އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ 3 ކަންތަކުގެ ތެރޭގައި އަތްމަތި ތަނަވަސް، ޢުމުރު ދިގު، ފަސޭހައިން ސުވަރުގެވަދެވޭ މީހަކަށްވުން ހިމެނޭނެއެވެ. ވީމާ މިރޭ މިދައްކަނީ މި 3 ކަންތައް ޙާޞިލުކުރަން އެންމެ ފަށޭހަގޮތުގެ ވާހަކައެވެ.
އެންމެ ފުރަތަމަ މިދެ އާޔަތާއިމެދު ވިސްނައިލާށެވެ!
"އެކަލާނގެއަށް މެނުވީ، ތިއަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (އަލްއިސްރާ: 23)
އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރުކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ." (ލުޤްމާން: 14)
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށާއި އެހީތެރިވުމަށާއި މައިންބަފައިންގެ ކުރިމަތީގައި އުފް ވެސް ނުބުނަން އަމުރުފުޅު ކުރައްވަވާފައި އެވަނީ "ތިމަން ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރަން" ވެސް ވަޙީ ކުރެއްވެވި ﷲ ތަޢާލާއެވެ. ހަމަ އެއް ޖުމުލައެއްގައި ދެ އަމުރުފުޅު އެކުގައި ގެންނަވާފައިވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތައި އޯގާތެރިވެ، ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންކަން އެބަ އެނގިގެންދެއެވެ.
މީސްތަކުންނޭވެ! އެމީހެއްގެ މައިންބަފައިން މުސްކުޅި ހާލުގައި އެމީހަކާއި ބައްދަލުވެ، މައިން ބަފައިންގެ ލޯތްބާއި ރުހުން ނުހޯދުނު މީހާއަކީ ސުވަރުގެ ވަންނަން އެންމެ އުނދަގޫވާނެ އެކެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ވީއިރު މައިން ބަފައިންނާއި އަޅާލައި އެހީތެރިވުމަކީ ވަގުތުވާ ދުވަހަކު ނުވަތަ ޖީބުގައި ފުދި އިތުރުވާ ދުވަހަކު ކުރާ ކަމަކަށް ހަދައިގެން ސުވަރުގެ ހާޞިލުކުރަން ފަސޭހަވާނީ ކިހިނަކުން ހެއްޔެވެ؟
މީސްތަކުންނޭވެ! މިފަދަ މީހުންގެ މިސާލަކީ ކުރިމަތީގައި ރަންތަކެއް ބަހައްޓާފައި ނަގަން ބުނުމުން ނުނެގި މީހާއެވެ. އެފަދަ މީހަކަށް ވާން ބޭނުން ނުވާނަމަ ލިބޭ ފުރުޞަތުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! މައިންބަފައިންނަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުމަކީވެސް އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ވަރަށް މަތިވެރި ނިޢްމަތެކެވެ. އެއީ އެންމެންނަށް ދެއްވަވާ ނިޢްމަތެއް ނޫނެވެ.
މީސްތަކުންނޭވެ! "ތިމަން ރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ!" އޮތް މި އާޔަތް ތަފްސީރުކުރައްވަވަމުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ މައިން ބަފައިންނަސް ޗވުކުރު ނުކުރާ މީހާ ﷲ ތަޢާލާއަށް ޝުކުރުވެރިވިނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށެވެ. އަދިވެސް ވިސްނައިލާށެވެ! "މައިންބަފައިންގެ ރުހުން ލިބިގެން ހުރުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ ކަމެއް ކަމާއި މައިން ބަފައިންގެ ނަފްރަތު، ރުޅި ލިބުމަކީ އެމީހަކަށް ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ލިބޭނެ ކަމެއް ކަމަށް ޙަދީޘްފުޅުން އެނގެން އެބައޮތެވެ!
މީސްތަކުންނޭވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ޢުމުރު ދިގުކޮށް ދެއްވަވާ ކަމެކެވެ. ޢަތްމަތި ތަނަވަސްކޮށް ދެއްވަވާ ކަމެކެވެ. ހަމަ އެއާއިއެކު ސުވަރުގެ ވަނުމަށް ފަސޭހަވެގެންދާ ކަމެކެވެ. ދެން އިތުރަށް ބޭނުންވާނީ ކޮން ކަމެއް ލިބެން ހެއްޔެވެ؟
ކަން އޮތީ މިފަދައިން ނަމަވެސް މިހާރަކަށް އައިސް ގިނަ ބައަކަށް ޤަބޫލުކުރެވެނީ މައިންބަފައިންގެ ޙާލުބެލުމަކީ އެމީހަކަށް ފަސޭހަ ދުވަހަކު ކުރަން ޖެހޭ ކަމެއް ކަމަށެވެ. މައިން ބަފައިންނަށް ޚަރަދުކުރުމަކީވެސް ތިމާ ކުރާނެހައި ޚަރަދުތަކެއް ކުރުމަށްފަހު އަތުގައި ބާކީ ފައިސާ ހުރިނަމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތަށް ޤަބޫލުކުރެވޭތީ އަމަލުކުރަނީވެސް އެގޮތަށެވެ. ވީމާ މިދެއްކި ވާހަކަތަކުން ކަން އޮތް މަގު އޮޅުންފިލާނެކަމަށް އުންމީދުކުރަމެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން
Advertisement
15 ސެޕްޓެމްބަރ 2021