އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ސިފަ ހުތުރުކަމުން ލޯބިވިމީހާވެސް ވަޒީފާވެސް ގެއްލުނުތަނާ ފައިސާވެރިވުމުން ކުއްލިއަކަށް ސިފަ މާރީތިވި އަންހެނެއްގެ އިޙްޞާޞްތައް-

ޙަޤީޤީ ޙާދިސާ: ސިފަ ހުތުރުކަމުން ލޯބިވިމީހާވެސް ވަޒީފާވެސް ގެއްލުނުތަނާ ފައިސާވެރިވުމުން ކުއްލިއަކަށް ސިފަ މާރީތިވި އަންހެނެއްގެ އިޙްޞާޞްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު

އަޅުގަނޑަކީ ސިފަ ރީތި އަންހެނެއް ނޫނެވެ. އެހެންކަމުން ކިޔަވައިގެން ހޯދި މަތީ ފާސްތަކުން ކުރި ފައިދާއެއް ނުފެނުނެވެ. އެކަށީގެންވާ ވަޒީފާއެއް ނުލިބުނެވެ. އެހެންވެ ޖެހުނީ ގޭގައި ހުންނާށެވެ. ނަމަވެސް ރަނގަޅު ގޮތެއް މެދުވެރިވާނެ ކަމުގެ އުންމީދު ކަނޑައެއް ނުލަމެވެ. 

ގޭގައި ހުއްޓައި އަޅުގަނޑާއިއެކު ކޮލެޖުން ކިޔެވި ކުދިންތަކުގެ ތެރެއިން ވަރަށް ދަށުން ފާސްވި އެހެނަސް ވަރަށް ރީތި އަންހެން ކުއްޖަކަށް ކުންފުންޏަކުން ވަރަށް ރަނގަޅު ވަޒީފާއެއް ލިބުނެވެ. އަދި އޭނާ މެދުވެރިވެގެން އެކުންފުނިން އަޅުގަނޑަށްވެސް ވަޒީފާއެއްވެސް ލިބުނެވެ. 

ނަމަވެސް އެކަންތައްވީ ވަރަށް ބުރަކަމަކަށެވެ. އެއީ އަޅުގަނޑު ކުރަންޖެހޭ މަސައްކަތުގެ އިތުރުން އެކުވެރިޔާ ކުރަންޖެހޭ މަސައްކަތްތައްވެސް ކޮށްދޭންޖެހޭތީއެވެ. އޭނާގެ މަޤާމް މަތިކަމުން ބޮޑެތި ރިޕޯޓްތައް ހަދަންޖެހެއެވެ، ނަމަވެސް އެކަންކަން ކުރާކަށް ނުއެނގެއެވެ. ކޮށްދޭންޖެހެނީ އަޅުގަނޑަށެވެ. 

މިކަން އެނގޭ ފިރިހެން މުވައްޒިފަކު ހުރެއެވެ. އޭނާއަކީ ވަރަށް ރީތި ޒުވާނެކެވެ. އޮފީހުގެ ހުރިހާ ކުދިންހެން ތިބެނީ އޭނާއާއި އަޅައިގެންފައެވެ. އެކަން އެޒުވާނާއަށްވެސް ރަނގަޅަށް އެނގެއެވެ. އެ ޒުވާނާ އެއްދުވަހަކު ބުނީ އަޅުގަނޑާއި ގުޅެން ބޭނުން ކަމަށެވެ. އެއީ ހަރުދަނާ ރަނގަޅު ދިރިއުޅުމެއް އުޅުމުގެ އުންމީދުގައި ކަމަށެވެ. 

އެހެންނަމަވެސް އަޅުގަނޑުގެ ސިފަ އަޅުގަނޑަށް އެނގޭތީ ވަކި ޖަވާބެއް ނުދެމެވެ. ނަމަވެސް އޭނާ އަޅުގަނޑާއި ވާހަކަދެއްކުން ގިނަކުރިއެވެ. އެކަން ފާހަގަކުރެވުމުން ހުރިހާ އެކުވެރިންހެން އަޅުގަނޑަށް ނަފްރަތުކުރިއެވެ. ވާހަކަދެއްކުން ހުއްޓައިލިއެވެ. އަދި އެކުވެރިޔާވެސް އަޅުގަނޑުގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވައި ވެރިން ގާތު ވާހަކަ ދެއްކުމުން ވަޒީފާއިން ވަކިކުރިއެވެ. 

އެދުވަހު ވަރަށް ދެރަވިއެވެ. އެއީ މުސާރަ ނުލިބިދާނެތީއެއް ނޫނެވެ. މުސާރަ އަޅުގަނޑަށް އެހައި މުހިންމެއް ނޫނެވެ. އަޅުގަނޑުގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއަކީ އަޅުގަނޑެވެ. ބައްޕަ ހުރީ ގެ 6 ބުރިއަށް އަޅައިފައެވެ. ކުއްޔަށް ދީފައި ހުންނާތީ ފައިސާ ލިބެއެވެ. ދެރަވީ ކިޔަވައިގެން ވަޒީފާއެއް ނެތި ހުންނަން ޖެހޭތީއެވެ. 

އަޅުގަނޑު އެ މީހަކު ދެކެ ލޯބިވީމީހާ އަޅުގަނޑާއި ވަކިވީވެސް އަޅުގަނޑުގެ ސިފަ ހުތުރުވެގެންނެވެ. އަދި ވަޒީފާ ގެއްލެން މިދިމާވި ސަބަބަކީ ވެސް އަޅުގަނޑުގެ ސިފަ ހުތުރުވީމާ އަޅުގަނޑު ދެއްކި އެއްވެސް ވާހަކައެއް ކުންފުނީގެ ވެރިން ޤަބޫލު ނުކުރުމެވެ. ވީމާ އަޅުގަނޑުގެ ސިފަހުތުރުކަން މިވީ އަޅުގަނޑުގެ ކެރިއަރ ބްލޮކްކުރާ ސަބަބަކަށެވެ. 

އެދުވަހު ގެއަށް ދިއަތަނާ ރޮވެންފެށުމުން މަންމަ ސުވާލުކުރުމުން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. މަންމަ އެވާހަކަތައް ބައްޕައަށް ކިޔައިދިނުމުން އަޅުގަނޑު ގެންގޮސް ގާތުގައި ބައިންދާފައި ބުނުއްވިއެވެ. "ދަރިފުޅާއެވެ. އެތަނުގައި މަސައްކަތްކުރުމުން މިހާރު ތިއަހުރީ ވިޔަފާރި ކުރަން ކޮންމެވެސް ވަރަކަށް ދަސްވެފައެވެ. ބައްޕަ ދަރިފުޅަށް ކެޕިޓަލް ދޭނަމެވެ. އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. ކުންފުންޏެއް އަމިއްލައަށް ރަޖިސްޓްރީކުރާށެވެ. އެއިރުން އެއްވެސް މީހަކަށް ދަރިފުޅު ވަޒީފާއިން ވަކިނުކުރެވޭނެއެވެ." 

ގޭގެ ފުރަތަމަ ފަންގިފިލާގެ އެއް އެޕާޓްމަންޓްގައި ބައްޕަ އަޅުގަނޑަށް އޮފީހެއް ހަދައިދިނެވެ. އެތަނުގައި އެކަނި އިނދެ މަސައްކަތްފެށީމެވެ. 2 އަހަރުވީއިރު ޑެލިވަރީކުރާނެ 5 މީހުންނާއިއެކު 10 މުވައްޒިފުން ގެންގުޅެމެވެ. 

އެދުވަސްވަރު އަޅުގަނޑު ރީތިކަމުން ކައިވެނިކުރަން ބޭނުންވެގެން ގުޅާ ޒުވާނުން ވަރަށް ގިނައެވެ. ހަމަ ކުއްލިއަކަށް އަޅުގަނޑުގެ ސިފަ ރީތިވީޔޯލައެވެ. ނަމަވެސް އެއިން ދަންތުރައެއްގައި ނުޖެހި ހުއްޓާ އެއޮފީހުގައި އަޅުގަނޑު އުޅުނުއިރު އަޅުގަނޑާއި ގުޅެން އެދުނު ޒުވާނާ އެއްދުވަހަކު އޮފީހަށް އައެވެ. ވަޒީފާއަކަށް އެދިގެންނެވެ. އަޅުގަނޑު އޭނާއަށް 2 ވަޒީފާ ދިނީމެވެ. އެއީ އޭނާ ފޯމު ހުށަހެޅި ވަޒީފާ އާއި އަޅުގަނޑު މުވައްޒިފަކަށް ހުއްޓާ އެދުނު ވަޒީފާ އާއި ދެވަޒީފާއެވެ. އޭނާވީ 2 ވަޒީފާވެސް ވަރަށް ފުރިހަމައަށް އަދާކުރާ ވަރަށް ޒިންމާދާރު ޒުވާނަކަށެވެ. 

އަޅުގަނޑުމެން ކައިވެނިކުރިތަނާހެން ދަރިން ލިބެން ފަށައިފިއެވެ. މިހާރު މިއީ 4 ދަރިންގެ މަންމައެވެ. އަދި އަމިއްލަ މަސައްކަތުން ދިރިއުޅޭ އަންހެނެކެވެ. ރާއްޖޭގެ އެންމެ ތަނަވަސް ބައެއް މީހުންނާއިވެސް މިހާރު ވިޔަފާރީގެ ގުޅުން އެބައޮތެވެ. ރީތިކަމަށް މަޝްހޫރު ވިޔަފާރިވެރިންނާއިވެސް ގުޅުން އެބައޮތެވެ. އެއްވެސް މީހަކު އަޅުގަނޑުގެ ސިފަ ހުތުރުވެގެނެއް ނުއުޅެއެވެ. 

ދެން އޮތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ދޭން އޮތް އަޅުގަނޑުގެ މެސެޖެވެ. އަޅުގަނޑު އެކުންފުނިން ކަނޑާލިތާ 2،3 މަސް ވެސް ނުވަނީސް އަޅުގަނޑުގެ އެކުވެރިޔާ ވެސް ކަނޑާލައިފިއެވެ. އެއީ އަޅުގަނޑު ހުރިއިރު ހަދައިދިނީމާ އޭނާ ހެދި ރިޕޯޓްތައް ކަމަށްބުނެ ވެރިންނަސް ހުށަހެޅި ރިޕޯޓަތަކުގައި ހުރި ކަންކަމަށް ވެރިން ސުވާލުކުރުމުން އޮޅުން ފިލުވައިދޭން ނުއެނގުމުންނެވެ. 

މިވާހަކަ މިބުނަނީ ދެރަބަހެއް ބުނާކަށް ނޫނެވެ. ނަމަވެސް ކޮވިޑް ކުރީ ރާޅުގެ ތެރޭގައި އަޅުގަނޑާއި އޭނާ އާއި ބައްދަލުވިއިރު ކުރާ މަސައްކަތަކީ ސައިކަލް ޓެކްސީ ކުރުމެވެ. ވަޒީފާ އަކަށް އެދުމުން އިއުތިރާޒްކުރީމެވެ. އެއީ ވަޒީފާއިން ވަކިކުރުވަން އޭނާ ދޮގުވާހަކަ ދައްކައި ވަރަށް ބޮޑު ދޮގު އިލްޒާމެއް އަޅުގަނޑުގެ ބޮލުގައި އަޅުވާފައިވާތީއެވެ. އެފަދަ މީހަކު ދެން ދޭނެ ލަނޑަކާއިމެދު ވިސްނަންވެސް ބޭނުންނުވާތީއެވެ. 

އަޅުގަނޑުގެ މެސެޖަކީ ދުނިޔޭގައި އެންމެންނަށްވެސް ފުރުޞަތު އެބައޮތެވެ. ހަސަދަވެރިވެ ހަމައެކަކަށްވެސް ދެރައެއް ނުދޭށެވެ! އެކަން ތިމާ އާއި އަރާހަމަކުރާނީ ކޮންވަގުތަކު ކަމެއް ނުއެނގޭނެއެވެ. ޚާއްޞަކޮށް އަންހެނުންނަކީ  އަނހެނުންގެ ކުރިއެރުމަށް ހުރަސްއަޅާ ބައަކަށް ނުވަމާ ހިނގާށެވެ! 

 

- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް