އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައުމާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭބެއާއި ދައްތަމެން އިންޑިއާ އަށް ދަނީ

ނައުމާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭބެއާއި ދައްތަމެން އިންޑިއާ އަށް ދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

ހދ. ކުޅުދުއްފުށި ރިހިވެލި ނައުމާ މުޙައްމަދު (18އ.) އަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

އެންމެ ފުރަތަމަ، ހުން އައިސްގެން ދެތިން މަސް ވީއިރުވެސް ރަނގަޅު ނުވެގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނައުމާގެ ބޭބެއަށް ލަފާދިނީ ވީއެންމެ އަވަހަކަށް ނައުމާ މާލެ ގެންގޮސް ޓެސްޓު ހެދުމަށެވެ. ލޭގެ ކެންސަރު ޖެހިފައިވާކަން ކަށަވަރުވީ، އައިޖީއެމްއެޗް ހޮސްޕިޓަލަށް ނައުމާ ގެންގޮސް ޓެސްޓުތައް ހެދުމަށް ފަހުއެވެ.

ނައުމާއަށް އެހީތެރިވުމަށްޓަކައި ކުޅުދުއްފުއްޓާއި މާލޭގައި ވެސް ވަނީ ފަންޑު ފޮށި ބަހައްޓާ، އެކިއެކި ހަރާކާތްތައް ހިންގާ، މާއްދީ އެހީތެރިކަން ހޯދާދޭން މަސައްކަތް ކޮށްދީފައެވެ. ނައުމާ އަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުގެ ދީލަތި އެހީއާއިއެކު، އޭނާގެ ބޭސްފަރުވާ ފަށާ، ކަންތައްތައް ދިޔައީ ރަނގަޅުވަމުން ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ނައުމާ ރަނގަޅުވާނެ ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރުން ދީފައިވާއިރު، އޭނާ ހިކިކަމުން ޑޮކްޓަރުން ވަނީ މީގެ ކުރިން އޭނާއަށް ޚާއްސަ ޑައެޓެއްވެސް ދީފައެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން، ނައުމާގެ ދައްތަ ބުނީ، ނައުމާގެ ބޯން މެރޯ ޓްރާންސްޕްލާންޓެއް ހަދަން އިންޑިއާ އަށް ދިޔުމަށް ނައުމާގެދެ ދައްތަ ޝިޔާމާ މުޙައްމަދު (42އ.) އާއި ނަދީމާ މުޙައްމަދު (34އ.) ގެ އިތުރުން އޭނާގެ ބޭބެ އަހުމަދު މުޙައްމަދު (38އ.) އަށް އިންޑިއާގެ އަމްރިތާ މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓަރ އިން އަންގާފައިވާ ކަމަށެވެ.

"ޓެސްޓު ހަދާފަ އޭގެ ތެރެއިން މެޗް ވާ މީހެއް އެކޮޅުގަ މަޑު ކުރަން ޖެހޭނެ" އާއިލާގެ ފަރާތުން ނައުމާގެ ދައްތައެއް މައުލޫމާތު ދިނެވެ.

ނައުމާގެ ތިން ދައްތަ ހުރި ކަމުގައި ވިޔަސް، ދެ ދައްތަ އައުމަށް އެހޮސްޕިޓަލުން އެންގީ، ތިންވަނަ ދައްތަ މިވަގުތު ބަލިވެ އިނުމުންނެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޓެސްޓު ކުރުމަށް، ނައުމާގެ ދެ ދައްތަ އާއި ބޭބެ އިންޑިއާ އަށް ދިޔުމަށް ނިންމާފައިވަނީ މިއަހަރު ސްކޫލްތަކުގެ ކިޔެވުން ބަންދުވުމުން، އަންނަ ނޮވެމްބަރ މަހުއެވެ. އެމީހުންދަނީ، އެމީހުންގެ ދަރިންވެސް ގޮވައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ނަދީމާ މަސައްކަތް ކުރަނީ ކުޅުދުއްފުށި ސްކޫލްގެ ސްޕޯޓްސް ސުޕަރވައިޒަރަކަށް، ތިން ކުދިން ވެސް ހުރޭ. ޝިޔާމާގެ ހުރޭ ފަސް ކުދިން އޭގެ ތެރެއިން ހަތަރު ކުދިން އުޅެނީ ސްކޫލުގައި ކިޔަވަން. ބޭބެ އަޙުމަދު މުޙައްމަދު މަސައްކަތް ކުރަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި، ތިން ކުދިން ތިބިއިރު، ސްކޫލަށްދާ ދެ ކުދިން ތިބޭ. އެހެންކަމުން ސްކޫލް ބަންދު ވީމަ ދެވޭނީ. ނައުމާގެ ދެ ދައްތައާއި ބޭބެ ގެ ވެސް އެއް އަހަރަށްދާ ކުދިން އެބަތިބި. އެހެންކަމުން އެކުދިންވެސް ގޮވައިގެން ދެވެން އޮތީ" ނައުމާގެ ދައްތައެއް ކިޔާ ދިނެވެ.

ނައުމާއަކީ އޭނާގެ އާއިލާއާއި އެކުވެރިންގެ އިތުރުން، ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ދަންނަ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކުއްޖެކެވެ. އެކި ކަހަލަ ކުޅިވަރު ކުޅުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ ނައުމާއަކީ މީހުންނާއި ގުޅޭ ހިތްހެޔޮ ކުއްޖެކެވެ. އޭނާއަކީ އެހާމެ އެހީތެރި ކުއްޖެއްވެސް މެއެވެ. އެގޮތުން ގިނަގުނަ ވޮލަންޓެރީ މަސައްކަތްތަކެއް ވެސް ނައުމާ ވަނީ ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ