އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެލޭސިޔާއިން ރާއްޖޭގެ ގިނަ ދާއިރާތަކަކަށް އެހީތެރިވެދޭނެ: ބޮޑުވަޒީރު ނަޖީބް ރައްޒާޤް

މެލޭސިޔާއިން ރާއްޖޭގެ ގިނަ ދާއިރާތަކަކަށް އެހީތެރިވެދޭނެ: ބޮޑުވަޒީރު ނަޖީބް ރައްޒާޤް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ރާއްޖޭގެ ތަރައްޤީއަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި ގިނަ ދާއިރާތަކަކުން މެލޭސިޔާއިން ރާއްޖެއަށް އެހީތެރިވެދެއްވާނެ ކަމަށް މެލޭސިޔާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރެއްވެވި 1 ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ކުރިއަށް ގެންދެވި ރަސްމީ މަޝްވަރާތަކަށްފަހު ގުޅިފައިވާ ބަޔާން އިއްވަވަމުން ނަޖީބް ރައްޒާޤް ވަނީ ތަރައްޤީގައި ރާއްޖެއިން ހޯދަމުން ގެންދާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވައި ތައުރީފްކުރައްވައިފައެވެ. އަދި މެލޭސިޔާއަށް ފޯރުކޮށްދެވެންހުރި އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވައިފައެވެ.

ނަޖީބު ރައްޒާޤް ވަނީ މެލޭސިޔާގެ ޓެކްނިކަލް ޕްރޮގްރާމުގެދަށުން ސިވިލް ސަރވިސްގެ މުވައްޒިފުންނަށް އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތު ދެއްވާނެ ކަމަށް ވިދޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މެލޭސިޔާއަކީ ތައުލީމަށް ތަފާތު ދާއިރާތަކުން ގިނަ ފުރުޞަތުތަކެއް ހުޅުވާލެވިފައި އޮތް ޤައުމެއް ކަމަށާއި ރާއްޖޭގެ 1700 ދަރިވަރުން މިހާރުވެސް މެލޭސިޔާގައި ކިޔަވަމުންދާ ކަމަށެވެ. އަދި މި އަދަދު ދާނީ އިތުރުވަމުން ކަމަށެވެ. މީގެތެރޭގައި ޑޮކްޓަރުކަން ކިޔަވާ 65 ދަރިވަރުންވެސް ހިމެނޭ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ މެލޭސިޔާއަކީ ހަލާލު ސެޓުފިކެޓް ދިނުމުގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމު ކަމަށާއި ކާނާ އާއި ހަލާލް ފަތުރުވެރިކަމަކީ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދާއިރާތައް ކަމަށެވެ. އަދި މިކަމުގައި ރާއްޖެއަށް މެލޭސިޔާއިން އެހީތެރިވެދީ އެއްބާރުލުން ދޭނެ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުން މެލޭސިޔާގެ ކުންފުނިތަކަށް ފުރުޞަތު ދޭތީ އުފާކުރައްވާ ކަމަށެވެ. "ޚައްޞަ ގޮތެއްގައި ފިނޭންސް މިނިސްޓްރީގެ މަލްޓި ސްޓޯރީ ބިލްޑިންގ ފާހަގަކުރަން. އެ އިމާރާތަށް އިތުރު 122 މިލިއަން ޑޮލަރު ބޭނުންވޭ. މި އިމާރާތް ނިމެން މެލޭސިޔާއިން ބޭނުންވޭ. މިދަތުުރާއި ގުޅިގެން އިމާރާތް ނިންމުމަށް މަގުފަހިވެގެންދާނެކަމަށް ބަލަނީ."

މެލޭސިޔާއިން އިޤްޠިޞާދީ ކުރިއެރުން ހޯދަން ކުރާ މަސައްކަތްތަކުގައި މެލޭސިޔާއަކީ ނަމޫނާ ޤައުމެއްކަމަށް ރާއްޖެއިން ޤަބޫލުކުރާތީ އެއީ ލިބިވަޑައިގަންނަވާ އިތުރު ހިތްވަރެއް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމަކީވެސް މުސްލިމް ދެ ޤައުމު ކަމަށްވުމުން ގިނަ ކަންތައްތަކެއްގައި ޚިޔާލު އެއްގޮތްކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައްސަލަތަކުގައި މިހާރުވެސް ގުޅިގެން މަސައްކަްތކުރާ ކަމާއި އިތުރަށް ގުޅުންބަދަހިވެގެންދާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވީ ބަންގްލަދޭޝްގައި ތިބި ރޮހިންޔާ މުސްލިމުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން މިހާރުވެސް މެލޭސިޔާއިން ފޯރުކޮށްދެމުން ގެންދާ ކަމަށާއި ރޮހިންޔާ މުސްލިމުންނަށް ލިބެމުން އަންނަ އަނިޔާތަކުގެ މައްސަލަ ވައިޓް ހައުސްގެ ސަމާލުކަމަށްވެސް މެލޭސިޔާއިން ވާނީ ގެނެސްފައި ކަމަށެވެ. "އެމީހުންގެ ކުރީގެ ގެތަކަށް އެނބުރި ދެވޭނެ ސަލާމަތް އިންތިޒާމެއް ޖެހެން ޖެހޭނެ."

ބޮޑުވަޒީރު ވިދާޅުވީ މިމައްސަލައިގައި އެމެރިކާ ސަރުކާރުން ޢާނބަސް ބުނެފައިވާ ކަމަށާއި އިންތިޒާރުކުރައްވަމުން ގެންދަނީ ނަތީޖާ ފެނިވަޑައިގަތުމަށް ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް މެލޭސިޔާއިން މިހާރުވެސް ދަނީ ފިޔަވަޅު އަޅަމުން ކަމަށާއި ކާބަން ބޭރުކުރާ މިންވަރު 1.35 އިންސައްތަ މަދުކޮށްފައިވާ ކަމަށެވެ. ކްލައިމެޓް ޗޭންޖުގެ މައްސަލަތަކުގެ ސަބަބުން ރާއްޖެއަށާއި ކުދި ޖަޒީރާތަކަށް ކުރިމަތިވަމުން އަންނަ މައްސަލަތަކާއިމެދު މެލޭސިޔާއިން ކަންބޮޑުވާކަން ބޮޑުވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

މެލޭސިޔާ އޮތީ ރާއްޖެ އާއި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ކަމުގެ ޔަޤީންކަން ބޮޑުވަޒީރު ވަނީ ދެއްވައިފައެވެ. އަދި "ޚާއްޞަކޮށް ކުރިއަށް އޮތް މަސްތަކުގައި" ރައީސް ޔާމީނަށް ކާމިޔާބީއަށް ވަނީ އެދިވަޑައިގެންފައެވެ.

ބޮޑުވަޒީރު ވަނީ ރާއްޖޭގެ ޤްދްރަތީ ރީތި ކަމަށާއި މެހްމާން ދާރީއަދާކުރުމުގެ ފުރިހަމަކަން ފާހަގަކުރައްވައި ތައުރީފްކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް