އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ "ލޯކަލް ޓޫރިޒަމް"ގެ ނަމުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެތުރެމުންދާ ކެންސަރެކެވެ.: ޝައިޚް ޝަފީޢު ޢަބްދުﷲ

މިއީ "ލޯކަލް ޓޫރިޒަމް"ގެ ނަމުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެތުރެމުންދާ ކެންސަރެކެވެ.: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

މިއީ "ލޯކަލް ޓޫރިޒަމް"ގެ ނަމުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފެތުރެމުންދާ ކެންސަރެކެވެ. މި ކަން ނުހުއްޓުވައިފިއްޔާ، ދިވެހީންގެ ދިވެހިވަންތަކަމެއް ނޯންނާނެއެވެ. ދިވެހީންގެ ދީނީ އަދި އިޖުތިމާޢީ ސަގާފަތެއް ނޯންނާނެއެވެ. އިޖުތިމާޢީ ހުރިހާ ސިފައެއް ވަޅުލެވިގެންދާނެއެވެ. ދިވެހީންނަކީ އަމިއްލަ ރަށުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލުވާނެއެވެ. މަސްތުވާތަކެއްޗާއި ބަދުއަޚްލާޤީ ޢަމަލުތައް މުޅި މުޖުތަމަޢުގައި ފެތުރި، ދީނީ އިޖުތިމާޢީ އަޚްލާޤިއްޔާތު އެއްކޮށް ނެތިގެންދާނެއެވެ. 

ޑޮލަރުކޮޅަކަށް ޓަކައި ޤުރުބާން މި ކުރެވެނީ އިންސާނަކަށް ލިބިފައިވާ އެންމެ އަގުބޮޑު އެއްޗެހި ނޫންތޯއެވެ؟ ހަގީގަތަކީ އަގުބޮޑޭ ބުނުމަކީ ވެސް އެކަށީގެންވާ ބަހެއް ނޫނެވެ. މިއީ އަގުނުކުރެވޭނޭ އެއްޗެއްސެވެ. ދުނިޔޭގައި ލެއްވި ހުރިހާ މުދަލަކާއި ފައިސާއެއް ދީގެން ވެސް ނުގަނެވޭނޭ އެއްޗެއްސެވެ. 

އަޚުންނާއި އުޚްތުންނޭވެ! ޑޮލަރަކީ ހުރިހާ އެއްޗެއް ނޫނެވެ. ތެދެކެވެ. އެ ވެސް މުހިންމު އެއްޗެކެވެ. އެހެނަސް، ދުނިޔެއާއި އާޚިރަތް ޤުރުބާންކޮށްފައެއް ނޫނެވެ. ހޭއަރާށެވެ! ވިސްނާށެވެ! މި ދެވެނީ ކޮން ދިމާލަކަށްތޯ ބަލާށެވެ! އެހެންނޫނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި އަޅުގަނޑުމެންގެ އަނބިދަރީން ނަރަކައިގެ އަލިފާނުގެ ތެރެއަށް އެއްލައިލެވެނީއެވެ. އެއަށް ކާމިޔާބީއެކޭ ކިޔާނެތޯއެވެ؟ އެ ލިބުނު ޑޮލަރުކޮޅު ޤިޔާމަތްދުވަހުން އަޅުގަނޑުމެން ނަރަކައިން ސަލާމަތްކުރާން އަންނާނެތޯއެވެ؟ ނާންނާނެ ކަން ކަށަވަރެވެ. އެ ޑޮލަރުކޮޅު ކީއްތޯއެވެ؟ އެ ދުވަހުން ދުނިޔޭގައި ލެއްވި ހުރިހާ މުދަލެއް ހޭދަކޮށްގެން ވެސް ނަރަކައިން މުއްތިވާނޭ ނަމައޭ އިންސާނާގެ ހިތަށް އަރާނެއެވެ. 

ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ހިނގަމުން ދާ މާފުށްޓާއި އުކުޅަސް ފަދަ ރަށްރަށުގެ އިޖުތިމާޢީ ވެށްޓާއި ދީނީ ޤިޔަމުތަކާއި އަޚްލާޤިއްޔަތު ޚަރާބުވެފައިވާ މިންވަރު އެއީ އަޅުގަނޑުމެން ފުވައްމުލަކު ރައްޔިތުން ޢިބްރަތް އެއިން ލިބިގަންނާން ޖެހޭ ކަމެކެވެ. 

"ރިޕްލައި" ކުރެވިފައިވާ ލިންކްގައި އެ ވަނީ މީގެ އެއް އަހަރު ކުރީން ލޯކަލް ޓޫރިޒަމް ފުވައްމުލަކުގައި ފުޅާކުރުމުގެ ނަމުގައި ގެސްޓުންނަށް ވަކި "ބީޗެއް" ހެދުމުގެ މަޝްވަރާ ކުރެވުނު ދުވަސްވަރު އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ. އޭރު އެތައް ރައްޔިތުންނެއްގެ ދެކޮޅު ހެދުމާ އެކު ފުވައްމުލަކު ކައުންސިލުން އެކަން ހުއްޓައިލައިފައި ވިޔަސް މިހާރު (ޚަބަރު ލިބޭ ގޮތުން) އޭގެ އެއް އަހަރު ފަހުން ފުވައްމުލަކު ކައުންސިލުން މި ވަނީ އެފަދަ "ބީޗެއް" ކެނޑުމަށް ތަން ވެސް ހަމަޖައްސައި ނިންމައިފައެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ހުރިހާ އެއްޗަކީ ޑޮލަރެއް ނޫނެވެ. ލޯކަލް ޓޫރިޒަމަކީ ހަމައެކަނި ދިރިއުޅޭން އޮތް ވަސީލަތެއް ކަމަށް ބަލައިގެން އެ ގޮތަށް ކަންކަން ރޭވުމަކީ ވެސް ގޯހެކެވެ. އެކަމުން އަޅުގަނޑުމެންގެ ތެރޭގައި ނުކުންނާނޭ އިޖުތިމާޢީ ވަބާތަކާއި އަޚްލާޤިއްޔާތުގެ މައްސަލަތައް އަތު ނުޖެހޭ ހިސާބަށް ދާން މާ ގިނަ ދުވަހެއް ވެސް ނުނަގާނެއެވެ. މާފުށްޓާއި އުކުޅަސް ފަދަ ރަށްރަށަށް ދިމާވެފައިވާ ކަންކަމަށް ވުރެ މާ ބޮޑެތި އިޖުތިމާޢީ އަޚްލާޤީ ވަބާތަކަށް ފުވައްމުލަކު ހުށަހެޅިދާނޭ ކަމުގެ ބިރު އެބަ އޮތެވެ. ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްރަށާ އަޅައިބަލާއިރު ވަރަށް ތަފާތު ރަށެކެވެ. ލޯކަލް ޓޫރިޒަމް ފުޅާވެގެން ދާ ވަރަކަށް ރަށުގެ އިޖުތިމާޢީ ޙާލަތު ނާޒުކުވެ، އެ ކަމުން ނުކުންނާނޭ އިޖުތިމާޢީ އަދި އަޚްލާޤީ ވަބާތައް ތަސައްވަރު ވެސް ނުކުރެވޭހާ ގިނައެވެ. 

ދިރިއުޅޭން ކުރާނޭ އިތުރު ކަންކަމާއި މަސައްކަތްތައް ހުންނާނޭކަން ޔަގީނެވެ. އެ ކަންކަމަށް ރަނގަޅު ސްޓްރެޓެޖީތަކެއް ހަދައިގެން މަސައްކަތްކޮށްފިއްޔާ އެ ކަންކަން ހާސިލުވާނޭކަން ވެސް ކަށަވަރެވެ. ގެސްޓުން އަތުން ލިބޭ ޑޮލަރު ފަހައި ދުވެގެން، ދުނިޔެއާއި އާޚިރަތް ޤުރުބާން ކުރުމަށް ވުރެ މޮޔަކަމެއް ނޯންނާނެއެވެ. 

ޅުގަނޑުމެން ރައްޔިތުން ވެސް މާތް ﷲ ބިރުވެތިވާން ޖެހެއެވެ. މިފަދަ ކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢަށް ތަޢާރަފުވެ އަތުން ދޫވެގެންދާން ދޫކޮށްލައިގެން ތިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. މުސްތަޤްބަލު ފެންނަނީ ބަނަކޮށެވެ. އެކަމާ މެދު ރައްޔިތުން ބަސްބުނާން ޖެހެއެވެ. އާންމު ރައްޔިތުންގެ އަތުން ރާއްޖޭގެ ޤުދުރަތީ ރީތިކަން ރިޒޯޓުތައް ހެދުމުގެ ނަމުގައި ނިގުޅައިގަނެވިފައިވާތާ މިހާރު 50 ހަކަށް އަހަރު ވަނީއެވެ. މިހާރު އެ ނިގުޅައިގެނެވެނީ ލޯކަލް ޓޫރިޒަމުގެ ނަމުގައި އަމިއްލަ ދިރިއުޅޭ ރަށުގެ ވެށްޓެވެ. އެ ތަނުގެ ޤުދުރަތީ ރީތިކަމެވެ. ދީނީ ޤިޔަމުތަކާއި އަޚްލާޤިއްޔާތެވެ. ދަރީންގެ މުސްތަޤްބަލެވެ. މި ކަންކަމަށް ފުރުޞަތު ދީގެން ބަލަހައްޓައިގެން ތިބުމަކީ ހެދޭނޭ ގޯހެކެވެ.

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
66%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް