އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޙައްރަމް މަހުގެ މާތްކަމާއި ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މުހިންމުކަން!

މުޙައްރަމް މަހުގެ މާތްކަމާއި ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މުހިންމުކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

ޝައިޚް ޝަފީޢު ޢަބްދުﷲ 

 

މާތް ﷲ ވަނީ އެކިއެކި މައްސަރު މަތިވެރިކުރައްވައިފައެވެ. އަޅުތަކުންނަށް ހެޔޮކަންކަމާއިގެން ކުރިއަރައިދިޔުމުގެ މަގު ތަނަވަސްކޮށްދެއްވައިފައެވެ. ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އެ ފާފަތައް ފޮހެލާނޭ ހެޔޮ މައްސަރުތަކާއި އެ މައްސަރުގައި ކުރާނޭ އަޅުކަމުގެ އެކި ކަންކަން ބަޔާންކުރައްވައިފައިވެއެވެ. 

އެގޮތުން ބަލާއިރު، މުޙައްރަމު މަހަކީ މަތިވެރިވެގެންވާ މަހެކެވެ. މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގައި އަނިޔާވެރިކަން އިސްކުރުމާއި ފާފަތައް ކުރުން ވަކީން އިތުރަށް ޙަރާމްވެގެންވެއެވެ. އެ ކަންކަމުން ދުރުވުމަށް އިތުރަށް ބާރުއަޅުއްވައިފައިވެއެވެ. އަދި ހެޔޮ ޢަލަމުތައް ކުރުމަށް އިތުރަށް ބާރުއަޅުއްވައިފައިވެއެވެ. މިއީ ޤުރުއާނާއި ޞައްޙަ ސުންނަތުން ސާބިތުވާން ހުރި ކަންކަމެވެ.

މުޙައްރަމް މަހަށް ޚާއްޞަވެގެންވާ ކަންކަމަށް ބަލާއިރު، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވަނީ     "أفضل الصيام بعد رمضان شهر الله المحرَّم"  (مسلم)" ރަމަޟާންމަހު  ހިފާ ރޯދަޔަށްފަހު ހިފޭ އެންމެ މަތިވެރި ރޯދައަކީ މާތް ﷲ ގެ މައްސަރު، އަލްމުޙައްރަމް މަހުގައި ހިފޭ ރޯދައެވެ." 

ހުރިހާ މައްސަރަކީ ވެސް މާތް ﷲ ގެ މައްސަރެވެ. އެހެނީ، މައްސަރުތައް ލައްވައިފައިވާ ފަރާތަކީ އެ އިލާހެވެ. ނަމަވެސް ޢިލްމުވެރީން ވިދާޅުވާ ގޮތުން، މި ޙަދީޘްގައި شهر الله المحرم (މާތް ﷲ ގެ މައްސަރު، އަލްމުޙައްރަމް) މިފަދައިން އައިސްފައި އޮތީ، އެ މަހަށް އިތުރު ޝަރަފެއް ދެއްވުމުގެ ގޮތުންނެވެ. ދެން ޙަދީޘްގައި ވަނީ، މުޙައްރަމް މަހުގެ ރޯދައިގެ މަތިވެރިކަމުގެ ވާހަކައެވެ. ރަމަޟާންމަހުގެ ރޯދައަށް ފަހު އެންމެ މަތިވެރިވެގެންވާ ރޯދައަކީ، މި މަހުގައި ހިފާ ރޯދަ ކަމުގެ ވާހަކައެވެ. 

މުޙައްރަމް މަހަކީ ޢާޝޫރާ ދުވަސް ވެސް އެ މަހެއްގައި ހިމަނުއްވައިފައިވާ މަހެވެ. ޢާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. މާތް ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފާ ތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެ ކަމާ އެކަލޭގެފާނު ސުވާލުކުރެއްވުމުން އެއީ މޫސާގެފާނާއި ބަނޫ އިސްރާއީލު މީހުން ފިރްޢައުނުގެ ކިބައިން މާތް ﷲ ސަލާމަތްކުރެއްވި ދުވަސް ކަމަށް ވާތީ، އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން އެބައިމީހުން ހިފަމުން އަންނަ ރޯދައެއް ކަމުގައި ދެންނެވުނެވެ. އެ ހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މޫސާގެފާނާ މެދު އެންމެ ޙައްޤުކަން ބޮޑީ ތިމަންކަލޭގެފާނެވެ. އެ ގޮތުން، އެ ދުވަހުގެ ރޯދަ އިސްލާމްދީނުގައި ވެސް ޝަރުޢުކުރެއްވުނެވެ. އަދި، އެއީ ފާއިތުވި އަހަރުގެ ފާފަތައް މާތް ﷲ ފުއްސަވައިދެއްވާނޭ ރޯދައެއް ކަމުގައި ލެއްވުމަށް އެކަލޭގެފާނު އުންމީދު ކުރެއްވިއެވެ. މި ތަނުގައި "އުންމީދު" ގެ މުރާދެއް ކަމަށް ޢިލްމުވެރީން ވިދާޅުވަނީ އެފަދައިން އެކަން މާތް ﷲ ލައްވައިފައިވުމެވެ.  

ޢާޝޫރާ ރޯދަ ހިފިދާނޭ ހަތަރު ގޮތެއް ޢިލްމުވެރީން ބަޔާންކުރައްވައެވެ. އެއީ ހަމައެކަނި ޢާޝޫރާ ދުވަހު (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދައިން ފުއްދައިލުމެވެ. ނޫނީ، އެ މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފުމެވެ. ނޫނީ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދަހިފުމެވެ. ބައެއް ޢިލްމުވެރީން 11،10،9 މި ތިން ދުވަހުގައި ވެސް ރޯދަ ހިފުން ރަނގަޅު ކަމުގައި ވިދާޅުވެއެވެ. ޚުލާޞާއަކީ، މިއިން ކޮންމެ ގޮތެއް އިޚްތިޔާރު ކުރިޔަސް، އެ މީހަކީ ޢާޝޫރާ ދުވަހު ރޯދަ ހިފި މީހެއް ކަމުގައި ވާނެއެވެ. އަދި ޙަދީޘަށް ބަލާއިރު، އެންމެ މޮޅުއިތުރީ، 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަހިފުން ކަމުގައި ދެންނެވުމުގެ ފުރުޞަތު ބޮޑެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު