އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 32 ސިކުންތު
އެއިރު އަޅުގަނޑުގެ އުމުރަކީ 24 އަހަރެވެ. ވަޒީފާ އަދާކުރަމެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. އެއްރޭ އަޅުގަނޑު ހުރީ ރައްޓެއްސަކު މަޖީދީ މަގުގައި ހިންގާ ފޭރާން ވިއްކާ ފިހާރައެއްގައެވެ.
އެތަނަށް ވަން ވަރަށް މުސްކުޅި އުމުރުގެ އަންހެނެކެވެ. ލައިގެން ހުރީވެސް ވަރަށް އާދައިގެ ފޭރާމުގެ ހެދުމެކެވެ. ހެދުން އޮތީވެސް ވަރަށް ބައުވެފައެވެ. އޭނާ އަތް އުނގުޅައި ބެލީ އެތަނުގައި ހުރި އެންމެ އަގުބޮޑު ފޭރާމެވެ. ބަލަބަލާފައި ކަރު އެލުވާލައިގެން ހުރެ ކަހަލަ ގޮތަކަށް ނުކުންނަން ހިނގައިގަތީމާ އޭނާ ހުއްޓުވައި އަލުން އެތެރެއަށް ވެއްދުވީމެވެ.
އެހެން މީހުންނަށް އަޑުނުއިވޭވަރަށް މަޑުމަޑުން ބުނީމެވެ. "ދައްތައަށް އެންމެ ރީތި، އެންމެ ކަމުދާ 3 ފޭއްޔަކުން ފޮތިކަނޑުވާށެވެ. ފޮތީގެ އަގުވެސް ދޭނަމެވެ. ފަހާނެ އަގުވެސް ދޭނަމެވެ."
އޭނާ ހަމައެހައި ސިއްރުން އަޅުގަނޑު ގާތުގައި ބުންޏެވެ. "ދައްތަގެ ގެ މިތަނާއި ވަރަށް ކައިރިވާނެއެވެ. ވަގުތު އޮތިއްޔާ ދައްތައާއިއެކު ނިކަން އައިސްދީބަލާށެވެ!"
އެހެން ބުނުމުން ތިއައީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެ ފަހަތުން ހިނގައިގަތީމެވެ. ދިއައީ 3 ބުރިއަށްހުރި ރީތި ގެއަކަށެވެ. ގޮސް އެދައްތަގެ އަތުގައި އޮތް ތަޅުދަނޑިއަކުން ދޮރުހުލުވާލާފައި ވަދެ އަޅުގަނޑުވެސް އެތެރެއަށް ވަންނަން ބުނެފިއެވެ. އަޅުގަނޑު ސޯފާގައި ބައިންދާފައި ވާހަކަދައްކަން ފެށިއެވެ.
"ތިއައީ ކޮން ކުއްޖެއްކަމެއްވެސް އަދި ނުއެނގެއެވެ. ނަމަވެސް ދައްތަގެ ހިތުގައި ތިއަ ދަރިފުޅަށް ވަރަށް ބޮޑަށް ޣަދަރާއި ލޯބި އުފެދިއްޖެއެވެ. ދަރިފުޅާއެވެ. މިގެއަކީ ދައްތަގެ ގެއެވެ. ދައްތައަށް ލިބުނީ އެންމެ ފިރިހެން ދަރިއެކެވެ. އޭނާ ބޮޑުވެ ކައިވެނިކުރިއެވެ. ކައިވެނީގައި ދަރިއަކުވެސް ލިބުނެވެ. ދަރިފުޅު ލިބުނުތަނުން އަނބިމިހާ މަރުވެއްޖެއެވެ. އެކަމުގެ ހިތާމައިގާ ދައްތަގެ ދަރިފުޅުވެސް ދުނިޔެދޫކޮށްދިއައީއެވެ.
ދައްތައާއި ދައްތަގެ ފިރިމީހާގެ މަސައްކަތުން އެމާމަ ދަރިފުޅު ބަލައި ބަލައި ބޮޑުކުރިތަނާ ދައްތަގެ ފިރިމީހާވެސް ނިޔާވެއްޖެއެވެ. މިހާރު ދުނިޔޭގައި މިތިބީ އަހަރެމެން ދެމައިންނެވެ. އެމަންޖެގެ އުމުރަކީ މިހާރު 22 އަހަރެވެ. އެދަރިފުޅުގެ ކައިވެނިކޮށްދޭނެ އަޚްލާޤް ރަނގަޅު ފިރިއަކު ހޯދަން ދައްތަ އެކި ގޮތްގޮތުން އަތްފުނާއަޅާތާ ކިތަންމެ ދުވަހެކެވެ.
ގޭގެ މަތީ ދެބުރި އެހެރީ ކުއްޔަށްދީފައެވެ. ފައިސާ ލިބެއެވެ. ބައު ހެދުމެއްލައިގެން ނުކުމެ މިހިނގަނީ ނިކަމެތިންނަށް ރަޙުމްކުރާ އޯގާތެރި ޒުވާނަކާއި ބައްދަލުވޭތޯއެވެ. ދައްތަގެ އިމްތިޙާނުން ތިއަ ދަރިފުޅު ކިތަންމެ ރަނގަޅަކަށްވެސް ފާސްވެއްޖެއެވެ. ދައްތަ އެދެނީ ދައްތަގެ ދަރިފުޅާއި ކައިވެނިކޮށްދިނުމެވެ. ކައިވެނިކުރާނެ ނަމަ ދަރިފުޅާއި ބައްދަލުކުރުވަފާނަމެވެ."
ކުއްލިއަކަށް ކުރިމަތިވީ ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. ލޮލަސްވެސް ނުފެންނަ އަންހެނަކާ ކައިވެނިކުރަން އެއްބަސްވާންޖެހުނީއެވެ. އެބުނަނީ ދަރިފުޅު ދައްކާނީ ކައިވެބިކުރާނެ ނަމަ ކަމަށެވެ. އެވަގުތު ހިތަށް އެރިއެވެ. އެކަން ވާނީވެސް އެހެންނެވެ. އެއްވެސް މައަކު އޭނާގެ ދަރިފުޅު ސޭލްއަޅުވައި ހިލޭ ފިރިހެނުންނަކަށް ނުދައްކާނެއެވެ.
އަޅުގަނޑަކީ އެކަނިވެރިއެކެވެ. މާލޭގައި ދިރިއުޅެނީ ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ވީމާ ދިރިއުޅުމަށް ވިސްނައިފިނަމަ މިއީ ދޫކޮށްލަން ހެޔޮ ނުވާވަރުގެ ފުރުޞަތެއްކަމަށް ޤަބޫލުކޮށް ބުނީމެވެ. "ދައްތަގެ ދަރިފުޅަކީ ތަޤްވާވެރި ބަސްއަހާ ކުއްޖަކު ނަމަ މިހުރީ ދައްތަގެ ހުށަހެޅުން ޤަބޫލުކުރާށެވެ. ނަމަވެސް ދަރިފުޅަށް އަހަރެން ކަމުދާންވެސް ޖެހޭނެތާއެވެ!"
އެހެން ހަމަ ބުނާއިރަށް ތިއަހުރިހާ ކަމަކާއި ޒިންމާވާނަމޭ ބުނެފައި އެތެރެއަށް ވަދެ ދަރިފުޅު ގެނެސްފިއެވެ. އޭނާ ހުރީ މޫނު ބުރުގާވެސް އަޅައިގެންނެވެ. އެހެންވެ މޫނެއް ނުފެނުނެވެ. ނަމަވެސް ވާހަކަ ދެއްކިގޮތުންވެސް އަޚްލާޤް ރަނގަޅު ކުއްޖެއްކަން ފާހަގަކުރެވުނެވެ.
ކޮންމެއަކަސް ކައިވެނިކުރެވިއްޖެއެވެ. މިވާހަކަ ޤަބޫލުކުރަން އުނދަގޫވާނެއެވެ. ކައިވެނިކުރި އިރަކުވެސް މޫނެއް ނުދެކެމެވެ. ބޭރުފުށުގެ ސިފަ ވަކީލްކުރީ ﷲ އަށެވެ. ކައިވެނި ކުރީ ގޭގައެވެ. ކައިވެނީގެ ކަންކަން ނިމިގެން އެމީހުން ދިއުމުން ސައިބޯން ތިބެގެން މަންމަ އަޅުގަނޑުމެން ދެމަފިރިންނަށް ވަރަށް ހެޔޮދުޢާކުރުމަށްފަހު ކޮޓަރިއަށްދާން ބުންޏެވެ.
ކޮޓަރިއަށް ފުރަތަމަ ވަނީވެސް އޭނާއެވެ. ވަންގޮތަށް ވަނީ ކޮޓަރީގެ އެތެރޭގައި ހުރި ކުޑަ ކޮޓަރިއަކަށެވެ. ހެދުން ބަދަލުކޮށް މޫނު ބުރުގާ ނަގައިގެން ނުކުތުމުން ދިއައީ އުފަލުން ފޮޅިގެންނެވެ. "ޝުކުރު އަލްހަމްދުލިﷲ" ކިޔައި ވަގުތުން ޝުކުރުގެ ސަޖިދަވެސް ކުރީމެވެ. އެއީ އަނބިމީހާގެ ސިފަ ފެނުމުން ލިބުނު ހިތްހަމަޖެހުން ބޮޑުކަމުންނެވެ. މިދަންނަވަނީ އޭނާއަކީ ޕަރީއެއްހައި ރީތި އަންހެނެއް ކަމަކަށް ނޫނެވެ. ހުތުރު އަންހެނެއް ނޫންކަމެވެ. ސިފަ ހުތުރުވެދާނެތީ ގަނެފައި ހުރި ބިރު ފިލައިގެންދިއަ ވާހަކައެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 16 އަހަރުވީއެވެ. 4 ދަރިން ލިބިއްޖެއެވެ. އަދި މިހައިތަނަށް ދުވަހަކުވެސް ހިތްހަމަނުޖެހިގެން އުޅެންޖެހޭނެ އެއްވެސް ކަމެއް މެދުވެރިއެއް ނުވެއެވެ. އަޅުގަނޑުގެ އަނބިމީހާއަށްވުރެ ބޭރުފށުގެ ސިފަ ރީތި އަންހެނުން ވަރަށް ގިނަވާނެއެވެ. ނަމަވެސް އެތެރެފުށުގެ ސިފަ އެހައި ރީތި އަންހެނުން ވަރަށް މަދުވާނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ވާން އޮތްވަރަކުން އެހެން މީހުންނަށް އެހީތެރިވާށެވެ! މުސްކުޅިންނަށާއި ފަޤީރުންނަށް ރަޙުމްކުރާށެވެ. ހިތާވެގެން ގިނަ ދުވަސްތައް ހޭދަނުކުރި ނަމަވެސް ތަގުވާވެރި އަންހެނަކު ލިބުމުން އަވަހަށް ކައިވެނިކުރާށެވެ. މުހިންމީ ބޭރުފުށުގެ ސިފައެއް ނޫނެވެ. އަޚްލާޤެވެ.
- ނިއުޝާދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
22 މާޗް 2022