އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމާޒަކީ ރަށުގައި ތިބެގެން ޞިއްޙީ ޚިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮއްދިނުން: ނައިބު ރައީސް

އަމާޒަކީ ރަށުގައި ތިބެގެން ޞިއްޙީ ޚިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮއްދިނުން: ނައިބު ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެބައެއްގެ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ޞިއްޙީ ޚިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހަދާފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" އިފްތިތާޙު ކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢު ވަރަށް ހަލުވިކޮށް ކުރިއަށް ގެންގޮސްފައިވާކަމަށާއި، މިއަދު މި ފެނިގެންދަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާތަން ކަމުގައެވެ. މިގޮތުން، މިއަހަރު އެކަނިވެސް ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަމުގައި ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ މީހުންގެ ޢަދަދު މިދިޔަ ދެ އަހަރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށާއި، މީގެއިތުރުން، މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ޚިދުމަތްތައް ލާމަރުކަޒުކުރެވި، ކުރިން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ލިބިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ކުރިމަގުގައި ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުގެ އެއްބާރުލުމާއެކު ވަރަށް ގިނަ ޚިދުމަތްތަކެއް ރަށްރަށުގައި ތަޢާރަފު ކުރެވޭނެކަމުގެ އުންމީދު އޮތްކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވާހަކަފުޅު ނިންމަވާލައްވައްމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހިރާއްޖޭގެ އުތުރުގައިވެސް މިއަދު އައްޑޫގައި މި ފެށި ފަދަ ޚިދުމަތްތައް ފެށުމުގެ މަސައްކަތް މި ސަރުކާރުން ކުރިޔަށްގެންދާނެ ކަމުގައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ޤާއިމުކޮއްފައިވާ މި ސެންޓަރުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޙިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.
 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް