އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
ދިރިއުޅުމަކީ އިމްތިޙާނެއްކަމަށް ޤަބޫލުކުރާ މުސްލިމަކު ނުހުންނާނެއެވެ. އަދި ކޮންމެ މީހަކުވެސް އެކި ގޮތްގޮތުން އިމްތިޙާން ކުރައްވަވާނެކަން ޤަބޫލުނުކުރާ މުސްލިމަކުވެސް ނުހުންނާނެއެވެ. އިމްތިޙާން ކުރެއްވެވުމަށްޓަކައި ހީވެސް ނުކުރެވޭފަދަ ބޮޑެތި ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިކުރައްވަވާނެ އޮތް ވަހީބަސްފުޅު ޤަބޫލުނުކުރާ މުސްލިމަކުވެސް ނުހުންނާނެއެވެ.
ވީމާ ހިތްދަތިކަމާއި ވޭނުގައި ދިރިއުޅެން ޖެހުމަކީ ތިމާއަށް އެކަނި ކުރިމަތިވާ ޚާއްޞަ ކަމެއް ކަމުގައި ނުދެކޭށެވެ! އެއީ ވަރަށް ޢާންމު ކަންކަމެވެ. ވީމާ ތިމާއަށް ހިތްދަތިކަމެއްގައި އުޅެން ޖެހުމަކީ އަދި ވޭނެއް އުފުލަން ޖެހުމަކީ ހަތަރު އުދަރެސް ފެނުޖެހޭ ވަރުގެ ކަމެއް ކަމަށް ނުދެކޭށެވެ!
ކޮންމެ ކަމަކާއި ގުޅިގެން އެހެން މީހުންގެ އެހީތެރިކަމަށް އެދެވެނީ ދަތިހާލުގައި އުޅެން މީހާ ތައްޔާރުނުވެ ހުންނާތީއެވެ. ދަތިހާލުގައި އުޅެން ޖެހިދާނެކަމަސް ތައްޔާރުވެގެން ހުންނަ މީހާއަށް އެފަދަ ކަމެއް ކުރިމަތިވި ނަމަވެސް ކަންބޮޑުވެ ގައިން ދާހިއްލާވަރުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ކޮންމެ މީހަކުވެސް މަސައްކަތްކުރާނީ ދަތިހާލެއްގައި އުޅެން ނުޖެހިވޭތޯއެވެ! ނަމަވެސް އެފަދަ ހާލަތު ކުރިމަތިވަނީ އެކަން އެމީހަކަށް މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރުފުޅުކުރެއްވެވުމުންނެވެ. އެކަން އެގޮތަށް މެދުވެރިވުމަށް ލިޔުއްވިގެންވާތީއެވެ. އެހެންކަމަށްވާއިރު އެކަން ހުއްޓުވަން ނުވަތަ އެހާލަތު މެދުވެރިވިއަ ނުދިނުމަށް އެއްވެސް ކަމެއް ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ!
ވީމާ ހިތްދަތިކަމާއި ވޭނުގައި އުޅެން ޖެހިއްޖެ ނަމަ އަވަސްވެގަންނަންވީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށެވެ. އެކަންކަމުން ސަލާމަތްކޮށް ދެއްވެވުން އެދި ދަންނަވަންވީ ﷲ ތަޢާލާއަށެވެ! އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ފުރަތަމަ ކަމެއްގެ ގޮތުން ނަމާދުކުރަން އާދަކޮށްބަލާށެވެ! ދަމުނަމާދަށްފަހު ދުޢާކުރުން ގިނަކޮށްބަލާށެވެ! ތިމާގެ ކިބައިގައި އިޞްލާޙްކުރަން ޖެހޭ ފަދަ އެއްވެސް ކަމެއް ހުރިނަމަ އަވަހަށް އެކަންތައް އިޞްލާޙްކޮށްބަލާށެވެ!
އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހިތްދަތިކަން ފިލައިދާ ގޮތް ނުވެސް އެނގޭނެއެވެ. ހިތަށް ހަމަޖެހުން ލިބޭ މިންވަރު ޤަބޫލުކުރަންވެސް އުނދަގޫވާނެއެވެ. މިއީ އެތައް މިލިއަނ މުސްލިމުން ތަޖުރިބާ ކުރަމުން ގެންދާ ކަންކަމެވެ. ތިބާވެސް ނިކަން މިމަގުން ޢަމަލުކޮށް ކަންކަން ތަޖުރިބާ ކޮށްލައިބަލާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
17 ޖުލައި 2021