އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 1 ސިކުންތު
ކައިވެނީގެ އެންމެ ބޮޑު ބޭނުމަކަށްވާންޖެހޭނީ އެކަކު އަނެކެއްގެ އިޙްޞާޞްތަކަށް އިޙްތިރާމްކުރުމެވެ. އަނެކާގެ ބޭނުންތައް ފުއްދައި ދިނުމެވެ. އަތުގައި ފައިށާ ނެތުމުން ފުއްދައި ނުދެވޭނީ ފައިސާ ޚަރަދުކުރަންޖެހޭ ކަންކަމެވެ. ނަމަވެސް އަތުން އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ފުއްދައިދެވެން ހުންނަ ބޭނުންތައް ފުއްދައި ނުދެވޭނަމަ އެވެވެނީ އަނިޔާވެރިއެވެ.
ހަމަ ޤައިމުވެސް ދެމަފިރިން އެކުގައި ދިރިއުޅެމުންދާއިރު އެއްދާންކުރަން އެއްވެސް ޚަރަދެއް ކުޜާކަށް ނުޖެހޭނެއެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދިލައްވާނެއެވެ. އިން ޝާ ﷲ
ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ކަންކަން ދިމާވި ގޮތެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރުވެ 3 ދަރިން ލިބިފައި ތިއްބައި ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާންފެށީއެވެ. ނިދަނީ އެއް އެނދުގައެވެ. ނަމަވެސް މެދުގައި ފާރަކަށް ދިގު ފަލަ ކަންނޭލެއް ބާއްވައިގެންނެވެ.
ފުރަތަމަކޮޅު އެފާރުމަތިން އަރަން މަސައްކަތްކުރީމެވެ. އެފާރުމަތިން އަޅުގަނޑުގެ އަތް ގެންގޮސް ފިރިމީހާގެ ގައިގައި ޖައްސައިފިނަމަ ދުރަށްލައެވެ. އެހެންވެ ދުވަސްކޮޅެއް ފަހުން ވިސްނުނީ އެފާރުމަތިން އަރަން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމެވެ. އެހެންވެ އެ މަސައްކަތް ހުއްޓާލާފައި ކެތްތެރިވާން މަސައްކަތްކުރީއެވެ.
3 ދަރިން ލިބިފައި ތިބިނަމަވެސް ޢުމުރުން 30 އަހަރުވެސް ނުވެއެވެ. އެހައިކުރިން ކައިވެނިކުރީވެސް އެކަނި ހުންނަން އުނދަގޫވާތީއެވެ. ޙަލާލުގޮތުގައި ނޫނީ ކަންކަން ކުރަން ބޭނުން ނުވާތީއެވެ. ނަމަވެސް ކައިވެނީގެ އެހައި ކުރީކޮޅު ލިބެން ފެށީ އެބޮޑު އަނިޔާއެވެ.
އެކަން އަޅުގަނޑަށް ބައްޔަކަށްވިއެވެ. ޑޮކްޓަރަށް ދެއްކީމެވެ. 3 ޑޮކްޓަރުންވެސް ބޭސްފަރުވާއަކަށް ބުނަނީ ފިރިމީހާ އާއިއެކު ގުޅުން ބޭއްވުމަށެވެ. އެވާހަކަ ބޭސް ސިޓީގައިވެސް ލިޔެއެވެ. ނަމަވެސް އެފަރުވާއަކީ ފާމަސީތަކުން ވިއްކާ ފަރުވާއެއް ނޫންވީމާ ގަންނަން ވެސް ލިބޭނެ ގޮތެއް ނުވިއެވެ.
ފިރިމީހާ ގާތު އެތައް ފަހަރަކު ރޮއި އާދޭސްކުރީމެވެ. ބޭސްފަރުވާއަކަށް ނަމަވެސް އަޅުގަނޑާއިއެކު އެއްދާން ކޮށްދޭން އެދުނީމެވެ. ނަމަވެސް އެކަމުން ކުރި އެއްވެސް ފައިދާއެއް ނެތެވެ. ހަޤީޤަތް އެނގުނީ އެވޭނުގައި އަޅުގަނޑު އުޅޭތާ 2 އަހަރުވީފަހުންނެވެ. ޙަޤީޤަތަކީ ފިރިމީހާ އަޅުގަނޑަށް ސިއްރުން 2 ވަނަ އަންތބަކު ހޯދީއެވެ. އަޅުގަނޑަށްވުރެ ހަގު ދޮން ކުއްޖެއް ލިބުމުން އަޅުގަނޑުމަތިން ފޫހިވީއެވެ.
ވަރިނުކުރަން ހުންނަނީ ގެއަކީ އަޅުގަނޑުގެ ގެ ކަމަށްވުމުން އުޅެން ފަސޭހައަކަށެވެ. މާބޮޑު ޚަރަދެއް ނުކޮށް ދިރިއުޅެވޭތީއެވެ. ކޮންމެއަކަސް އެހިސާބުން އަޅުގަނޑު އޭނާ އާއި ވަކިވީމެވެ. ޢިއްދަ ހަމަވިތަނާހެން ދެވަނަ ކައިވެނިކުރީމެވެ. އެހައި އަވަސްކުރަން ޖެހުނީ ޞިއްޙީ ޙާލަތުހުރި ގޮތުން މަޖުބޫރުިވެގެންނެވެ.
ކޮންމެއަކަސް ދެވަނައަށް ކުރި ކައިވެނީގައި މިހާރު 13 އަހަރުވީއެވެ. ބުނަން ޖެހޭނީ އަދި މިހައިތަނަށް ފެންނަ ފެނުމުގައި ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަޅުގަނޑާއި އަދި ދަރިންނާއި އަޅާލައި ލޯބިދޭ ފިރިއެއް ކަމަށެވެ.
އަޅުގަނޑުގެ މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރީ ބައެއް އަންހެނުން މިއަދުނޫހާއި ޙިއްޞާކޮށްފައި ހުންނަ ވާހަކަތައް ކިޔާފައި ކުރާ އަސަރުންނެވެ. އަޅުގަނޑުވެސް ބުނެލަން އޮތީ އަނިޔާއަކީ ހަމައެކަނި ތަޅައިއަނިޔާކުރުމެއް ނޫނެވެ. ޞިއްޙަތު ސަލާމަތުން ތިއްބައި އަނބިންނަށް އަޅާނުލައި ބާކީކޮށްލުމަކީ އަނބިންނަށް ދެވޭނެ ހަމަ އެންމެ ބޮޑު އަނިޔާއެވެ.
އަޅުގަނޑު ހިތަށް އަރައެވެ. 4 އަނބިން ހަމަކުރަން ހުއްދަ ކަމަށް ދެކެގެން ގިނަ އަނބިން ހޯދާ ފިރިންނަށް "4 އަނބިން ހަމަކުރަން ހުއްދަ" ވެގެން ގިނަ އަނބިން ހޯދާއިރު "އަނބިން ހަމަހަމަކުރަން ޖެހޭނެކަމަށް އޮންނަކަން ހަމަނުއެނގެނީހެއްޔެވެ؟
- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
7 މެއި 2025