ދޫކޮށްލާ. އަހަރުމެން ކަލޭމެންނާ ވަރަށް ދުރަށް ހިނގައިދާނަން. ދުވަހަކުވެސް އެނބުރި ނާންނާނަން" ދައްތަގެ ގައިތެރޭގައި އިން ޖިންނި ބުންޏެވެ.

"ތިއީ ކުރީ ފަހަރުވެސް ކަލޭ އަހަރެން ކައިރީވީ ވައުދެއް. އެފަހަރު އަހަރެން ކަލޭ ދޫކޮށްލިން. އުނދަގޫ ނުކޮށް އެރަށުން ދާށޭ ބުނީމަ، އޭގެ މާނައަކީ ކަލޭ މިރަށަށް އައިސް އަނެއްކާވެސް އިންސާނުންނަށް އުނދަގޫ ކުރާށެކޭ ނޫނެއްނު. މިފަހަރު ދޫކޮށްލައިފިއްޔާ އަނެއްކާ އެހެން ތަނަކަށް ގޮސް ކަލޭ މީހުންނަށް އުނދަގޫ ކުރާނެ. އެހެންވީމަ މިފަހަރު އޮތް ގޮތަކީ ކަލެއާއި ކަލޭގެ އާއިލާ ނައްތާލުން" މިހެން ބުނެ އަނެއްކާވެސް އެމީހާ ފެން އުކަން ފެށިއެވެ. ހަމަ އުކާ ކޮންމެ ފަހަރަކު އަލިފާންގަނޑެއް އަރައެވެ.

"އާދޭސް ކޮށްފަ ބުނަން ހުއްޓާލާ. އަހަރެންގެ މުޅި އާއިލާ ނައްތާނުލާ އަހަރުމެންނަށް ރަހުމް ކުރޭ. ދުވަހަކުވެސް ދެން އަހަރުމެން އެއްވެސް އިންސާނަކަށް ގޯނާއެއް ނުކުރާނަން" އެހިސާބަށް ދައްތަ ބުނުމުން ތައްޚާނުބެ ބުންޏެވެ.

"އަލީ. އަހަރެން ބޭނުމީ އޭނަ ނައްތާލާކަށް ނޫން. އެއެއްޗެހި އިސްލާމްކޮށް ސުލްޙަވެރި ކަމާއިއެކު ދޫކޮށްލަން. އަހަރެން ދައްކާ ވާހަކަ އަޑުއަހަން އޭނައަށް އަމުރުކުރޭ"

"ހެހެ ދެން އަޑު އަހާނެ ބައްޕާ." ހިނިއައިސްފައި އެމީހާ އެހެން ބުނުމުން، އެއީ ތައްޚާނުބެ ގެ ދަރިއެއް ކަމާއި، ނަމަކަށް ކިޔަނީ އަލީ ކަން އަހަންނަށް އެނގުނެވެ. އެކަމަކު، ތައްޚާނުބެ ސުލްޙަވެރިކަމަށް ލޯބި ކުރާއިރު، ތައްޚާނުބެ ގެ ދަރިފުޅު އެހާ ރުޅިގަދަވެފައި ބާރުގަދަވީ ކިހިނެއްބާއޭ އަހަރެން ހިތައް އެރިއެވެ.

"އާނ އަހަރެން އަޑު އަހާނަން" މިހެން ދައްތަ ބުނުމުން، މާތް ﷲ އަށް ތަބާވުމަށާއި، އިސްލާމް ދީން ޤަބޫލު ކުުރުމަށް ތައްޚާނުބެ ނަސޭޙަތް ދިނެވެ. ނަޞޯރާއިން ތަބާވަނީ އީސާގެފާނަށް ނޫންހޭ ބުނެ، ނަމަވެސް އީސާގެފާނަކީ ވެސް މާތް ﷲ ގެ ރަސޫލެއްކަން އިނގޭތޯ ސުވާލުކޮށް، އެކަލޭގެފާނު ވެސް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ގޮވާލީ މާތް ﷲ އަށް އަޅުކަންކޮށް މާތް ﷲ އަށް ތަބާވުމަށްކަން ތައްޚާނުބެ ހަނދާންކޮށް ދިނެވެ. ދެއްކި ހުރިހާ ވާހަކައެއް އަޑު އަހަން އޮވެފައި، ދައްތަގެ ގައިތެރެއަށް ވަދެގެން ހުރި ޖިންނި ބުނީ "އަހަރެން އިސްލާމް ދީނަށް ވަދެ، މުއުމިން ޖިންނި އަކަށް ވާން ތައްޔާރު" ކަމަށެވެ.

ތައްޚާނުބެ އެއެއްޗަށް ޝަޙާދަތުގެ ދެކަލިމަ ކިޔާދިނުމުން، ދައްތަގެ ޒަރީއާއިން އޭތިވެސް ޝަހާދަތް ކިޔާ އިސްލާމް ވިއެވެ. އިސްލާމް ވުމަށް ފަހު، ދެން ދުވަހަކު ވެސް އެއްވެސް އިންސާނަކަށް އުދަނގުލެއް ނުކުރާނެ ކަމަށް ވައުދުވެ، ދައްތަގެ ގައިތެރެއިން ނިކުމެގެން ދިޔައެވެ. މުޅިތަން އަމާންވެ، އެވަގުތު ކަރަންޓުވެސް އައެވެ.

"ދެން ދަނީ ބައްޕާ. އަހަންނަށް މިރަށުގަ މާގިނަ ދުވަހު ހުރެވޭކަށް ނެތް. މިއައީ ބައްޕަގެ އެދުމުގެ މަތިންނާ ކޮއްކޮގެ މަރުގެ ބަދަލު ހިފަން. މިރޭ ފަތިހު ފުރަން ޖެހޭތީ، އަހަރެން ދާން ހުއްދަ ދެއްވާ" މިހެން ބުނެފައި، ތައްޚާނުބެ ހުއްދަ ދިނުމުން، އަލީ އެތަނުން ދިޔައެވެ.

"އެއީ އަހަރެންގެ ދޮށީ ދަރިފުޅު އަލީ. ހުންނަނީ އެންމެންނާ ވެސް ދުރުގައި، އެހެން ރަށެއްގައި. ރުޤްޔާ ކުރަން އޭނަވެސް ދަސްކުރި. އެކަމަކު އޭނަ ދަތުރުކުރި ކޮންމެވެސް އެހެން ރަށަކުން، އެހެން ކަންތައްތަކެއް ވެސް އޭނާ ދަސްކުރި. ހީނުކުރާތި އޭނާއަކީ ސިހުރު ހަދާ، މީހުންނަށް ގޯނާ ކުރާ މީހެކޭ. އެކަމެއް އޭނާ ނުކުރޭ. އެކަމަކު، އިންސާނުންނަށް ޖިންނީން ގެއްލުންދީ، އިސްލާހު ނުވާން މާބޮޑަށް ބޮޑާހާކާނަމަ، އަލީ އެއެއްޗެއްސަށް ރަހުމެއް ނުކުރާނެ. ކޮންމެގޮތެއް ހަދާފަވެސް އިންސާނުން ސަލާމަތް ކުރާނެ. މިރަށު ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަ ޖިންނި ކުއްޖާއަކީ، އަލީ ރަހުމް ކުރި އެއް ޖިންނި. ނަމަވެސް އޭތި އަނެއްކާވެސް އުނދަގޫ ކުރުމުން، އަލީ މިރޭ އައީ އޭތި ނައްތާލަން." އަލީއާއި ބެހޭ ގޮތުން އިތުރަށް ތައްޚާނުބެ ކިޔާދިނެވެ.

އެވަގުތު ދައްތަވެސް ހޭއެރިއެވެ. ވީއެއްވެސް ކަމެއް ދައްތަ ހަނދާނެއް ނެތެވެ. ނަމަވެސް ދުވަސްތަކަކަށްފަހު އަހަންނަށް އަހަރެންގެ ދައްތަ ލިބުމުން، އަހަރެން ވަރަށް އުފާވިއެވެ. ހުރިހާ ކަމެއް ނިމުނީތީ އަހަރެން ފުން ނޭވާއެއްލާ، މާތް ރަސްކަލާނގެ ޙަޟްރަތައް ޝުކުރު ކުރީމެވެ.

"ކޮބާތަ ބޭބެ އާއި ބައްޕަ؟" މަންމަސުވާލު ކުރިއެވެ.

ކަރަންޓަށްވީ ގޮތެއް ބަލަން އެތެރޭ ގޯތީ ތެރެއަށް ބޭބެ ދިޔަކަމާއި، ބޭބެއަށް ވީގޮތެއް ބަލަން ބައްޕަ ވެސް ގޮސް އެނބުރި ނާންނަކަން ހަނދާންވީ އެވަގުތުއެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުމުން، އެންމެން ދުވެފައި ގޮސް އެތެރޭ ގޯތި ތެރެއަށް ވަދެ ބެލި އިރު.. ބައްޕަ އާއި ބޭބެ ވަނީ މިދުނިޔެއާއި ވެކިވެގެން ގޮސްފައެވެ.

ބޭބެގެ ކަނދުރާއާއި ބޯވަކިވެ މުޅި ތަޅުންގަނޑު ލެއިން ތަތްތެޅިފައިވާއިރު، ބޭބެގެ ކައިރީގައި މަރުވެގެން ވެއްޓިފައި ބައްޕަ އޮތެވެ. ބައްޕަގެ ދެލޯ ބޮޑުވެފައި، މުޅި މީހާ ހަރުދަނގަޑުވެފައި ހުރުމުން، ބައްޕަ މަރުވީ ބޭބެއަށް ވެފައި އޮތް ގޮތް ފެނިގެން ލިބުނު ޝޮކެއްގެ ސަބަބުންކަމަށް އަހަންނަށް ލަފާ ކުރެވުނެވެ.

ތުނޑިމަތިން ފެންނަމުން ދިޔަ ކުދަ ކުއްޖާ އަހަރުމެންނަށް އަމާންކަން ދީފައި ދިޔައީ، އަހަރުމެންގެ ބޭބެއާއި ބައްޕަ މިދުނިޔެއިން ވަކިކޮށްލުމަށް ފަހުއެވެ.

(ނިމުނީ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ