އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗް.ޑީ.ސީ އިން ހުޅުމާލެގައި ފައިބަރނެޓްވޯކެއް އެޅުމުގެ މަސައްކަތް ފަށައިފި

އެޗް.ޑީ.ސީ އިން ހުޅުމާލެގައި ފައިބަރނެޓްވޯކެއް އެޅުމުގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 31 ސިކުންތު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން ހުޅުމާލެގައި ފައިބަރނެޓްވޯކެއް އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ދުނިޔޭގެ ގިނަގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގާތަކަކީ ދުރުމުސްތަގުބަލަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގާ ތަކެކެވެ. މިއީ ރާއްޖެގައި މުުޅިން އަލަށް ތާއާރަފްވެގެން ދާނެ ކޮންސެޕްޓެކެވެ. މިފަދަނެޓްވޯރކްތަކަށް ކިޔާ އުޅޭނަމަކީ، އޯޕަން އެކްސެސް ނެޓްވޯރކް ނުވަތަ މުނިސިޕަލް ނެޓްވޯރކެވެ. ނިއުޒިލެންޑް، ދެކުނުއެމެރިކާގެ ޤައުމުތަކާއި އަދި ޔޫރޕްގެ ޤައުމުތަކުންވެސް މިފަދަ ނެޓްވޯރކްތަށް ބޭނުންކުރަމުން ދެއެވެ.  

މި ނެޓްވޯކްތައް ބިނާކުރަން ބޮޑެތި ޚަރަދުތައް ހިނގައެވެ. ސަބަބަކީ މިނެޓްވޯކްތައް ބިނާކުރެވެނީ ގިނަފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުމެވެ. މީގެ އިތުރުން ، ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮއްދިނުމަށްޓަކައި، މޭންހޯލް ، ހޭންހޯލެ އަދި ޓަރމިނޭޝަން ފޮށި އެކި އެކި ސަރަހައްދު ތަކުގައި ބަހަށްޓަންޖެހެވެ. ޙާއްސަކޮށް ރާއްޖެގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި  މަގުގެ ދެފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީވެސް މި މަސައްކަތަށް އިތުރު ގޮންޖެހުން ތަކެއްކުރިމަތިވާކެމެކެވެ. އަދި މިއާއެކު، ނެޓްވޯރކް ބެލެހެއްޓުމާއި، ބޭނުންކުރެވޭ އާލާތްތަކަކީވެސަ އަގުބޮޑު، އަދި މިމަސައްކަތަކީ ތަޖުރިބާހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީވެސް މިދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެން ދާސަބަބުތަކުގެ ތެރޭގައިހިމެނޭ ކަމެކެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ މިހުރިހާ ސަބަބުތަކާއި ހެދި ފައިބަރ ކޭބަލް ނެޓްވޯރކަކީ އިންތިހާޔަށް އަގުބޮޑު، އަދި އިންވެސްޓްމަންޓް ރިކަވަރ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެއް ކަމަށާއި މިހުރިހާ ކަމަކަށް ހައްލެއް ހޯދައިދީ ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން މިއަދު އެޗްޑިސީން ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބަރ ނެޓްވޯކަކީ، ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި، ޚިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެއް ކަމަށެވެ.

މި ނެޓްވޯރކް ގާއިމް ކުރަމުން ދަނީ އެޗް.ޑީ.ސީގެ އަމިއްލަ ޚަރަދުގައި ކަމަށް ވުމާއި، މިނެޓްވޯރކްގެ އެއްމެހާ ކަންތައްތައް ބަލަހައްޓާނީވެސް އެޗް.ޑީ.ސީގެ ވަކި ޙާއްޞަ ޔުނިޓަކުން ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.

މިއާއެކު، މަގުތައް މިފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ޚިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެއެވެ. މިނެޓްވޯރކްގެ ޒަރީއްޔާއިން، ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި، އެހެނިހެން ފައިދާތަކެއް ލިބިގެން ދާނެކަމަށް މި ކުންފުނިން ޤަބޫލުކުރަމެވެ. މީގެއިތުރުންވެސް، އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިނެޓްވޯރކް ބޭނުންކުރުމުގެ ފުރުޞަތު އޮތުމަކީ މުވާޞަލާތީ ގުޅުމާއި ގުޅުންހުރި ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އާއްމު ރައްޔިތުންނަށް ގިނަ އައު ޙިދުމަތްތަކެއް ލިބިގެންދާނެ ސަބަބެކެވެ.

ހުޅުމާލެއަކީ ޒަމާނީ ފެންވަރަށް ފުރިހަމަ އަރބަން ސިޓީއެއްގެ ކުލަވަރު ޖެހިފައިވާ ސިޓީއަކަށް ހެދުމަށް މި ކުންފުނީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ދެވޭ ޙިދުމަތްތަކަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އެއްމެ ފަހުގެ އަދި އަތް ފޯރާފަށުގައި ދެވޭ ޙިދުމަތްތަކަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ފާހަގަކުރަމަވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ