އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު
އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު މާލެ ގެނައީ އުމުރުން 14 އަހަރުގައެވެ. ކިޔަވައިދިނުމުގެ ބޭނުމުގައެވެ. އަޅުގަނޑު ބޭލި ގޭގެ ދެމަފިރިންނަކީ މުސްކުޅިންނެވެ. އެދެމަފިރިން އަޅުގަނޑާއިމެދު ކަންތައްކުރީ ވަރަށް ރަނގަޅަށެވެ. ގޭގެ މަސައްކަތް ކުރުވި ނަމަވެސް ކިޔަވައިދިނެވެ.
އެދެމަފިރިންގެ އަޅުގަނޑަށްވުރެ ކުޑަތަންކޮޅެއް ދޮށީ ފިރިހެން ދަރިއަކު ހުރެއެވެ. އޭނާ ކައިވެނިކުރިތަނާހެން މައިންބަފައިން ނިޔާވެއްޖެއެވެ. އޭނާ ނިންމީ މައިންބަފައިން ނިޔާވުމުންވެސް އަޅުގަނޑު ގެންގުޅޭށެވެ. އެހެންވެ އަޅުގަނޑު އެގޭގައި އުޅުނީއެވެ. އޭނާއަށް 3 ދަރިން ލިބުމުން އެދަރިންގެ ކަންކަންވެސް ކުރަމުން އައީ އަޅުގަނޑެވެ.
އެމީހުންގެ ކައިވެންޏަށް 8 ވަނަ އަހަރު ގަދަހުމެއް ޖެހިފައި އޭނާގެ އަނބިމީހާ ނިޔާވެއްޖެއެވެ. ނިޔާވިތާ ދުވަސްކޮޅެއްވީފަހުން ދެވަނަ ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނެސްފިއެވެ. އޭނާވީ ވަރަށް އަޚްލާޤް ނުބައި އަންހެނަކަށެވެ.
ފިރިމީހާ ދިރިއުޅެންކުރާ މަސައްކަތުގެ ގޮތުން ދޭތެރެދޭތެރެއިން ރާއްޖެތެރެއަށް ދާންޖެހެއެވެ. ކޮންމެ ފަހަރަކު ފުރާއިރަށް ރޭގަނޑު ބޭރަށްދާން ފަށައެވެ. އަންނާނީ ދަންވަރުއެވެ. ދުވަސްކޮޅެއްފަހުން ހިލޭ ފިރިހެނުން ގެއަށް ގެނެސް ކޮޓަރީގައި ގެންގުޅެން ފަށައިފިއެވެ. އަޅުގަނޑު ގާތު ބުނީ އެއިން އެއްވެސް ވާހަކައެއް ފިރިމީހާގެ ގާތުގައި ބުނެފިނަމަ ކުޅިދައްކައިލާނެ ކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑަކަށް މަޑަކުން ނުހުރެވުނެވެ. އެއްރޭ ވިސްނައިދޭން މަސައްކަތްކުރީމެވެ. އެގޮތަށް ޚިޔާނާތްތެރިވާން ނުވާނެކަމެވެ. މިނޫންވެސް ދުވަހެއް އެބައޮތްކަން ހަނދާންކުރަންޖެހޭނެ ކަމެވެ. އެރޭވީ އަޅުގަނޑަސް އެގެއިން ނުކުންނަން ޖެހުނު ރެއަށެވެ. ދާނެ ތަނެއް ނެތޭ، ފިރިމީހާ އަންނަންދެން ނޫނީ ރަށަށް ދެވޭނެ ގޮތެއް ވަންދެން ބަހައްޓާލަދޭށޭ ބުނެ އާދޭސްކުރުމުންވެސް ފޮށިދީފައި މަގުމައްޗަށް ނެރެލީއެވެ. މަގުމަތީގައި ރޯންހުއްޓާ އަވަށްޓެރިއަކަށް ފެނިގެން އެގެއަށް އަޅުގަނޑު ގެންދަންދެން ހުންނަން ޖެހުނީ މަގުމަތީގައެވެ. އަޅުގަނޑު އެންމެ ދެރަވީ އަމިއްލަ ދަރިންފަދައިން ބަލައިބޮޑުކުރި 3 ކުދިން އެފަދަ އަންހެނެއްގެ އަތްމައްޗަށް ދޫކޮށްލަން ޖެހުނީތީއެވެ.
ހަފްތާއެއްހައި ދުވަސްފަހެވެ. މަގުމަތިން އޭނާއަށް އަޅުގަނޑު ފެނިގެން ސުވާލުކުރީ ގެއިން ނުކުތީ ކީއްވެގެންތޯއެވެ؟ އަޅުގަނޑަށް ވަގުތުން ރޮވުނެވެ. އަދި ކަންކަން ހިނގައިދިއަގޮތް ކިޔައިދިނުމުން އޭނާ ބުނީ ގޭގައި މަޑުކުރުމަށެވެ. އޮފީހުން އައިސް އަހަރެން އަނބުރާ ގެއަށް ގެންދާނެ ކަމަށެވެ.
ހަވިރު އޭނާ އައިސް އަލުގަނޑު އެގެއަށް ގޮސްވެއްދިއެވެ. 3 ކުދިންނަށް އަޅުގަނޑު ފެނުމާއިއެކު ދައްތަ ދައްތާއޭ ކިޔަމުން ދުވެފައި އައިސް އޮޅުލައިގެންފިއެވެ. އަޅުގަނޑަށް އުފަލުން ރޮވުނެވެ. އަޅުގަނޑަށް ބުނެވުނެވެ. "އަނބިމީހާ ކޮބައިހެއްޔެވެ؟ އޭނާ އާއިއެކު މިގޭގައި އުޅުމަކީ ކެތްކުރެވޭނެ ކަމެއް ނޫނެވެ." އޭނާ ބުނީ ވަރިކޮށްފައި ފޮނުވާލައިފިން ކަމަށެވެ.
އެއިގެ 6 މަސްފަހެވެ. އެއްރޭ ކައިނިމިގެންވެސް ނުތެދުވެ އިންނަން ފެށީމާ އަނެއްކާ ބަލީތޯ ސުވާލުކުރީމާ ބުނީ ހަމަޖެހިލައިގެން ވާހަކައެއް ދައްކާލަން ބޭނުންވާތީ ކަމަށެވެ. އަޅުގަނޑު ގޮސް ކުރިމަތީގާ ހުއްތިފައި ބުނެބަލާށޭ ބުނީމާ ބުނީ ތިއައީ އެއްގޮތަކުން އަހަރެންގެ އުޚުތެވެ. އެއީ މިގޭގައި މައިންބަފައިންގެ ޒަމާނުންސުރެ އަހަރެމެންނަށް ޚިދުމަތްކުރަން ހުރީތީއެވެ. ދެވަނަ ކަމަކީ ތިއައީ އަހަރެންގެ 3 ދަރިންގެ ދެވަނަ މަންމައެވެ. ވީމާ މިލިބުނު ތަޖުރިބާއަސްފަހު މިހާރު އަހަރެންގެ ވިސްނުމަކީ ދެމީހުން ކައިވެނިކުރުމެވެ. ކައިވެނިކޮށްގެން މިގޭގައި އިނދެ 3 ކުދިން ބަލައި ދިނުމެވެ. މިކަމަށް ޤަބޫލުނުވިނަމަ ދެން އިތުރު ކައިވެންޏެއް ކުރަން ބޭނުމެއް ނޫނެވެ. ހުންނާނީ ކައިވެނި ނުކޮށެވެ.
އެއީ އަޅުގަނޑު ދުވަހަކުވެސް ކުރަން ވިސްނާފައި އޮތްކަމެއް ނޫނެވެ. ނަމަވެސް ނުކރަންވީ ސަބަބެއްވެސް ނެތެވެ. ޒުވާން އުމުރު ހޭދަކުރެވުނީ އޭނާ އާއި އޭނާގެ ދަރިންގެ ޚިދުމަތުގައިކަމަށްވާތީއެވެ. އެކަންކަމަށްވިސްނާލުމަށްފަހު އެކަމަށް ރުހުނީމެވެ. ކައިވެނިކޮށް އެކުގައި އުޅޭތާ މިހާރު މިއީ 12 އަހަރެވެ. ދެމީހުންވެސް އެކަކު އަނެކަކަސް އިޙްތިރާމް ކުރަމުއެވެ. ކައިވެނިކުރިފަހުން ލޯބިވެސް ވެވިއްޖެއެވެ. ކައިވެންޏަށް 2 ދަރިންވެސް ލިބިއްޖެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަންހެނުންނަށް ބުނެލަން ބޭނުންވަނީ ތެދުވެރިވާށެވެ! މިނޫން ދުވަހެއް އެބައޮތްކަން ޤަބޫލުކޮށްގެން އުޅޭށެވެ! ނޫންނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. އެކަން ޤަބޫލުކޮށްގެން ކުރާ ކޮނަމެ ކަމެއްގައިވެސް ތެދުވެރިވެގެން އުޅޭނަމަ ﷲ ލައްވަވާނެ ރަހްމަތް ނުވެސް އެނގޭނެއެވެ.
- ޒުލައިޚާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
24 ފެބްރުއަރީ 2022