އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ބަންގި ގޮވީންސުރެ އިމާމް މީހާ ޤަމާތް ދިނުމާއި ދެމެދުގައިވާ ވަގުތަކީ ދުޢާ ޢިޖާބަކުރައްވަވާނެ ވަޤުތުކަން ޙަދީޘްފުޅޫން އެނގެން އެބައޮތެވެ. ނަމަވެސް ބައެއް މީޙުން ސުންނަތްކޮށްގެން ވެސް އަދި ސުންނަތް ނުކޮށްވެސް ކީރިތި ޤުރްއާން ކިޔަވަން އެބަތިބެއެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ ހެޔޮ ޢަމަލެވެ. އެންމެ މަތިވެރިކަން ބޮޑު ޢަމަލެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް މިވަގުތުކޮޅުގައި އަހުރެން ބުރަވާނީ އެމީހަކު އެދޭ ކަމަކަށް އެދިގެން ދުޢާކުރުމެވެ. އެހެނީ ދުޢާ ޢިޖާބަކުރައްވަވާ ވަގުތުގެ ގޮތުގައި ބަޔާންވެގެންވަނީ ވަރަށް މަދު ވަގުތުކޮޅުތަކެއް ކަމުގައިވާތީއެވެ.
އަހަރެމެން އަބަދުވެސް މަސައްކަތްކުރަންވާނީ ވަގުތާއި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ކަންކަމަށް ޚާއްޞަ ވަގުތުތަކެއް ކަނޑައަޅުއްވަވައި އަދި އެވަގުތުގައި ކުރަން ޚާއްޞަ ކަންތައްތަކެއް ކަނޑައަޅުއްވަވާފައިއެވަނީ އެސަބަބަށްޓަކައެވެ.
ދަންނަވަންހުރި ކަންކަން ބައިވަރެވެ! ބަންގިއާއި ޤަމަތާއި ދެމެދު އެއްވެސް ވަރަކަށް ހުސްވަގުތުކޮޅެއް ލިބިއްޖެނަމަ އެންމެ ބޮޑަށް ބޭނުންވާ ކަންކަމުގެ ތަރުތީބުން ތަރުތީބުކޮށް އަވަހަށް ދުޢާކޮށްލާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
3 މެއި 2021