އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ އަނިޔާވެރިކަންބޮޑުވެ ހަތަރު އުދަރެސް ފެނުޖެހުމުންވެސް މާޔޫސްނުވެ ދުޢާކުރަމުން އަޅަމުންދިއަ ކަރުނައިގެ އަގަކަށް މިލިއަނުން ފައިސާއާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ފިރިމީހާގެ އަނިޔާވެރިކަންބޮޑުވެ ހަތަރު އުދަރެސް ފެނުޖެހުމުންވެސް މާޔޫސްނުވެ ދުޢާކުރަމުން އަޅަމުންދިއަ ކަރުނައިގެ އަގަކަށް މިލިއަނުން ފައިސާއާ ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 0 ސިކުންތު

އަޅުގަނޑަކީވެސް މީހަކާއިއެކު އެތައް ދުވަހެއް ވަންދެން ލޯބިވެގެން އުޅެފައި ކައިވެނިކުރި އަންހެނަކީމެވެ. ނަމަވެސް އެކައިވެނި ދެމިއޮތީ ވަރަށް ކުރު މުއްދަތަކަށެވެ. ކައިވެނިކުރިތަނާހެން ބަލިވެ އިނދެއްޖެއެވެ. ވިހެއިތަނާހެން ފިރިމީހާ އަޅުގަނޑުމަތިން ފޫހިވެއްޖެއެވެ.

ކައިވެންޏަށް ދެވަނަ އަހަރު ވަރިކޮށްލާފައި ހިނގައްޖެއެވެ. އެވަރަކުން ފުއްދައިލީއެއް ނޫނެވެ. މަސައްކަތްކުރީ އަޅުގަނޑަށް ދެވުނުހައި އަނިޔާއެއްވެސް ދިނުމަށެވެ. އެކަނިމާއެކަނި ދަރިފުޅު ނުހަނު ލޯބިން ބަލައި ބޮޑުކުރަމުން ދަނިކޮށް ދަރިފުޅު އަތުލަން ކޯޓަށް ހިނގައްޖެއެވެ.

ކޯޓުގައި ޝަރީޢަތް ހިނގަމުން ގޮސް އަޅުގަނޑުގެ ކޮޅަށް މައްސަލަ ނިމެން  ދާދި ގާތްވެފައިވަނިކޮށް އަޅުގަނޑުގެ ވަޒީފާ ގެއްލިއްޖެއެވެ. ނުހަނު އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން ދަނިކޮށް ކުއްލިއަކަށް ވަޒީފާއިން ވަކިކުރީއެވެ.

ކަމުގެ ޙަޤީޤަތް އެނގުނުއިރު އެއީވެސް ކުރީގެ ފިރިމީހާ އަޑީގައިހުރެގެން ކުރުވި ކަމެކެވެ. ބޭނުންވަނީ އަޅުގަނޑަކީ ދަރިފުޅު ބެލެހެއްޓޭނެ އެއްވެސް ގޮތެއް ނެތްކަން ކޯޓުގައި ސާބިތުކޮށްދޭށެވެ.

ވަޒީފާ ގެއްލުމާއިއެކު މައްސަލަ އޭނާގެކޮޅަށް ބުރަވާން ފަށައިފިއެވެ. ބުރަވަމުންގޮސް ކޯޓުން ދިނީ އެއް ހަފްތާގެ މުއްދަތެވެ. އެންގީ ހަފްތާއެއްގެ ތެރޭގައި ދަރިފުޅު ބެލެހެއްޓޭނެ ވަރުގެ ވަޒީފާއެއް ހޯދުމަށެވެ. ނުހޯދިއްޖެނަމަ ދަރިފުޅު އޭނާގެ ބައްޕަ އާއި ޙަވާލުކުރާނެ ކަމަށެވެ.

އެހިސާބުން ގޮތް ހުސްވިއެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލަމެވެ. އަޅުކަންކުރަމުން ދުޢާކުރަމުން ގެންދަނިކޮށް 5 ވަނަ ދުވަހު ގޭގެ ދޮރުގައި މީހަކު ޓަކިޖެހުމުން ހުޅުވީމެވެ. ދޮރުމަތީގައި ހުރީ ޒުވާން ޢުމުރުގެ ފިރިހެނެކެވެ. އޭނާއަށް އަޅުގަނޑުގެ ދޮރުގައި ޓަކި ޖެހުނީ އޮޅުމަކުންނެވެ.

އެއިރުވެސް އަޅުގަނޑުހުރީ ރޯށެވެ. ރޮވިރޮވި މޫނު ވަނީ ރަތްވެފައެވެ. އެހެންވެ އޭނާ ސުވާލުކުރުމުން ކަންކަން މެދުވެރިވެގެން އުޅޭ ގޮތް ކިޔައިދިނީމެވެ. އެކަނި ގެންގުޅެ ބޮޑުކުރާ ދަރިފުޅާއި ވަކިވާންޖެހިއްޖެނަމަ މޮޔަވެދާނެކަމަށް ބުނެވުނެވެ. އެއިރުވެސް ރޮއި ކަރުނައަޅަމުން އަޅުގަނޑު ދެއްކި ވާހަކަތަކުގެ އަޑުއަހާފައި އޭނާ ބުނީ ދެރަ ނުވުމަށެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅު އަތުނުލެވޭނެ ކަމަށެވެ.

އޭނާ ގެއަށް ވަންނަން ބޭނުންވުމުން ވެއްދީމެވެ. އަޅުގަނޑުގެ ޙަޔާތުގެ ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު އޭނާގެ އެޑްރެސްކާޑު ދީފައި ބުނީ މާދަމާ ހެނދުނު އޮފީހަށް ގޮސް އޭނާ އާއި ބައްދަލުކުރުމަށެވެ. 

އެރޭވެސް އަޅުގަނޑު ހޭދަކުރީ އަޅުކަންކުރުމާއި ދުޢާކުރުމުގައެވެ. ހެނދުނު ހެނދުނާ އޭނާ އާއި ބައްދަލުކުރަން އަޅުގަނޑު ދިއައިމެވެ. އަޅުގަނޑުގެ އެކައުންޓް ނަމްބަރު އޮޅުންފިލުވުމަށްފަހު އިރުކޮޅަކުން ބުނީ އެކައުންޓުގައި ފުދޭވަރަކަށް ފައިސާ މިހާރު ހުންނާނެ ކަމަށެވެ. ވީމާ މާދަމާ ކޯޓަށްގޮސް އަތުގައި މިހާރު ފައިސާ އެބަހުރިކަން ސާބިތުކޮށްދިނުމަށެވެ.

އެހެން ބުނެފައި އަޅުގަނޑުގެ އަތަށް ލިޔުމެއް ދިނެވެ. ކެތްތެރިކަން ކުޑަވެފައިހުރިވަރުން އަވަސް އަވަހަށް ސިޓީއުރައިން ލިޔުން ނަގާފައި ބަލައިލުމުން ދިއައީ ސިއްސައިގެންނެވެ. ސިއްސައިގެން ނުދާނީ ކީއްވެގެންހެއްޔެވެ؟ ލޯނެއް ނެގުމުން އެއިރުވެސް 20،000 ރުޕީސްއިން ދަރަނިވެރިވެފައިވާ އެކައުންޓަށް އޭނާވަނީ 2 މިލިއަން ރުޕީސް ޖަމާކޮށްދީފައެވެ.

އުފަލުންގޮސް އޭނާގެ ގައިގައި ބައްދައިގަނެވުނެވެ. މިކުރެވެނީ ރަނގަޅުކަމެއް ނޫންކަން އިޙްޞާޞްކުރެވުނީވެސް މޫނަށާއި ހަށިގަނޑަށް އެތައް ފަހަރަކު ބޮސްދިންފަހުންނެވެ. އެކަން ވިސްނުމުން ފަހަތަށް ދެފިޔަވަޅު އެޅުނެވެ.

އެވަޤުތު ކަންތައް އެވީގޮތް ވިސްނި އޭނާ އަޅުގަނޑުގެ އުނގަނޑުގައި ހިފައި ކައިރިކޮށްލިއެވެ. ބުންޏެވެ. "ލަސްކުރާނެ ކަމެއް ނެތެވެ. މިރޭ ކައިވެނިކުރަންވީއެވެ."

ކޮންމެއަކަސް ހަމަ އެރޭ އޭނާ އަޅުގަނޑާއި ކައިވެނިކުރިއެވެ. އެހައި ފަސޭހައިން އެކަން އެގޮތަށްވުމަށް މެދުވެރިވި ސަބަބަކީ ޚުދު އޭނާއަކީވެސް އެފަދަ ބޮޑު ހިތާމައެއް ކުރަންޖެހުނު ކުއްޖަކަށްވުމެވެ. އޭނާ ކުޑައިރު އޭނާގެ މަންމަ ދެރަކޮށް ހިތުގައި ޖެއްސުމުގެ ބޭނުމުގައި އޭނާ އަތުލަން ބައްޕަ އުޅުމުން މަންމަ ރުއި ރުއިންތަކުގެ އަޑުއިވި އެކަންކަމުގެ ހަނދާންހުރީތީ ހިތަށް އަސަރުކުރީއެވެ.

އަނެއް ދުވަހު ކޯޓަށް ދިއައީ ދެމީހުން އެކުގައެވެ. އޭނާ ފެނުމުން ފަނޑިޔާރު ދިއައީ ސިއްސައިގެންނެވެ. ކުރީގެ ފިރިމީހާވެސް ހުރީ ބަސްހުއްޓިފައެވެ. ބުނާނެ އެއްޗެއް ނުއެނގިފައެވެ. އޭނާ އާއި އަޅުގަނޑާއި އޮތްގުޅުމަކީ ކޮބައިކަން ނުއެނގޭތީއެވެ.

ފަނޑިޔާރު ފުރަތަމަވެސް ކުރި ސުވާލަކީ ވަޒީފާއެއް ލިބިއްޖެތޯއެވެ؟ ޖަވާބު ދިނީ ފިރިމީހާއެވެ. "ޢިއްޒަތްތެރި ފަނޑިޔާރުއެވެ! މިހާރު އަޅުގަނޑުމެންނަކީ ދެމަފިރިންނެވެ. އަނބިމީހާގެ އެކައުންޓުގައި މިހާރުވެސް 2 މިލިއަން ރުޕީސް ހުންނާނެއެވެ. ވަޒީފާއަކީ އަންތބެއްގެ ޙައިޞިއްޔަތުން އަޅުގަނޑަށް ޚިދުމަތްކުރުމެވެ. އޭނާގެ ދަރިފުޅުގެ ބެލެނިވެރިކަމާއި އަޅުގަނޑު މިހުރީ ޙަވާލުވެގެންނެވެ."

މައްސަލަ އެހިސާބުން ނިމުނީއެވެ. ދަރިފުޅު އަޅުގަނޑަށް ލިބުނީއެވެ. އެކައިވެނީގައި މިހާރުވެސް 15 އަހަރުވީއެވެ. އެދަރިފުޅު ކިޔަވަމުން އެދަނީ ޑޮކްޓަރަކަށްވުމަށެވެ. ދެވަނަ ކައިވެނީގައި 5 ދަރިންވަނީ ލިބިފައެވެ. ދުނިޔޭގެ ހުރިހާ މައިންނަށްވެސް ބުނެލަން އޮތީ އަނިޔާވެރި ފިރިންގެ ކިބައިން ކަންކަން ކުރިމަތިވުމުން މާޔޫސްނުވާށެވެ. ﷲ ގެ މަގުގައި ޘާބިތުވެ ހުރެ ދުޢާކުރަމުން ގެންދާށެވެ. އެމީހަކަށް ހެޔޮ ގޮތްތައް ﷲ މިންވަރުކުރައްވަވާނެތެވެ.

ނަސީމާ ބޭގަމް / ހައިދަރު އާބާދު / ޕާކިސްތާން

 

 

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް