އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތާޅަފިލި ފުމެލެއްވެވުމުން ކައްވަޅުން ތެދުވަންޖެހިގެން ޝަކުވާކުރާނެ ޞާލިޙް އަޅަކު ކަމުގައިވާށެވެ!

ތާޅަފިލި ފުމެލެއްވެވުމުން ކައްވަޅުން ތެދުވަންޖެހިގެން ޝަކުވާކުރާނެ ޞާލިޙް އަޅަކު ކަމުގައިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

މިއަދު ދުނިޔޭގައި ގިނަ ބައަކު އެންމެ ގިނަ ވަގުތު ހޭދަކުރަނީ ކުޅިވަރުކުޅުމަށާއި ޓީވީ ބެލުމަށާއި އެފަދަ ކަންކަމަށެވެ. ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކުޅިވަރުތައް ކުޅުމާއި ހުއްދަ ކުރެއްވެވި ފިލްމް ބެލުމަކީ ފާފައެއް ކަމަކަށް ނުބުނަމެވެ. އަދި އެކަންކަން ނުކުރާކަށްވެސް ނުބުނަމެވެ. 

ނަމަވެސް ބުނަން އޮތީ ﷲ ތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވީ އެކަންކަން ކުރަން ނޫން ކަމަށެވެ. ތިބާ ދުނިޔެއަށް ފޮނުއްވެވީ ﷲ ތަޢާލާއަށް އަޅުކަންކުރަން ކަމަށެވެ. ވީމާ ފުރަތަމަ ކަމަކަށް، ނުވަތަ އެންމެ އިސްކަން ދޭން ޖެހޭނީ ﷲ ތަޢާލާ ތިބާ ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ޙާޞިލުކުރުމަށެވެ. ތިބާ ބޭނުންވާ ކަންކަން ގެންނަން ޖެހޭނީ އެއިގެ ފަހަތުންނެވެ. ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށް ފަހުގައެވެ. 

މީސްތަކުންނޭވެ! ކައްވަޅުގެ މަރުހަލާއަކީ ނުވަތަ ބަރުޒަޚުގެ ޢާލަމަކީ ބިރުވެރި ނުރައްކައުތެރި މަރުޙަލާއެކެވެ. ކައްވަޅުގެ މަރުޙަލާ ފަސޭހަވެއްޖެ މީހާއަށް އާޚިރަތް ދުވަހުގެ ކަންކަންވެސް ފަސޭހަވެގެންދާނެއެވެ. ކައްވަޅުގެ މަރުހަލާ ދަތިު އުނދަގޫ ވެއްޖެ މީހަކަށް އާޚިރަތް ދުވަހުގެ ދުވަހުގެ ކަންކަން ވެސް ދަތި އުނދަގޫވެގެންދާނެއެވެ. 

އިންސާނުން ދުނިޔޭގައި އުޅެމުންދާއިރު ޗުއްޓީ ހޭދަކުރަން ދާނެ ހޮޓާ އަހަރުތައް ކުރިން ކަނޑައަޅައެވެ. އަދި އެމީހެއްގެ ފެންވަރުން އެންމެ ފެންވަރު ރަނގަޅު ޚިދުމަތް ލިބޭނެ ހޮޓާތައް ބަލައި އެއިގެ ތެރެއިންވެސް އެންމެ ފެންވަރު ރަނގަޅު ހޮޓާ ކަނޑައަޅައެވެ. އެންމެ ހަފްތާއެއް ނުވަތަ 2،3 ދުވަހަށް ދުވަހަށް ދަތުރަކު ދިއަ ނަމަވެސްމެއެވެ. އަދި އެހޮޓަލުން ކޮޓަރިއެއް ނުލިބިދާނެ ކަމަށްޓަކައި ކޮޓަރިއެއްވެސް އެތައް މަސް ދުވަސް ކުރިން ބުކްކުރެއެވެ. 

ހަމަ އެމީހާ އުމުރު ހުސްވަންދެން ދުނިޔޭގައި އުޅެ ނިމޭއިރު އޭނާގެ 2 ވަނަ މަންޒިލަށް ދިއުމަށް އެއްވެސް ވަރަކަށް ތައްޔާރެއް ނުވެއެވެ. ކޮންމެ މީހެއްގެ ވެސް ދެވަނަ މަންޒިލަކަށްވާނީ ކައްވަޅެވެ. އެހެންކަމުން ކުޑަކުޑަ މިސާލެއް ބުނެދޭނަމެވެ. 

ފަށަމުން ބުނިފަދައިން ދުނިޔޭގައި ތިބާ ޗުއްޓީއަށްދާ ހޮޓަލުން ތިބާ ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލިބޭނެއެވެ. ފައިސާ ދިނުމުންނެވެ. ފައިސާ ހޭދަކުރި ވަރަކަށް ޚިދުމަތްތައް ދާނީ އިތުރުވަމުންނެވެ. ކައްވަޅާއިމެދުގައިވެސް އޮތީ ހަމަ އެފަދަ ގޮތެކެވެ. ތަފާތަކީ ކައްވަޅުގައި އެއްވެސް ފައިސާއެއް ބޭނުން ނުކުރެވޭނެ ކަމެވެ. ބޭނުން ކުރެވޭނީ ތިބާ ދުނިޔޭގައި ހުރެ ކުރި ހެޔޮ އަމަލު އެކަނި ކަމެވެ. އެކަންކަމުގެ ފައިދާ އެކަނި ކަމެވެ.  

ކައްވަޅުގައި އެންމެ ކުޑަމިނުން އަލިކަމެއް ލިބޭނީވެސް ހެޔޮ އަމަލުކުރެވިފައިވާނަމައެވެ. މީގެ އިތުރުން ކައްވަޅަކީ ޢަޛާބުން ވެސް ފުރިގެންވާ ތަނެކެވެ. ކައްވަޅުގެ ގަދަފަދަ ޢަޛާބުތަކުން ސަލާމަތް ވެވޭނީ ވެސް ޙެޔޮ އަމަލު ކުރެވިފައިވާނަމައެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ނުކޮށްހުރި ނަމައެވެ. 

ވީމާ އަބަދުވެސް ކައްވަޅާއިމެދު ބިރުވެތިވާށެވެ! ބިންގަނޑު ކޮންނައިރު މީހުންގެ ކަށި އެބަ ފެނެއެވެ. އެއީ ގަދަފަދަ ޢަޛާބު ކައްވަޅުގައި ލިބެމުންދާ މީހެއްގެ ކަށިކަމަށްވެދާނެއެވެ. ނަމަވެސް ގިނަ ބައަކަށް އެކަން އިޙްޞާޞެއް ނުކުރެވެއެވެ. ޢަޛާބު ދެއްވަވާތަން ލޮލަސް ނުފެންނާތީއެވެ. ޤަބޫލުކުރެވެނީ ތިމާ މަރުވުމުން ދެން އެ ނިމުނީ ކަމަށެވެ. މީސްތަކުންނޭވެ! މަރުވެ ވަޅުލެވުމުން ޢަޛާބު ދެއްވަވަނީ ކަށިތަކަކަށް ނޫނެވެ! އިންސާނާގެ ފުރާނައަށެވެ. ގިނަ ދުވަސްވެ ކަށިތައް ފީވެ ނެތިގެން ދިއަ ނަމަވެސް ތިބާއަކީ ކައްވަޅުގައި ޢަޛާބު ލިބެން ޖެހޭ މީހަކަށް ވެއްޖެ ނަމަ ޤިޔާމަތް ދުވަހުގެ ތާޅަފިލި ފުންމަވާލައްވަވައި ކައްވަޅުން ތެދުވަން ޖެހެންދެން ދާނީ ހަމަ ޢަޛާބު ލިބެމުންނެވެ. 

ހަމައެއާއިއެކު ކައްވަޅަކީ އަރާމު ތަންމައްޗަކަށް ބަދަލުކުރުމުގެ ފުރުޞަތުވެސް އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ. ކައްވަޅުގެ ސުވާލުތައް ކުރައްވަވައި ނިމުމުން މަލާއިކަތުން ތިބާ ގާތު އަރާމުގައި ނިދާލާށެވެ! ވިދާޅުވާނެ މީހަކަށް ވެވިދާނެއެވެ. އެފަދަ މީހަކަށް ވެވިއްޖެނަމަ ޤިޔާމަތްވެ ތާޅަފިލި ފުންމަވައިލެއްވެވުމުން ތިބާ ވާނީ ކައްވަޅުން ތެދުވަން ޖެހިގެން ޝަކުވާ ކުރާ މީހަކަށެވެ! "މިހައި އަރާމު ނިންޖެއްގައި އޮއްވައި އުނދަގޫކޮށް ހޭލައްވައިލި ކަމާއިމެދު ޝަކުވާ ކުރާ މީހަކަށެވެ! ވީމާ ދޮގޮތުން ކުރެ ބޭނުން ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ އަހަރެމެންނަށް ދެއްވަވައިފައެވެ. 

ސުވަރުގެ ވަނުމާއި ނަރަކައަސް ވަނުމުގެ އިޚްތިޔާރު ދެއްވެވިފަދައިން އެމީހާގެ ކައްވަޅަކީ އަބަދު ޢަޛާބް ލިބިހުންނަ ނަރަކައިގެ ޖަގަހައަކަށް ނުވަތަ އަބަދު އުފާވެރިކަން ލިބިލިބި އޮވެވޭނ ސުވަރުގޭގެ ބަގީޗާއަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ހަަމ ކޮންމެ މީހަކަށްވެސް ވަނީ ދެއްވައިފައެވެ. ބޭނުން ގޮތެއް އިޚްތިޔާރުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް