އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބުއްދީގެ ނިޢްމަތް

ބުއްދީގެ ނިޢްމަތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

لشيخ شفيع عبد الله

 

ބުއްދި އަކީ މާތް ﷲ އިންސާނަކަށް ދެއްވާނެ އެންމެ އަގުހުރި އެއް ނިޢުމަތެވެ. ބަނީއާދަމު ކަރާމާތްތެރިކުރައްވައި، އެހެން މަޚްލޫޤުންތަކުންގެ މައްޗަށް އެ އިލާހު މަތިވެރި ކުރެއްވީ ބުއްދީގެ ނިޢުމަތުންނެވެ. ހެވާއި ނުބައި އިންސާނާއަށް ދެނެގަނެވޭނީ އެ ބުއްދީގެ ބޭނުން ކޮށްގެނެވެ. 

ކައުނާއި ދުނިޔޭގައި ވާހާ ކަންކަމަށް އެއްވެސް އިސްތިންސާއެއް ނެތި، ނަޒަރު ހިންގައި، ވިސްނައި ބަލައި، ފިކުރުކުރުމަށް އެ އިލާހު އެންގެވީ މި ސަބަބާ ހުރެއެވެ. އެހެނީ، ބެލި ކޮންމެ ދިމާލަކުންވެސް ފެނިގެން ދާނީ އެ އިލާހުގެ މަތިވެރި ކަމެވެ. ނަޒަރު ހިންގި ކޮންމެ އެއްޗަކުން ދަލާލަތުކޮށްދޭނީ އެ އިލާހުގެ ކަށަކުޅަދުންވަންތަ ކަމެކެވެ. ފިކުރުކޮށްލި ކޮންމެ ދިމާލަކުން، އެނގި ކަށަވަރުވެގެން ދާނީ، އެ އިލާހު އެއްކައުވަންތަކަމެވެ. 

މިހުރިހާ ކަމެއް އިންސާނާއަށް ހާސިލުވާން އަންނަނީ، އޭނާގެ ބުއްދި ބޭނުން ކުރި މިންވަރަކުންނެވެ. ޤުރުއާނުގައި އެތައް އާޔަތެއްގައި، މިވެނި އެވެނި ކަމެއްގައި، ބުއްދީގެ އަހުލުވެރިންނަށް ހެކިތަކެއް ވެޔޭ ވަޙީކުރައްވާފައި ވަނީ އެ ސަބަބާ ހެދިއެވެ. މިވެނި އެވެނި ކަމެއްގައި ޢިބްރަތްވަނީ، ވިސްނައި ފިކުރު ކުރާ ބަޔަކަށޭ އަންގަވައި ޚަބަރުކުރައްވާފައި ވަނީ އެހެންވެއެވެ. 

ނަމަވެސް، ބުއްދި އަކީ މިހައި މަތިވެރި އެއްޗެކަށް ވީހިނދު، އެ ބުއްދީގެ ނިޢުމަތަކީ އިންސާނާގެ އެންމެ ބޮޑު ޢަދުއްވުކަމަށް ވެސް ވެދާނެއެވެ. އެއީ އޭގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ނޭނގިއްޖެ ހިނދެއްގައެވެ. 

ބުއްދި އަކީ އޭނާ އާ ޙައްޤާ ދެމެދަށް އެޅޭ ހުރަހަކަށް ވެގެންވެސް ހިނގައިދާނެއެވެ. އިންސާނާއަށް އޭނާގެ ބުއްދިއަކީ ތޫނުފިލި ބުއްދިއެއް ކަން އެނގި، އެ ބުއްދި އާ މެދު ޝުކުރުވެރިވުމުގެ ބަދަލުގައި ކިބުރުވެރިވެއްޖެނަމަ، އޭނާއަށް މަގު އޮޅިގެން ދިޔުން އޮންނާނީ ދާދި ގާތުގައެވެ.

އޭރުން، އޭނާ މަޑު ކުރާނެ ވަކި ޙައްދެއް ނޯންނާނެއެވެ. އޭނާ ފާޑު ނުކިޔާނެ ވަކި ކަމެއް ނޯންނާނެއެވެ. ހުރިހާ ކަމަކަށްވެސް ނަޤުދުކޮށް ފާޑު ކިޔުމަކީ އޭނާއަށް ހީވެފައި އޮންނާނީ އެއީ އޭނާގެ ބުއްދީގެ ތޫނުފިލިކަން ސާބިތުކޮށްދޭން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމުގައެވެ. 

ޙައްދުން ބޭރުވުމުގެ ސަބަބުން ބައެއް މީހުން މާތް ﷲ ބާއްވައިލައްވާފައިވާ މަތިވެރި ޤަޠްޢީ ޙުކުމްފުޅުތަކަށްވެސް އިންކާރު ކުރާ މަންޒަރު ފެނެއެވެ. އެއީ އެބައިމީހުންގެ ބުއްދިއަށް އެ ޙުކުމްފުޅުތަކުގެ ޙިކުމަތާއި މަތިވެރިކަން ނުވިސްނޭތީ އެބައިމީހުންނަށް ދިމާވާ ކަމެއް ކަމުގައި ބުނެވިދާނެއެވެ. 

ފުރިހަމަ ބުއްދީގެ އަހުލުވެރިންނަކީ، މާތް ﷲ ކަމަކަށް ޙުކުމްފުޅެއް ކުރައްވާފައިވާކަން އެނގިއްޖެނަމަ، އެއީ އެންމެ މަތިވެރި ޙުކުމްފުޅުކަމާމެދު ފުރިހަމައަށް އީމާންވާ މީހުންނެވެ.

- ޝައިޚް ޝަފީޢު ޢަބްދިﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް