އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލާނާ މަނިކުފާނުގެ މުނިމުނި ކާފަދަރިކަލުން ޢަބްދުﷲ ޝާހިދަށް މަރުޙަބާ!

ވެލާނާ މަނިކުފާނުގެ މުނިމުނި ކާފަދަރިކަލުން ޢަބްދުﷲ ޝާހިދަށް މަރުޙަބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

މިނިސްވަންކަމާއި މުސްތަގިއްލު ކަމަށް ޣީރަތްތެރި މި ކުޑަކުޑަ ގައުމުން އަބަދުވެސް ދެހެމެއްޓީ އަމިއްލަ ސިޔާދަތާއި އިސްތިގްލާލެވެ. ދެކުނު އޭޝިއާގެ އެންމެ ދުވަސްވީ އިއްތިހާދީ ވެރިކަމެއް ދަމަހައްޓާފައިވާ، އަދި އެންމެ ފުރަތަމަ ލިޔެވުނު ގާނޫނޫއަސާސީއެއް އަމިއްލަ ކުރި ދެކުނު އޭޝިއާގެ ގައުމު، މި ދިވެހި ރާއްޖެއަކީ އަމިއްލަ ވެރިކަމުގެ ނިޒާމެއްގައި އަމުރުބިލްމައުރޫފް ހިންގި ގައުމެކެވެ. ވަޒީރުންގެ ފެންވަރުގެ މަގާމުތަކަށްވެސް ދީގެން އުޅުނީ އަމިއްލަ ދިވެހިވަންތަ ނަންތަކެވެ. އެމަގާމުތަކަށް މީހުން އައްޔަން ކުރަނީވެސް އަމިއްލަ އާދަކާދައަކާއި ސަގާފަތެއްގެ މަތީންނެވެ.

ބައަކު މީހުން މި ގައުމުގެ ވެރިކަމުގެ ނިޒާމު އިނގިރޭސި ކޮށްލުމާ ހަމައަށް ރަށްރަށުގައި ވެސް ކަތީބުންނާއި ކުޑަ ކަތީބުން ތިއްބެވެ. އެއީ، އާންމު ރައްޔިތު މީހާއާ ހަމައަށް ވެރިކަމުގެ ނިޒާމު ފޭދިގެން ދިއުމުގެ ރުކުންތަކެވެ. ކަންކަމާ ހަވާލުވެ ތިބި މީހުން ގޯސްކަމަށް ބަލައިގެން ބަޔަކު މީހުން ޑިމޮކްރެސީގެ ނަމުގައި މުޅި ދިވެހި ސަގާފަތާއި ނިޒާމު ދުއްވާލީއެވެ.

ދިވެހި ޚާރިޖީ ސިޔާސަތަކީވެސް ޒަމާންތަކަށް މޫލާފައިވާ މިފަދަ ނިޒާމެކެވެ. ދުއިސައްތަ އަހަރު ކުރިން މުއައްސަސާއެއްގެ ސިފަ ޖެހިގެން ދިއަ މި ނިޒާމުގައި އިސްކޮށް ހުންނަވާ (މިހާރުގެ ނަމުން ނަމަ ފޮރިން މިނިސްޓަރަކީ) ވެލާނާ މަނިކުފާނެވެ. މިއީ ކޮލި ލެވޭ މަގާމެކެވެ. އަދި ރަސްގެފާނު އަސާކޮޅު ދެއްވާ މަގާމެކެވެ. 1800 އިން ފެށިގެން ރަސްމީކޮށް މިމަގާމަށް ބޭކަލަކު އައްޔަން ކުރެވިފައި ހުއްޓެވެ.

އަދި  މިނޭވާގައި، ފާހަގަ ކޮށްލާނަމެވެ. ރާއްޖޭގައި ތާރީޚް ލިޔެވެން ފެށޭ ހިސާބަކީ ރާއްޖެ އިސްލާމްވި ހިސާބުން ކަމުގައި ވާނަމަ، ރާއްޖޭގައި ރަށްރަށުގައި ރައްޔިތުންގެ ކަންތައްތަކާ ޙަވާލުވެ، އަމުރުބިލްމައުރޫފް ހިންގަވާ، އަދި ހުކުރުނަމާދާއި އީދު ނަމާދު އިސްވެ ކޮށްދެއްވާ އަދި ކަށުކަމާކެމީގެ ކަންތައްތައް ބަލަހައްޓަވާ ބޭކަލަކު ނެތި އެއްވެސް ރަށެއް އަދި އެއްވެސް ޒަމާނެއް ގޮސްފައެއް ނުވެއެވެ. މިއީވެސް ދިވެހިންގެ ވެރިކަމުގެ ބައެކެވެ.

ރާއްޖޭގައި ޚާރިޖީ ވަޒީރު ކަމާ ޙަވާލުވެ މީގެ ދުއިސައްތަ އަހަރު ކުރިން ހުންނެވީ، ވެލާނާ މަނިކުފާނެވެ. ވެލާނާ މަނިކުފާނަކީ، މިހާރުގެ ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މުނިމުނި ކާފައެވެ. ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުއަކީ، ވެލާނާމަނިކުފާނުގެ ވެލާނާގޭ މުހައްމަދު ދީދީގެ އައިމިނާދީގެ މައިމޫނާގެ ޢަބްދުﷲ ދީދީއެވެ.

ރާއްޖޭގެ ތާރީޚްގައި ދުއިސައްތަ އަހަރު ކުރިން ފޮރިން ސަރވިސްއެއް އެބޭފުޅަކާއެކު ބިނާ ކުރެވުނު މަނިއްޕުޅުގެ އާއިލާއިން ވަޑައިގެން ހުންނެވި ބޭފުޅަކު އދގެ އާންމު މަޖިލީހުގެ ރިއާސަތަށް ހޮވިވަޑައިގަތް ކަމީ ދިވެހި ގައުމިއްޔަތަށް ލިބިގެންދާނެ ޝަރަފެކެވެ. އިސްވެ ދެންނެވި ސަބަބުތަކަށް ޓަކައެވެ.

ވަޒީރު ޢަބްދުﷲ ޝާހިދުއަކީ ޔަގީނުންވެސް އދގެ ކޮރިޑޯތަކާއި މާލަމްތަކަށް ބީރައްޓެހި ބޭފުޅެއް ނޫނެވެ. އެމަނިކުފާނު ވަނީ ޚާރިޖިއްޔާގައި ޑެސްކް އޮފިސަރެއްގެ ގޮތުގައި މަގާމު ފެއްޓެވި ހިސާބުން އދގެ އާޖުފާޖު ދެކެވަޑައިގެންފައެވެ.

ރާއްޖޭގައި އެޖީލުގެ ސިޔާސަތުދާން ބޭފުޅުންގެ ތެރޭން ސިޔާސީ އުކުޅުތަކަށް އެއަށްވުރެން ވަކިން ފަރިތަ ބޭފުޅެއް ހުރިކަމަކަށެއް ނުދެންނެވޭނެއެވެ. ސިޔާސީ ހިބަރުގެ މަސްވެރިކަމަށްވެސް ނިކަން ފަރިތަ ބޭފުޅެކެވެ. ޢަބްދުﷲ ޝާހިދުގެ މިކާމިޔާބީއަށް މިއަދުނޫހުގެ ފަރާތުން ޚާއްސަ ތަހުނިޔާއެއް އަރިސްކުރަމެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް