އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރިއާއިބެހޭ ގޮތުން ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން-

ވަރިއާއިބެހޭ ގޮތުން ކޮންމެހެން އެނގެންޖެހޭ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 13 ސިކުންތު

ދެމަފިރިން ވަކިކުރުން އޮންނަނީ ދެގޮތަކަށެވެ. އެއީ ވަރިކުރުމާއި ފަސްޚުކުރުމެވެ.

ވަރިކުރުމާއި ފަސްޚުކުރުމުގެ ތަފާތަކީ ވަރިއަކީ ފިރިމީހާގެ ފުށުން ދެމަފިރިންގެ ކައިވެނީގެ ގުޅުމަށް ނިމުމެއް ގެނައުމެވެ. ވަރީގެ ޚާއްޞަ މަޝްހޫރު ލަފުޒުތައް ވެއެވެ.

ފަސްޚުކުރުމަކީ ކައިވެނީގެ ޢަޤްދު ކެންސަލްކޮށް، ކައިވެނީގެ ގުޅުން އޭގެ އަޞްލުން އެއްކޮށް ނިއުޅާލުމެވެ. މީގެ ކުރިން ކައިވެނި ކޮށްފައިނުވާ ފަދައިންނެވެ. މިކަން މިގޮތަށް ކުރެވެނީ ޤާޟީއެއްގެ ޙުކުމުން ނުވަތަ ޝަރުޢީ ޙުކުމަކުންނެވެ.

ވަރިއާއި ފަސްޚުގެ ތަފާތުތަކަކީ: 

1- ވަރި ކުރެވޭނީ ފިރިމީހާއަށެވެ. އޭނާގެ އިޚްތިޔާރާއި އޭނާގެ ރުހުން ލިބިގެންނެވެ. އެކަމަކު ފިރިމީހާގެ ބާރެއް ނެތި ފަސްޚުކުރެވިދާނެއެވެ. ފަސްޚުކުރުމުގައި ފިރިމީހާގެ އިޚްތިޔާރާއި ފިރިމީހާގެ ރުހުން އޮތުމަކީ ޝަރުޠެއް ނޫނެވެ. 

އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ޤާޟީއަކު ދެމަފިރިން ވަކިކުރަން ޙުކުމް ކުރާ ޙާލަތެއްގައި، ފިރިމީހާގެ ފަރާތުން ވަރީގެ ލަފުޒެއް ނެތި، އަދި ފިރިމީހާ ވަކިވުމަށް ބޭނުން ނުވި ކަމުގައި ވިޔަސް ވަކިކުރެވޭނެއެވެ. މި ވަކި ކުރުމަކީ ވަރި އޭ ކިޔާ ވަކިކުރުމެއް ނޫނެވެ. "الأم” (5/ 128)

2- ވަރީގެ ސަބަބުތައް ގިނައެވެ. އަދި ސަބަބަކާ ނުލާވެސް ވަރިކޮށްފާނެއެވެ. އެއީ ފިރިމީހާ، އަނބިމީހާއާ ވަކިވުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ކުރެވޭ އެއްޗެކެވެ. 

އެކަމަކު ފަސްޚުކުރުމަކީ އެކަން ކުރަންޖެހޭ ސަބަބެއް އޮވެގެން މެނުވީ، ނުވަތަ އެކަން ކުރުން ވާޖިބުވެގެން މެނުވީ ކުރެވޭކަމެއް ނޫނެވެ. އެކަން ކުރުން ހުއްދަވާ ސަބަބެއް މެދުވެރިވެގެން މެނުވީ ފަސްޚުނުކުރެވޭނެއެވެ.

ފަސްޚުކުރުން ހުއްދަކުރެވޭ ޙާލަތްތަކުގެ މިސާލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

ހ- ދެމަފިރިންގެ ކުފޫ ހަމަނުވުން (ދެމަފިރިންގެ މެދުގައި ގުޅުން ޤާއިމުނުވުން) އެއީ ކުފޫ ހަމަވުމަކީ ކައިވެނިކުރާއިރު ކޮންމެހެން ލާޒިމުކަމެއްކަމަށް ޝަރުޠުކުރާ ޢިލްމުވެރިންގެ އަރިހުގައެވެ.

ށ- ދެމަފިރިން ކުރެ މީހަކު އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައި އަނބުރާ އިސްލާމްދީނަށް ނުވަދެއްޖެނަމަ:

ނ- ޣައިރު މުސްލިމް ފިރިހެނަކު އިސްލާމްވެފައި އޭނާގެ ކާފިރު އަނބިމީހާ އިސްލާމްވުމަށް (އަހުލުކިތާބީއެއް ކަމުގައިވާ ނުވާ ޙާލު) ދެކޮޅު ހަދާނަމަ

ރ- ދެމަފިރިންގެ ދެމެދުގައި ލިޢާންކުރެވުމުން (ލިޢާންކުރުމަކީ ފިރިމީހާ އަނބިމީހާގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމުން އަނބިމީހާ އެކަމަށް އިންކާރުކުރުމުން، އެދެމީހުންކުރެ މީހަކު އެކަމުގައި ދޮގު ހަދާނަމަ ﷲ ގެ ލަޢުނަތް އެމީހުންގެ މައްޗަށް ވާކަމަށްބުނެ ހުވާކުރުމެވެ.)

ބ- ފިރިމީހާގެ މާލީ ތަނަވަސްކަން ނެތުމުން އަނބިމީހާގެ މައްޗަށް ޚަރަދު ކުރުމަށް ފިރިމީހާ ނުކުޅެދޭ ޙާލަތުގައި އަނބިމިހާ ކައިވެނީގެ ގޮށް މޮހާލުމަށް އެދުން

ޅ- އަނބިފިރިކަމުގެ އަރާމު ލިބިގަތުން މަނާކުރާ ސަބަބެއް ދެމަފިރިން ކުރެ މީހެއްގައި ހުރުން، އެދެމީހުންގެ ދެމެދުގައި ނަފުރަތު އުފެދިފައިވުން.

3- ފަސްޚު ކުރުމަށްފަހުގައި ފިރިމީހާއަށް އަނބިމީހާ ރުޖޫޢައެއް ނުކުރެވޭނެއެވެ. ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބޭނީ އަނބިމީހާގެ ރުހުމުގައި އަލުން އާ ޢަޤްދަކުން ކައިވެނި ކުރީމައެވެ. ވަރީގައި، ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވާނަމަ ޢިއްދާގައި އިން މުއްދަތުގައި އެއީ ހަމަ އަނބިމީހާއެވެ. ފުރަތަމަ އަދި ދެވަނަ ވަރިއަށްފަހުގައި އާ ޢަޤްދަކާ ނުލައި އަނބިމީހާ ރުޖޫޢަކުރުމުގެ އިޚްތިޔާރު ފިރިމީހާއަށް ލިބިގެންވެއެވެ. އަނބިމީހާ ރުހުނުކަމުގައިވިޔަސް އަދި ނުރުހުނު ކަމުގައިވިޔަސް މެއެވެ.

4- ފިރިމީހާ އަށް ލިބިގެންވާ ވަރިކުރުމުގެ ޢަދަދުގެ (3ވަރީގެ) ތެރޭގައި ފަސްޚެއް ނުގުނާނެއެވެ.

އިމާމު އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ދެމަފިރިންގެ ދެމެދުގައި ކުރެވޭ އެއްވެސް ފަސްޚެއް ވަރީގެ ގޮތުގައި ނުގުނޭނެއެވެ. ފުރަތަމަ ވަރިއެއްކަމުގައި އަދި އޭގެ ފަހުގެ ވަރިއެއް ކަމުގައިވެސް ނުގުނޭނެއެވެ. "الأم" (5 /199).

އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. "ފަސްޚުކުރުމާއި ވަރިކުރުން މި ދެކަމަކީ ދެމަފިރިން ވަކިކުރެވޭ ދެގޮތް ކަމުގައިވިޔަސް ފަސްޚާއި ވަރީގެ ފަރަޤަކީ، ފަސްޚު ކުރުމަށްފަހުގައި އަނބިމީހާއާ ފިރިމީހާ އަލުން ކައިވެނިކޮށްފިނަމަ އެމީހުންގެ އެކައިވެންޏާމެދު (ވަރި ގުނުމުގައި) ބަލާނީ އެއީ އެމީހުންގެ އަލަތުކައިވެނި ކަމުގައެވެ. ފަސްޚުކުރުމަށް ފަހު އަލުން ކައިވެނި ކޮށްފިނަމަ އަނބިމީހާ ވަރިކުރުމަށް ފިރިމީހާގެ އަތުގައި 3 ވަރި އޮންނާނެއެވެ. ވަރިކުރުމަށްފަހު ރުޖޫޢާކުރިނަމަ ފިރިމީހާގެ އަތުގައި ބާކީ އޮންނާނީ ދެ ވަރިއެވެ.  "الاستذكار" (6 /181).

5- ވަރިއަކީ ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. އެކަމުގައި ޤާޟީގެ ޙުކުމަކީ ޝަރުޠެއް ނޫނެވެ. ދެމަފިރިން ރުހިގެންވެސް ވަރިކޮށްފާނެއެވެ. ފަސްޚުކުރެވޭނީ ޤާޟީއެއްގެ ޙުކުމަކުން ނުވަތަ ޝަރުޢީ ޙުކުމަކުންނެވެ. އަދި ދެމަފިރިން ކައިވެނި ފަސްޚުކުރުމަށް ހަމައެކަނި ރުހުމަކުން އެކަން ވީކަމަކަށް ނުވާނެއެވެ. ޚުލްޢުގެ ޙާލަތުގައި މެނުވީއެވެ.

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.  "(ޚުލްޢުގައި) ބަދަލެއް ދިނުމަކާ ނުލާ ދެމީހުންގެ ދެމެދުގައިވާ ކައިވެނި ރޫޅާލަން އެދެމީހުން ރުހިގެންނުވާނޭ ކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ."  "زاد المعاد" (5/598).

6- ޖިމާޢުވުމުގެ ކުރިން ކައިވެނި ފަސްޚުކޮށްފިނަމަ، ކައިވެނީގެ ރަނުގެ އެއްވެސް މިންވަރެއް އަންހެން މީހާއަށް ދިނުން ވާޖިބެއް ނުވާނެއެވެ. އެކަމަކު ޖިމާޢުވުމުގެ ކުރިން ވަރި ކޮށްފިނަމަ، ކައިވެނީގެ ރަނުގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ދިނުން ވާޖިބުވާނެއެވެ.

ޚުލްޢުއަކީ އަނބިމީހާ، އޭނާގެ ކައިވެނީގެ ރަން ނުވަތަ އެރަނުގެ ބައެއް، ނުވަތަ އެހެންވެސް މާލީ ބަދަލެއް ފިރިމީހާއަށް ދީފައި، ފިރިމީހާގެ ކިބައިން ވަކިވުމަށް އެދުމެވެ.

ޚުލްޢުކުރުމަކީ ފަސްޚުކުރުމެއްތޯ ނުވަތަ އެއީ ހަމަ ވަރިކުރުމެއްތޯ (ޚުލްޤުގެ ޙުކުމަކީ ފަސްޚުގެ ޙުކުމްތޯ ނުވަތަ ވަރީގެ ޙުކުމްތޯ) ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެންމެ ޞައްޙަކަން ބޮޑު ޤައުލެއްކަމުގައި ބެލެވެނީ އެއީ ފަސްޚުކުރުމެއް ކަމުގައި ބުނާ ޤައުލެވެ.

ބައްލަވާ: "المنثور في القواعد" (3/24) ، "الفقه الإسلامي وأدلته" (4 /595) ، "الموسوعة الفقهية الكويتية" (32/107- 113) (32/137) ، "فقه السنة" (2/314) .

- ޝައިޚް މުޙައްމަދު ޝާފިޢު

 

ލިޔުމުގެ އަޞްލު: https://islamqa.info/ar/133859

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް