އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު
އޭނާއަކީ ކުޑަކުއްޖެކެވެ. ސްކޫލަށް ދެވޭނެފަދަވެސް ނެތުމުން ފައިސާ ހޯދަން އެ ކުއްޖާ ކުރާ މަސައްކަތަކީ ގޭގެއަށް ހިނގައި ފިހާރަތަކުގެ މުދާ ވިއްކައިދިނުމެވެ. ސްކޫލްޚަރަދާއި އެހެން ހުރިހާ ޚަރަދުތަކެއް ކުރަމުންގެންދިއައީ އެކަމުން ލިބޭ ފައިސާއިންނެވެ.
އެއްދުވަހެއްގެ މެންދުރެވެ. ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެގެންނެވެ. ނަމަވެސް ކާނެ އެއްޗެއް ގަނެވޭވަރަށް އަތުގައި ފައިސާ ނެތުމުން ކެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހާލުގައި ހުރެ ގެއެއްގެ ދޮރުގައި ޓަކިޖަހާފައި ބޯފެން ތަށްޓަކަށް އެދުނެވެ.
ދޮރުހުޅުވި ޒުވާން އަންހެނާއަށް ކުއްޖާގެ މޫނުމަތިން އޭނާގެ ޙާލު އެނގޭތީ ފެންތަށްޓެއްގެ ބަދަލުގައި ދިނީ ކިރުތަށްޓެކެވެ. ކިރުތަށިބޯލުމަށްފަހު ކިރުތަށީގެ އަގަށް ދޭންވީ ކިހައިވަރެއްތޯ ސުވާލުކުރުމުން އަންހެން ކުއްޖާ ބުނީ މީހަކަށް ހެޔޮކަމެއް ކޮށްދީފައި ބަދަލުގައި އެއްވެސް އެއްޗެއް ނުހޯދަން މަންމަ ބުނެފައިވާ ކަމަށެވެ.
އެޖަވާބު ލިބުމުން އަންހެންކުއްޖާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ހެޔޮދުޢާކުރަމުން ކުއްޖާ ދިއައީއެވެ.
އަހަރުތަކެއް ފަހެވެ. އަންހެން ކުއްޖާ ވަނީ މުސްކުޅި އަންހެނަކަށް ވެފައެވެ. ވަރަށް ބޮޑަށް ބަލިވެގެން އަވަށުގެ ހޮސްޕިޓަލްތަކުން ފަރުވާ ނުކުރެވިގެން މައިސިޓީގައި ހުރި ބޮޑު ހޮސްޕިޓަލަކަށް ގެންދެވުނެވެ. އެހޮސްޕިޓަލުގެ ގިނަ ޑޮކްޓަރުންނަށްވެސް އަންހެން މީހާއަށް ފަރުވާކުރުން ފަސޭހަކަމަކަށް ނުވިއެވެ.
އެންމެފަހުން ހޮސްޕިޓަލުގެ އެންމެ އިސް ޑޮކްޓަރުގެ ސަމާލުކަމަށް ކޭސް ގެނައުމުން ޑޮކްޓަރު ގޮސް ބަލި މީހާ ބެލިއެވެ. އަދި އުމުރުން ދުވަސްވެފައިވީނަމަވެސް އެއީ އޭނާ ކުޑައިރު ބަނޑުހައިވެގެން ހުއްޓާ ކިރުތަށިދިން އަންހެން މީހާކަންވެސް އެނގުނެވެ.
ޑޮކްޓަރުގެ ވަރަށް ބުރަ މަސައްކަތުންނާއި މާތް ﷲ ގެ ރަޙްމަތްފުޅުން އޭނާއަށް ޝިފާ ލިބުމުން ބިލް ގެންގޮސްދިނުމުން އަންހެން މީހާ ދިއައީ ތުރުތުރުއަޅައިގެންނެވެ. 30،000 ޑޮލަރު ހޯދާނެ ގޮތަކާއިމެދު ކަންބޮޑުވީވަރުން ހާޓްއެތޭކެއް ނުޖެހުނީވެސް ކިރިޔާއެވެ.
ބިލުގެ ކަނުގައި އިން ކުޑަކުޑަ ނޯޓެއް ކިޔައިލިއިރު ލިޔެފައިވަނީ މިބިލަށް ދައްކަންޖެހޭ ފައިސާ މީގެ އަހަރުތަކުން ވަނީ ކިރުތަށްޓަކުން ދައްކާފައި ކަމަށެވެ! އެހެންކަމުން ބިލަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އޭނާގެ އެދުމުގެމަތިން ޑޮކްޓަރު އޭނާއާއި ބައްދަލުކުރިއެވެ. އެވަގުތުކޮޅުވެގެންދިއައީ ވަރަށް ޚާއްޞަ ވަގުތުކޮޅަށެވެ. ކިރުތަށީގެ އަގަށް ދޭންވީ ކިހާވަރެއްތޯ ކުއްޖާ ސުވާލުކުރުމުން "މީހަކަށް ހެޔޮކަމެއް ކޮށްދީފައި ބަދަލުގައި އެއްވެސް އެއްޗެއް ނުހޯދަން މަންމަ ބުނެފައިވާ ކަމަށް" އަންހެން ކުއްޖާ އެދުވަހު ބުނިއިރު އޭނާގެ މޫނަށް ގެނައި ހިނިތުންވުން އެވަގުތު ފެންނަންހުރީ ޑޮކްޓަރުގެ މޫނުންނެވެ.
މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! މިއީ ޢިބްރަތްތެރިވާހަކަތަކެވެ. ޙާލުގައި ހުރި މީހަކަށް އެހީތެރިވުމުގެ ފުރުޞަތު ލިބިއްޖެނަމަ މާތް ﷲ އަށްޓަކައި އެހީތެރިވާށެވެ! އެކަމުގެ ދަރުމަ އަނބުރައި ތިބާ އާއި ބައްދަލުކުޜާނެ ގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ
ފުރާ ދެއްވަވަނީވެސް ގެންދަވަނީވެސް މާތް ﷲ އެވެ. "ޙާލުގަ ހުރި ކުއްޖަކަށް ކިރުތަށްޓެއް ދިން އަންހެނަކަށް އޭނާގެ ފުރާނަ ލިބުނުކަމަށް" މިބުނީ މާތް ﷲ ގެ ވާގިފުޅާއިއެކު އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރީ ކިރުތަށި ލިބުނު ކުއްޖާކަމުގައިވާތީ ރަމްޒީގޮތުގައެވެ. 30،000 ޑޮލަރު ލިބުނު ކަމަށް މިބުނީ އެކުއްޖާ އޭނާގެ ބިލަށް އެރި 30،000 ޑޮލަރު ދައްކައިދިނުމުންނެވެ.
Advertisement
20 ޖުލައި 2021