އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 8: އާދަމުގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން ޙައްވާގެފާނު ހެއްދެވުން.

އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 8: އާދަމުގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން ޙައްވާގެފާނު ހެއްދެވުން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 9 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ޙައްވާގެފާނު ހެއްދެވުން: 

آدم عليه السّلام ޚަލްޤުކުރެއްވުމަށްފަހު، އެކަލޭގެފާނަށްޓަކައި، އެކަލޭގެފާނުގެ ހަށިކޮޅުން އަންހެން ބައިވެރިއެއް ޚަލްޤުކުރެއްވިއެވެ. އެއީ ޙައްވާގެފާނެވެ. އެކަމަށް އިޝާރާތްކުރައްވައި ސޫރަތުއް ނިސާޢުގެ އެއްވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ﴿١

މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ." 

އިތުބާރު ހުރި ޞައްޙަ ޙަދީޘްތަކުން ސާބިތުވާ ގޮތުގައި، ޙައްވާގެފާނު ޚަލްޤުކުރައްވާފައިވަނީ آدم عليه السّلام ގެ އަރިކަށީގެ ކަށިކޮޅަކުންނެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"اسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ "{صحيح البخاري/ كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ޙަދީޘް ނަންބަރު 3331}

މާނައީ: "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އަންހެނުން ހެއްދެވުނީ އަރިކަށީގެ ކަށިގަނޑަކުންނެވެ. އަދި ހަމަކަށަވަރުން އަރިކަށީގެ ކަށިތަކުގެ ތެރެއިން އެންމެ ގުދުކަންބޮޑު ކަށިގަނޑަކީ އެންމެ މަތީ ކަށިގަނޑެވެ. ފަހެ ތިބާ ގަދަކަމުން އެކަށިގަނޑު ސީދާކުރުމަށް މަސައްކަތްކޮށްފިނަމަ ތިބާ އެކަށިގަނޑު ބިންދާލާނޫއެވެ. އަދި ތިބާ އެކަށިގަނޑު އޮތްގޮތަށް ދޫކޮށްލާނަމަ އަބަދުވެސް އޮންނާނީ ގުދުކަން މަތީގައެވެ. ފަހެ އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ." 

الإمام القرطبي އޭނާ ލިޔުއްވި ތަފްސީރު ކަމުގައިވާ الجامع لأحكام القرآن ގައި ބަޔާން ކުރައްވައިފައިވެއެވެ.  آدَمُ عَلَيْهِ السَّلَامُ ގެ އަނބިކަނބަލުންނަކީ ޙައްވާގެފާނެވެ.  މިނަމުން އެންމެ ފުރަތަމަ ނަންދެވުނީވެސް حَوَّاءُ ގެފާނަށެވެ. އެކަމަނާއަށް އެނަންދެވުނީ އާދަމުގެފާނަށް އެއްވެސް ތަދެއް ނުވަތަ ވޭނެއް އިހްސާސްވެވަޑައިގެންނެވުމަކާ ނުލައި އެކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން އެކަމަނާ ހެއްދެވުމުގެ ސަބަބުންނެވެ. حَوَّاءُ ގެފާނު ހެއްދެވުނު އިރު އާދަމުގެފާނަށް ތަދު އިހްސާސްވެވަޑައިގެންނެވިނަމަ، އެއްވެސް ފިރިހެނަކު އަންހެނަކަށް އޯގާތެރި ނުވީހެވެ.  

حَوَّاءُ ގެފާނު ހެއްދެވުމަށްފަހު މަލާއިކަތްބޭކަލުން آدم عليه السّلام އަށް ދެންނެވިއެވެ. [ކަލޭގެފާނު އެކަމަނާ ދެކެ ލޯބިފުޅުވެވަޑައިގަންނަވަންތޯއެވެ؟] އާދަމްގެފާނު ވިދާޅުވިއެވެ. [އާދެހެވެ. ލޯބިފުޅުވަމެވެ.] ދެން މަލާއިކަތްބޭކަލުން ޙައްވާގެފާނުގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ސުވާލު ދެންނެވިއެވެ. [ކަމަނާ آدم عليه السّلام ދެކެ ލޯބިފުޅުވަންތޯއެވެ؟] އެކަމަނާ ޖަވާބުދެއްވިއެވެ. [ނޫނެކެވެ.] ނަމަވެސް آدم عليه السّلام، حَوَّاءُ ގެފާނުދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވަރަށް ވުރެ އެތައް ދަރަޖައެއް ބޮޑަށް حَوَّاءُ ގެފާނު އާދަމުގެފާނުދެކެ ލޯބިފުޅުވެވަޑައިގަންނަވައެވެ. 

މަލާއިކަތްބޭކަލުން ވިދާޅުވެފައިވެއެވެ. [އަންހެނަކު އޭނާގެ ފިރިމީހާދެކެ ވާލޯބި ހާމަކުރުމުގަ ތެދުވެރިވާނެނަމަ حَوَّاءُ ގެފާނު ތެދު ވިދާޅުވީހެވެ.] {ތަފްސީރުލް ޤުރްޠަބީ، ތަރުޖަމާ ޑރ.ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 182} 

حبرالأمّة عبد اللّـه بن عبّاس رضى اللّـه عنه އާއި ابن مسعود رضى اللّـه عنه ވިދާޅުވެފައި ވާކަމަށް އިމާމު ޤުރްޠަބީ ބަޔާން ކުރައްވައިފައިވެއެވެ. 

آدم عليه السّلام ސުވަރުގޭގައި ވަޒަންވެރި ކުރެއްވެވުމުން އެކަލޭގެފާނަށް އެކަނިވެރިކަންއިހްސާސްވެވަޑައިގެންނެވިއެވެ. حَوَّاءُ ގެފާނު ހެއްދެވުނީ آدم عليه السّلام އަވަހާރަފުޅަށް އޮންނަވަނިކޮށް އެކަލޭގެފާނުގެ ވާއަތު އަރިކަށީގެ އެންމެ ކުރު ކަށިކޮޅުންނެވެ. އެއީ އެކަލޭގެފާނުގެ އެކަނިވެރިކަން ފިއްލެވުމަށާއި، އެކަމަނާގެ ފަރާތުން ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.  

آدم عليه السّلام ހޭފުޅު ލެއްވުމަށްފަހު حَوَّاءُ ގެފާނު ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. [ތިޔައީ ކާކު ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އަންހެނެކެވެ. އަޅުގަނޑު ހެއްދެވުނީ ކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުންނެވެ. އެއީ އަޅުގަނޑުގެ ފަރާތުން ކަލޭގެފާނު ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.] {ތަފްސީރުލް ޤުރްޠަބީ، ތަރުޖަމާ ޑރ.ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 182} 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް