އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ސިފަހުތުރުކަމުން ވަޒީފާއެއް ނުލިބުމުން ހިތްވަރާ އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދި ޒުވާން ކަނބަލެއްގެ ޚާއްޞަ އިލްތިމާސެއް ކަނބަލުންނަށް!

ޙަޤީޤީ ޙާދިސާ: ސިފަހުތުރުކަމުން ވަޒީފާއެއް ނުލިބުމުން ހިތްވަރާ އަމިއްލަ މަސައްކަތުން ތަނަވަސްކަން ހޯދި ޒުވާން ކަނބަލެއްގެ ޚާއްޞަ އިލްތިމާސެއް ކަނބަލުންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު

އަޅުގަނޑުގެ ވާހަކައަކީވެސް ސިފަ ހުތުރުވުމާއި ގުޅިފައިވާ ވާހަކައެކެވެ. ސްކޫލްގައި ކިޔަވަން އުޅުނުއިރުވެސް ސިފަހުތުރުވެގެން ފުރައްސާރަކުރެއެވެ. ނަމަވެސް އެންމެ މަތިން މާކްސް ހޯދާތީ މުދައްރިސުން ކަންބޮޑެއް ނުވެއެވެ. ސްކޫލް ނިމިގެން އަޅުގަނޑު ކިޔެވީ ވިޔަފާރިއެވެ. އެއިރުވެސް ދިމާވީ ހަމަ އެއް މައްސަލައެކެވެ. އަޅުގަނޑުގެ ސިފަ ހުތުރުވުމުގެ މައްސަލައެވެ. އެކުވެރިން މަލާމާތާއި ފުރައްސާރަކުރެއެވެ. ނަމަވެސް ސެމިސްޓަރތަކުގައި ރަނގަލު ނަތީޖާތީ ލެކްޗަރައިން އަޅުގަނޑުގެ ސިފަ އާއިމެދު ކަންބޮޑެއް ނުވެއެވެ.  

އަޅުގަނޑުގެ ސިފަ ހުތުރުވުމުގެ މައްސަލައިގައި އަޅުގަނޑަށް ކަންބޮޑުވާންޖެހުނީ ވަޒީފާއެއް ހޯދަން ނުކުތުމުންނެވެ. ކުންފުނިތަކުން ބަލަނީ ހޯދާފައިވާ ނަތީޖާއަކަށް ނޫނެވެ. އަޅުގަނޑުގެ ސިފައަށެވެ. ބައެއް ކުންފުނިތަކުގެ ވެރިން ދިމާއަށް ބުނެއެވެ. "ކަލޭގެ ނަތީޖާތައް ވަރަށް ރަނގަޅެވެ. ނަމަވެސް ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރާއިރު މުވައްޒިފުންގެ ސިފައަކީ ވަރަށް މުހިންމު އެއްޗެކެވެ."  

މާޔޫސްނުވެ ކުރި މަސައްކަތުން ވަޒީފާއެއް ލިބުނެވެ. ނަމަވެސް އެހެން މުވައްޒިފުން އަޅުގަނޑުގެ ސިފައަށް ފުރައްސާރަކުރާތީ ކުޑަ ދުވަސްކޮޅެއްފަހުން ވަޒީފާއިން ވަކިކޮށްފިއެވެ. އެދުވަހު ގެއަށް ދިއައީ ރޮއިގިސްލަމުންނެވެ. އެތަން ފެނިފައި އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ވަރަށް ހިތްވަރުދިނެވެ. ބުންޏެވެ. "ތިއަ ސިފައިގައި ދަރިފުޅު އުފަންކުރެއްވެވީ ﷲ އެވެ. އެކަލާނގެ ދަރިފުޅަށް މާރަނގަޅު މަގެއް ދައްކަވާނެތެވެ. ހިތްވަރުކުރާށެވެ! ކެތްތެރިވާށެވެ! ދުޢާކުރާށެވެ! މި 3 ކަންތަކުގައި ސާބިތުވެ ހުރެއްޖެނަމަ އެކަލާނގެ ދަރިފުޅު ނިކަމެތި ނުކުރައްވަވާނެތެވެ!"  

ޖެހިގެން އައި ހުކުރު ދުވަހު މަންމައަށް ބޮޑުދައިތަކިޔާ ކޮއްކޮއަކު މަންމަގެ ޙާލު ބަލައިލަން ގެއަށް އައެވެ. އޭނާއަކީ ބައެއް މުދައު އެތެރެކޮށް ކުޑަ ވިޔަފާރިއެއް ހިންގާ މީހެކެވެ. އޭނާ ގާތު މަންމަ އަޅުގަނޑުގެ ވާހަކަ ދެއްކުމުން ބުނީ އޭނާގެ އޮފީހެއް ނުހުންނަ ކަމަށާއި ނަމަވެސް އަޅުގަނޑު ވިޔަފާރި ކިޔަވައިގެން ހުރުމުން އޭނާ އެތެރެކުރާ މުދައު ވިއްކައިދޭ އެޖެންޓަކަށް އަޅުގަނޑު ހމަޖައްސައިދީފާނެ ކަމަށެވެ. އަދި މާކެޓްކޮށްފައި ފައިސާ ލިބުމުން ބިލް އަދާކުރަނިކޮށް ނިމުނީ ކަމަށެވެ.  

ލިބުނު ފުރުޞަތުގެ ބޭނުން ހިފީމެވެ. ކިޔަވަން އުޅުނުއިރު ގެންގުޅުނު ލެޕް އެއީ އަޅުގަނޑުގެ އޮފީހެވެ. ބޭބެއަތުން ބޭބެ އެތެރެކުރާ މުދަލުގެ ތަފްޞީލް އޮޅުންފިލުވައިގެން މާކެޓްކުރަން ފެށީމެވެ. ފިހާރަތަކަށްވެސް ދަމެވެ. ބޭބެގެ ގިދަނުން ތަކެތި ނަގައިގެން ބައްޕަގެ ސައިކަލް އަތުލައިގެން ކުދި އޯޑަރުތައް ސައިކަލުގަ ޑެލިވަރީވެސްކޮށްދެމެވެ. ހުރިހާ ކަމެއްކުރަނީ އަމިއްލައަށެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ މީގެ 5 އަހަރުކުރިން އަޅުގަނޑު މަސައްކަތްފެށިގޮތެވެ. ދެން މިދަންނަވަނީ މިއަދެވެ. މިއަދު އަޅުގަނޑުގެ ފިހާރައެއް އެބަހުއްޓެވެ. ފިހާރައިގެ މަތީބައިގައި އޮފީހެއް ހަދައިގެން މިއިންނަނީ އެއޮފީހުގައެވެ. އަމިއްލަ މުދައު އެތެރެކުރަމެވެ. ބޭބެގެ މުދައުވެސް ވިއްކައިދެމެވެ. 16 މުވައްޒިފުން އެބަ ގެންގުޅެމެވެ.  

އަޅުގަނޑުގެ ވިޔަފާރިކުރިއެރުމުން އަޅުގަނޑު ރީތިވެސް ވެއްޖެއެވެ. ކައިވެނިކުރާހިތުން ބައެއް ޒުވާނުން ފަހަތުން ދުވަންވެސް ފަށައިފިއެވެ. ކައިވެނިވެސް ކޮށްފީމެވެ. ކައިވެނިކުރީ އަޅުގަނޑަށް ފުރަތަމަ ލިބުނު "ޑެލިވަރީ ބޯއި" އާއެވެ. އަޅުގަނޑުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ޙިއްޞާދާރަކީ އޭނާކަމަށްވާތީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އަންހެން ބޭފުޅުންނަށް ދަންނަވާލަން އޮތީ ކޮންމެ އަނހެނަކަށްވެސް ކުރިއަށްދެވޭނެ ކޮންމެވެސް މަގެއް އޮންނާނެއެވެ. އެމަގު ދައްކަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެބޭކަނަބަލަކަށް ކުރިއަށް ދެވޭނެ މަގު އެނގޭނީ އެބޭކަނބަލަކަށެވެ. ތަނަވަސް، އުފާވެރި ދިރިއުޅުމަކީ އެކަމަށް އެދި މަސައްކަތްކުރާ ކޮންމެ މީހެއްގެ ޙައްޤެކެވެ. އެޙައްޤު ލިބޭނީ ހަމަ އެކަނި ސިފަރީތި އަންހެނުންނަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. ﷲ އަށް އިޚްލާޞްތެރި ކޮންމެ އަޅަކަށްވެސް ކުރިއަސް ދެވޭނެ މަގު ދައްކަވާނެތެވެ. އިން ޝާ ﷲ  

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް