އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަމަހު މީރާއިން 2.65 ބިލިއަން ރުފިޔާ ބަލައިގަނެފި

މިދިޔަމަހު މީރާއިން 2.65 ބިލިއަން ރުފިޔާ ބަލައިގަނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

 

ޖުލައި 2022 ގައި މީރާއަށް 2.65 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %311.8 އިތުރު އަދަދެކެވެ. އަދި، ޖުލައި 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %84.1 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖުލައި 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުވެފައިވުމެވެ. މީގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހުގައި އައިސްފައިވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ. މި ސުންގަޑި ވޭތުވެ ދިޔަ އަހަރު އައިސްފައިވަނީ އޮގަސްޓު މަހުގައެވެ. އަދި، 2021 ވަނަ އަހަރުގެ ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ އީދު ބަންދާއި ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން އޮގަސްޓް 2021 އަށް ފަސްކޮށްފައެވެ. މި ކަމުގެ ސަބަބުން، ޖުލައި 2022 ގައި ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ ޖުލައި 2021 އާއި އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، ޖުލައި 2022 ގައި 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖުލައި 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޖުލައި 2021 ގައި ލިބިފައެއް ނުވެއެވެ. މީގެ އިތުރުންވެސް، ޖުލައި 2021 އާއި ޖުލައި 2022 އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 97.4% އިތުރުވެފައިވުމަކީވެސް ޖުލައި 2022 ގައި އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޖުލައި 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ %48.6 ނުވަތަ 1.29 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ %21.8 ނުވަތަ 577.79 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ (%20.2)، ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ (%2.3)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ (%2.0) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާ (%5.1) ލިބިފައިވެއެވެ.

ޖުލައި 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/reports/July_2022.pdf

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު