އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު
މަންމައިން އެންމެ ބޮޑަށް ކަންބޮޑުވަނީވެސް ދެރަވަނީވެސް އެމީހުންގެ ދަރިން ތަޤްވާވެރިނުވުމުންނެވެ. އެކަން އެނގެނީ އެމީހުން ފޮނުވާ ސުވާލުތަކުންނެވެ. ބައްދަލުވުން ފައުޅުކުރާ ޝުޢޫރުތަކުންނެވެ.
އަބަދުވެސް މިފަދަ މޭރުމުން ވަރަށް ގިނަމައިން ވާހަކަދެއްކައެވެ. ކަންބޮޑުވުން ފައުޅުކުރެއެވެ. އެހެންކަމުން މިގެނެސްދެނީ މިމައްސަލައާއި ގުޅުންހުރި ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. މިމަންމަގެ މިއިލްތިމާސް އަޑުއަހައި ޢަމަލުކޮށްފި ކޮންމެ ދަރިއަކަށްވެސް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ. އެކުވެރިންނަށް ޙިއްޞާކޮށްލިޔަސް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ
ޒައިނަބަކީ 8 ދަރިންގެ މަންމައެވެ. އެއިގެ ތެރެއިން 5 ދަރިންނަކީ ފިރިހެންދަރިންނެވެ. ފިރިހެން ދަރިންގެތެރެއިން ދެވަނައަށް ދޮށީ ދަރިފުޅަކީ ޒައިނަބަށް އެންމެ ހެޔޮ ދަރުފުޅެވެ. ޒައިނަބަށް ބޭނުންވާނެ ޚަރަދކުރަން އެހެން ދަރިންނަށްވުރެ ކުރީގައި ހުންނަނީ އޭނާއެވެ. އަދި މަންމަ ގޮވައިގެން ތަނަކަށްދާންޖެހުނަމަވެސް އެކަމަށްވެސް އިސްނަގައެވެ. ޖުމުލަކޮށްބުނާނަމަ މަންމަގެ ހުރިހާ ކަމެއް އިސްނަގައިގެން ވަރަށް ލޯބިން ކޮށްދެއެވެ.
އެދަރިފުޅަކީ އަޅުކަމާއި ތަންކޮޅެއް ދުރުކުއްޖެކެވެ. އެހެންވެ ޒައިނަބް ދުރާލައި ބުންޏެވެ! "ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅު މަންމައަށް ކިތަންމެހައިވެސް ހެވެވެ. އަބަދުވެސް ތިއަ މަސައްކަތްކުރަނީ މަންމަ އުފާކޮށްދިނުމަށެވެ. ނަމަވެސް ދަރިފުޅުގެ ކިބައިން މަންމަ އެންމެ ބޮޑަށް ބޭނުންވާ އުފާވެރިކަން އަދިވެސް ނުލިބެއެވެ. އެއީ ދަރިފުޅު ތަޤްވާވެރިވެ އަޅުކަންކުރާތަން ފެނުމުގެ އުފަލެވެ. އެހެން ހުރިހާ ކަންކަން ބަހައްޓާފައިވެސް މި ރަމަޟާން މަހު މަންމައަށް އެއުފާވެރިކަން ހޯދައިދީބަލާށެވެ! ދެން މަންމަ މާގިނަ ދުވަހަކު ދުނިޔޭގައި އިންނާނެހެނެއް ހިއެއް ނުވެއެވެ. މަރުވުމުގެކުރިން އެއުފާކޮޅު ދީފިނަމަ ދަރިފުޅަކީ މަންމައަށް ހާދަ ރަނގަޅު ކުއްޖެއްގެ ގޮތުގައި ﷲ ތަޢާލާ ލިޔުއްވަވާނެތެވެ! އިން ޝާ ﷲ"
ކޮންމެއަކަސް މަންމަގެ އާދޭހަކުން ދަރފުޅަށް އަސަރެއް ނުކުރެއެވެ. ހަފްތާއެއް ފާއިތުވީއެވެ. 10 ދުވަސް ފާއިތުވީއެވެ. 15 ވަނަ ދުވަހު ހެނދުނު ކުދިންނަށް ހޭލެވުނުއިރު ޒައިނަބްގެ ފުރާނަވަނީ ހަށީގަނޑު ދޫކޮށް ވަކިވެގެން ﷲ ތަޢާލާގެ ޙަޟްރަތަށް ގޮސްފައެވެ. ނުވަތަ ގެންދަވައިފައެވެ.
ޑްރެސިންގ ޓޭބަލް މޭޒުމަތީގައި އޮތީ ކަރުދާސްކޮޅެކެވެ. "މަންމަ ވަރަށް ލޯބިވާ ދަރިފުޅާ އިލްހާމްއެވެ! ދަރިފުޅު މަންމައަށް މިދުނޔޭގައި ވަރަށް ގިނަ ޚިދުމަތްކޮށްދީފީމުއެވެ. މަންމައަށްޓަކައި ވަރަށް ގިނަ ވަގުތުވެސް ހޭދަކޮށްފީމުއެވެ. އަދި އަތުން ވަރަށް ގިނަ ފައިސާވެސް ޚަރަދުކޮށްފީމެވެ. އެކަންކަމުގެ ހެޔޮ ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދަރިފުޅަށް ދެއްވަވާނެތެވެ! އިން ޝާ ﷲ
ދަރިފުޅުގެ މާމަ، މިމަންމަ ގާތު ވަރަށް ގިނައިން ބުނި ވާހަކައެކެވެ. "ދަރިފުޅާއެވެ! ސުވަރުގެ ލިބުންވަނީ މައިމީހާގެ ފައިތިލަދަށުންކަމަށް ބުނެވޭ ބަހުގެ މާނަ އޮޅުވައިނުލާށެވެ! ދަރިފުޅު މަންމައަށް ކިތަންމެވަރަކަށް ޚިދުމަތްކުރިނަމަވެސް އެކަމުގެ އަގަކަށް ސުވަރުގެ ނުވައްދަވާނެއެވެ! ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާއަށް އަޅުކަންކުރުމުންނެވެ. ހެޔޮ ޢަމަލުތައްކުރުމުންނެވެ. ޚާއްޞަކޮށް ނަމާދާއި ދީނުގެ އެހެން ފަރުޟުތަކަށްވެސް ރައްކއުތެރިވެގެންނެވެ.
އަދިވެސް ބުނެއެވެ. ދަރިފުޅާއެވެ. މިބާވަތުގެ ވާހަދެއްކީމާ ދެރަ ނުވާށެވެ! ހަމައެކަނި މަންމައަށް ހެޔޮކޮށްހިތައިގެން ސުވަރުގެ ވައްދަވާނަމަ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ މައިންބަފައިންނަށް ހެޔޮކޮށްހިތި މީހުންގެ ނޫންހެއްޔެވެ؟ އެހެނެއްކަމަކު ފުރަތަމަ ހިސާބު ބައްލަވަނީ ނަމާދުގެ ނޫންހެއްޔެވެ؟ ވީމާ މަންމަގެ ކަންކަން ބަހައްޓާފައިވެސް ނަމާދުކުރާށެވެ!
މިކަންކަން ދަރިފުޅަށް ވިސްނައިދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްފީމެވެ. އާދޭސްކޮށް ސަލާން ޖަހައިފީމެވެ. މި ރަމަޟާންމަސް ގާތްވެގެން އައިއިރު އިތުރަށްވެސް އާދޭސްކުރީމެވެ. މަންމަގެ އުމުރުހަމަވުމުން މަންމައަށްވެސް މިޖެހެނީ ހުރިހާ ދަރިންނާއިވެސް ވަކިވާށެވެ! އިލްހާމް ނޫން ހުރިހާ ކުދިން ގާތު ބުނެލަން އޮތީ ކޮންމެ ދުވަހަކީވެސް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ ދުވަހަކަށް ހެދުމަށެވެ. އަދި މަންމަ ނެތްދުނިޔޭގައިވެސް އެކުވެރިކަން ދަމަހައްޓައި އަޅުކަންކުރުމުގައި ސާބިތުވުމަށެވެ.
އިލްހާމަށް ބުނެލަންއޮތީ މަންމައާއި ބައްޕައާއި އަދި ދެންތިބި ކުދިންނާއި ސުވަރުގެއިން ބައްދަލުކުރަން ބޭނުންނަމަ ތަޤްވާވެރިވެ ނަމާދުކުރާ ދަރިއަކަށްވާށެވެ. އެހެންކުދިން ނަމޫނާއަކަށްބަލާށެވެ! މަންމަގެ ދެފައިތިލައަށް އެއްވެސް ބާރެއް ލިބިގެންވާނަމަ ހުރިހާ ދަރިންވެސް ސުވަރުގެ ވައްދާނަމެވެ. ނަމަވެސް އެދުވަހުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ސުވަރުގެ ވައްދަވާނީ މަންމަ ބޭނުން ބައެއް ނޫނެވެ! އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންނެވެ! ވީމާ ދެންވެސް އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ!
ސުވަރުގެއިން ހުރިހާ ދަރިންނާ ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ،
ވައްސަލާމް
އަބަދުވެސް ހުރިހާ ދަރިންދެކެވެސް އެންމެ ލޯބިވާ މަންމަ—
--ސާލިމާޚާން / ފައިޞަލްއާބާދު/ޕާކިސްތާން
Advertisement
6 މެއި 2025