އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވުމަށް އެދޭމީހާ ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް!

މިއީ ދުޢާ އިޖާބަ ކުރެއްވެވުން އަވަސްވުމަށް އެދޭމީހާ ސަމާލުކަންދޭންޖެހޭ މުހިންމު ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 48 ސިކުންތު

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ﷲ ތަޢާލާ އެދުވަސްތައް އެންމެ މާތް ކުރެއްވެވި ދުވަސްތައް ފެށިފައިވާއިރު އެދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށްޓަކައި ފުރަތަމަކަމަށް އޮތީ އިޚްލާޞްތެރި ތައުބާވުމެވެ. އެއަށްފަހު ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމާއި ތިމާ އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. 

އެއަށްފަހު މިރޭގެ ނަޞޭޙަތަށް އެނބުރިލާނަމެވެ. މިރޭގެ ބަސްކޮޅު އަމާޒުކުރަން ޤަޞްދުކުރަނީ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ކަންބޮޑުވުމުގެ މައްޗަށެވެ.

އަހަރެމެން އެދޭ ކަންކަން ﷲ ތައާލާ ފުއްދަވައި ނުދެއްވަވައި ލަސްވާނަމަ ފުރަތަމަ ވެސް ބަލަން ޖެހޭނީ ތިމާއަށް މިހުރެވޭ ހާލަތާއިމެދުގައެވެ. ﷲ ތަޢާލާ ތިމާ އާއި ހަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާ ކުރެވޭތޯއެވެ. ރަނގަޅަށް ބަލައި ވިސްނައިފިނަމަ ކޮންމެވެސް ކަމެއް އުނިވެފައިވާކަން ވަރަށް ގިނަ ފަހަރު ފާހަގަކުރެވޭނެއެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ ނަމާދުކުރާނަމަ، ފަރުޟު އަޅުކަން އަދާކުރާނަމަ އެއޮތީ ހުރިހާ ކަމެއް ފުރިހަމަކުރެވިފައި ކަމަށެވެ. ހަޤީޤަތަކީ އެވަރުން އަދި ހުރިހާ ކަމެއް ނުފުދޭ ކަމެވެ. އެގޮތުން އެންމެ ގިނަ ބައަކު އިހްމާލްވަނީ އެމީހުންގެ އަމިއްލަ ޢާއިލާ އާއި މައިންބަފައިންގެ ޙައްޤުތަކަށެވެ. 

ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތަށް ވިސްނައިލާށެވެ! "އަދި ތިމަންރަސްކަލާނގެއާއިމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

މިއާޔަތުން އަހަރެމެންގެ ހުރިހާ ކަންބޮޑުވުންތަކަށް ޖަވާބު ލިބިގެންދެއެވެ. ފުރަތަމަކަމަކީ ﷲ ތައާލާ އަހަރެމެން އެންމެންނާއި ކުތައްނަވެވޮޑިގެންވާ ކަމެވެ. ދެވަނަ ކަމަކީ އަހަރެމެން ކުރާ ދުޢާ އިޖާބަކުރައްވަވާ ކަމެވެ. ދެން މިއަންނަނީ އަހަރެމެން އަދާކުރަންޖެހޭ ބައެވެ. އެއީ ﷲ ތައާލާގެ އެންމެހައި އެންގެވުންތަކަށް އިޖާބަދޭން ޖެހޭ ކަމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތައާލާއަށް އީމާންވާން ޖެހޭ ކަމެވެ. ދުޢާ އިޖާބަ ނުކުރައްވަވައި ލަސްވާނަމަ ތިމާގެ ކުށަކީ ކޮބައިކަމާއިމެދު ވިސްނަން ޖެހެނީ މި ސަބަބަށްޓަކައެވެ. 

އަހަރެމެންގެ ވެރިންނަށް އަހަރެމެންގެ އަޑު އިއްވުމަކީ އެހައި ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެޕޮއިންޓްމަންޓަކަށް އެދި ކުރަން ޖެހޭ އިންތިޒާރުތަކެއްވެސް ހުރެއެވެ. ލިޔަން ޖެހޭ ސިޓީތައްވެސް ހުރެއެވެ. ނަމަވެސް އަހަރެމެން އެދޭ އެދުން ﷲ ތަޢާލާއަށް ދެންނެވުމަށް އެންމެ ހިނދުކޮޅަކުވެސް އިންތިޒާރުކުރާކަށް ނުޖެހެއެވެ. ހަމަ ކޮންމެވަގުތަކުވެސް ދަންނަވަންވީއެވެ. ދުނިޔޭގައި ކަންކަން މިހިނގާ ފަދައިން އެކަމަށް ރަސްމީ ގަޑިއެއް ނުއޮވެއެވެ. އޮފީސް ބަންދުކުރާ ގަޑިއެއް ނުވެއެވެ. ޗުއްޓީ ދުވަހެއް ބަންދު ދުވަހެއްވެސް ނުވެއެވެ. 

އޮތީ ހަމައެންމެ ކަމެކެވެ. އެއީ ފުރިހަމަ ގޮތުގައި އީމާންވުމެވެ. އަދި ކިޔަމަންތެރިވުމެވެ. އިޙްޞާންތެރިވުމެވެ. 

މިއާޔަތުގައި ބަޔާން ކުރައްވަވާފައި އެވާ "އުޖީބު"ގެ މާނައަކީ އަވަހަށެވެ. ވީމާ އަހަރެމެން ކަންބޮޑުވެގެން މިއުޅެނީ ކޮންކަމަކާއި ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ﷲ ތައާލާ އަށް ދެންނެވުމަށް އަންގަވާފައި އެވަނީ ހަމައެކަނި ޞާލިޙް އަޅުންނެއް ނޫނެވެ. ފާފަކުރެވުން މަތީގައި ހުރި މީހަކުވެސް އެދި ދަންނަވަންވީއެވެ. ނަމަވެސް އެދި ދަންނަވަންޖެހޭނީ ތައުބާ ޤަބޫލުފުޅު ކުރެއްވެވުން އެދިއެވެ. 

މީސްތަކުންނޭވެ! އާއިލީ ޒިންމާތަކާއި މައިންބަފައިންގެ ޒިންމާ ތަކަކީ އަހަރެމެންނާއި ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. ވީމާ އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހްމާލް ވެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ! އެކަން އިޞްލާޙްކުރާށެވެ. އީމާންކަން ފުރިހަމަވާނީ ﷲ ތައާލާ ގެ އެންމެހައި އަމުރުފުޅުތަކަށް އަމަލުކުރުމުންނެވެ. 

ނިސާ ސޫރަތުގެ 36 ވަނަ އާޔަތް ބަލާށެވެ! "ތިއަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ."

އިސްރާ ސޫރަތުގެ 23 ވަނަ އާޔަތް ބަލާށެވެ! "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" 

މިދެއާޔަތުން އެކަނި ވެސް މިދެއްކި ވާހަކަތަކަށް ދަލީލު ލިބިގެންދާނެ ކަމަށް އުންމީދުކުރަމެވެ. ވީމާ ދުޢާ އިޖާބަ ނުކުރައްވަވައިގެން ނުވަތަ އިޖާބަ ކުރެއްވެވުން ލަސްވެގެން އުޅޭ މީހުންނަށް ފިލާވަޅަކަށް ފުދޭނެ ކަމަށްވެސް އުންމީދުކުރަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް