އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

3 ދަރިންނަށް ބަލިވެއިނުމުން ވަރިކުރިއެވެ! ޑޮކްޓަރުން ބިރުދެއްކިއެވެ! ވަކީލްކޮށް އެކަނި ހިތްވަރުން ވިހޭ އަންހެނަކަށް ލެއްވެވި ރަހްމަތާ އޭނާގެ އިލްތިމާސް!

3 ދަރިންނަށް ބަލިވެއިނުމުން ވަރިކުރިއެވެ! ޑޮކްޓަރުން ބިރުދެއްކިއެވެ! ވަކީލްކޮށް އެކަނި ހިތްވަރުން ވިހޭ އަންހެނަކަށް ލެއްވެވި ރަހްމަތާ އޭނާގެ އިލްތިމާސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރުފުރުނުއިރުވެސް ދަރިއަކު ނުލިބެއެވެ. ފިރިމީހާ އަބަދު އަންނަނީ އެކަމާ ޝަކުވާކުރަމުންނެވެ. ދަރިއަކު ނުލިބޭނަމަ ކައިވެނި ރޫޅައިލާނެ ކަމުގެ ބިރުވެސް ދައްކަމުންނެވެ. 

ކައިވެންޏަށް 6 ވަނަ އަހަރު ޑޮކްޓަރު ބުނީ އަޅުގަނޑު އިނީ ބަލިވެކަމަށާއި 3 ކުދިންނަށް ކަމަށެވެ. އެހިސާބުން ފިރިމީހާއަށް ކަމަކު ނުދިއައެވެ. އެއްފަހަރާ 3 ކުދިން ލިބުމުން ކުރަންޖެހޭނެ ޚަރަދު ބޮޑުވާނެތީއެވެ. ބޭނުންވީ 2 ދަރިން ވައްޓާލުމަށެވެ. އެކަމަށް އިންކާރުކުރުމުން ވަރިކުރީއެވެ. ބަނޑަށް 5 މަހުގައެވެ. އަޅުގަނޑުގެ މަންމަވެސް ތާއީދުކުރީ ފިރިމީހާއަށެވެ. ބުނީ އެއްފަހަރާ 3 ދަރިން ލިބިގެން ނުބެލޭނެ ކަމަށާއި ދަރިން ބަލައިނުދޭނެ ކަމަށެވެ. 

ވަރިކުރިތަނާހެން ޑޮކްޓަރުވެސް އެފަދަ އިންޒާރެއް ދިނެވެ. 3 ކުދިން އެކުގައި ވިހަންވެއްޖެނަމަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އަދި 2 ކުއްޖަކު ވަރަށް ބަލިކަށިކަމަށްވެސް ބުންޏެވެ. އަޅުގަނޑު ޑޮކްޓަރާއިވެސް ދެކޮޅު ހެދީމެވެ. އަޅުގަނޑު ބުނީމެވެ. "3 ފުރާނަ އެކުގައި އަޅުގަނޑުގެ ބަނޑުގައި ލައްވަވާފައިވަނީ އެންމެހައި ފުރާނަތަކެއްގެވެރި ﷲ އެވެ. މަދުކުރައްވަވާނީވެސް ﷲ އެވެ. ވިހެއުމުގެ ތެރޭގައި އަޅުގަނޑު މަރުވެއްޖެނަމަ އެއީވެސް ﷲ ގެ ނިންމެވުމެވެ. އެއިރުންވެސް ފަހުންވެސް ދާންޖެހޭނީ ހަމަ ﷲ ގެ ހަޟްރަތަށެވެ."

ކުރަންޖެހުނު ހިތާމަ ބޮޑުކަމުން ނަމަވެސް ވިހަންޖެހުނީ 7 މަހުގައެވެ. ކުދިން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އަޅުގަނޑަށްވެސް އޮންނަން ޖެހުނީ ހޮސްޕިޓަލުގައެވެ. އެކަނިމާއެކަންޏެވެ. އެއްވެސް މީހަކު އަޅުގަނޑުގެ ޙާލު ބަލާލަންވެސް ނާދެއެވެ. އެހެން އޮވެގެން ކެނޑިނޭޅި ދުޢާކުރީމެވެ. 3 ދަރިން ބެލެހެއްޓޭނެ ރަހްމަތެއް މިންވަރުކުރެއްވެވުން އެދިއެވެ. ދަރިންގެ ބައްޕައަށްވެސް އަދި މައިންބަފައިންނަށްވެސް ތަކްލީފަކަށް ނުވެ ދަރިންކޮޅު ބެލޭނެގޮތެއް މިންވަރުކުރެއްވެވުން އެދިއެވެ. 

ވޯޑުން ނުކުމެ ވެއިޓިންގ ރޫމްގައި އިންދާ އެއްދުވަހަކު ބައްދަލުވި ދެމަފިރިއަކު އަޅުގަނޑުގެ ޙާލާއިމެދު ސުވާލުކުރިއެވެ. ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. ކިޔައިދިނުމުން ދެމަފިރިން ބޭނުންވީ ކުދިން ދޫކޮށްލުމުން އެމީހުންގެ ގާތަށް ދިއުމަށެވެ. އަދި ހޮސްޕިޓަލުގައި އޮންނައިރު ޚަރަދުކުރާނެ ފައިސާކޮޅެއްވެސް އަތަށް ދިނެވެ. އަދި ކޮންމެ ހަފްތާއަކު އައިސް ޙާލުބަލައެވެ. 

ހޮސްޕިޓަލުން ދޫކޮށްލީ 3 މަސްދުވަސްފަހުންނެވެ. ދޫކޮށްލުމުން ދެމަފިރިން ދީފައި އޮތް ނަމްބަރަށް ގުޅުމުން ދެމަފިރިން އެކުގައި ވަގުތުން އަތުވެއްޖެއެވެ. އަޅުގަނޑާއި އެދެމަފިރިން ކޮންމެ މީހެއްގެ އަތުގައި ކުއްޖަކު އޮވެގެން ހޮސްޕިޓަލުން ނުކުންނަން ހިނގައިގެންފައި ހިތަށް އެރިއެވެ. "ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ބަލިވެ އިނދެ އުޅުނީ އެކަންނެވެ. ވިހަން އައީ އެކަންޏެވެ. ހޮސްޕިޓަލުގައި އޮތީ އެކަންޏެވެ. ނުކުންނަން މިދަނީ 3 މީހުން އެކުގައެވެ." 

އެދެމަފިރިންނަކީ ދަރިން ނުލިބޭތީ މީހަކު ވިހާ ދަރިއަކު ހޯދަން ހޮސްޕިޓަލަށް ޒިޔާރަތްކުރަމުންދިއަ ދެމަފިރިންނެވެ. 3 ދަރިން އެއްފަހަރާ ލިބުމުން ހީވީ ބޮޑު ޢީދެއް އައިހެންނެވެ. ދަރިންނަށް ގާތުންދިނުން ނޫން އެއްވެސް ކަމެއް އަޅުގަނޑަކަށް ނުޖައްސައެވެ. ރޭގަނޑު ހޭލައިގެން ކިރިޔާ ރޯލާއަޑު އިވުނަސް ދުވެފައި އައިސް ގެންދެއެވެ. 

އެމީހުންގެ ގާތުގައި އިންނަތާ 6 މަސްދުވަސްވަރު ވީތަނާ އެއްރޭ ކާން ތިބެފައި ބުނީ އަންހެން މީހާގެ އެއްބަޑުއެއްބަފާ މީހަކާ ކައިވެނިކުރަން ރުހޭނަމަ ކައިވެނިކޮށްދީފާނެ ކަމަށެވެ. އަދި ކައިވެނިކުރިނަމަވެސް ކުދިން ގޮވައިގެން ގޮސްގެން ނުވާނެކަމަށެވެ. އުޅެންޖެހޭނީ އެގޭގައި ކަމަށެވެ. 

އަޅުގަނޑު ވަގުތުން އެއްބަސްވީމެވެ. ކައިވެނިކުރެވުނެވެ. ބޭރުފުށުގެ ސިފަ ކިޔާކަށް ނެތީމެވެ. އޭނާގެ އަޚްލާޤް ރަނގަޅުކަމުން އޭނާއަކީ ދުނިޔެއިން ބައްދަލުވާނެ އެންމެ ރީތި ފިރިހެނާކަމަށް ބުނަން ޖެހިލުމެއް ނުވަމެވެ. 

މިއީ އަޅުގަނޑުގެ ޙަޔާތެވެ. ހަޔާތުގައި ކަންކަން ހިނގައިދިއަ ގޮތެވެ. ލޯބިން ކުރި ކައިވެނި ނިމުނުގޮތާއި ދެވަނަ ފިރިއަކު ލިބުނުގޮތެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަވެސް ޔަތީމް ޙާލުގައި އުފަންވި 3 ދަރިންނަށް ލެއްވެވި ރަޙްމަތެވެ. މިހާރު 3 ދަރިން އެތިބީ ކިޔަވައިގެން ރަނގަޅު ވަޒީފާތަކުގައެވެ. 

މިއީ އަޅުގަނޑު ދުނިޔޭގެ ހުރިހާ އަންހެނުންނަށް ކުރާ އިލްތިމާސެކެވެ. ދަރިފުުގެ ބައްޕަ ނުވަތަ ޢާއިލާގެ އެހީތެރިކަން ނުލިބުނަސް، ކިތަންމެ އެކަނިވެރި ޙާލުގައި އުޅެން ޖެހުނު ނަމަވެސް ދަރިން ނުމަރާށެވެ! އެފުރާނަ އެޅުއްވެވި ފަރާތުން ވާގިއެދޭށެވެ. މަގުދައްކަވާނެތެވެ. އިން ޝާ ﷲ 

- ޝަރީފާ ޚާން / ފައިސަލް އާބާދު، ޕާކިސްތާން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް