އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
ސުވަރުގެ ލިބުމަށް އެދޭމީހާގެ ކިބައިގައި ހުންނަން ޖެހެނީ 2 ސިފައެކެވެ. އެއީ ތަޤްވާވެރިކަމާއި ﷲ ތައާލާ އުފެއްދެވި މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. އެކަމުގެ އިތުރު ބައެއް ތަފްޞީލަށް ބަލައިލަމާ ހިނގާށެވެ!
ތަޤްވާވެރިވުމުގެ މާނައަކީ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމެވެ. ނަހީކުރެއްވެވި ކަންކަމާއި ދުރުހެލިވުމެވެ. ކުރުމަށް އަމުރުފުޅު ކުރެއްވެވި ހުރިހާ ކަމެއް ކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.
މީސްތަކުންނަށް ހެޔޮކޮށް ހިތުމުގެ މާނައިގައި ވަރަށް ގިނަ ކަންކަން ހިމެނިގެންވެއެވެ. މީސްތަކުންނަށް އެހީތެރިވުމާއި މީސްތަކުންގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމާއި އަނިޔާވެރި އެއްވެސް ޢަމަލެއް ނުކުރުން ހިމެނެއެވެ.
ބައެއް މީހުން އަޅުކަންކުރެއެވެ. މީސްތަކުންނަށް ހެޔޮކޮށްވެސް ހިތައެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި އޮންނަނީ އަނިޔާވެރިކަމެވެ. ނުބައި ބަސްތައް ބުނުމާއި ހަރުކަށި ޢަމަލުތައް ކުރުމެވެ. އަދި އަނިޔާވެރި ޢަމަލުތައްވެސް ކުރެއެވެ.
ސުވަރުގެ ވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ނަމަވެސް މިބަޔާންކުރި ކަންކަމަށް ބަލާއިރު އެއްވެސް މީހަކަށް ނުވަތަ އެންމެ މީހަކަށް ނަމަވެސް އަނިޔާވެރިވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހަމައެއާއިއެކު ޢާއިލާއަށް ޚަރަދު ނުކުރުމަކީ ވެސް މައްސަލައެކެވެ!
ވަރިކުރުމަށްފަހު ދަރިންނަށް ޚަރަދު ނުކުރުމަކީވެސް އަނިޔާވެރިވުމެވެ. ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ ޢުމުރުގެ ދަރިއަކަށް ޚަރަދު ނުކުރުމަކީ ދަރިފުޅު ނިކަމެތިކޮށްލުމެވެ. އެފަދަ ދަރިއަކު ނިކަމެތިކޮށްލުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. ސުވަރުގެ ލިބުމަށް ހުރަސްއެޅިދާނެ ޢަމަލެކެވެ.
ވީމާ މިކަންކަމަށް ބިރުވެތިވާށެވެ! ސުވަރުގެ އެދޭ މީހާ ތަޤްވާވެރިކަން އިތުރުކުރާށެވެ! އެހެން މީސްތަކުންނަށް ހެޔޮކޮށް ހިތާށެވެ! އަދި ކީއްހެއްޔެވެ؟ ޖަނަވާރުންނާއި ގަސްގަހާ ގެއްސަށްވެސް ހެޔޮކޮށް ހިތާށެވެ! އެންމެހައި މަޚްލޫޤުންނަށް ހެޔޮކޮށްހިތާށެވެ!
ފެންބޮވައިގެންފައިވާ ކުއްތާއަކަށް ބޯފެންފޮދެއް ދިން މީހާ ސުވަރުގެ ވެއްދެވިކަން އެއީ މިދެއްކި ވާހަކަތަކުގެ ވަރަށް ބޮޑު ދަލީލެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
7 އޭޕްރީލް 2021