އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށް ފަނަރަ އަހަރު ފުރުނުއިރުވެސް ބޭނުންވާގޮތަށް އެކުގަ ކެއުމުގެ ފުރުޞަތެއް ނުލިބުނު އަންހެނެއްގެ އިޙްޞާޞްތައް!

ކައިވެންޏަށް ފަނަރަ އަހަރު ފުރުނުއިރުވެސް ބޭނުންވާގޮތަށް އެކުގަ ކެއުމުގެ ފުރުޞަތެއް ނުލިބުނު އަންހެނެއްގެ އިޙްޞާޞްތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ފައިސާ ޚަރަދުކުރެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ފައިސާ ޚަރަދުކުރުމުން އަނބިމީހާ ހުންނަންޖެހޭނީ އުފަލުންނެވެ. ނަމަވެސް އަޅުގަނޑަކީ އެހައި ބޮޑަށް ފައިސާއަށް ބޭނުންވެގެން އުޅޭ އަނހެނަކީމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ ލޯބިން ދެމީހުންގެ ބައެއް ކަންކަން ކުރެވުމެވެ. 

އަޅުގަނޑު އެދެނީ ހުރިހާ އަނބިން ބޭނުންވަނީ ހަމައެކަނި ފައިސާ ނޫންކަން ފިރިމީހާއަށް ވިސްނައިދެވޭނެ ފަދަ ވާހަކައަކަށެވެ. އަޅުގަނޑުމެން ދެމަފިރިންވެސް ކޮންމެ ދުވަހަކު މިއަދުނޫހުގައި ހުންނަ ލިޔުންތައް ކިޔަމެވެ. ދީނީ ވާހަކަތަކުގެ އިތުރުން ދިރިއުޅުމުގެ ވާހަކަތަކާއި ޙަޤީޤީ ޙާދިސާ ސިލްސިލާއަށް ވަރަށް ސަމާލުކަންދީގެން ކިޔަމެވެ. ވީމާ މިއަދުނޫހުން ގެނެސްދޭ ލިޔުން ފިރިމީހާވެސް ކިޔާނެއެވެ. އޭނާއަށް ކަމެއް ވިސްނައިދެވޭތޯއެވެ. 

ކިޔުންތެރިޔާ ބޭނުންވާ މަޤްޞަދު ތިރީގައިވާ ލިޔުމުން ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ. 

އަހަރެމެންގެ ކައިވެންޏަށް 14 އަހަރު ފުރިއްޖެއެވެ. މިފުރެނީ 15 ވަނަ އަހަރެވެ. އެހެނަސް ޙާޞިލުނުކުރެވުނު އެއްކަމަކީ ބޭނުންވާގޮތަށް ދެމަފިރިން އެކުގައި ކައިލުމުގެ ފުރުޞަތެވެ! 

ކައިވެނިކުރީންސުރެ އަހަރެންގެ ފިރިމީހާއަށް ކާންދެނީ އަހަރެންގެ އަތުން މޮޑެގެންނެވެ. އެއީ އަހަރެން ވަރަށް ލޯބިން ކޮށްދޭކަމެކެވެ. ހަމަކޮށްދޭ ހޮތުން ކޮށްދޭ ކަމެކެވެ. އެހެނަސް އެވަރަކުން ވެސް އަހަރެންނަކަށް ނުފުދެއެވެ. 

ދެމަފިރިން އެކަނި ތިބެ އެކުގައި ކާއިރު އަހަރެން ކާން ބޭނުންވަނީ ދެތަށީގައި މޮޑެގެނެއް ނޫނެވެ. އެއްތަށިގައި މޮޑެގެންނެވެ. އަދި އެކަކު އަނެކެއްގެ އަނގައަށްލައްވައިގެންވެސް ކާން ބޭނުންވެއެވެ. 

ފިރިމީހާގެ އިޒުނަ ހޯދައިގެން އެއްރޭ އެގޮތަށް ކާން މަސައްކަތްކުރީމެވެ. ފިރިމީހާގެ އަނގައަށް ސުވަލެއް ލައްވައިވެސް ދިނީމެވެ. އެ ސުވާ ދިރުވައިލަންވެސް އޭނާއަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި އާދޭސްކުރުމުން ވެސް އަހަރެންގެ އަނގައަކަށް ލައްވައެއް ނުދިނެވެ. 

އަތުން ލައްވައިދޭން އުނދަގޫނަމަ ސަމުސަލަކުން ލައްވައިދޭން އެދުމުންވެސް އަޅައިވެސް ނުލިއެވެ. އެއިގެ ފަހުން އެކަންކުރުމުގެ ވާހަކައެއް ނުދައްކަމެވެ. 

އަހަރެން ކިޔާފައިހުރި ވާހަކަތަކާއި އިވިފައިވާ އަޑުތަކުން މިފަދަ ކަންކަން ކުރުމަކީ ދެމަފިރިންގެ ލޯބި އިތުރަށް ތާޒާވާކަންކަމެވެ. އަހަރެން އެގޮތަށް ކަންކަން ކުރަން ބޭނުންވީ ފިރިމީހާދެކެ ވާލޯބި ތާޒާކުރަން ބޭނުންވާތީއެވެ! އަބަދުވެސް އާލާކޮށް ދިރުވަން ބޭނުންވާތީއެވެ! އެކަން ފިރިމީހާ ޤަބޫލުނުކުރި ސަބަބު އަދިވެސް އަހަރެންނަކަށް ނުވިސްނެއެވެ. 

އަހަރެން މިވާހަ މިހިއްޞާކުރީ އެންމެ ބޭނުމަކުއެވެ. އަހަރެން ފަދައިން ތަފާތު ކަންކަން ކުރަން ބޭނުންވާ އަންހެނުން ތިބޭނެއެވެ. ފިރިންގެ ކިބައިން ހުރިހާ އަންހެނުން އެދޭނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ! ވީމާ ފިރިހެނުން ގާތު ބުނެލަން ބޭނުންވީ އަނބިން އެދޭ މިފަދަ ކުދިކަންކަން ކޮށްލައިދިނިއްޔާ ވާނީ ކީއްހެއްޔެވެ؟ ފިރިމީހާ އެދޭކަމެއް އަނބިމީހާގެ ކިބައިން ޙާޞިލުނުކުރެވިއްޖެ ނަމަ ކުރެވޭ އިޙްޞާޞް ހަމަ އަނބިންނަށްވެސް އިޙްޞާޞްކުރެވޭނެކަން ޤަބޫލުކުރުން ކީއްހެއްޔެވެ؟ 

އަހަރެންގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުމެއް ހިއްޞާމިކުރީ އެހެން ބައަކަށް އެކަމުން ފައިދާކޮށްފާނެ ކަމަށެވެ!

 

- ޝަރުމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް