ނައުމާގެ ހިނިތުންވުން، އަނބުރާ ގެންނަން މަސައްކަތް ކުރަމާތޯ؟

ނައުމާގެ ހިނިތުންވުން، އަނބުރާ ގެންނަން މަސައްކަތް ކުރަމާތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

ހދ. ކުޅުދުއްފުށި ރިހިވެލި ނައުމާ މުޙައްމަދު (18އ.) އަކީ ރަޙްމަތްތެރި، ހިތްހެޔޮ މިޒާޖެއްގެ ޒުވާނެކެވެ. ހުރިހާ ކުޅިވަރަކަށް ވެސް އެހާމެ ލޯބިކުރާ ނައުމާ އަކީ، ރަށުގައި ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވިޔަސް، އެކުޅިވަރެއްގައި ބައިވެރިވެ އަދިވޮލުންޓިއަރ އެއްގެ ގޮތުގައި މަސައްކަތް ވެސް ކޮށްފައިވާ މީހުންނާއި ގުޅޭ ކުއްޖެކެވެ.

މީގެ އިތުރުން ޤާރީ ކޯހުގެ އެއްވަނަ ލެވެލް ފުރިހަމަކޮށް ސަނަދު ހޯދާ، ދެވަނަ ލެވެލް ވެސް ނައުމާ ކިޔަވަމުން ދިޔައެވެ. ނައުމާއަކީ ކުޅުދުއްފުށީ ގެ ކުދި ބޮޑު ހުރިހާ ރައްޔިތުންވެސް ދަންނަ މޫނެކެވެ. އަދި އެއެންމެންވެސް ބުނާ އެއްވާހަކައަކީ، ނައުމާއަކީ ވަރަށް ވެސް ހިތްހެޔޮ އެހީތެރި ކުއްޖެއްކަމާއި، އަބަދުވެސް ފެންނައިރު ހުންނަނީ ހިނިތުން ވެފައި ކަމެވެ.

ނަމަވެސް އެހިނިތުންވުން މިއަދު ފަނޑުވެފައިވަނީ، ސިއްޙީ ގޮތުން ނައުމާއަށް މިދިމާވި ކަންތައްގަނޑުގެ ސަބަބުންނެވެ. ލޭގެ ކެންސަރު (ލުކޭމިއާ) ޖެހިފައިވާކަން އެނގުނު ދުވަހުން ފެށިގެން، ނައުމާގެ ޙަޔާތް މިވަނީ ބަދަލުވެފައެވެ.ނައުމާ ގެ ދައްތަ ސަމާ ވަނީ "މިއަދުނޫހާއި" މިވާހަކަތައް ޙިއްސާ ކޮށްފައެވެ.

ހުން އައިސްގެން ދެ ތިން މަސް ވީއިރުވެސް ހުންގަނޑު މަޑެއް ނުވިއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ދެއްކުމުން އެންމެ ފުރަތަމަ ލޭގެ ޓެސްޓެއް ހަދާފައި ނުވާކަން ނައުމާ ގެ ދައްތަ ފާހަގަ ކުރިއެވެ. ކޮންމެ ފަހަރަކުވެސް ނައުމާ އަށް ބޭސް ދީފައި ފޮނުވާލީއެވެ. ނަމަވެސް ކޮންމެ ހަފްތާއަކު ދެތިން ފަހަރު ޑޮކްޓަރަށް ދައްކަން ދާން ޖެހުމުން، އެހޮސްޕިޓަލުން ވަނީ ކުރިން ނައުމާ ގެ ތައިރޮއިޑް ޓެސްޓެއް ވެސް ހަދާފައެވެ.

ނައުމާއަށް ލޭގެ ކެންސަރު ނުވަތަ ލުކޭމިއާ ޖެހިފައިވާކަމަށް ޝައްކު ކުރެވުނީ 19 އޯގަސްޓް 2017 ވީ ހޮނިހިރު ދުވަހު، ވަރަށް ބޮޑަށް ހާލު ދެރަވެގެން، އެހޮސްޕިޓަލުގައި އެޑްމިޓް ކުރެވުމަށް ފަހުއެވެ. ކުޅުދުއްފުށި ހޮސްޕިޓަލަކީ ކެންސަރަށް ޓެސްޓު ހެދޭ ހޮސްޕިޓަލަކަށް ނުވުމުން، އެހޮސްޕިޓަލުން ނައުމާގެ ބޭބެއަށް ލަފާދެއްވީ ވީއެންމެ އަވަހަށް ނައުމާ މާލެ ގެންގޮސް ޓެސްޓު ހެދުމަށެވެ. މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ޓެސްޓުތައް ހެދުމުން، ނައުމާއަށް ހުރީ ލޭގެ ކެންސަރު ޖެހިފައިކަން އެހޮސްޕިޓަލުން އެންގިއެވެ.

ވަރުބަލިކަމެއް ނެތި، އަބަދުވެސް އެންމެންނަށް އެހީތެރިވުމުގައި ތިމާގެ އަމިއްލަ ވަގުތުތައް ހޭދަ ކޮށްލި ނައުމާއަށް މިވަނީ މިއަދު އެންމެންގެ އެހީތެރިކަން ވެސް ބޭނުންވެފައެވެ. ކެންސަރަށް ފަރުވާ ހޯދުމަށްޓަކައި އިންޑިއާގެ ބެންގަލޫރަށް ފުރަން ތައްޔާރުވެފައިވާ ނައުމާ އަށް އާސަންދައިގެ އެހީ ލިބިފައިވީ ނަމަވެސް، އަދި އެތަނުގައި ގޮސް ހުރުމާއި ކެއިން ބުއިމުގެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ.

ނައުމާއަކީ އެންމެންގެ ވެސް އަދި ޚާއްސަކޮށް ކުޅުދުއްފުުށީ ހުރިހާ ރައްޔިތުންގެ ވެސް ލޯބި ލިބިފައިވާ ކުއްޖަކަށްވުމުން، ނައުމާއަށް ފަރުވާ ހޯދާދިނުމަށް މިހާރުވެސް ގިނަ ފަރާތްތަކަކުން އެހީތެރިވާން މަސައްކަތް ކުރަމުންދާކަމީ ނައުމާގެ އާއިލާއާއި އަދި އަޅުގަނޑުމެންވެސް ނުހަނު އުފަލާއިއެކު ފާހަގަ ކުރާ ކަމެކެވެ. އެގޮތުން ފަންޑް ރެއިޒް ކުރުމަށްޓަކައި ކުޅުދުއްފުށީގެ އެކިއެކި ފިހާރަތަކުގައާއި ސަރަޙައްދުތަކުގައި ފަންޑް-ރެއިސިންގ ފޮށިތައް މިހާރުވެސް ބެހެއްޓިފައިވެއެވެ. މީގެ އިތުރުން މާލޭ ގެ އެންޖީއޯ އެއްކަމަށްވާ "ދަރުމަ އެދިގެން" އިން ވަނީ ނައުމާގެ ފަރުވާއަށް އެހީތެރިވެ ދިނުމުގެ ގޮތުން ފަންޑު ހޯދާދިނުމަށްޓަކައި މިހުކުރު ދުވަހު ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

މީގެއިތުރުން ނައުމާގެ ދައްތަ ބުނިގޮތުގައި، ނައުމާގެ ޤުރްޢާން ކްލާސް ކުދިންނާއި، އެހެން ރައްޓެހި ރަޙުމަތްތެރިންވެސް ދަނީ ސޯޝަލް މީޑިއާ ގެ ޒަރީޢާއިން ވެސް ނައުމާއަށް އެހީހޯދާ ދިނުމަށް މަސައްކަތް ކުރަމުންނެވެ.
"އެކި ރަށްރަށުންނާއި މާލެ އިން ވެސް ކުދިން ގުޅާފަ ބުނި، ފަންޑް ރެއިސް ކުރަން ހަރަކާތްތައް ހިންގާ ދޭނަމޭ" ނައުމާގެ ދައްތަ ސަމާ ބުންޏެވެ.

ނައުމާއަށް އެހީތެރިވެ ދެއްވުމަށް ބީއެމްއެލް އެކައުންޓް ނަންބަރު 7706460644001 (ލަތީފާ ޙަސަން) އަށް ރުފިޔާ ޖަމާކޮށްދެއްވާށެވެ. އަދި ޑޮލަރުން އެހީތެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ޑޮލަރު އެކައުންޓް ނަންބަރު 7706219199001 (އަޙްމަދު މުޙައްމަދު) އަށް ޖަމާކޮށްދެއްވާށެވެ.

ނައުމާ މުޙައްމަދު އަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތް ﷲ سُبْحَانَهُوَتَعَالَىޙަޟްރަތަށް ދުޢާ ދަންނަވަމެވެ. އާމީން..

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށްشَفَا 2017-08-22 17:39:54

شَفَاكَ اللهُ!

شَفَا 2017-08-22 17:39:56

شَفَاكَ اللهُ!

ނައުމާގެ ރައްޓެއްސެއް 2017-08-22 18:15:38

ހިނިތުންވެ ވާހަކަ ދައްކާ ހިތްހެޔޮ ކުއްޖެއް!! މާތްﷲނައުމާ އަށް އަވަސް ޝިފާ އެއް ދެއްވާށި!! އާމީން

ޔާސިރު 2017-08-23 10:56:07

މާތްﷲ, ނައުމާއަށާއި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އަވަސް ޝީފާދެއްވުން އެދެން. ފަރުވާގެ އެހީތެރިކަމަށް އެދި ލިޔުން ތަކާއި އެކު އިސްލާމިކު މިނިސްޓްރި އަށް ހުށަހެޅުން ރަގަޅު އެއީ ޛަކާތުން ބޭސް ފަރުވާއަށް އެހީ ފޯރުކޮށް ދޭކަމަށް ގިނަބަޔަކު ބުނާ އަޑު އިވޭތީވެ ދަންނަވާލީ.


މަރިޔަމް ވަހީދާ